މަހުލޫފަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާއިރު، އެ ޝަރީއަތްތައް އަންނަ ބުދަ ދުވަހު 11:00ގައި ފަށަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައި ވީނަމަވެސް މިހާތަނަށް ސަރުކާރުން އޭނާއާމެދު އެއްވެސް ފިޔަވަޅެއް ނާޅައެވެ. މަހުލޫފް ގެންދަވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުންނެވެ.

މިސަރުކާރުން ކޮރަޕްޝަނަށް ދޭނީ "ޒީރޯ ޓޮލަރެންސް" ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާއިރު މަހުލޫފަށް ދައުވާ ކުރުމުން ވެސް މަގާމުގައި ބަހައްޓާތީ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

https://sun.mv/159379

މަހުލޫފްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފައިވާއިރު، އޭނާއާމެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީ ކީއްވެގެން ކަމެއް ރައީސް އޮފީހުން ބުނެފައެއް ނުވެއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު މަހްލޫފާ ދެކޮޅަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ ޖޫން މަހު، އޭނާ ވަޒީރުކަމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައެވެ.

އެއަށްފަހު، މަހްލޫފްގެ ސަސްޕެންޝަން އުވައިލީ އޭނާގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވިތާ ހަތަރު މަސް ދުވަސް ވީއިރު ވެސް، އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްފައި ނުވާތީއެވެ.

https://sun.mv/159475

ރިޝްވަތުގެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ.

މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ކުރިން "ސަން"އަށް ވިދާޅުވީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ސެޕްޓެމްބަރު 1، 2014 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މަހްލޫފްގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.

comment ކޮމެންޓް