އިސްލާމްދީނާމެދު ނަފްރަތު އުފައްދައި ރަސޫލާ (ސޢވ) އަށް ޖޯކުޖެހުމުގެ މުޑުދާރު އަމަލުތައް ކުރިޔަށްގެންދަނީ މިލިޔަނުން ޚަރަދުކޮށްގެން

އެމެރިކާއާއި ޔޫރަޕްގައި ފާޅުކަން ބޮޑު ގޮތެއްގައި މަގުމަތީގައި ހިންގާ އިސްލާމް ދީނާ އިދިކޮޅު ހަރަކާތްތައް

އިސްލާމްދީނާ އަދި މުސްލިމުންނާމެދު ނަފުރަތު އުފައްދައި ކީރިތި ގުރުއާނަށް އިހާނާތް ކުރުމާއި ކީރިތި ރަސޫލާ (ސޢވ) އަށް ޖޯކު ޖަހައި ހޭޓް ސްޕީޗް ފަތުރާ ޖަމާއަތްތަކަށް އެމެރިކާއާއި ޔޫރަޕްގެ މުއްސަނދިންނާއި ބައެއް ކުންފުނިތަކާ އަދި ހަރުކަށި ފައުންޑޭޝަންތަކުން ހިލޭ ބޮޑެތި އެހީތަކެއް ދެމުން ގެންދާކަމީ ފާޅުކަންބޮޑު ބޮޑު ހަގީގަތެކެވެ.

އެމެރިކާގެ މުސްލިމުންގެ އެންމެ ބޮޑު ޖަމްއިއްޔާ ކަމަށްވާ "ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް" (ކެއަރ) އިން ނެރުނު ދިރާސާ ރިޕޯޓެއް ބުނާގޮތުން އިސްލާމްދީނާ އަދި މުސްލިމުންނާމެދު ނަފުރަތު އުފައްދައި ހޭޓް ސްޕީޗް ފަތުރާ ޖަމާއަތްތަކުގެ ތެރޭގައި ނަސާރާ ޖަމާއަތްތަކުގެ އިތުރުން ޔަހޫދީ ޖަމާއަތްތަކާ އަދި ދީންގަބޫލުނުކުރާ މުލްހިދުންގެ ހަރުކަށި ލާދީނީ ޖަމާއަތްތައް ހިމެނެއެވެ.

އެމެރިކާގެ އިސްލާމީ ޖަމްއިއްޔާ "ކެއަރ" ގެ ހަރަކާތްތަކުގެ ތެރެއިން

އިސްލާމް ދީނާއި މުސްލިމުންގެ އަގުވައްޓާލައި ނަފްރަތު އުފެއްދުމަށް އެޖަމާއަތްތަކުން ގިނަ ޕްރޮގްރާމްތަކެއް ހިންގައެވެ. އެޕްރޮގްރާމްތަކަށް ހިލޭ އެހީގެ ގޮތުގައި އެމެރިކާއާއި ޔޫރަޕްގެ މުއްސަނދިންނާއި ބައެއް ކުންފުނިތަކާ އަދި ހަރުކަށި ފައުންޑޭޝަންތަކުން 2017 އާއި 2019 އާ ދެމެދު ގާތްގަނޑަކަށް 106 މިލިއަން ޑޮލަރު ދީފައިވާކަމަށް "ކެއަރ" އިން ނެރުނު ދިރާސާ ރިޕޯޓެއް ކަމަށްވާ "އިސްލާމޮފޯބިޔާ އިން ދަ މެއިން ސްޓްރީމް" ގައި ބަޔާންކޮށްފައިވެއެވެ.

އިސްލާމް ދީނަށާއި މުސްލިމުންނަށް ފުރައްސާރަކޮށް އަގު ވައްޓާލުމަށް އެޖަމާއަތްތަކުން ހިންގާ ހޭޓް ސްޕީޗާއި ނަފްރަތުގެ ޕްރޮގްރާމްތައް އެމެރިކާގެ އިތުރުން ޔޫރަޕާ އަދި އިސްލާމީ އެތައް ގައުމެއްގައިވެސް އެޖަމާއަތްތަކުގެ އެޖެންޓުން ބޭނުންކޮށްގެން ހިންގަމުން ގެންދެއެވެ. މިކަމުގައި އެހީތެރިވާ އެޖެންޓުންގެ ގޮތުގައި މުސްލިމުންގެ ނަމުގައި އުޅޭ ލާދީނީ ފަރާތްތައްވެސް ހިމެނޭކަން އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ހުޅަނގުގައި މުސްލިމުންނަށް އަމާޒުކޮށްގެން ހިންގާ ނަފްރަތުގެ ހަރަކާތްތައް

އިސްލާމް ދީނަށާއި މުސްލިމުންނަށް ފުރައްސާރަކޮށް އަގު ވައްޓާލުމަށް ހިންގާ ޕްރޮގްރާމްތަކަކީ ރާވައިގެން ޚަރަދުކޮށްގެން އަދި ލަނޑުދަނޑި އާއި މަގްސަދުތަކެއް ކަނޑައަޅައިގެން ހިންގާ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތަށް ހިންގުމުގައި އެހީތެރިވާ ލޯކަލް އެޖެންޓުންނަށްވެސް ފައިސާގެ ބޮޑެތި އެހީތައް ދޭކަން "ކެއަރ" އިން ފާހަގަ ކޮށްފައިވެއެވެ.

އިސްލާމްދީނާ އަދި މުސްލިމުންނާމެދު ނަފުރަތު އުފައްދައި ހޭޓް ސްޕީޗް ފަތުރާ ޖަމާއަތްތަކަށް ހިލޭ އެހީދޭ ހަރުކަށި ފައުންޑޭޝަންތަކުގެ ތެރޭގައި "ފިޑެލިޓީ ޗެރިޓެބްލް ގިފްޓް ފަންޑް"، "ކްރިސްޓަން އެޑްވޮކޭޓްސް ސާވިންގެ އިވަންޖަލިޒަމް"، "މާކަސް ފައުންޑޭޝަން، ޝްވޯބް ޗެރިޓެބްލް ފަންޑް"، "އެޑަލްސަން ފެމިލީ ފައުންޑޭޝަން" އަދި "ޖެވިޝް ކޮމިއުނަލް ފަންޑް" ފަދަ ހަރުކަށި އަދި ހައްދު ފަހަނަޅާފައިވާ ފައުންޑޭޝަންތައް ހިމެނެއެވެ.

އިސްލާމްދީނާ އަދި މުސްލިމުންނާ މެދު ނަފުރަތު އުފައްދައި އަގުވައްޓާލުމަށް މަސައްކަތްތަކުރާ ޖަމާއަތް ތަކުން ގެންދަނީ ސޯޝަލް މީޑިއާގައާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައާ އަދި އެކިއެކި މަދަނީ ބައްދަލުވުންތަކާއި ފޯރަމްތައް މެދުވެރިކޮށް އެމީހުންގެ ހޭޓް ސްޕީޗްއާއި ނަފްރަތުގެ އަމަލުތައް ފަތުރަމުންނެވެ.

އެމެރިކާއާއި ޔޫރަޕްގައި ފާޅު އިސްލާމް ދީނާ ދެކޮޅަށް ހަރަކާތްތެރިވަނީ

މީގެތެރޭގައި ކީރިތި ގުރުއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާ (ސޢވ) ގެ ހަދީޘް ތަކާއި އެކަލޭގެފާނުގެ ސުންނަތާއި ދިރިއުުއްވުމުގެ މާނައޮޅޭގޮތަށް ތަފްސީރުކޮށް އިސްލާމީ އުސޫލުތަކަކީ ޒަމާނަށް ނުފެތޭ ބޯދާ އަދި އިންސާނީ ހައްގުތަކާ ފުށުއަރާ އުސޫލުތަކެއްކަން ދައްކައި މުސްލިމް ޒުވާނުން ދީނާ ދުރަށް ގެންދިޔުމަށް މަސައްކަތް ކުރުމާއި އިސްލާމްދީނާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން އިސްލާމް ދީނާ ޓެރިޒަމާ ގުޅުވުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

އިސްލާމް ދީނާ އަދި މުސްލިމުންނާ ދެކޮޅަށް ހަރަކާތްތެރިވާ މިނުރައްކާތެރި ޖަމާއަތްތަކާ އަދި ހަރުކަށި ޖަމާއަތްތަކަށް ފަންޑްކުރާ ހަރުކަށި ފައުންޑޭޝަންތަކާއި ހުޅަނގުގެ ބައެއް ވިޔަފާރިވެރިންގެ މުޑުދާރު އަމަލުތަކާ ގުޅޭގޮތުން "ކެއަރ" ގެ ނޭޝަނަލް ރިސާޗް އެންޑް އެޑްވޮކަސީ ކޯޑިނޭޓާ ހުޒައިފާ ޝަހްބާޒް ވިދާޅުވެފައިވަނީ އިސްލާމްދީނާ މެދު ނަފުރަތު އުފައްދާ ނެޓްވޯކްތަކަށް އެމެރިކާއާއި ޔޫރަޕްގައި ބޮޑުތާއީދެއް އޮންނަކަމުގައެވެ.

މިތާއީދާއެކު އެޖަމާއަތްތައް ހުޅަނގުގެ މުޖްތަމައުތަކުގައި ފާޅުގައި ހަރަކާތެރިވަމުން ދާކަން އެއީ ސިއްރެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. އިސްލާމްދީނާ ދެކޮޅު ޖަމާއަތްތަކަށް ހިލޭ އެހީދޭ މުއްސަނދިންނާއި ކުންފުނިތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި ފައުންޑޭޝަންތައްވެސް މުސްލިމުންނާ ގުޅޭގޮތުން ނުސީދާ ގޮތެއްގައި ނުބައި މައުލޫމާތު ފެތުރަމުން ގެންދެއެވެ. އަދި މުސްލިމުންނަކީ ނުރައްކާތެރި ބައެއްކަން ސިފަކުރުމަށް މަސައްކަތްކުރާކަމާއި އެކަމަށްޓަކައި އެފަރާތްތަކުން މިލިއަންނުން ފައިސާ ޚަރަދުކުރާކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް