18 އަހަރުން މަތީގެ އެންމެންނަށް ބޫސްޓާ ޑޯޒް ޖެހުމުގެ ފުރުސަތު ހުޅުވާލައިފި

ފެބްރުއަރީ 9، 2021: ކޮވިޑް ވެކްސިން ޖެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ 18 އަހަރުން މަތީގެ އެންމެންނަށް ބޫސްޓާ ޑޯޒް ޖެހުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިއުލާނެއްގައިވާ ގޮތުން ބޫސްޓާ ޑޯޒް ޖަހަން ފަށާނީ މާދަމާއިން ފެށިގެންނެވެ. އަދި އެ ޑޯޒް ޖެހޭނީ، ކޮވިޑް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހިތާ ހަ މަސްވުމުންނެވެ.

އެޗްޕީއޭއިން ބުނީ ބޫސްޓާއެއްގެ ގޮތުގައި ޖަހާނީ ފައިޒާ ވެކްސިންގެ ޑޯޒްއެއް ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ބޫސްޓާ ޑޯޒް ޖެހުމަށްޓަކައި book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެދޭނެ ކަމަށެވެ.

ވެކްސިން ޖަހަންދާއިރު ބަލަން ޖެހޭ ކަންތައްތައް:

  • އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
  • ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނަ މީހުން ނުދިއުން

ރާއްޖޭގައި މިހާތަނަށް 368،622 މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ އިރު 29،089 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.

އަށާރަ އަހަރުން މަތީގެ އެންމެންނަށް ބޫސްޓާ ޑޯޒް ޖެހުމުގެ ފުރުސަތު ހުޅުވާލީ ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓް ފެތުރުމާ ގުޅިގެން ގައުމުގައި ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އިއްޔެ މާލެއިން އެކަނިވެސް 413 މީހުން ޕޮޒިޓިވްވިއެވެ. އަދި މުޅި ރާއްޖެއިން އިއްޔެ ޕޮޒިޓިވްވި މީހުންގެ އަދަދު 816އަށް އަރައެވެ.

comment ކޮމެންޓް