(ފާނޫޒުގެ ނަމުގައި އެހެން ވާހަކައެއް އޮތުމާއިއެކު ކިޔުންތެރިންނަށް އޮޅުން އަރާގޮތްވެ އަދި ލިބުނު ޝަކުވާއަކާއި ގުޅިގެން ނަން ބަދަލުކޮށް އެހެން ނަމެއްގައި ވާހަކަ ކުރިއަށް ގެންދާގޮތަށް އަޅުގަނޑު ނިންމީއެވެ. ދިމާވި ދަތިތަކަށް އިންތިހާއަށް މާފަށް އެދެމެވެ.)
***
ސަމަރުގެ މޫނުގައިވި ފިޔާތޮށިކުލަ ކެނޑި ހުދުވަމުންގޮސް ކަފަކޮޅެއްހާ ވަރުވީއިރު ގަނޑުވެފައި ހުރިގޮތުން އަލާޔާ ހިނި އަންނަން އުޅެފައިވެސް ހިނިގަނޑުވެސް ގަނޑުވީބާވައޭ ހިތަށް އެރިއެވެ.ސަމަރު އަރިއަޅައިލި ވަގުތު އަލާޔާއަށް ހިފެހެއްޓުނީ އިންސާނިއްޔަތު އިސްކުރެވި ބޭ އިޚުތިޔާރުގައެވެ. ދެމީހުން އެއްކޮށް ގުޅައަކަށްގޮސް ޖެހުނީ ސޯފާގެ މައްޗަށެވެ.
"އަބްދަލް.....ފެންކޮޅެއް އަވަހަށް ގެންނަނީ. މެޑަމް ފެއިންޓްވަނީ...."
ސަމަރު ހޭލެވުމާއެކު ފުންމައިގެން ތެދުވެ އިށީނެވެ. އަލާޔާގެ އަތުގައި ހިފިގޮތުން ހީވީ ފުންކަން ނޭގޭ ކަނޑަކަށް ގެނބިގެން ދާން ފެށުމުން ސަމާލަތަކަށް އެލުވިގަތީހެންނެވެ. ސަމަރުގެ ހިތުގެ އަޑުވެސް އެ ހިމޭންކަމުގެ ތެރެއިން އަލާޔާއަށް އިވިއްޖެއެވެ. ސަމަރު ފަކީރު މިއިނީ އަދިވެސް ޝޮކެއްގައެވެ. އައިމަލްގެ ނުލަފާކަން ދެއްކިގޮތުން މިކުއްޖާ އަނބުރައިގަތްގޮތަށް ހޭލިކަމީވެސް ކަރާމަތެކޭ އަލާޔާގެ ހިތަށް އަރައިފިއެވެ. ސަމަރުއަށް ފެންފޮދެއް ދިނުމުން ބެދިފައިވާ އަރުތެރެ ހުޅުވި އަނގައިން ބަހެއް ބުނެލެވޭ ވަރުވިއެވެ.
"އަލާޔާ ޕްލީޒް އެއްވެސް މީހެއްގެ ގާތު ނުކިޔައްޗޭ.. އައިމް ޝުއާ އޭނަ ޖޯކު ޖެހީކަން..........."
"ހީޒް އޭޒް ސީރިޔަސް އޭޒް އެ ހާޓް އެޓޭކް . އެކަމަކު ސަމަރު ބުނީމަ ޖޯކަކަށް ކީއްކުރަން ފެނުނު ހުވަފެނަކަށް ހަދައިފިން. ޑޯންޓް ވޮރީ .މި ސިއްރު މަށާއިއެކު ކަށްވަޅަށް ގެންދާނަން. އައި ޕްރޮމިސް...." އަލާޔާ ޔަގީންކަން ދިނުމުންވެސް ސަމަރު ލޯ ބޮޑުކޮށްގެން އިން ގޮތުން ދެވަނަފަހަރަށްވެސް އަނބުރައިގެންފާނެހެން ހީވިއެވެ. ޝޮކެއްގައި އިނދެފައިވެސް އެއް ފަރާތުގައި ހުރި އަބްދަލްއާއި ދިމާލަށް ލޯ އަޅާލައިފިއެވެ.
"ކަލޭ މިތާ ކީއްކުރަނީ؟"
"ސޮރީ ކުޑަ މެޑަމް...." އަބްދަލް އަނެއް ފަރާތަށް އެނބުރުނުއިރު ހިނިގަނޑު ފޮރުވަން މަސައްކަތްކުރިތަން އަލާޔާއަށް ފެނުނެވެ.
"އަލާޔާ ބުނެބަލަ. އަހަރެން ހަދާނީ ކިހިނެއްތަ؟"
"އަހަންނަށް ހެޔޮ ކަލޭމެން ދެމީހުން އެއްކޮށް ވަޅުލެވިގަތަސް.." ހިތާހިތުން އެއްޗެހި ގޮވައިގަންނަން އުޅެފައިވެސް ސަމަރުގެ ހާލަތު ފެނި ހަމްދަރުދީ ވެވުނެވެ. ނަފްރަތާއި ހަސަދައަކީ ހިތުގައި ބާއްވާވަރުގެ އެއްޗެއް ނޫނެވެ. އެއަށްވުރެ އޭނަގެ ހިތާއި ފުރާނައިގެ އަގު ބޮޑެވެ."ސަމަރު..މިވަގުތު އަހަރެންވެސް މިއުޅެނީ ދަރިފުޅު ގެއްލިގެން. ވަރިއަކަށްވުރެ ގެއްލިގެން އުޅޭ ދަރިއެއްގެ މައްސަލައަށްތަ އިސްކަން ދޭންވީ؟ ސޮރީ ލަވް. އަދި ތި ކަމާ ޑިސްކަަސްކޮށްލަން މީޓްކޮށްލާނީ. މިވަގުތުދަނީ އިނގޭ"
އަލާޔާ އަވަހަށް އެތަނުން ތެދުވެގެން ހިނގައިގަންނަމުން އައިމަލްގެ ނަމްބަރަށް ގުޅަން މަސައްކަތްކުރިއެވެ. ފޯނު އޮތީ ނިވާލާފައެވެ.
"ޑެވިލް ރޮއްވާލާފައި ނޫނީ ހުއްޓައެއްނުލާނަން. ޑެވިލް އައިމަލް. ކޮންތާކު ތިއޮތީ. އަތު ޖެހިއްޖެއްޔާ. ފެނިއްޖެއްޔާ..............." އެތައް ހާސް ޖަޒުބާތެއް އެކުވެގެން އަލާޔާ މޮޔަވާވަރުވިއެވެ.
***
އަލާޔާ އުއްމީދު ކަނޑާނުލާ ނަމާދުކޮށްގެން ދުޢާކުރަން އިނެވެ. ދަރިފުޅަށް ކަމެއްވެއްޖެއްޔާ މަންމަގެ ޟަމީރު ދެނެގަންނާނެއެވެ. އޭނަގެ ހިތް ބުނަނީ ހަނާގެ ހާލު ރަގަޅުކަމަށާއި ﷲ އެދަރިފުޅު ރައްކާތެރިކޮށްދެއްވާނެ ކަމުގައެވެ. ހަނާ ގެއްލުމުންވެސް އޭނަ "ޕޮޒިޓިވް"ކޮށް ވިސްނާ ކަރުނަ ތިއްކެއްވެސް ވައްޓައިނުލުމުން އެންމެ ހައިރާންވީ ރަދްވާއެވެ. އައިމަލް ބަދަލު ހިފަން ހަނާއަށް ދީފާނެ އަނިޔާއަކާއިމެދު އޭނަ ހާސްކަން މަތީގައި ހުރެ ކަރުނަ އެޅިޔަސް އަލާޔާ ހުރީ ހަމަޖެހިލައިގެންނެވެ.
މެދުކެނޑުމެއްނެތި އައިމަލްއަށް ގުޅަމުން ދަނިކޮށް އޭނަ ފޯނުނެގިއެވެ. އޭނަ ބުނީ ހަނާ ވީ ބައްޕަ ހައިޝަމް ގާތުގައި ޔޫކޭގައި ކަމުގައެވެ. ހައިޝަމްގެ ނަން ހަނާގެ އައިޑީ ކާޑުގައި އޮތުމުން އެކުއްޖާގެ ބައްޕައަކީ ކާކުކަން އައިމަލްއަށް ދެނެގަނެވުނީއެވެ. އައިމަލްއަކީ ހައިޝަމް ފޮނުވި އެޖެންޓެއްކަން އަލާޔާއަށް ވިސްނައިގަނެވުނެވެ. ހައިޝަމް މިހުރިހާ ދުވަސްކޮށްފައި ދަރިއަކު ހުރިކަން އެނގެންވީ ސަބަބެއް ނޭގެއެވެ. ޔޫކޭގައި ހުއްޓަސް އަދިއެހާ ފަސޭހައިން އޭނައަށް އެހިސާބަށް ދެވޭނީއެއްވެސް ނޫނެވެ.
"ކޮން ބައްޕައެއްގެ ވާހަކައެއް ތި ދައްކަނީ؟ ދުވަހަކު ހަނާ ލޮލުން ދެކުނު މީހެއްތަ؟ ކުއްލިއަކަށް މީހެއްގެ ދަރިއެއް ކިޑްނެޕްކޮށްގެންގޮސް އެ މައްސަލަ ޖަސްޓިފައި ކުރަން ތިބުނަނީ އެކުއްޖާގެ ބައްޕަ ބުނެގެން ގެނައީއޭ......." އަލާޔާ ހަޅޭއްލަވައިގަތެވެ.
"ކާމް ޑައުން. އަލާޔާ. ހައިޝަމްގާތު ދަރިއަކު ހުރި ވާހަކަ ބުނިންތަ؟ހަނާއަށް މާ އަރާމުކޮށް ބައްޕަގެ ގާތު އުޅެވޭނެ........." އައިމަލް މަލާމާތުގެ ފާޑަކަށް ބުނެލިއެވެ.
"ކޮބާ ހަނާ........." އަލާޔާ ޖަދަލުކުރާކަށް ބޭނުމެއްނުވިއެވެ.
އައިމަލް ހަނާ ލައްވާ އަލާޔާއަށް ގުޅުވިއެވެ. ވީޑިއޯ ކޯލުގައި ހަނާ ހުރީ ނިކަން އުފަލުންނެވެ. އެކުވެރިން ލިބިއްޖެކަމަށާއި ރަށަށްވުރެ މިރަށް މާ އަރާމުކަމުގައި ބުނެލިއެވެ. އެހާ ފަސޭހައިން ހަނާވެސް އޭނަ މަތިން ހަނދާން ނައްތައިލީހެއްޔެވެ؟ އަޖައިބެއް މީހަކު ނުވާނެހެއްޔެވެ؟ ދެރަވެގެންގޮސް ހިތް ހަލާކުވާވަރުވިޔަސް އެހެން މީހަކަށް އޭނަގެ އެ ބަލިކަށި ފަޅި ދައްކަން އަލާޔާ ބޭނުމެއްނުވިއެވެ. ވީޑިއޯ ކޯލުގައި ހަނާ އެހާ ހަމަޖެހިފައި ހުރުމުން އަމިއްލައަށް ކުށުގެ އިހުސާސް ކުރެވުނެވެ. ހަނާ އޭނަ އަތުން ބީވެގެން އެ ދިޔައީވެސް އޭނައަށް ރަގަޅު މަންމައަކަށް ނުވެވުނީމައެވެ. ހަނާ ރަށަށް ދާން ބޭނުންނުވެ ނުރޮއި ހުރީ އޭނަގެ ނުބައިކަމުންތާއެވެ.
ފޯނު ބާއްވާފައި ތިރިއަށް އައިއިރު ސޯފާމަތީގައި އޮތް ކުޑަ ބުދެއް ފެނުނެވެ. އަދި އެއްފަރާތުގައި ހުރި ކުޑަ ފިޔާތޮށިކުލައިގެ ފައިވާނެވެ. އެއީ އަލާޔާ ދަރިފުޅަށް ގަނެދިން ހަމައެކަނި ފައިވާނެއެވެ. ބޭރަށް ދަންޏާ ހަނާ ކޮންމެހެންވެސް ލާން ބޭނުންވާނީ އެ ފައިވާނެވެ. އެކަމަކު އައިމަލް އެ ދިޔައީ ދަރިފުޅު އެންމެ ބޭނުންވި ފައިވާންވެސް ނުލައްވައެވެ. ގުދުވެފައި އެ ފައިވާން ނެގިގޮތަށް މޭގައި ޖައްސައިލެވުނެވެ."އައިމް ސޮރީ ބޭބީ......"
ރަދްވާ އުޅުނީ ހަނާގެ ބުޅަލަށް ކާން ދިނުމުގައި އަވަދިނެތިއެވެ. އަލާޔާ އަށް އިށީދެވުނީ ފަތްތަރުމަތީގައެވެ. ދޮންވެފައިވާ އަނބު ފަތެއް ނެގިއެވެ. އެ ދިރާސާކުރަން އިދެވުނީ އަލަށް ފެނުނު އެއްޗެއް ހެންނެވެ.
"ތިއީ ކޮންކަހަލަ މަންމައެއްތަ އަލާޔާ؟" ރަދްވާ ގާތުގައި އިށީނެވެ."އަހަރެންދެކެވެސް ރުޅިއެއް ނާންނަންތަ؟ އާ ޔޫ އޯކޭ އަލާޔާ؟ އަހަރެންގެ ކައިރީ ހުއްޓައެއްނު ހަނާ ގެއްލުނީ............."
"އައިމަލް އަހަރެން ލައްވާ އާދޭސްކުރުވަން ކަމެއް ނޫނީ އެހެން މަގުސަދެއްގައި ކަމެއް ނޭގޭ ހަނާ ގެންދިޔައީ. ރަދޫވެސް ކުށްވެރިއެއް ނުކުރާނަން. ގަސްތުގައި ކުރިކަމެއް ނޫންކަން އެނގޭ. އަހަރެންގެ ފަރުވާކުޑަކަން........." އަލާޔާގެ ހިތް ކުދިކުދިވާއިރުވެސް އޭނަ ހުރީ ހަމަޖެހޭގޮތް ދައްކައިގެންނެވެ. ހިތް ފިނިނުވަނީއެއް ނޫނެވެ. އެކި ޚިޔާލުތައްވެސް އުދަގޫ ކުރެއެވެ. ނަމަވެސް އޭނަ އައިމަލްއާއި ގުޅާފައި ނޫނީ އެހެން ދިމާލަކަށް ނުދާނެއެވެ.
***
"އަލާޔާ...މިތާ އިށީދެވިދާނެތަ؟" ސަމަރު އައީ ޕާރުސަލެއް ހިފައިގެންނެވެ." އަލާޔާއަށް ވާ ވަރަށް މިގެނައީ..."
"އާހް..ހައު ސްވީޓް ތެންކިއު..." އަލާޔާ މާސްކު ތިރިކޮށްލިއެވެ.
"ސަބްމެރިންއެއް......."
"މްމމް ލުކްސް ޑިލިޝަސް..." އަލާޔާ ފުޅާ ހިނިތުންވުމަކާއެކު އަވަހަށް ޕާރުސަލް ނިއުޅާލުމަށްފަހު ބުނެލިއެވެ.
"ހާދަ ހަމަޖެހިލައިގެން އަލާޔާ ތިއިނީ...ހަނާ ގެއްލުނީމަވެސް..."
"ހަނާ ވީ ޔޫކޭގައި. އޭނަގެ ބައްޕަ އައިމަލް ފޮނުވައިގެން ކިޑްނެޕްކުރުވީ. އައިމަލްގެ ފޭކްކަން އިންތިހާއަށް ބޮޑު...އައިމަލް ގުޅާފައި ބުނީ ހައިޝަމް ގާތަށޭ ހަނާ ގެންދަނީ. ކިތަންމެ ދުވަހެކޭ ހަނާ ނުފެނިގެން ހޯދާތާ.. ހަނާވެސް އުފާވާނެ ދޯ ބައްޕަ ރިޗްވީމަ. ޔޫކޭގައި ޗުއްޓީއަކަށް ބަހައްޓާފައި އެހެރީ..." އަލާޔާ ޗިޕްސްކޮޅެއް އަނގަޔަށް ލިއެވެ.
އޭނަގެ ހުވަފެނަކީވެސް ޔޫކޭއެވެ. ހަނާގެ ބައްޕައަށްވުރެ އޭނައަށް މުހިއްމީ އަދި އެހެން މީހެކެވެ. އެކަމަކު އެ ވާހަކަ ސަމަރުއަކަށް އެނގޭކަށް ނުޖެހެއެވެ. ނަމަވެސް ފައިސާ އެއްކޮށްގެން އޭނަވެސް ދަރިފުޅު ގާތަށް ދާނެއެވެ. ދަރިފުޅުގާތުގައި ހުރުމުގެ ބަހަނާގައި ޔޫކޭއަށް ދާން ލިބިފައިވާ ރަގަޅު ފުރުސަތެކެވެ.
"ވަޓް އެބައުޓް ޔޫ..ސަމަރުގެ އައިމަލް ހަމަ ޖޯކެކޭ ދޯ ބުނީ؟"އަލާޔާ ބުމަ އަރުވައިލިއެވެ.
"އައިމް އޮން މެޑް...އައިމަލް އެހެން ހެދިކަން އިތުރު މީހަކަށް ނޭގޭނެ..."
"ޓްރަސްޓް މީ. ހީޒް އެ ޕާވާޓް. އޭނައާއިމެދު ވިސްނާ އެއްގޮތަކަށްވެސް އަމިއްލަ ނަފުސަށް ހާޓް ނުކުރޭ. އަހަރެން މިހިރީނު. ބީ ސްޓްރޯންގް" އަލާޔާގެ ވާހަކަ ހުރިގޮތުން ސަމަރު ކުޑަކޮށް ލަދުވެސް ގަތެވެ. އޭނަ އަލާޔާ ބޭޒާރުކޮށް ނިކަމެތިކޮށްލުމުންވެސް އަލާޔާ އެހެރީ އޭނައަށް ހިތްވަރު ދޭށެވެ.
"އަލާޔާ. އަހަރެން ބުނެފާނަން ސިއްރެއް. މަންމަ އުޅެނީ ޔޫކޭ ސިޓިޒެންޝިޕް އޮތް މީހަކާއި މެރީ ކުރަން. ބައެއްފަހަރު ދެރަގޮތްގޮތްވެފައި ރަގަޅުގޮތެއްވެސް ވެދާނެ..އަލާޔާ އަހަރެމެންނާއެކު ހިނގާ އެކޮޅަށް ދާން.....އޭރުން ހަނާއާ ކައިރީގައި އެޓްލީސްޓް ހުރެވޭނެ ދޯ....." ސަމަރު ބޯންފެށީ ގްރީން ޓީއެކެވެ." ޑައިޓްގައި............"
"މަ ހުންނަނީ ކާ އެއްޗެއް ނުފެނިފައި. މަގޭ ވީކްނެސްއަކީ ފުޑް...."
"އަދިވެސް ޖަވާބު ނުދެމެއްނު. ޔޫކޭއަށް ދާނަންތަ؟"
"ސަމަރު ހިތް ޗޭންޖު ތިވީ ހަމަ ކުއްލިއަކަށް. އެކަމަކު މެޑަމް ސޫފިއާނާ އަހަރެންގެ ހިޔަނި ފެނުނަސް ލޭ މައްޗަށް ދާކަމަށް ވޭ. އެހާވަރުން ކިހިނެއް ތި ފެމިލީއާއެކު ތަނަކަށް ދާން ކެރެނީ؟ ސޮރީ ލަވް. އަހަންނަކީ ފައިޓާއެއް. ހުރިހާ ކަމަކާއި ކުރިމަތިލައިގެން ޖޮބްގައި ހުންނާނީ. ހަނާވެސް ގެއްލިއްޖެ. މަންމަގެ މަތިން ހަދާންވާނަމަ ބުނާނެ ދޯ...ބަޓް..ހަނާވެސް ހަނދާން ނައްތާލައިފި........." އަލާޔާ ކޮފީތަށިން އެތިފޮދެއް ބޯލިއެވެ.
"އަލާޔާ ހަމަ އަސްލުކޮށް ހާދަ ހިތްވަރުގަދައޭ. މަ ނަމަ ކެތެއްނުވާނެ..." ސަމަރު ހައިރާންވިއެވެ.
***
އަލާޔާ އޭނަގެ ދަރިފުޅު ހަނާއާއި ވީޑިއޯކޯލުން ވާހަކަދައްކާއިރު ދުވަހަކުވެސް އެކުއްޖާއާއި އެހެން މީހަކާއި ބެހޭގޮތުން ސުވާލެއްނުކުރެއެވެ. އަންކަލް އައިމަލް ނޫޅެއޭ ބުނުމުން ހައިރާނެއްނުވެއެވެ. ހަނާ އެހާ ފަސޭހައިން އެ މާހައުލަށް ހޭނުނީ އެގޭގެ އަހުލުވެރިންގެ ތެރޭގައި އޭނަ ނުހިމެނޭތީއެވެ. އައިމަލް ހަނާގެ ބައްޕަގެ އާއިލާއާއި ހަވާލުކުރުމަށްފަހު އޭނަގެ މަންޒިލަށް އޭނަ ދިޔައީއެވެ. ފަހަރެއްގައި "ރުގުޔާ"ކޮށް އެހެން ބަޔަކު އޮޅުވާލާ ފައިސާގަނޑެއް ޖަހައިގަތުމުގެ ނިޔަތުގައެވެ.
***
ރަދްވާ ޑިއުޓީއިން އަންނަންވާއިރަށް އޭނަ ޕާސްތާ ހެދުމަށްފަހު ކައުޗްގައި އޮށޯވެލިއެވެ. އިރުގަނޑެއްވާންދެން ބާލީހުގައި ބައްދާލައިގެން އޮވެ ހިތަށް ވިސްނައިދިނެވެ.
"ކޮންމެކަމެއްވެސް ވާނީ ރަގަޅަށް..މާތްﷲއަށް އިތުބާރުކޮށް ބަރޯސާވީމަ ރަގަޅުވާނެ. ދަރިންނަކީ ނިއުމަތެއް އަދި އިމްތިހާނެއް..އެންމެ ލޯބިވާ އެއްޗަކުން އިމްތިހާނު ކުރިމަތިވާނީ............"
އަލާޔާ ނަމާދުކުރަން ހުރިއިރުވެސް ތަފާތު ޚިޔާލުތައް ހިތަށް އުދަގޫކޮށް ޚުޝޫއަތްތެރިކަމާއެކު ނަމާދު ކުރެވުނު ކަމަކަށް ނުވިއެވެ. ސަލާރުގެ މޫނުވެސް ދޭތެރެއަކުން ފެނިލައެވެ. ސަލާރުގެ އެކި ހަނދާންތައްވެސް މެއެވެ. ދެން ފަހަރަކުން ނަމާދު ރަގަޅަށް ކުރަން ހިތަށް ބާރު އެޅުމަށްފަހު ދުޢާތަކުން ނިންމައިލިއެވެ. އެއަށްފަހު ޚަތިމް ހިފައިގެން އައިސް ސޯފާގައި އިށީނެވެ. ގުރުއާން ދަސްކުރަން ފެށިޔަސް ކުރިއަށް ނުގޮސް އެއްހިސާބެއްގައި ހިފެހެއްޓިފައި ހުންނަކަމާއި ޝައުގުގެއްލޭކަން އެނގުމުން ހިތާހިތުން ސުވާލުކުރެވުނެވެ. އޭނަގެ ނަފުސް އެހާ ރަގަޅުނުވުމުން ދަސްނުވަނީ ބާވައޭ ހިތަށް އެރިއެވެ. އަދިވެސް ނޭގި ކުރެވިފައި އޮތް ބޮޑު ފާފައެއް އޮތީހެއްޔެވެ؟
ދަންނައަޑެއް ކަންފަތުގައި ޖެހިގެން އޭނަ ބެލްކަނީން ބަލައިލިއިރު ފެނުނު މަންޒަރަކުން ގައިން ހީބިހިނެގިއެވެ. އަނބުގަހުގެ ގޮފިގަނޑެއްގައި ހުރި އޯކިޑްމާތަކުގައި ފިރުމަން ރަތްކުލައިގެ ހެދުމެއްގައި ހުރި އަންހެނަކު ހުއްޓެވެ. ލޯބޮޑުކޮށްފައި ބަލައިލުމުން އޭނަގެ މަންމައާއި ވައްތަރުވިއެވެ. ދެތިން ގަޑިއިރުކުރިންވެސް އޭނަ މަންމައާއި ފޯނުން ވާހަކަދެއްކިއެވެ. މިއީ ކާކުހެއްޔެވެ؟ އެމީހާ ފައިވެސް ބިންމަތީގައި ނުޖެހޭކަން ނޭގެއެވެ. ބިރުންހުރި ވަރުން އަލާޔާއަށް ވިސްނުނީ އޭގެ އެންމެ ބިރުވެރިގޮތުގައެވެ. މާޒިން އޭނަ އެކަނި ނުބަހައްޓަން އެހާވަރުން އުޅުނީ ޖިންނި އަވަލާފައި ހުރި ގެއަކަށް ވީމަކަން ޔަގީނެވެ.
".أُعِوذُ كُمَا بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانِ وَ هَامَّةِ ، وَ مِنْ كُلِّ عَيْنٍ لامَّةٍ......." އަލާޔާ އެ ދުޢާކިޔަވަމުންގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ނަސީބަކުން ރަދްވާއަށް ގުޅުނެވެ."އާން ރަދޫ.މަންމަގެ ސިފައިގާ ހުރީ. ކުރި ދުވަހު ޔަނާ ބުނި ދޯ މިމަގުން ހިނގަން ދިޔަ ބަޔަކަށް ހަންޑިއެއް ފެނުނުކަމަށް. މިގޭ އަނބުގަސް ކައިރީ އެބަހުރި.ރަތްހެދުމެއްގައި ހުރީވެސް. މަގޭ ގަޔަށް ފިނިގަނޑެއް އަރާ ހުރިހާ ލޯލިތައް މިހިރީ ދިމާލަށް ކޮޅަށް.އައި ތިންކް އައި ނީޑް އެ ރާގީ........"
"ރަދޫ......."
ކުއްލިއަކަށް ދޮރުގައި ތަޅައިގަނެފާ ދަންނައަޑަކުން ސަލާމް ގޮވައިލުމުން އިންސާނެއްކަން ޔަގީންވެ ސިއްރުން ބަލައިލިއިރު މަންމައާއި އެކު ބައްޕައާއި ދެބެންގެ ދެދަރި ބޭބެ ލޫތު ހުރިތަން ފެނިފައި އަތުން ފޯނު ދޫނުވީ ހަމަ ކިރިޔާއެވެ. އޭރުވެސް އޭނަ ހުރީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ."ސޮރީ ރަދޫ. ނުބައިކޮށް ހީކުރެވުނީ. އެއީ ހަންޑިންނެއްނޫން. މަންމައާއި ބައްޕަ އަދި ލޫތު ދޮރުމަތީގައި ދަބަސްތައް ހިފައިގެން އެބަތިބި. ރާގީއަކަށް އެދުނުތަނާ މިހިރީ ރާގީއެއްވެސް އައިސް. ރަގަޅަށް ބަލައިލީމަ މި އެގުނީ މަންމަ ހުރީ ރަތްހެދުމަކު ނޫން. މެރޫންކުލައިގެ ހެދުމެއްގައި.....ޔޭ....ވަޓް އެ ސަޕްރައިޒް.............."
"އެހެންވީމަ ދެން މަ ތިގެއަށް ނަޔަސް އޯކޭވާނެ ދޯ..."
"ނޫނޭ ހަމަ ރަދޫ އުޅޭ ރޫމް ހުންނާނެއްނު. ރެންޓަށް ހުރީމަ މަށަށްވެސް ކުޑަ ފައިދާއެއް ވާނެ. މިހާރު ޕްލޭން އެއް އެބައޮތް. އެކަމަށް ބައިވަރު ފައިސާވެސް ބޭނުންވޭ......"
އަލާޔާ ތިރިއަށް ދުއްވައިގަތްއިރު އޭނަގެ މަންމަމެން ނާންގާ އައީ ކާކުގެ އަމުރަށް ބާވައޭ ހިތަށް އެރިއެވެ. އަލާޔާ ސުވާލުކުރުމުން މަންމަ ބުނީ މާޒިން ގުޅީކަމުގައެވެ. އަލާޔާގެ ފިރިމީހާއާއި ދަރިފުޅު ކޮންމެހެން މަޖުބޫރު ދަތުރަކު ޔޫކޭއަށް ދާން ޖެހުމުން އަލާޔާ އެކަނިވާނެތީ ވަގުތުން ޓިކެޓް ފޮނުވައިގެން އަލާޔާ ގާތަށް ފޮނުވީކަމުގައެވެ. މަންމަމެން އެތެރެއަށް ވައްދާ ކާންދީ ހަމަޖެހުމުން މާޒިންއާއި މަހާ އުޅޭ ގްރޫޕަށް ފޮޓޯލާފައި މާޒިން އާއި ހަގުރާމަ ފެށިއެވެ. ނަމަވެސް ހިތާހިތުން މާޒިންއަށް ޝުކުރުވެރިވިއެވެ. މަންމަމެން އައުމުން އެކަނިވެރިކަން ފިލާ ރައްކާތެރިކަން ލިބުނުކަމުގެ އިހުސާސްކުރެވުނެވެ. މަންމައާއި ބައްޕައަށް އޭނަ އަދާކުރަން ޖެހޭ ވާޖިބުތައް އަދާކޮށް ބަސްހައިގެން އުޅެން އަޒުމް ކަނޑައެޅިއެވެ.
***
އަލާޔާ އޭނަގެ މަންމަ ޒުލައިޚާ އާއި ބައްޕަ އާދަމް އަދި ދެބެންގެ ދެދަރި ބޭބެ ލޫތުއަށް ރަދްވާ ތައާރަފުކޮށްދިނެވެ. ލޫތު އަކީ ރީތިކަމުގެ ގޮތުން އައިމަލްއާއި ވާދަކުރެވޭނެ ޒުވާނެއްނޫނެވެ. ހެދުން އަޅައިގެން ހުރިގޮތުންނާއި ތުނބުޅީގެ ސަބަބުން ރަދްވާ ރުހޭފަދަ ޒުވާނަކަށް ނުވާނެކަމަށް އަލާޔާ ގަބޫލުކުރިއެވެ. ލޫތު ރައްޓެހިވެގެން އުޅުނުކުއްޖާވެސް އިންނަން ރަންކިޔާފައި ފިލުމުން އޭނަވެސް އަންހެންކުދިންމަތިން ފޫހިވެ އަންހެނަކާއި ދިމާލަށް ނުބަލަން ހުވާކޮށްގެން ހުރިފަދައެވެ. ރަދްވާއައުމުން ވަގުތުން ފޫހިވެ ތުންފަތުގައި މަލަން ގަނޑެއް އަޅައިގެން އިން މީހެއްފަދައިން އިނދެފައި ނިދި އަންނަކަމުގެ ބަހަނާ ދައްކާފައި އެތެރެއަށް ވަނީއެވެ.
***
ވައިބާރުކަމުން ފަޒާގައި ހިފާފައިވާ ޒޫމްގެ އަޑާއެކު ދޮރުފަތްތަކާއި ފުރާޅުގައި ވައި އަޅުވާއަޑު އެހާ ގަދައެވެ. އަލާޔާ އޭނަގެ މަންމަގެ ގާތުގައި އެނދުގައި އޮށޯވެލައިގެން އޮތްއިރު އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. މަންމަ ހުރީ ދަނބިދަރި "ޑަކުތަރު"ދެކޭ ހިތުން ކެތްމަދުވެފައެވެ.
"މަންމާ. ހަގީގަތަށް ބުނެފާނަން. އެ ޑަކުތަރު ދިޔައީ އަހަރެން ވަރިކޮށްފައި......"
"އާޒީން ގާތު ދޮގުނަހަދާށޭ ކިތައް ފަހަރު ބުނާނީ......"
އަލާޔާ އޭނަގެ މަންމަ ގަބޫލުކުރާވަރަށް އައިމަލްގެ ވާހަކަ ފެށުނީއްސުރެ ކިޔާދިނެވެ. ފިލާވަޅެއް ލިބިއްޖެ ކަމަށާއި އެހެން މީހަކަށް އިތުބާރުކުރަން ދެން ފަސޭހަނުވާނެކަމުގައި ބުނުމުން ޒުލައިޚާ އޭނަގެ ބޮލުގައި ފިރުމައިލިއެވެ." ހިތާމަނުކުރޭ އާޒީން. ދެރަގޮތެއް މާތްﷲ މިންވަރުނުކުރައްވާނެ. މަންމަ މިއަދު އުފާވީ އާޒީން ދޮގުހެދުމުގެ ނުބައިކަން ވިސްނުނީމަ. ދުނިޔެއިން މީހުން ހުސްނުވެއެއްނު. މަންމައަށް ފެންނަނީ ރަގަޅު ވަޒީފާއެއް ވީމަ ހެޔޮ ނިޔަތުގައި ތިކަން ކޮށް މީހުންގެ ޚިދުމަތުގައި ހުރެ އަޅުކަންކޮށް އަލުން ހަނާގެ ބައްޕައާއި ގުޅެން....."
"މަންމާ......އެކަމަކު....."އަލާޔާއަށް ކޮޅަށް ތެދުވެވުނެވެ.
"އާޒީންއާއި ހަނާއަށް އެންމެ ރަގަޅުވާނީ އެގޮތް."
އަލާޔާއަށް އެރޭ އެންމެ ފަހަރަކުވެސް ނިދީގެ އަރާމެއް ނުހޯދުނެވެ. ފުރިހަމަ ނިންޖަކީވެސް ނިއުމަތެއްކަން އެނގޭނީ އެއިންވެސް މަހުރޫމު ވުމުންނެވެ.
***
އަލާޔާ އާއި ރަދްވާ އެކީގައި ހިނގާފައި ޑިއުޓީއަށް ދިޔައިރު ރަދްވާ ލޫތުއަށް ޖޯކުޖެހިއެވެ. އާޒީންގެ ބޭބެއެއްހެން ހީނުވާ ކަމަށާއި އެހާ ދީންވެރިކަން ދައްކަން އުޅޭ މީހުންނަށް ފޫހިވާކަމުގައި ބުނެލިއެވެ.
"އެކަމަކު އައިމަލްހާ ފޭކެއްނުވާނެ. ރާގީއެއް ވިއްޔާ ތަގުވާވެރިވާން ޖެހޭކަމަށް ގަބޫލުކުރެވޭ، ލޫތު ކުޑައިރުއްސުރެ މިސްކިތާއި ފްރެންޑް. ފަހުން އަރަބި ކިޔަވައިގެން ސައުދީގައި އުޅެލާފއި އައިގޮތަށް ރާގީއަކަށްވީކަން އެނގުނީ ވަރަށް ފަހުން. ރަދޫވެސް އޭނަ ލައްވާ ރުގުޔާ ކުރުވަންވީނު......"
"އެ ތުނބުޅި ފެނުނީމަވެސް މަ ފަކުރުން ހަލާކުވި. ހީޒް ނޮޓް މައި ޓައިޕް..."
"ވަޓްއެވާ." އަލާޔާ އިތުރަށް އެދެމީހުން ތަތްކުރުވަން މަސައްކަތެއް ނުކުރިއެވެ. ލޫތުއާއި ރަދްވާ އަކީ ނުގުޅޭ ޖޯޑެއްކަން އޭނަ މާ ކުރިއްސުރެ ދެނެގެންފިއެވެ.
***
އަލާޔާ ހޮސްޕިޓަލުގެ ތެރޭ ހުންނަ މިސްކިތަށް ވަދެލީ ޟުހާ ނަމާދުކޮށްލުމަށެވެ. އެގަޑީގައި ގުރުއާން ދަސްކުރަން ފަސޭހަކަމުން އިރުގަނޑެއްވާންދެން ކިޔަވައިލަންވެސް އިނދެވުނެވެ. މިސްކިތުން ނިކުތްއިރު ސަމަރު އެ މަންޒަރު ދެކެން ހުއްޓެވެ.
"މިގަޑީގައި ކޮން ނަމާދެއް ތިކުރީ؟"
"ޟުހާ....." އަލާޔާ ކަންބޮޑުވިއެވެ. އެހެންމީހުންނަށް ދައްކަން އަޅުކަން ކުރާ ހިތެއް އޭނަ ނުވެއެވެ. ނަމަވެސް ވަގުތު ހުންނަގޮތުން ނަމާދު ނުކުރެވި އައުމުން ކޮންމެގޮތެއް ހަދާފައިވެސް ސުންނަތް ކުރަންވެސް ބޭނުންވަނީއެވެ.
"ދުވަހަކު އަޑު ނާހަން...ސުންނަތް ނަމާދުކުރާހާ އަލާޔާ ރަގަޅުކަމެއްވެސް ނުދަންނަން....." ސަމަރު ހައިރާންވިއެވެ."ތެދަށް ބުނަންޏާ އަލާޔާ ފޮނުވާ ވީޑިއޯތައް ބަލާފައި ޑިޕްރެޝަންއާއި ދުރުވޭ. އިންސްޕަޔާވެސް ވޭ. އައިމަލް ހެދިގޮތުން ވަރަށް ހާޓްވި. އަދިވެސް އިތުރު އެއްވެސް މީހަކަށް އެކަމެއް ނޭގޭނެ...."
"އަދި ވާހަކައެއް ބުނަން ބޭނުން....." ސަމަރު ހިންދިރުވައިލިއެވެ.
ސަމަރު ބުނީ ސަލާރު ޔޫކޭއަށް ގޮސްފައި ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި ނަންވެސް އެއްކޮށް ބަދަލުކޮށްފިކަމުގައެވެ. ސަލާރުގެ ނަން ޝޭންއަށް ބަދަލުކޮށް އިނގިރޭސި ނަމެއް ދިންއިރު ދީނަށްވެސް ކޮންމެވެސް ވަރަކަށް ފާޑުކިޔާފައިވާ ކަމަށް ސަމަރު ބުނެލިއެވެ. ކޮންމެވެސް ޝޭޚެއް މިއުޒިކް ކުޅުން ހުއްދަނޫންކަމަށް ބުނުމުން ސަލާރު ހިތްހަމަނުޖެހުނީ ކަމަށާއި އެހިސާބުން ފެށިގެން އޭނަ ދީނާއި ދުރުވެއްޖެކަމަށް ބުނިއިރު ސަމަރުގެ މޫނުމަތިންވެސް ހިތާމައިގެ ކުލަވަރު ފެނުނެވެ.
"ސަލާރުގެ ނަންވެސް ބަދަލުވީ ދޯ. އެހެންވިއްޔާ އޭނަގެ ވިޝްއަށް ރެސްޕެކްޓްކުރަންވާނެ. ޝޭންއަކީ އަރަބި ނަމެއްވެސް ނޫންތަ؟"
ނުނިމޭ