މިސްކިތްތައް އަދިވެސް ވައްކަން ކުރުމާއި މަސްތުވުމުގެ މަރުކަޒުތަކެއްގެ ގޮތުގައި

މިސްކިތްތަކުން ވައްކަން ކުރާތީ ފަންކާގައި ޗޭނު ޖަހައިފައި: ވައްކަން ކުރުމާއި ކުށް ކުރުން މިސްކިތްތަކުގައި އިތުރު-- ފޮޓޯ: ނާއިލް ހުސައިން

ބިހުރޯޒް ކަމަނާ މިސްކިތެވެ. މިސްކިތްތެރެއަށް ވަދެ ބަލާލުމުން ލޮލުގައި އަޅައިގަތީ ބިތުގައި ހަރުކޮށްފައި އިން އެނބުރޭ ފަންކާއެވެ. ފަންކާގެ ބުޑުގައި ވަރުގަދަ ޗޭނުގަނޑެއް ޖަހައި އެ ޗޭނުގަނޑުގެ އަނެއްބައި އޮޅާލާފައި އޮތީ މަތީގައިވާ ބެރީގައެވެ. މިއީ ވަގުންގެ ކިބައިން އެ ފަންކާ ސަލާމަތް ކުރުމަށް ކޮށްފައިވާ ކަމެކެވެ.

އެ ހާލަތުގައި ހުރީ އެންމެ މިސްކިތެއް ދެ މިސްކިތެއް ނޫނެވެ. މިސްކިތްތަކުން ވައްކަން ކުރުން މިހާރަކަށް އައިސް އިންތިހާއަށް ވަނީ އިތުރުވެފައެވެ. ބޮތްކާއި ހޮޅިބުރީގެ އިތުރުން ފަންކާ އާއި މައިކާ އެހެނިހެން ސާމާނުވެސް ވަގަށް ގެންދަނީއެވެ. މިކަމެއް ހިނގާތާ ދުވަސްގަނޑެއް ވެފައިވާއިރު އެކަންކަން ހައްލު ނުވެ ގޯހުން ގޯހަށް ދަނީއެވެ.

https://sun.mv/153241

ސައްތައިން ސައްތަ އިސްލާމީ މި ގައުމުގައި މީގެ ކުރިން މިސްކިތްތަކަކީ އެންމެން އިހުތިރާމު ކުރާ އަދި ގެއްލުމެއް ނުދޭ އަމާން ތަނެކެވެ. އެތަންތަނުން ވައްކަން ކުރުމާއި އެހެން ކުށްތައް ހިންގުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ނަމަވެސް މަސްތުވާތަކެތި ބޭނުން ކުރުމަށް ދެވިހިފާފައި ތިބި މީހުން އެ މީހުންގެ ބޯހިޔާވަހިކަން ހޯދާ ތަނަކަށް މިސްކިތްތައް ހަދަން ފެށި ހިސާބުން މިސްކިތްތަކުގެ ހާލަތު ވަނީ ދަށަށް ދާން ފަށައިފައެވެ. ވިކޭނެ ކަމަށް ބެލެވޭ އެއްޗެއް ވިއްޔާ ވަގަށް ނަގައިގެން ވިއްކަނީއެވެ.

މިސްކިތްތަކުގައި ބަޔަކު ނިދާފައި: މިސްކިތްތަކުގައި ކުށް ކުރާތާ ދުވަސްތަކެއް ވެއްޖެ--

މާލޭ ގިނަ މިސްކިތްތަކުގެ އަތްފޯރާ ފަށުގައި ހުންނަ ފަންކާތައް ވަގަށް ގެންދާތީ މިހާރު އެތަކެތީގައި ހުންނަނީ ޗޭނުޖަހައިފައެވެ. ބޮކި ވަގަށް ނަގައިގެން ވިއްކުން އާއްމު ވާތީ ހޮޅިބުރިއަށް ވަނީ ބަދަލު ކުރަންފަށައިފައެވެ. މައިކާއި އެހެނިހެން ސާމާނު ކޮންމެ ނަމާދަކަށް ފަހުގައި ގެންގުޅެނީ ކަބަޑުތަކަށް ލައި ތަޅުލައިގެންނެވެ. އެވަރުން ވެސް އެ ކަބަޑުތައް ހަލާކުކޮށްގެން ވައްކަން ކުރަން ވެސް މަސައްކަތް ކުރަނީއެވެ.

މިސްކިތްތަކަކީ ނަމާދުކޮށް ގުރުއާން ކިޔެވުމާއި ގުރުއާން ކްލާސްތައް ހިންގުމުގެ އިތުރުން ދަރުސްތައް ދިނުމަށް ޒަމާނުއްސުރެން ބޭނުން ކުރަމުން އައި ތަންތަނެވެ. ނަމަވެސް މިއަދުގެ ހާލަތު ތަފާތެވެ. މިސްކިތް ތެރޭގައި ސިނގިރޭޓު ބޮއެ، މަސްތުވާތަކެތި ބޭނުންކޮށް އުޅުމަކީ ކޮންމެ ދުވަހަކު ހިނގާ ކަންކަމަށް ވެއްޖެއެވެ. ހަތިމު ތަކުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިވެސް ހަދަނީއެވެ.

އޭގެ އިތުރުން މިސްކިތުގެ ފާހާނާއިން ފެންވަރައި، ވުޟޫކުރާ ތަނުގައި އަތްދޮންނަން ބަހައްޓާފައި ހުންނަ ސައިބޯނި ފުޅިން ހެދުން ދޮވެ މިސްކިތުގެ އަންހެނުންނަށް ހާއްސަކޮށްފައި ހުންނަ ބައިގައި ހިއްކަން އަޅައި، ނިދައި ކައިބޮއި ހެދުމަކީ އާންމުކަމަކަށް ވެއްޖެއެވެ.

އިމާމުން ބިރެއްގެ ތެރޭގައި

މާލޭގެ އެކި މިސްކިތްތަކުގައި މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްވެފައިވާ އިމާމަކު ނަން ނުޖަހަން ޝަރުތުކޮށް މި ނޫހާ ވާހަކަ ދައްކަމުން ބުނީ މިސްކިތްތަކުގައި މަސައްކަތް ކުރުމަށް ބިރުގަންނަ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އެފަދަ ހާދިސާއެއް ހިއްސާ ކުރަމުން އޭނާ ބުނީ ފަތިސް ނަމާދަށް ގޮވަން ދާއިރު މުޅި މިސްކިތް ނިއްވާލައިގެން ތިބޭ ކަމަށާއި އެވަގުތު އެތަނުގެ ތެރޭގައި ކުރަމުން ދިޔަ ކަމަކީ މަސްތުވުމާއި ނިދުން ކަމަށެވެ.

"އެބަތިބޭ މަސްތުވުމަށް އިންޖެކްޝަން ޖަހަން މިސްކިތް ތެރޭގައި. އަންހެނުންނާއި ފިރިހެނުންނާއި ނިދަން އެ ތިބެނީ އެކީގައި މިސްކިތްތެރޭގައި. ފަތިސް ނަމާދަށް ގޮސްވެސް ވަރަށް ބިރުން ހުރެ މި ވަންނަނީ މިހާރު،" އެ އިމާމު ކިޔައިދިނެވެ.

އޭނާ ބުނީ މިހާ ދަށް ހާލަތަކަށް މިސްކިތްތައް މީގެ ކުރިން ދުވަހަކު ވެސް ނުދާ ކަމަށެވެ. އަދި މިހާލަތަށް ދިއުމުން އެކަން ރަނގަޅު ކުރަން އިސްލާމިކް މިނިސްޓްރީ އާއި ސިޓީ ކައުންސިލްގެ އިތުރުން ފުލުހުންނަށް ވެސް އެތައް ފަހަރެއްގެ މަތިން ރިޕޯޓް ކުރި ކަމަށާއި ނަމަވެސް އެދެވޭ ޖަވާބެއް ނުލިބުނުތާ އެކަށީގެންވާ ފިޔަވަޅެއް ވެސް އަޅާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"ގުޅީމައި ފުލުހުން ބުނަނީ ޕެޓްރޯލް ކުރާ ފުލުހުން ކައިރީ ބުނެފީމޭ، މިހާރު ދާނޭ. އެހެން ބުނެ އެތައް އިރެއްވާއިރު ވެސް ނާދެ. ދެން ފަހުން ފަހުން ބުނަނީ ނިދަން ތިބޭ މީހުންނަށް ގޮވާލާފައި ބުނާށޭ،" އިމާމު ބުންޏެވެ.

ހައްލުނުވެ ދިގު ލަނީ

އަޅުކަން ކުރަން ހަދާފައިވާ ތަނެއްގެ ތެރޭގައި މަސްތުވުމާއި ވައްކަން އިތުރުވުމަކީ އާދައިގެ ކަމެއް ނޫނެވެ. ނަމަވެސް މިކަން މިހާ ދިގުލައިގެން ދިޔައިރުވެސް އެކަން ހުއްޓުވައި އިސްލާހު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިވާ ތަނެއް ނުފެނެއެވެ. ދޭތެރެ ދޭތެރެއިން މީހަކު ހައްޔަރު ކުރިނަމަވެސް ތަކުރާރުކޮށް އެ ކުށް އެބަކުރެއެވެ.

މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އިސްލާމީ ކަންކަން ބަލަހައްޓަން އުފައްދާފައިވާ އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިސްކިތްތައް ސާފުކޮށް، ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ.

"އިސްލާމިކް މިނިސްޓަރު ވެސް ފުލުހުން ގޮވައިގެންގޮސް މިސްކިތްތަކުގައި މީހުން ނިދާ މައްސަލަ ވާނީ ބަލައިފައި. އަދި އެ މައްސަލަ ފުލުހުންނަށް ވާނީ ހުށަހަޅައިފައި،" އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ބަލަހައްޓަމުން ދިޔަ މިސްކިތްތައް ކައުންސިލްތަކުގެ ދަށަށް ބަދަލު ކުރީ މީގެ ދެތިން އަހަރު ކުރިންނެވެ. މިހާރު މިނިސްޓްރީން ބަލަހައްޓަނީ އިމާމުންގެ ކަންތަކެވެ.

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ވިދާޅުވީ މިސްކިތްތަކުގެ ކަންކަން ކައިރިން ބެލުމަށް ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޕޮލިސް ކޮންސްޓަބްލަރީން ހަމަޖެހުމުން މިސްކިތްތަކުގެ ކަންކަން އިތުރަށް ބެލޭނެ ކަމަށް ވިދާޅުވިއެވެ.

މިސްކިތްތަކުގެ ހާލަތު މިހާ ދަށް ވެފައިވާތާ އެތައް ޒަމާނެއްވީއިރު ވެސް މި މައްސަލަ މިވަނީ ހައްލު ނުކުރެވިއެވެ. އަޅުކަން ކުރުމަށް ބޭނުން ކުރާ އެ އަމާން ގެތަކުގައި ކުށް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މިކަން ހިނގާތާ މިހާ ދުވަސްވީއިރު އެކަން ހައްލު ނުކޮށް އޮތުމަކީ އެއަށް ވުރެން ދެރަ ކަމެކެވެ.

comment ކޮމެންޓް