ތަކުރާރުކޮށް ކޮވިޑް ވެކްސިން ޖެހުމަކީ ސިއްހަތަށް ނުރައްކާވެދާނެ ކަމެއް: ޔޫރަޕިޔަން މެޑިސިން އެޖެންސީ

ބްރަސަލްސް (13 ޖަނަވަރީ 2020): ކޮވިޑްގެ ވެކްސިން ތަކުރާރުކޮށް ޖެހުމަކީ ކޮވިޑުން ސަލާމަތްވުމުގެ މަގެއް ކަމަށް ބަލައިގެން ނުވާނެކަމަށާއި ތަކުރާރުކޮށް ކޮވިޑްގެ ވެކްސިން ޖަހަމުން ގެންދާނަމަ ހަށިގަނޑުގެ ދިފާއީ ނިޒާމު ގަދަވުމުގެ ބަދަލުގައި ދިފާއީ ނިޒާމު ބަލިކަށިވެގެން ހިނގައިދާނެ ކަމުގެ އިންޒާރު, ޔޫރަޕްގެ ބޭހާބެހޭ އިދާރާ "ޔޫރަޕިޔަން މެޑިސިން އެޖެންސީ" ދީފިއެވެ.

އެއެޖެންސީ ން ނެރުނު ބަޔާނެއްގައި، ރިޕީޓެޑް ބޫސްޓާ ޑޯޒު ތަކުގެ ސަބަބުން ހަށިގަނޑުގެ އިމިއުން ސިސްޓަމް (ދިފާއީ ނިޒާމު) ގަދަވުމުގެ ބަދަލުގައި ބަލިކަށިވުން އެކަށީގެންވާކަން ހާމަކޮށް މިއީ ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ މައްސަލައެއް ކަމަށް, ބުނެފައިވެއެވެ.

ކޮވިޑް އިން ދިފާއުވުމަށްޓަކައި ވެކްސިންގެ ދެޑޯޒު ޖެހުމަށް ސިއްހަތާބެހޭ ހުރިހާ އިދާރާތަކަކުންވެސް ރެކޮމެންޑް ކުރެއެވެ. އަދި ބޫސްޓާ ޑޯޒެއްގެ ގޮތުގައި ތިން ވަނަ ޑޯޒެއް ޖެހުމަށްވެސް ސިއްހަތާބެހޭ މާހިރުންނާއި ސިއްހަތާބެހޭ އިދާރާތަކަކުން ބާރުއަޅަމުން ގެންދެއެވެ.

ނަމަވެސް ހަތަރުވަނަ ޑޯޒެއް ނުވަތަ ފަސްވަނަ ޑޯޒެއް ޖެހުމަކީ އޭގެ ސަބަބުން ބަލިން ދިފާއުވުމުގެ ބަދަލުގައި ދިފާއީ ނިޒާމު ބަލިކަށިވެ ބައްޔަށް އިތުރަށް ހުށަހެޅޭނެ ކަމަކަށް ވެގެން ހިނގައިދާނެކަމެއް ކަމަށް "ޔޫރަޕިޔަން މެޑިސިން އެޖެންސީ" ބުނެފައިވެއެވެ.

ޔޫރަޕިއަން މެޑިސިން އެޖެންސީގެ ތަޖްރިބާކާރުން

ކޮވިޑް އިން ދިފާއުވުމަށްޓަކައި، އާބާދީ މުސްކުޅި ގައުމެއްކަމަށްވާ އިސްރާއީލުންވަނީ އެގައުމުގެ ރައްޔިތުންނަށް ވެކްސިންގެ ތިންވަނަ ޑޯޒު ދިނުމަށްފަހު ހަތަރުވަނަ ޑޯޒުވެސް ދޭން ފަށާފައެވެ. މިއާއެކުވެސް އިސްރާއީލުގައި ކޮވިޑް ގެ އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދަނީ އިންތިހާއަށެވެ. އިސްރާއީލުގެ ސިއްހަތާބެހޭ އިދާރާތަކުންވަނީ ކުރިޔަށް އޮތް ފަސްވަރަކަށް ހަފްތާތެރޭގައި އެގައުމުގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަށް އޮމިކްރޯން ވޭރިއަންޓް ޖެހޭނެކަމަށް ލަފާކޮށް އިންޒާރު ދެއްވާފައެވެ.

ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓް ދުނިޔޭގައި ފެތުރެމުންދަނީ ކޮވިޑްގެ އަސްލު ވައްތަރުވެސް ނުފެތުރޭހާ ބާރަށެވެ. ކުރިޔަށް އޮތް ހައެއްކަ ހަފްތާ ތެރޭގައި މިވޭރިއަންޓް ޔޫރަޕްގެ 50 އިންސައްތަ މީހުންނަށް ޖެހޭނެކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ އިން ވަނީ ލަފާކޮށްފައެވެ.

އެމެރިކާގެ ޕަބްލިކް ހެލްތާބެހޭ އިސް ސައެންޓިސްޓް ޑރ. އެންތަނީ ފައުޗީ ވިދާޅުވެފައިވާ ގޮތުގައި އޮމިކްރޮން ވޭރިއަންޓް ދުނިޔޭގެ އެންމެނަށް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ނަމަވެސް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކޮށްފައިވާނަމަ އޮމިކްރޯން ޖެހުނުނަމަވެސް އެމީހަކު އުފުލަންޖެހޭ ވޭންތައް ކުޑަވާނެކަމަށާ އަދި ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުގެ ފުރުސަތުވެސް ކުޑަކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެކްސިންގެ ސަބަބުން އޮމިކްރޯން ފެތުރޭ މިންވަރު ކޮންޓްރޯލް ނުވިނަމަވެސް ވެކްސިން ޖަހާފައިވާނަމަ އޮމިކްރޯން ޖެހިގެން މަރުވުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަމަށް ފައުޗީ ގެ އިތުރުން އެހެން ތަޖްރިބާކާރުންވެސް ވިދާޅުވެފައިވެއެވެ.

ދުނިޔޭގައި އޮމިކްރޯން ފެތުރެން ފެށުމާއެކު ގިނަ ގައުމުތަކެއްވަނީ އެބަލީގެ ޝިކާރައަކަށް ވެފައެވެ. އޮމިކްރޯންއަށް ޕޮޒިޓިވްވާވަރު ވަނީ އާދަޔާ ޚިލާފަށް މައްޗަށް ދާންފަށާފައެވެ.

އޮމިކްރޯން ޖެހޭ މީހުންގެ ހާލަތު ގޯސްވުމުގެ ފުރުސަތު ކުޑަކަމަށް ތަޖްރިބާކާރުން ވިދާޅުވިނަމަވެސް އޮމިކްރޯން ހިމެނޭގޮތަށް ކޮވިޑް ޖެހިގެން ފާއިތުވި ހަފްތާގައި އެމެރިކާގައި މަރުވި މީހުންގެ އަދަދު އޭގެ ކުރީ ހަފްތާއަށްވުރެ ގާތްގަނޑަކަށް 27 އިންސައްތަ އިތުރުކަން ތަފާސް ހިސާބުތަކުން ހާމަވާކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް