އިނގިރޭސި ރާނީގެ ދެވަނަ ދަރިކަލުން އަމީރު އެންޑްރޫގެ ޝާހީ ލަގަބުތައް އޭނާ ދޫކޮށްލައިފިއެވެ.
އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްއިން މިކަން ވަނީ އިއުލާންކޮށްފައެވެ.
ބަކިންހަމް ޕެލެސްއިން ނެރުނު ބަޔާނެއްގައިވާގޮތުން، އެންޑްރޫ އޭނާގެ މިލިޓަރީ އަދި ޝާހީ މަގާމުތައް ދޫކޮށްލެއްވީ ރާނީ އެލިޒަބަތުގެ ފުރިހަމަ އިޒުނަފުޅާއެކުގައެވެ.
އެންޑްރޫގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފައިވާ އިރު، އޭނާ ކޯޓުގައި ވަކާލާތު ކުރައްވާނީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކަމަށްވެސް ބަކިންހަމް ޕެލެސްގެ ބަޔާނުގައި ވެއެވެ.
މިކަމާ ގުޅިގެން، އަމީރު އެންޑްރޫ އާ މުހާތަބުކުރާއިރު ދެން 'ހިޒް ރޯޔަލް ހައިނެސް' ވެސް ބޭނުން ނުކުރެވޭނެކަމަށް ޝާހީ ގަނޑުވަރުގެ އިސް އޮފިޝަލަކު ވަނީ މައުލޫމާތު ދެއްވާފައެވެ.
އަމީރު އެންޑްރޫ ވަނީ 1982 ވަނަ އަހަރު ފަލްކްލޭންޑުގެ ހަނގުރާމައިގައި ނޭވީ ހެލިކޮޕްޓަރު ޕައިލެޓެއްގެ މަގާމު އަދާކުރައްވާފައެވެ.
އެންޑްރޫގެ މައްޗަށް އުފުލާފައިވަނީ 17 އަހަރުގެ ކުއްޖަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތެވެ. މިކަމާ ގުޅިގެން އިނގިރޭސި އަސްކަރިއްޔާގެ 150 އަށްވުރެ ގިނަ މީހުން ވަނީ، އެންޑްރޫ އޭނާގެ އަސްކަރީ ލަގަބުތަކުން ވަކިކުރުމަށް އެދި ރާނީ އެލިޒަބަތަށް ސިޓީއެއްވެސް ފޮނުވާފައެވެ.