" އީމާންކަން ވަރުގަދަ ކުރާނެ އެއްގޮތަކީ ތިމާގެ އަމިއްލަ މަރު މަތިން ހަނދާންކުޅައުމެވެ."

***

"ތިއީ....ތިއީ އަނާލިއާގެ ދަރިފުޅުތަ؟" މަހުމޫދުގެ އަޑު ކެނޑިގެން ދިޔައެވެ. ކައިލްގެ މާމަގެ ނަމަކީ ޒާފިރާކަން ނޯރާގެ ފަރާތުން މަހުމޫދަށް އެނގިފައިވިޔަސް އޭރު އަދި ޔަގީނެއް ނޫނެވެ. އެކަމަކު އަނާލިއާގެ ނަން އިވުމާއެކު އެ އަރަތް ހައްލުވެއްޖެއެވެ. އޭނަގެ ކުރިމަތީގައި މިހިރީ އަނާލިއާގެ ފިރިހެން ދަރިފުޅު ފިޔަވާ ދެވަނަ މީހެއް ނޫނެވެ. ސިއްހަތު ރަގަޅުވެފައި ދިރި ހުރި ޒުވާނެކެވެ.

"އާނ. އަހަންނަކީ އަނާލިއާގެ ދަރިފުޅު..."ކައިލް ލަސްލަހުން ބުނެލިއެވެ.

"މާފުކޮށްދީ. މާފުކޮށްދީ..."މަހުމޫދުގެ ލޮލުން ކަރުނަ އޮހިގަތެވެ." އަހަރެން އަނާލިއާ މަރައިލީ.........."

***

"އައިމް ސޮރީ ނޯރާ. އައި ޑިޑްންޓް މީން ޓު......" އައިޒަކް ކާރު ދުއްވައިލަމުން ވާހަކަދައްކަން ފެށިއެވެ.

އާވާއާއި ނޯރާ އިށީދެލައިގެން ތިބީ ފަހަތު ސީޓުގައެވެ. އާވާ އިނީ ނޯރާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ވީގޮތެއް ނޭގުނަސް ނޯރާގެ މޫނުން ފެނުނު މޮޅިވެރިކަމުން އޭނަގެ ހިތްހަމަޖައްސައިދޭން އާވާ ބޭނުންވީއެވެ. ނޯރާ އަނގައިން ނުބުނުމުން އާވާ އައިޒަކްއާއި ދިމާލަށް ކަޅި އެޅިއެވެ.

"ކީއްކުރީތަ އައިޒަކް؟" އާވާ ބުމަ ކައިރިކޮށްލިއެވެ.

އައިޒަކް ފުން ނޭވާއެއް ދޫކޮށްލިއެވެ. ބައެއްފަހަރު ކަނޑީގެ މިޔައަށްވުރެ ބައެއް ލަފުޒުތަކުން ޒަޚަމްވާލެއް މާ ފުންވާނެއޭ ބުނަނީ ތެދެކެވެ. އަނބުރާ ނުގެނެވޭވަރަށް ނޯރާއާއި ދިމާލަށް ބަސްތައް ބުނެވިއްޖެކަމާއިމެދު އައިޒަކް ބިރު ހީވިއެވެ. އޭނަގެ ހިތަށް މިހާރު ވަރަށް ތަދުވެއްޖެއެވެ.

"ނޯރާގެ ބައްޕަ ދުނިޔޭގައި ހުރި ވާހަކަ ނުބުނީ ކީއްވެތަ؟" އައިޒަކްގެ އަނެއް ސުވާލުން ނޯރާއަށް ހަށިގަނޑު ސީދާކޮށްލެވުނެވެ.

"ދުށިންތަ؟"ނޯރާއަށް އަހައިލެވުނެވެ.

"ހޫމް...އަހަރެމެން ގާތު ބުނަން ހުރީ ކޮންއިރަކު؟ އަހަރެމެން އާއިލާ އިން ހޯދަމުންނޭ ދަނީ........"

"އެކަން ސިއްރެއްގެ ގޮތުގައި ބާއްވަދީފާނަންތަ؟ޕްލީޒް...."ނޯރާގެ ޖުމްލައާއެކު އައިޒަކްއަށް ކާރުގެ ލޯގަނޑުން ނަޒަރު ހުއްޓައިލެވުނީ ނޯރާގެ މުށި ދެލޮލަށެވެ. އެލޮލުގައި ވީ އާދޭހެވެ.

"އަހަރެން އެއްވެސް މީހެއްގެ ގާތު ނުކިޔާނަން. އެކަމަކު ވާނުވާ ކިޔާދީބަލަ.ނޯރާ؟"

އާވާއަށް ބަލައިލެވުނީ ނޯރާގެ މޫނަށެވެ.

"ކައިލްއާއި ނާޔަލްއަށްވެސް އެނގޭ. އަހަރެންވެސް ވެގެން އުޅޭގޮތް އެނގެން ބޭނުން. އޭރުން އެހީވެވޭނެ. އެނގެއެއްނު އަހަރެން ހުންނާނީ ނޯރާއާއިއެކު ކަން."

"ކައިލް އެކުރަނީ ކޮންކަމެއްކަން އެނގޭ. އަހަރެން ސެންޓު ވިޔަފާރީގެ ކަންތައްވެސް ޗެކްކޮށްފިން. ސަބަބަކީ ކޮންމެވެސް ކަމެއް ގޯސްކަން އިހުސާސްވީ. އަހަންނަށް ހީކުރެވުނީ ރަގަޅަށް. ކައިލް އަންކަލް ހައިތަމްއާއި ވިންޓަރފެލްގެ ވިޔަފާރިއާއި އެއްކޮޅަކަށް ނޫން ހުރީ." އައިޒަކްއަށް އެނގުނުކަންތައް ހާމަކުރިއެވެ." އަހަންނަށް އޭނަ އެ ކުޅެނީ ކޮން ގޭމެއްކަން ނޭގޭ އެކަމަކު އެއީ ނުރައްކާތެރިކަމެއް. އެންމެ ހަފްތާއެއް އެވީ. އެކަމަކު ބިލިއަން ޑޮލަރުގެ އަގުހުރި ސެންޓްފުޅިތައް ބަހާލައިފި. އަންކަލްއަށް ދާދިއަވަހަށް އެކަން ފަޅާއަރާނެ..."

"ބިލިއަން ޑޮލަސް؟ވާއު....." އާވާއަށް އަނގައިގާ އަތް އެޅުނެވެ. އައިޒަކް އުއްމީދުކުރި ގޮތާއި ޚިލާފަށް އެރާގު ހުރީ ޕޮޒިޓިވްކޮށެވެ.

"އާވާ. މިދައްކަނީ އާވާގެ ބައްޕަގެ ވިޔަފާރީގެ ވާހަކަ. ޔޫ ޑޯންޓް ކެއަރ؟"

"ވެލް. އެއީ ބައްޕައަށް ހައްގު ވާ އަދަބެއް. " އާވާ ކޮނޑު އަރުވައިލިއެވެ." އެއިން ފިލާވަޅެއް ލިބިއްޖެއްޔާ. އަދި އެހެން ދިމާވާ ކޮންމެ މުއްސަދި ފިރިހެނަކާ ކައިވެނި ކުރުވަން މަޖުބޫރު ނުކުރުވަންޏާ އެއީ ރަގަޅުކަމެއް."

"އައިޒަކްއަށް އެނގެންޏާ ބޮޑުބޭބެއަށް ނާންގާ ތިހިރީ ކީއްވެތަ؟" ނޯރާ އެހިއެވެ.

"އައި ޑޯން ނޯ...." އައިޒަކް ތެދުބަހުން ޖަވާބުދިނެވެ. ހަގީގަތުގައިވެސް އެވީ ބޮޑު ގެއްލުމުގެ ވާހަކަ ބޮޑުބޭބެއާއި އާއިލާއަށް ބުނެދިނުން ހުއްޓުވީ ކޯނޗެއްކަމެއް އޭނައަކަށް ނޭގުނެވެ. އޭގެ ބަދަލުގައި ކައިލް އެކަން ކުރިޔަށް ގެންދަން އޭނަ އެހެރީ ދޫކޮށްލައިގެންނެވެ.

***

"އަހަރެން ބުނަންވީތަ؟" ނޯރާ ބޯ ހޫރައިލިއެވެ." އަހަރެން ވެގެން އުޅޭގޮތް ކިޔާދީފާނަން. އެކަމަކު ދެމީހުންވެސް މިކަން ސިއްރުކޮށްދެއްޗޭ..."

ނޯރާ އައިޒަކްއާއި އާވާއަށް އިތުބާރުކޮށް ކަންތައް ހިނގިގޮތް ކިޔައިދިނެވެ. ފުރަތަމަ ދުވަހުންފެށިގެން އޭނަ ކައިލްއާއި ދިމާވި ގޮތާއި، ކައިލްގެ މަންމަގެ މަރުގެ ހާދިސާ، ނޯރާގެ ބައްޕަގެ ވަކިވުން އަދި ކައިލް ބައްޕަ ހުރިތަން ހޯދި ގޮތްވެސް މެއެވެ. ނޯރާ އެވާހަކަ ކިޔާދީ ނިމުނުއިރު ނޯރާ ކައިލްއާއި އެހާ ރުހުނީ ކީއްވެކަން އެނގުނެވެ. ނޯރާގެ ލޯބި ކައިލްއަށް ހައްގެވެ. އައިޒަކްގެ އަމިއްލަ ހިތަށްވެސް ބަރުވިއެވެ. ކައިލްގެ އެ ދަތި ދިރިއުޅުން އަދި މަންމަގެ ގާތިލުންގެ ފަރާތުން ބަދަލުހިފަން ކުރާ މަސައްކަތާއި އިންސާފު ހޯދަން ކުރާ މަސައްކަތްވެސްމެއެވެ.

ބަލިކަށި ހިތެއްލިބިފައިވި އާވާ އަޑު ވީއްލާ ރުޔެވެ. ކައިލްއަށްޓަކާ ހަގީގަތުގައިވެސް އޭނަ ވަރަށް ދެރަވިއެވެ. އެހާ ޅައިރު އެހުރިހާކަމެއް ތަހައްމަލުކުރާނީ ހާދަ ވަރުގަދަވީމައެވެ. ގިނަފަހަރު އެލޮލުން އެއްވެސް ޖަޒުބާތެއް ނުފެންނަކަމާއިމެދު ހައިރާނެއްނުވެއެވެ. ކައިލްއަކީ ޝައިތާނީ މީހެއްކަމަށް ދެކެ އެލޮލަކީވެސް ޝައިތާނީ ލޮލެއްކަމަށް ލޭބަލް ކުރެވުނީތީވެސް އާވާ ހިތާމަކޮށް އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ.

***

ލަވެންޑަރގައި މަހުމޫދު ތަކުރާރުކޮށް އެ ޖުމްލަ ކިޔަމުން ދިޔައެވެ. އެންމެފަހުން ކައިލް ނާޔަލްއަށް ގުޅުމުން ނިންދަވަން ދިން ބޭހުގެ ސަބަބުން ފުން ނިންޖަކަށް ގެނބުނެވެ. އަނާލިއާ މަރައިލީ އޭނަ ކަމުގައި މަހުމޫދު ބުނި ކަމުގައިވިޔަސް އޭނައަކީ އަނާލިއާ މަރައިލަން އަމުރު ހިފައިގެން ދިޔަ މީހާ ކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ. ހަގީގަތުގައި ވީ ކަމެއް އޮޅުން ފިލާނީ މަހުމޫދުގެ ހުރިހާ ހަނދާންތައް އަނބުރާ އައުމުންނެވެ. އެމީހުން ޖެހޭނީ އިންތިޒާރުކުރާށެވެ. އަދި ދުވަސްކޮޅަކަށް ނަމަވެސް މެއެވެ.

***

ޒައިނަބު އޭނަގެ ޅީ ދަރިންނާއި އާއިލީ އެކުވެރިންތަކެއް ގޮވައިގެން މޯލަށް ދިޔައީ ހެދުންތައް ހެޔޮވަރުކުރުވުމަށެވެ. ފިނިގަދަ ދުވަހަކަށް ވުމުން އެންމެން ތިބީ ބޯ ކެހެރި ހެދުންތަކުން ހިމާޔަތް ހޯދައިގެންނެވެ. ސިއެނާ އޭނަގެ މަންމަގެ ފަހަތު އަޅުވާލައިގެން ދިޔައެވެ. ބާޒާރުކުރުމަށް ދުވަހަކުވެސް ނޫނެކޭ އޭނައަކަށް ނުބުނެވޭނެއެވެ. އެފަދަ ކޮންމެ ފުރުސަތެއްގެ ބޭނުން އޭނަ ހިފާނެއެވެ.

"ނޯރާ ޔަތީމު ކުއްޖަކަށް ވިކަމީ ހިތާމަހުރި ކަމެއް ޒައިނަބު. އެކަމަކު ކަމަނާގެ ލޯތްބާއި އަޅާލުމުގެ ސަބަބުން ނޯރާ ސްމާޓް ޑޮކްޓަރަކަށްވީ......." އެތަނުން އަންހެން ކަނބަލަކު ބުނެލިއެވެ.

އެހެން އަންހެންވެރިންވެސް ޚުޝާމަދުކުރުމާއި ތައުރީފުކުރުމާއިގެން އުޅުނުއިރު ޒައިނަބު ހިނިގަނޑު ޖަހައިލައެވެ.

"ނޯރާއަކީ ޔަތީމެއް ނޫން. ނޫންތަ ޒައިނަބު އާންޓީ؟ ބައްޕަ ދުނިޔޭގައި ހުއްޓާ އޭނަ ޔަތީމަކަށް ވާންވީ ކީއްވެތަ؟" ސިއެނާ ނިކަން އާދައިގެ ގޮތަކަށްބުނެލިއެވެ. އޭނަގެ އެ ޖުމްލަ ނުލާހިކު މައުސޫމެވެ. ވާނީ ކޮން ގެއްލުމެއްހެއްޔެވެ؟ އޭނަ އޭރު ދިޔައީ ހެދުންތައް އަޅުވާފައި ހުރި ހަރުގަނޑުތަކުގެ ދޭތެރެއިން ހިނގާލާފައެވެ. ސިއެނާ ކުރާކަމަކަށް ނޫނީ ބުނާ އެއްޗަކަށް އެހެން އަންހެނެއްގެ މާ ބޮޑު ފަރުވާލެއްނެތެވެ. ޒައިނަބު ފިޔަވައެވެ. އޭނަ ލަސް ފިޔަވަޅުތަކެއްގައި ސިއެނާއާއި ކައިރިއަށް އައެވެ.

"ކޮންތަނަކުން ނޯރާގެ ބައްޕަ ދެކުނީ؟"ޒައިނަބު ހައިރާންކަމާއެކު ބުމަ ކައިރިކޮށްލިއެވެ.

"ލަވެންޑަރއިން....."

"ލަވެންޑަރ؟"

"ޔެޕް. ކައިލްގެ ގެއިން. ޒައިނަބު އާންޓީއަކަށް ނޭގޭތަ؟ ނާޔަލްއާއި ނޯރާވެސް އެގޭގައި ވި.." ސިއެނާ ޖަވާބުދީފައި ހެދުންތައް ޗެކްކުރަމުން ދުރަށް ހިނގައިގަތީ ޒައިނަބުގެ ދެފައިން ވާގި ހުސްކޮށްލާފައެވެ. ޒައިނަބު އަރިއަޅައިލި ވަގުތު އޭނަގެ ހަށިފާރަވެރިން ވަގުތުން ހިމާޔަތަށް އައެވެ.

"އަހަރެންގެ ކާރު ތައްޔާރުކުރޭ. އަހަންނަށް ހީވަނީ އަހަރެންގެ ހާލު ރަގަޅުނޫންހެން. ގޭގައި އަރާމުކޮށްލާނީ..."

***

ނޯރާގެ މަސައްކަތުގެ ފުރަތަމަ ދުވަސް އާދަޔާ ޚިލާފަށް އަވަދިނެތި އުޅުނު ދުވަހަކަށްވިއެވެ. އެތައް ގަޑިއިރުވާންދެން ނޭވާލާނެ ދަނޑިވަޅެއްވެސް ނުލިބުނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެންމެ ފަހުގެ ބަލިމީހާ ނިމުނުއިރު ފުދޭވަރަކަށް ލަސްވެއްޖެއެވެ. ނޯރާ ހަށިގަނޑު ދަމާލަންވެގެން އޭނަގެ ގޮނޑިއަށް ލެނގިލާ މޯޅިއަކަށް ދެމިލިއެވެ. އަދި ކުޑަދޮރުން ބޭރަށް ބަލައިލިއިރު ފެނުނީ އިރުއޮއްސެމުންދާއިރު އުޑުމަތި ފަވަމުން ދިޔަ ރީތި ކުލަތަކެވެ. އޭނަގެ ފޯނު ރިންގުވާންފެށުމުން ނެގިއެވެ.

"ޑޮކްޓަރ، އަދި ބަލިމީހަކު އެބައިން.."

ނޯރާ ވަގުތުން އެދުނީ އެމީހަކު އެތެރެއަށް ފޮނުވުމަށެވެ. އެތެރެއަށް ވަން ބަލިމީހަކީ ކައިލްއެވެ. އޭނައައީ ގަހެއް ޖަހާފައި ހުރި މުށިގަނޑެއް ހިފައިގެންނެވެ. ނޯރާއަށް ބަސްހުއްޓިފައި އެ ގަހާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރެވުނެވެ.

"ކައިލް...."ނޯރާ ގޮނޑިން ތެދުވުނެވެ."ކިހިނެއްވީތަ؟"

"ކްވީން އޮފް ދަ ނައިޓް؟ އެ ކުރު ސްޓޯރީ ހަނދާންވޭތަ؟"ކައިލް އެ ވަށިގަނޑު ބެހެއްޓީ ނޯރާގެ މޭޒުމަތީގައެވެ."މިއީ ހައިބްރިޑްއެއް. ހައިބްރިޑް ގަހެއްވީމަ ގިނައިރުވަންދެން މާތައް ފޮޅިފައި ހުންނާނެ އެންމެ ރެއަކު ނޫން. މުޅި އަހަރުގައިވެސް....."

"ދުނިޔޭގައި ހުރި އެންމެ އަގުބޮޑު މާ ކަމުގައި ނޯރާ ލޭބަލް ކުރި މި މަލަށް ކިހާވަރަކަށް ޕޭއި ކުރަން ކެރިދާނެ؟"

ކައިލްގެ އަޑުގައިވި ސީރިޔަސްކަމަކުން ނޯރާ އެއްޗެއް ބުނަން އަނގަ ހުޅުވާފައިވެސް ލައްޕާލައިފިއެވެ.

"ތިއައީ އަހަންނަށް މި ދޭންތަ؟" އެންމެ ފަހުން ނޯރާއަށް ވާހަކަދެއްކުނެވެ. ހުދުކުލައިގެ އެ މަލަށް ނަޒަރު ހުއްޓާލައިގެން ހުރީ މޮޔަވާވަރުވެފައެވެ."ހާދަ ރީއްޗޭ..."

"އާނ...އަދި....."ކައިލް ކޯޓުގެ ޖީބުން އެއްޗެއް ނެގިއެވެ."މިއަށް ޑީއެންއޭ ޓެސްޓެއް ހެދިދާނެތަ؟"

ވައި ބަންދު ކޮތަޅަކަށްލާފައި އޮތް ސިގްރެޓް ގުލުއަކާއި އެންމެ އިސްތަށްޓެއްވެސް އޭގައި އޮތެވެ.

"މިއީ ކާކުގެ؟"ނޯރާ އެހިއެވެ.

"ކެން ޔޫ ޑޫ އިޓް؟"ކައިލް އަނެއްކާވެސް ކުރީ ސުވާލެކެވެ. ނޯރާ ބޯ ޖަހައިލިއެވެ.

"ދެދުވަސްވަރު ވާނެ.." ނޯރާގެ ސިކުނޑިއަށް ފުރަތަމަ ވެރިވީ އިސްހާގުގެ ނަމެވެ. އިސްހާގުއަކީ ދުންފަތުގެ އިސްތިއުމާލު ކުރި މީހެކެވެ. މިހާރުގެ ގޮތެއް ނޭގެއެވެ. ނޯރާ އެ ބޭކަރީގައި މަސައްކަތްކުރިއިރު ޔަގީނުންވެސް އޭނަ އެކަން ކުރިއެވެ.

ކައިލް ދާންވެގެން އެނބުރިލާފައިވެސް ދެފިކުރެއްގައި ހުރިފަދަ ގޮތަކަށް އެނބުރުނެވެ." އަދި ނޯރާ....އަހަރެން.."

ނޯރާއަށް ކައިލްގެ މޫނުމަތީގެ ކުލަ ބަދަލުވީތަން ފެނި ނުތަނަވަސްވެފައި ކައިރިއަށް ދެވުނެވެ."ތިއުޅެނީ ބަލިވެތަ؟"

ކައިލްގެ ހުން ހުރިތޯ ބަލަންވެގެން ނިތްކުރީގައި އަތްލާން އުޅުމާއެކު ހަގީގަތް އޭނަގެ ސިކުނޑީގައި ޖެހިގަތުމާއެކު ފަހަތަށް ފިޔަވަޅެއް އަޅައިލެވިއްޖެއެވެ. ކައިލްއަކީ އެއްވެސް މީހަކަށް އަތްލެވޭނެ ޒުވާނެއްނޫނެވެ.

"އެހެން ކަމެއް ބޭނުންތަ؟ކޮންކަމަކާ ތިވިސްނަނީ؟" ނޯރާއާއި ހަތަރުކަޅިހަމަނުކޮށް ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުންނަން ފެށުމުން ނޯރާއަށް އަހައިލެވުނެވެ.

ކުރީގެ ޚިޔާލުތައް ކައިލްގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ބަދަލު ހިފުމާއި މަތިމައްޗަށް އުފެދިފައިވި ނަފްރަތު، އޭނަގެ މަންމަގެ ގާތިލު ބަރުބާދުކޮށްލުމުގެ އެދުމުން ފެށިގެންގޮސް ކިތަންމެ ކަމެކެވެ. މަންމަގެ މަރުވެފައިވާ ހަށިގަނޑުގެ އެ އިހުސާސްވެސް ހިތުން ފޮހެވިގެން އަބަދަށްޓަކާ ދާން ޖެހެއެވެ. އަދި މަންމަގެ ދިރުމެއްނެތް އެމޫނުގެ ތަސްވީރުވެސް ހަނދާނުން ދުރަށް ދާން ޖެހެއެވެ. މަންމަ މަރުވިކަން އެނގުމުން މާމަގެ އެރުއިމުގެ އަޑުވެސް ހަނދާނުން އަބަދަށްޓަކާ ހިމޭންކުރަންވެސް ބޭނުންވެއެވެ. އެކަމަކު އެވަގުތު އެހެން ޚިޔާލެއް ތަފާތު ބޭނުމެއް އޭނަގެ އެތެރެހަށީގައި އަނދަންފެށިއެވެ. ފުރަތަމަ ފަހަރަށެވެ. މަރުހަބާ ނުކިޔާއިރުވެސް މެއެވެ. ނޯރާ އޭނަގެ މުށި ލޮލާއި ދިގު އެސްފިޔަތަކާއެކު ކަޅިވެސް ޖަހާނުލާ ބަލަން އަދިވެސް މިހިރީ ކުރިމަތީގައެވެ. ޖީބަށް ޖަހާލެވިފައިވާ އަތް މުށްކެވުމާއެކު އޭނަ ކޮނޑު އަރުވައިލިއެވެ.

"ނޫން. އިތުރުކަމެއްނެތް. އެ މަސައްކަތް ނިމުނީމަ އަންގާލައްޗޭ....އޯ....ބައިދަވޭ އާވާ ވަރަށް ރުހޭކަމަށްވޭ ނޯރާގެ ބޭބެދެކެ އެކަމަކު އޭނައަށް އެކަން ރޭކާލާހެނެއް ހިޔެއްނުވޭ. އާވާ ބޭނުންވަނީވެސް އެކަން ސިއްރުކުރަން..."

"ރިއަލީ؟"ޝައުގުވެރިކަމާއެކު ނޯރާގެ ލޯ ދިއްލުނެވެ." ތިކަމާ ކޮންމެވެސް ކަމެއްކުރަން އެބަޖެހޭ. އަހަންނަށްވެސް އާވާ ވަރަށް ކަމުދޭ. ތި ޚިޔާލު ނާޔަލްގެ ބޮލުތެރެއަށް ވައްދަން ޖެހޭނީ..."

"ޔެސް އެގްޒެކްޓްލީ. އެހެންވެ މި ވާހަކަ މިބުނީ. ހުރިހާ އެންމެންގެ ކަންތައްތަކުގެ ތެރެއަށް ނޯރާގެ ނޭފަތް ކޮށްޕަންޖެހޭނެ ވިއްޔަ."ކައިލްގެ އަޑުގައި މިފަހަރުވީ ސަމާސާގޮތެކެވެ. އެކަމަކު ނޯރާއަށް ދޭހަވީ ކައިލްވެސް އާވާ ބޭނުންވާ މީހަކު ހާސިލުކޮށްދޭން އެހީވާތަނެވެ. އެކަމަކު ކީއްވެހެއްޔެވެ؟ ކައިލްއާއި އާވާ ގެ ގުޅުން އެހާ ގާތްވީ ކޮންއިރަކުހެއްޔެވެ؟ އާވާއަށް ހަސަދައިގެ ނަޒަރަކުން ބަލަން ނޯރާ ބޭނުމެއްނުވެއެވެ.

ކައިލް ދާތަން ބަލަން ހުރެފައި ނޯރާ މާވަށިގަނޑަށް ނަޒަރު ހުއްޓައިލީ ހިނިތުންވެލައިގެން ހުރެއެވެ.

***

ޖެހިގެން އައި ދުވަހު ކައިލްއަށް ޒައިނަބުގެ ސިޓީއެއް ލިބުނެވެ. ސާފު އަތު ލިޔުމުން ލިޔެފައިވާ ސިޓީގައި ކައިލްގެ ގެއަށް ދާން އެދޭކަމުގައި ބަޔާންކޮށްފައިވެއެވެ. އެންގޭޖްމެންޓް ހަދިޔާތަކެއް ދޭން ބޭނުންވާކަމަށް އޭނަ ލިޔުނެވެ. ކައިލްއަށް ޔަގީނެވެ. އެމީހުންގެ މަތީގައިވަނީ ކަށި ދަތުރުކުރަމުންދާ ޓައިމް ބޮމެކެވެ. އޭތި ގޮވާނީ އޭނަ ނުވަތަ އެމީހުންގެ ބޯމަތީގައިހެއްޔެވެ؟ ކައިލް ޖަވާބުގައި ލިޔުނީ އެ ސިޓީއާއިމެދު ހިތްހަމަޖެހުނު ކަމަށާއި އަދި ޒައިނަބު އެގެއަށް މެންދުރު ކެއުމަކަށް ދައުވަތުދީފައެވެ.

***

ޒައިނަބު ލަވެންޑަރގެ ގޭތެރޭގައި އެޅި ފިޔަވަޅާއެކު ހިތްވަނީ ނުތަނަވަސްވެފައެވެ. ހިތުގެ ހަމަޖެހުމެއް ނެތްކަމުން އެގޭގެ ހިތްގައިމުކަމާއިމެދުވެސް ވިސްނައެއްނުލެވުނެވެ. މަހުމޫދު ދިރިއުޅެނީ ހަގީގަތުގައިވެސް މިގޭގައި ހެއްޔެވެ؟ މަހުމޫދުއަކީ ޒަމާންތަކެއް ވާންދެން އެމީހުންގެ ޓެކްސީ ދުއްވަން އުޅުނު މުވައްޒަފެކެވެ. އޭނަ ދިރިހުރީހެއްޔެވެ؟

"އެކަނިތަ އައީ ޒައިނަބް އާންޓީ؟" ކައިލް ދޮރުމަތިން ޒައިނަބްއަށް ސަލާމްކުރިއެވެ. އެކަމަކު ގާތުގައި ހުރި ސާމިރު ފެނުނުކަމަށްވެސް ހަދައިނުލިއެވެ. ކައިލް ޒައިނަބް އެތެރެއަށް ވަންނަން ތަންދެއްކިއެވެ. ސާމިރު އެތެރެއަށް ވަދެގެން ދިޔައީ ފަޚުރުވެރިވެފައި ހުރެ ކޮނޑު ފުޅާކޮށްލައިގެންނެވެ. ޒައިނަބުގެ ހަށިފާރަވެރިއަކަށް އެދުވަހު ހަމަޖެއްސި މީހަކީ އޭނައެވެ.

"އެކަމާއިމެދު ފަރުވާލެއް ނުބަހައްޓާނެކަމަށް އުއްމީދކުރަން. އާއިލާގެ އެހެން އެންމެން ކައިރިވަމުން އަންނަ ކައިވެނިތަކަށް ތައްޔާރުކުރުމުގައި އަވަދިނެތި..." ޒައިނަބު މާފަށް އެދުނުއިރު ވަށައިގެން ލޯ ހިންގަމުން ދިޔައީ މަހުމޫދުގެ ނިޝާނެއް ފެނިލާތޯއެވެ.

"އެ ރަގަޅުވާނެ. އަޅުގަނޑުމެންނާއެކު ކެއުމުގައި ބައިވެރިވާނެ އެހެން މެހުމާނަކުވެސް އެބަހުރި....ބިންޔާމީން. އޭނައަށް ގޮވާބަލަ....."ކައިލް އެދުނެވެ.

ކައިލް ޒައިނަބުއަށް ނަޒަރު ހުއްޓައިލިއެވެ. ކަންފަތާއި ހަމަޔަށް އިސްތަށިގަނޑުކޮށާލާފައިވާއިރު އެ ރާޅުބާނިތައް ރަންމުށިކުލައިގާ އަޅި ރޮގުތައް ދެމިފައިހެން އޮތެވެ. އުމުރަށްވުރެ މާ ހަނގުކަމަށް ދައްކައެވެ. ކަޅިވެސް އަޅިކުލައަށް ބަދަލުވެ ފޭދެމުންދާއިރު ވިސްނުންތޫނުކަން ފެންނާން ހުއްޓެވެ. ކަކުލުން ތިރިއަށް އޮތް ހެދުމަކާއިއެކު ކަނދުރާއާއި ކަންފަތް ޒީނަތްތެރިކޮށްލާފައިވަނީ އަގުބޮޑު ގަހަނާތަކުންނެވެ. ހަތްދިހައިގެ އަހަރުތަކުގައި އަމިއްލަ ނަފުސަށް އިތުބާރުކުރާ އަދި ރީތި އަންހެނެކެވެ.

ޒައިނަބު އިށީދެލައިގެން އިންއިރު އެތުނި ތުންފަތުގައި ލިޕްސްޓިކުން ދަމާލެވިފައިވާ ރޮގަކާއެކު ލޮލާއި ހަމަޔަށް ނުފޯރާ ހިނިތުންވުމެއްވިއެވެ. ކާކޮޓަރިއަށް ވަން މަހުމޫދު ފެނުމާއެކު ޒައިނަބުއަށް އެތެރެއަށް ނޭވާ ލެވުނެވެ. މަހުމޫދު ގެ ސިއްހަތު ރަގަޅުވެފައި ފަޓުލޫނަކާއި ގަމީހެއްލައިގެން ހުރިއިރު ތުންފަތުގައި ހިނިތުންވުމެކެވެ. ސާމިރުއަށްވެސް ޝޮކެއް ލިބުނެވެ. މަހުމޫދަކީ ސާމިރުގެވެސް އެކުވެރިއެކެވެ. އޭނަހީކުރީ އެކުވެރިޔާ އަބަދަށްޓަކާ މި ބިންމަތިން ގެއްލުނީކަމުގައެވެ.

"މަހުމޫދު؟" ޒައިނަބުއަށް ކޮޅަށް ތެދުވެވިއްޖެއެވެ."ކިހިނެއް....."

އޭނައަށް މަހުމޫދުގެ މޫނުން ނަޒަރު ވަކިކޮށްލެވުމާއެކި ކައިލްއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

"ނޯރާ ބުނީ ތިގޭގައި ޓެކްސީ ޑްރައިވަރަކަށޯ އުޅުނީ. އެކަމަކު އެދުވަސްވަރުގެ ހަނދާންތައް ގެއްލިފައިވަނީ. ޒައިނަބު އާންޓީގެ މަތިން ހަނދާން ހުރިހެނެއް ހިޔެއްނުވޭ.ނޯރާއާއި ނާޔަލް އެކަން ސިއްރުކޮށްގެން އުޅެނީ އެހެންވީމަ ކަން ނޭގޭ..." ކައިލްގެ ވާހަކަތައް ޒައިނަބުއަށް ދާދި ފަސޭހައިން ގަބޫލުކުރެވުނެވެ. މަހުމޫދު ހަގީގަތުގައިވެސް ހަނދާންތައް ފޮހެވިއްޖެއެވެ. އެހެންނޫންނަމަ އެގޮތަށް ހީލައިގެން އޭނަ މިތާ އިންނާނެހެއްޔެވެ؟ އޭނަ އެކުރި ކަންތައްތަކަށް ފަހުގައެވެ.

ލަވެންޑަރގެ ޑައިނިން ހޯލްގައި އެންމެން މެންދުރުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައިރު ޒައިނަބަށް މަހުމޫދުގެ ހަރަކާތްތަކަށް ބެލުނެވެ. އޭނަ ކައިލްގެ ގެއަށް އައީ ކިހިނެއްކަމާއިމެދުވެސް ވިސްނައިލެވުނެވެ. އޭނަ އަބަދުވެސް އުޅުނީ މިތާހެއްޔެވެ؟

"ކައިލް....މަހުމޫދު ފެނުނީ ކިހިނެއްކަން އަހާލެވިދާނެތަ؟ އަހަރެމެން ނޯރާއާއި ނާޔަލްއަށްޓަކާ އެވަރުކޮށްދޭން ބޭނުންވި. އަހަރެމެންގެ އާއިލާއިން މަހުމޫދު ހޯދުން ހުއްޓައެއްނުލަން.." ޒައިނަބުއަށް ގެރިމަސްކޮޅު ދިރުވައިލަންވެސް ކުއްލިއަކަށް އުދަގޫވިއެވެ. ކަރުތެރެ އެއްކޮށް ހިކި އަރުތެރެ ބެދިއްޖެއެވެ. މަހުމޫދު އޭނައަށް ބަލާލާފައި ހިނިތުންވެލުމަށްފަހު ނިކަން ހަމަޖެހިލައިގެން އިނދެ ކަމުން ދިޔައީ އެއްވެސް ފަރުވާލެއްނެތް ފަދަ ގޮތަކަށެވެ.

"ފަހަރެއްގައި މިކަން ނޭގި އޮވެދާނެ.އަޅުގަނޑު ސްކޫލް ދުވަސްވަރުން ފެށިގެން ނޯރާ ދަންނަން. އެހެންވެ ނޯރާއަށް އޭނަގެ ބައްޕަ ހޯދައިދިނުމުގެ މަސައްކަތްވެސް ކުރިން. މަހުމޫދު ފެނުނުކަމަށް އަޅުގަނޑުގެ އެކުވެރިއަކު ރިޕޯޓްކުރީ. ވަރަށް ގިނަ ކަންތައް ހިނގާ ދިޔުމަށްފަހު މަހުމޫދުއަށް އެންމެ ފަހުން އާދެވިފައި މިހިރީ މިގެއަށް. ނާޔަލްއާއި ނޯރާ ބޭނުންވީ މަހުމޫދު މިތާ ބަހައްޓަން ސަބަބަކީ މިގޭގައި ހުރިހާ ވަސީލަތްތަކެއް ހުރީމަ. އެމީހުން ބޭނުންވީ މަހުމޫދުގެ ސިއްހަތާއިހަނދާންތައް އަނބުރާ އައިސް މުޅިން ރަގަޅުވުމުން ދެން ޕަބްލިކާއި ފޭސްކުރަން...."ކައިލް ބުނެދިނެވެ.

"އަޅުގަނޑު އަޑުއަހާފައިވާގޮތުން ނޯރާ އުޅެނީ ކަމަނާގެ މާމަދަރިފުޅާއި ކައިވެނިކުރަން. އެއީ އަޅުގަނޑަށް ލިބުނު ޝަރަފެއް.."މަހުމޫދު ބުނެލިއެވެ."އަޅުގަނޑުގެ ދަރިފުޅު....ކަމަނާގެ ލޯބިވާ ދަރިފުޅާއި އަޅުގަނޑުގެ ދަރިފުޅު އެކަށީގެންވާކަމަށް އުއްމީދުކުރަން...."

މަހުމޫދު ހީލުމުން ޒައިނަބު ކަންބޮޑުވެފައިވާ ގޮތަކަށް ހޭންފެށިއެވެ.

"އޮފްކޯޒް. އެއީ ހަމަ ވަރަށް ރަގަޅު އަންހެންކުއްޖެއް.." ޒައިނަބުގެ ގޮނޑީގެ ފަހަތުގައި ކޮޅަށް ހުރި ސާމިރު ކުއްލިއަކަށް ތޫނު އަޑަކުން ހަޅޭއްލަވައިގެންފާ ދުރަށް ފުންމައިގަތްގޮތުން ޒައިނަބު އިށީީދެގެން އިން ގޮނޑިވެސް އަރި އަޅައިލުމުން ސަލާމަތްވީ ހަމަ ކިރިޔާއެވެ. އެވަގުތު ޒައިނަބުގެ ލޮލާއި ހަތަރުކަޅި ހަމަވީ ރީދޫކުލައިގެ ތޫނު ލޮލެކެވެ. އަދި ޒައިނަބުގެ މައިބަދައިން ހީބިހި ނެގިއެވެ.މިއީ މި ކަޅު ދެލިގަނޑެއްފަދަ މަޚުލޫގުއާއި ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. އެރޭގެ ކެއުމާއި އަލިފާނުގެ ހާދިސާ ޒައިނަބުގެ ސިކުނޑީގައި ވިދުވަރެއް ފަދައިން ކަނޑައިގެން ދިޔައެވެ. ކުއްލިއަކަށް އޭނަ ކެއްސައިގަތުމުން ކައިލް ފެންތަށްޓެއް ދިއްކޮށްލިއެވެ.

"ޔޫ ސީމް އަންވެލް...."

"އާނ މިދުވަސްކޮޅު....އެހާ ރަގަޅެއްނޫން. ޔޫ ނޯ...މި އުމުރަށް ދިޔައީމަ....އެހެންވީމަ މިހާރު ދެން ގެއަށް ގޮސްލާނަން. އިނގޭ ކައިލް ވަރަށް ފުރިހަމަ ކެއުމެއް...." ޒައިނަބު އެހެން ބުނެލިކަމުގައިވިޔަސް އެތަށީގައި އޭނަ ކިރިޔާ އަތްލިކަމެވެ.

"މަހުމޫދު. އަދި ދިމާވާނެ. އަވަސް ޝިފާއަކަށް އެދެން...."ޒައިނަބު އެންމެނާއި ވަކިވުމުގެ ސަލާމްކޮށްފައި ނުކުތެވެ.

ކާރު ވިންޓަފެލްއާއި ދިމާލަށް ދަތުރުކުރަމުން ދިޔައިރު ޒައިނަބު އިނީ ފިކުރުގެ ކަނޑެއްގައެވެ. އޭނަ އަތުގެ އިނގިލިތައް މަހައިލަމުން ދޫކޮށްލަމުން ދިޔައީ އުދަގުލެއްވެފައިވާ ހެންނެވެ. ކޮންމެވެސް ކަމެއް އެބަހިނގައެވެ. ވަރަށް ބޮޑު ގޯހެއް ހިނގަމުން އެބަދެއެވެ.

"ސާމިރު. އަހަރެން ވިންޓަރފެލް އިމާރާތަށް ގެންދޭ..." ޒައިނަބު އަމުރުކުރިއެވެ. ގެއާއި ދިމާލަށް ދިޔުމުގެ ބަދަލުގައި އެހެން މަންޒިލަކަށް ކާރު އަނބުރާލައިިފިއެވެ.

***

އޮފީހަށް ވަދެފައި ޒައިނަބު ވަގުތުން އެންގީ ސެންޓުގެ ރިޕޯޓްތައް ދެއްކުމަށެވެ. ގަނޑަކަށްފަހު ގަނޑެއް އެއްލަމުން ދިޔައީ އަތަށް ބާރުލާފައެވެ. ދެލޯ ފުންމާލަފާނެހެން ހީވާހާ ބޮޑުކޮށްލައިގެން ހުރެއެވެ. އެމޫނުމަތިން ފެނުނީ ބިރުވެރިކަމެވެ. ހަމަ ކުއްލިއަކަށް މޫނުމަތިން ރޫތައް ގިނަވެއްޖެއެވެ. އެންމެ ގަޑިއެއްގެ ތެރޭ އޭނަގެ އުމުރުން ދުވަސްވީފާޑު ޖަހައިފިއެވެ. ކުއްލިއަކަށް މުށް ކަވައިލުމާއެކު އެ ކަރުދާސްތައް މޭޒުމައްޗަށް ޖަހައިލިގޮތުން ސާމިރުވެސް ސިހިފައި ފަހަތަށް ޖެހުނެވެ.

"މެޑަމް......"

" އެ ކައިލް....އޭނަ އަހަރެމެން އެންމެން މޮޔަ ހައްދާލައިފި. ކެހިދީފި. އެއީ ކާކުތަ؟ ލަދެއް ހަޔާތެއް ނެތް ސޮރެއް.." ޒައިނަބު ވިސްނައިލިއެވެ. އެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ.

"މާފެއް ނުދެވޭނެ.." ފިނިއަޑަކުން ޒައިނަބު ކިޔައިލިއެވެ. ކަޅުކުލައިގެ ހީލްއިން މުށިމަތީގައި އަޑު ގޮއްވަމުން ހިނގަމުން ޒައިނަބު ސާމިރުއަށް އަމުރުކުރީ ވަގުތުން އޭނަގެ ދަރިފުޅު ހައިތަމްއަށް ގުޅުމަށެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު