ދެ މަގާމު އަދާނުކުރެވޭނެ ކަމަށް ބުނާ ބުނުމަށް ޝާހިދު ދެއްވީ ގާނޫނީ ރައްދެއް

މިނިސްޓަރު ޝާހިދު ސަންގެ 50 މިނިޓު ޕްރޮގްރާމަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމާއި އދގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން އެއް ފަހަރާ ނުކުރެވޭނެ ކަމަށް ބުނާ ބުނުމަށް މިނިސްޓަރު އަބްދުﷲ ޝާހިދު ގާނޫނީ ރައްދެއް ދެއްވައިފިއެވެ.

"ސަން"ގެ 50 މިނިޓު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އޭނާ ދެ މަގާމު ފުރުއްވުމާ ބެހޭ ގޮތުން މައްސަލަ ޖައްސަނީ މަދު ބަޔެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ސަރުކާރުގެ ސިޔާސަތުތަކާ ބެހޭ ގޮތުން ދައްކާނެ ވާހަކައެއް ނެތުމުން އެބަޔަކު ދައްކާ ވާހަކަތަކެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ އެ ސުވާލަށް ޖަވާބު ދިނުމުގައި މުހިންމީ އަމިއްލަ ހިޔާލަށް ވުރެ ގާނޫނު އަސާސީގައި ލިޔެފައި އޮތް އެއްޗެއް ކަމަށެވެ. އަދި ރާއްޖޭގައި އެންމެ ފަހުން އެކުލަވާލި ދެ ގާނޫނު އަސާސީ ލިޔުނު އިރާއި ތަސްދީގު ކުރި އިރުވެސް އޭނާ ހުންނެވިކަން ފާހަގަކުރައްވަމުން ވިދާޅުވީ، ގާނޫނީ އަސާސީގައި އޮތް އެއްޗެއް އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"ގާނޫނު އަސާސީގައި ވަރަށް ސާފު ސީދާ އިބާރާތުން އޮންނާނެ ދެ ވަޒީފާ އަދާ ނުކުރެވޭނެޔޭ. ދެން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި [އދގައި] އަޅުގަނޑު މި އަދާ ކުރަނީ ވަޒީފާއެެއް ނޫން. އަޅުގަނޑަކީ މަގާމުގެ ހައިސިއްޔަތެއް އޮތް މީހެއް. އެހެންވީމަ އދގެ ރައީސްގެ މަގާމުގެ ހައިސިއްޔަތު އަޅުގަނޑަށް ލިބިފަ އޮތީ އަޅުގަނޑަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ކަމަށް ވާތީ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އދގެ އާންމު މަޖިލީހުގެ ރައީސަށް ވަކި މުސާރައެއް ނުދޭ ކަމަށާއި އޭނާއަށް ލިބިލައްވާ އާމްދަނީ އަކީ ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ގޮތުން ލިބިލައްވާ މުސާރަ ކަމަށެވެ.

އެހެންކަމުން ގާނޫނު އަސާސީގައި ބުނާ އެއްޗެއް، އޭގެ ގާނޫނީ އިމުގެ ތެރެއިން މާނަ ކުރުން މުހިންމު ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އޭގެ ބަދަލުގައި ގާނޫނުގައި އޮންނަ އިބާރާތްތައް "ލުއިކޮށް ވިއްކާލުމަކީ" ގާނޫނީ ގޮތުން ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ.

މީގެ އިތުރުން ޝާހިދު ވަނީ އޭނާއަކީ އަމިއްލަ ގައުމުގެ ޚާރިޖީ ވަޒީރުގެ މަގާމު ފުރުއްވަމުން، އދގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާ ފުރުތަމަ ބޭފުޅާ ނޫންކަން ފާހަގަކުރައްވާފައެވެ.

ހަމައެއާއެކު އެކިއެކި މަގާމުގެ ހައިސިއްޔަތު އަދާ ކުރައްވާ އެހެން ވަޒީރުންނާއި ސަރުކާރުގެ އެހެން އޮފިޝަލުން ވެސް ތިއްބެވި ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ވޯލްޑް ބޭންކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރަކީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކަމަށާއި ރާއްޖެއިން ޔުނެސްކޯއަށް ކަނޑައަޅާފައި ހުންނަވާ ގަވަރުނަރަކީ އެޑިއުކޭޝަން މިނސްޓަރު ޑރ. އައިޝަތު އަލީ ކަމަށާއި އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކަށް ކަނޑައަޅާފައި ހުންނަވާ ގަވަރުނަރަކީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ދެ މަގާމު ފުރުއްވާތީ ފާޑު ވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ވެރިންގެ އިތުރުން ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ހިމެނިވަޑައިގަންނަވައެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި ޖަލްސާއެއްގައި ޖަމީލް ވިދާޅުވީ ވަޒީރު ކަމުގައި ހުންނަވާ ބޭފުޅަކު އިތުރު އެއްވެސް މަސައްކަތެއް ކުރުން ގާނޫނު އަސާސީން މަނާ ކުރާ ކަމަށެވެ. އެހެންކަމުން އދގެ އާންމު މަޖިލީހުގެ ރައީސްގެ ގޮތުގައި ޝާހިދު ހުންނަވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ.

comment ކޮމެންޓް