އީޔޫގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަވަހާރަވެއްޖެ

އީޔޫ ޕާލިމެންޓުގެ ރައީސް ޑޭވިޑް ސަސޯލީ؛ އޭނާ އަވަހާރަވީ އިޓަލީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް

ޔޫރަޕުގެ އިއްތިހާދު (އީޔޫ)ގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޑޭވިޑް ސަސޯލީ އަވަހާރަވެއްޖެ އެވެ.

އުމުރުން 65 އަހަރުގެ ޑޭވިޑް ސަސޯލީ އަވަހާރަވެފައިވަނީ އިޓަލީގެ ހޮސްޕިޓަލެއްގައި ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އިޓަލީގެ ހޮސްޕިޓަލެއްގައި ސަސޯލީއަށް ފަރުވާދެމުން ދާތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

"ޑޭވިޑް ސަސޯލީގެ ޖަނާޒާގެ ކަންކަން ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެ،" އޭނަގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޑޭވިޑް ސަސޯލީ އަކީ މީގެ ކުރިން ނޫސްވެރިކަމުގެ ދާއިރާގައި އުޅުއްވި ބޭފުޅެކެވެ. ޑިސެމްބަރު 26 ވަނަ ދުވަހު އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ދިފާއީ ނިޒާމާ ގުޅުންހުރި މައްސަލައެއް ދިމާވެގެންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ނިއުމޯނިއާއަށްވެސް އޭނާ ވަނީ ފަރުވާ ހޯއްދަވާފައެވެ.

ސަސޯލީއަށް ފަހު އީޔޫ ޕާލިމެންޓުގެ ރައީސްކަން ކުރައްވާނެ ބޭފުޅަކު އިންތިހާބު ކުރުމަށް އަންނަ ހަފްތާގެ އަންގާރައިގައި ވޯޓެއް ނަގާނެ ކަމަށް ބެލެވޭ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް