ކެނެޑާގެ ޕްރޮވިންސެއްގައި ވެކްސިން ނުޖަހާ މީހުން 'ހެލްތު ޓެކްސް' ދައްކަންޖެހޭނެ

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ---

ކެނެޑާގެ ޕްރޮވިންސެއް ކަމަށްވާ ކެބެކްގައި ވެކްސިން ނުޖަހާ ތިބި މީހުން 'ހެލްތު ޓެކްސް'ގެ ނަމުގައި އިތުރު ޓެކްސްއެއް ދައްކަންޖެހޭނަކަމަށް އެ ޕްރޮވިންސުން ބުނެފިއެވެ.

ކޮވިޑުގެ އައު ވޭރިއަންޓާއެކު ކެނެޑާއިންވެސް އަންނަނީ އިތުރު ކޭސްތައް ފެންނަމުންނެވެ.

އެ ޕްރޮވިންސުގެ އިސް އޮފިޝަލަކު ވިދާޅުވީ، ކެބެކްގެ އާބާދީގެ 15 ޕަސެންޓު މީހުން ވެކްސިން ފުރިހަމަނުކުރާ ކަމަށާއި، ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ވެކްސިން ނުޖަހާ މީހުން ކަމަށެވެ.

ވެކްސިން ނުޖަހާ މީހުންގެ އަތުން ނަގާނީ ކިހާވަރެއްގެ ޓެކްސްއެއް ކަމެއް އަދި ހާމަނުކުރެއެވެ. ނަމަވެސް އެ އަދަދު ވެގެންދާނީ ބޮޑު އަދަދަކަށް ކަމަށް ކެބެކުން ބުނެއެވެ.

ކެބެކް ޕްރޮވިންސުގައި ކޮންމެ ރެއަކު 10:00 އިން ފަތިހު 5:00 އަށް ކާފިއު ހިންގަމުން ދާއިރު، ކޮވިޑުގައި އެ ޕްރޮވިންސުން 12000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ވެކްސިން ނުޖަހާ މީހުންނާ ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ ތަފާތު އުސޫލުތައް ތައާރަފް ކުރަމުންނެވެ. އެގޮތުން ގްރީސްގައި ވެކްސިން ނުޖަހާ ތިބި 60 އަހަރުން މަތީގެ މީހުން 1,756.55 ރުފިޔާގެ ޖޫރިމަނާއެއް ދައްކަންޖެހޭ ގޮތަށް އެ ގައުމުން ވަނީ ކަނޑައަޅާފައެވެ. އަދި ސިންގަޕޫރުގައި ވެކްސިން ނުޖަހާ މީހުންގެ ބޭސްފަރުވާގެ ޚިދުމަތަށް ފައިސާ ސަރުކާރުން ނުދައްކާގޮތަށް އެ ގައުމުން ވަނީ ނިންމާފައެވެ.

comment ކޮމެންޓް