އަދަދުތައް ދުވަހެއް ދުވަހަކަށް އިތުރުވަނީ، މިއަދު ވެސް 593 ޕޮޒިޓިވް

މާލޭއިން ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި 5،818 ސާމްޕަލްގެ ތެރެއިން 593 މީހުން އަލަށް ޕޮޒިޓިވް ވެއްޖެއެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި މާލެއިން 199 މީހުން ޕޮޒިޓިވް ވެފައިވާއިރު އަތޮޅުތެރޭގެ ރަށްރަށުން 197 މީހުން ޕޮޒިޓިވްވިއެވެ.

ރިސޯޓުތަކުން ޕޮޒިޓިވްވީ މީހުންގެ އަދަދަކީ 124އެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 99،099އަށް އަރާފައެވެ.

މި ބަލި ޖެހިފައިވާ 4،320 މީހަކު މިވަގުތު ރާއްޖޭގައި ތިބިއިރު، އޭގެ ތެރެއިން 20 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއިން ޓެސްޓްކުރި ސާމްޕަލްގެ އަދަދަކީ 2،761އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދާ ހަމައަށް ބަލި މުޅިން ފަސޭހަވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 94،502އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 264 މީހުން ވަނީ މަރުވެފައެވެ.

މުޅި ދުނިޔޭގައިވެސް ވަރަށް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑުގެ ނުރައްކާތެރި އަދި އެހާމެ ބާރުގަދަ ވައްތަރެއްކަމުގައިވާ އޮމިކްރޯން ވޭރިއަންޓަށް، ދިވެހީންގެ ތެރެއިން އަށް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން މިއަދު ވަނީ ބުނެފައެވެ.

comment ކޮމެންޓް