"އަލްހަމްދުލިﷲ. މި އަޅާއަށް ހައްގުވާވަރަށްވުރެ މާ ގިނަ ނިއުމަތް ދެއްވިއެވެ. އެ ނިއުމަތްތައް ގުނާ އަދަދު ނުކުރެވެއެވެ."

***

ސިއެނާ ހަގީގަތުގައި ވިންޓަރފެލްއަށް ދިޔައީ އެކަނި ކާން ދާން ބޭނުން ނުވެގެން އައިޒަކްއާއި އާވާއަށް ދައުވަތު ދިނިމަށެވެ. އާވާ އައިޒަކްގެ ކާރުގެ ފަހަތަށް އަރާ ފިލިތަން އޭނައަށް ފެނުނުކަމީ އޭނަގެ ނަސީބެވެ. އޭނަ އެމީހުންގެ ފަހަތުން ދާން ޖެހުނީ އެހެންވީމައެވެ. ނުދާންވީ ކީއްވެހެއްޔެވެ؟ އޭނައާއި ނުލާ އެދެމީހުން އެދަނީ ކޮންމެވެސް ބޮޑު "މިޝަން"އެއްގައެވެ.

އެކަމަކު މި މީހުން މިއައީ ކާކުގެ ގެއަކަށް ހެއްޔެވެ؟ މި ކިންގްޑަމްވަރުގެ ރީތި ގެއަކީ ކާކުގެ މިލްކެއްހެއްޔެވެ؟

ދައުވަތު ނުލިބޭ ތިން ފަރާތެއް ލަވެންޑަރގެ ގެއަށް ވަދެވެން އޮތް ފުޅާ މަގުން ކުރިއަށް ދިޔައެވެ.

***

"ނޯރާ. ކައިލް މިހާރު ދިޔައީތަ؟"ނާޔަލް އެހިއެވެ. ނާޔަލް ނުކުތީ ލަވެންޑަރގެ ގެސްޓްރޫމުން ނަމާދުކޮށްލައިގެންނެވެ.

"އާން. ވަޒީފާއަށް..."

"ނޯރާ. ދޮންބެ ހިތަށް އަރަނީ ކައިލް އެހެން ނުބުނިކަމުގައި ވިޔަސް ބައްޕަ މިތާ ހުރުމުން އޭނައަށް ބުރައަކަށް ވެދާނެހެން...އަދި އަހަރެމެން އައިސް ގޮސްވުންވެސް..."

"ބައްޕަ މިތާ ބަހައްޓަން ބޭނުންވި މީހަކީ އޭނައެއް ނޫންތަ؟ އަދި އަހަރެމެން ކުއްޔަށް ތަނެއް ހިފިކަމުގައި ވިޔަސް ދެމީހުން ވަޒީފާއަށް ދާއިރު ބައްޕަ އެކަނި ބަހައްޓާފައިވެސް ދާނީ ކިހިނެއް؟ ބައްޕައަށް ރައްކާތެރިކަން ލިބޭނެތަ؟ ބައްޕަ އެސައިލަމް ގައި ހައްޔަރުކުރުވި މީހަކަށް މިހާރު ބައްޕަ ސަލާމަތްވެގެން އައިކަން އެނގިފައި އޮންނާނީ..."

"ތިއީވެސް ތެދެއް. ކައިލްވެސް އޭނަގެ މަންމަގެ މަރާއި ބެހޭގޮތުން އެއްޗެއް އެނގޭ މީހަކު ސަލާމަތުން ބަހައްޓަން ކޮންމެހެންވެސް ބޭނުންވާނެ."ނާޔަލް ފުން ޚިޔާލަކަށް ގެއްލިފައި އިނެވެ." ކައިލް މާ އަވަހަށް އެނބުރި އައީތަ؟"

ނާޔަލް އެނބުރި ބަލައިލީ ފިޔަވަޅުތަކެއްގެ އަޑަށެވެ. އެންމެ މީހެއް ނޫނެވެ. އެތައް ފިޔަވަޅުތަކެއްގެ އަޑު އިވިގެން ނާޔަލްއާއި ނޯރާއަށް އެކަކު އަނެކެއްގެ މޫނަށް ނަޒަރު ހުއްޓައިލެވުނެވެ.

"ނޯރާ....." އެތަނަށް ވަން އާވާއަށް ހައިރާންކަމެއް ލިބުނެވެ. ކައިލްގެ ގެއިން ނޯރާ ފެނިދާނެކަމަށް އޭނަ ހީނުކުރެއެވެ. އެކަމަކު ދެން ވިސްނައިލުމުން އެހެން ވެދާނެކަން އެނގުނެވެ. ކުރިންވެސް ކައިލްއާއި ނޯރާގެ އެކުވެރިކަން އޮތް ނޫންހެއްޔެވެ؟ އެދެމީހުންވެސް މަސައްކަތްކުރީ އެއް ބޭކަރީގައެވެ.

ނޯރާއާއި ނާޔަލްއަށްވެސް ހައިރާންކަމާއެކު ބަސްހުއްޓިފައި ބަލަން ތިބެވުނީއެވެ.

"މިއީ ކައިލްގެ ގެތަ؟" ލަވައެއްކިޔާ ފަދައަކުން އެކަކު އެހިއެވެ. ނޯރާ އަންތަރީސްވެފައި ބަލައިލީ ސިއެނާއަށެވެ. އެކުއްޖާ ހުރިހާތަނަކަށް ކަޅި ހިންގަމުން ދިޔައީ ޖާދުވީ އާޝޯޚުވާފަދަ ތަނެއް ފެނުމުން ގައިދުވެފައިވާ ހެންނެވެ.

"އޯ މައި ގޯޑް. މިތަން ހާދަހާ ވާ ރީއްޗޭ. މިއޮތް ފުރިހަމަކަމެއް."ސިއެނާގެ އަޑު އެހެން ހުރިހާ ދުވަހަކަށްވުރެ ބާރެވެ." އެންމެން މިތާ ކީއްކުރަނީތަ؟ ޕާޓީއެއް އޮތީތަ؟ ސީރިޔަސްލީ އައިޒަކް. އަހަންނަށް ދައުވަތެއްވެސް ނުދެވުނީތަ؟" ސިއެނާ ވަގުތުން ޝަކުވާގެ ފުންޏެއް އޮއްސާލައިފިއެވެ.

"ދައުވަތުދޭން މިއީ އަހަރެންގެ ގެއެއް ނޫން ސިއެނާ." އައިޒަކް މޫނު ހަދައިލިއެވެ. އެވަރުން ނުވެގެން ސިއެނާ މި ހާލަތަށް ޑްރާމާ އިތުރުކޮށްލަނީ ވިއްޔާއެވެ.

"ނާޔަލް. ކައިލްގެ ގޭގައި ކީއް ތިކުރަނީ؟"އާވާ ސުވާލުކުރިއެވެ. އެވަގުތު ނޯރާއާއި ނާޔަލްގެ ކަންފަތުގައި ޖެހުނީ ގޭތެރެއިން ދޮރެއް ހުޅުވާލި އަޑެވެ. މަހުމޫދު ތިރިއަށް އެ އަންނަނީ ލިވިންރޫމްގައި އެންމެ މީހުން ގިނަވި ވަގުތުގައެވެ. ނޯރާ އަވަސްވެގެން މައްޗަށް ދިޔައީ އޭނަގެ ބައްޕަ ތިރިއަށް އަޔަނުދީ ހިފެހެއްޓުމަށެވެ. ޔަގީނުންވެސް އައިޒަކްއަށް ބައްޕަ ދެނެގަނެވޭނެއެވެ. އަދި އައިޒަކްއަށް ބައްޕަ ފެނިޔަދީގެން ނުވާނެއެވެ. އެންމެ ނުރައްކާތެރިވީ ދަނޑިވަޅުގައި ކައިލްވެސް ގޭގައި ވީއެއް ނޫނެވެ.

ސިއެނާ ގޭގެ އެތަން މިތަނަށް ބޯ ކޮށްޕަމުން ތައުރީފުކުރަމުން އުޅެގަތުމުން ނާޔަލް ފަހަތުން ދިޔައީ އޭނަ ހުއްޓުވުމަށެވެ. ބީރައްޓެހިން ކައިލްގެ ގެއަށް ވަދެ ހިތަށް އެރިގޮތަކަށް އުޅެން އޭނަވެސް ނުރުހޭނެއެވެ. އެކަމުގައި އުޅެން ހަދައިގެން އައިޒަކް ނޯރާގެ ފަހަތުން ދިޔަކަމެއް ނާޔަލްއަށް ފާހަގައެއް ނުވިއެވެ. އާވާވެސް ނާޔަލްގެ ފަހަތު އަޅުވައިލީ ނާޔަލްއާއި ވާހަކަދައްކާ ހިތުން ނުހުރެވިގެންނެވެ.

"ނޯރާ..." އައިޒަކް ފަހަތުން ގޮވައިލިއިރު އޭނަ މަހުމޫދުގެ ކޮޓަރީގެ ދޮރު ލައްޕައިލަމުން އެނބުރުނީއެވެ.

"އައިޒަކް.." ނޯރާ ހާސްވިއެވެ."މިގެއަށް އައީ ކީއްވެތަ؟ ކައިލް ދައުވަތު ދިނީތަ؟"

"ލަދެއްވެސް ނުގަނޭތަ ނޯރާ؟" އައިޒަކްގެ ރާގު ސީރިޔަސްވެފައި ފުރަތަމަ ފަހަރަށް އެލޮލުން ތަދާއި އަނިޔާގެ ހިޔަނި ފައުޅުވިއެވެ." އަހަންނާއި ނޯރާގެ.....ކައިވެނި ގާތްގަނޑަކަށް ހަމަ ވެފައި އޮތީ. އަދި ހުރިހާ ކަމެއް ރޭވި ހަމަޖެހިފައި. އެކަމަކު މިތަނުގައި ހިލޭ ފިރިހެނެއްގެ ގޭގައި؟"

"އައިޒަކް. ތިގޮތަށް ތި ރާގަށް ވާހަކަ ނުދައްކަފާނަންތަ؟ އަހަރެން ފަހަރެއްގައިވެސް ތި ކައިވެންޏަށް އެއްބަސްވީއެއްނޫން އަދި އެކަން އަމިއްލައަށް ރަގަޅަށް އެނގޭނެ. ދައުވަތު ކާޑުތައްވެސް އެގޮތަށް އެނގުމަކާއި ނުލައި ބަހައިލީ. އެއިން އެއްވެސް ކަމެއް ކުރީބައިގާ އެނގިފައެއްނެތް. އައިޒަކްގެ މާމަ އަވަސް އަރުވާލައިގެން އެހާ ސީރިޔަސްކޮށް ހުރިހާކަމެއް ކޮށްލިއިރު އަހަންނަށް އަންގާވެސް ނުލި..."ނޯރާ އަމިއްލަ ދިފާއުގައި ވާހަކަދެއްކިއެވެ.

"ކީއްވެތަ؟ އަހަރެމެންގެ ކައިވެނި ވިޔަނުދޭން ބޭނުންވަނީ ކީއްވެ؟ އޭނައާއި ހެދިތަ؟" އައިޒަކް ނޯރާއާއި ދިމާލަށް ފިޔަވަޅެއް އެޅުމުން އޭނަ ޖެހުނީ ފަހަތަށެވެ." މި ކޮޓަރީގައި ހުރީ ކައިލްތަ؟ އަހަންނަށް އޭނަ ފޮރުވަން ތި މަސައްކަތްކުރަނީ؟"

ނޯރާއަށް ހުއްޓުވޭވަރަށް ވުރެ އައިޒަކްގެ ހަރަކާތް އަވަހެވެ. އޭނަ ކުއްލިއަކަށް ކޮޓަރީގެ ދޮރުގެ ތަޅު އަނބުރާލައިފިއެވެ. ދޮރުގެ ތަޅު ނުހުޅުވުމުން ނޯރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ އިރުޝާދު ދިންފަދައިން ބައްޕަ އެތެރެއިން ދޮރު ތަޅުލީއެވެ.

"ކީއްވެ އަހަރެން ކައިލް ފޮރުވަންވީ؟ މޮޔަނުވޭ. ކައިލް ގެއަކު ނެތް އައިޒަކް. އޭނަ އަހަންނަށް އެއްއިރެއްގައި އެހީތެރިވެދިން އަދި އަހަރެން ދަންނަ މީހެއް. އަހަރެން މިގެއަށް އައީ ބޭބެއާއެކު. އެއީ އައިޒަކްއަށް މައްސަލައެއްތަ؟" ނޯރާ ހަށަން ބަދެލަމުން އައިޒަކްއާއި ދިމާލަށް ބަލައިލިއެވެ. އިސްކޮޅުން ދިގުކަމުން އޭނަގެ މޫނަށް ބަލަން އިސް އުފުލައިލަން ޖެހުނެވެ. ނޯރާ ތިރިއަށް ދާން ހިނގައިގަތީ އައިޒަކްވެސް އޭނަގެ ފަހަތުން އަންނާނެކަމުގެ އުއްމީދުގައެވެ. އަދި ބައްޕަގެ ކޮޓަރިއާއި ވީހާވެސް ދުރަށް ގެން ދިޔުމަށެވެ. ނޯރާ ހީކުރިގޮތަށް އޭނަ ފަހަތުން އައެވެ. ނަމަވެސް ނޯރާ އުއްމީދުކުރި ގޮތަކަށް ނޫނެވެ. ކުއްލިއަކަށް އައިޒަކް އޭނަގެ އަތުގައި ހިފާ ދަމައިގެންފާ އަނބުރުވައިލީ ހަރުކަށިގޮތަކަށެވެ. ނޯރާ ގަނޑުވިއެވެ. އޭނަގެ ގައިގާ އަތްލާވަރަށް އައިޒަކް ޖެހިލުންކުޑަވީ ކޮން އިރަކުހެއްޔެވެ؟

"މިހެނެއްނޫން މިކަންތައް އޮންނާން ޖެހެނީ. ޔޫ އާ އެންގޭޖްޑް ޓު މީ. ފިރިހެނުންނާއި ފްލާޓްކުރަމުން ނޫޅެވޭނެ. މުއްސަދިކަމާއިހެދި އުޅޭކަން އެބަ އެނގޭ އެކަމަކު އަހަރެންވެސް ކައިލްއަކަށްވުރެ ދެރައެއްނޫން....." އައިޒަކްގެ ޖުމްލަތައް ނޭޒާއެއް ފަދައިން ހިތް ފޫ އަޅުވައިލިއެވެ." އަހަރެން ހީކުރި ގޮތާއި ވަރަށް ތަފާތު. ބައެއް އަންހެންކުދިން ދުވާލަކަށް ފިރިހެނަކާއި ފްލާޓްކޮށް އެޔަށް ވުރެ ނުބައިކޮށް އުޅޭ ބަޓް ޔޫޫ...ނޯރާ އަހަރެން ހީކުރީ ތަފާތުކަމަށް......"

ހޫނު ރުޅިވެރި ކަރުނަތައް ނޯރާގެ ލޮލުން ދިލަ ނަގަންފެށިއެވެ. އޭނައާއި ދިމާލަށް އައިޒަކް އުކަމުން ދިޔަ އަނިޔާވެރި ބަސްތަކުން ބަލަން ހުރެވުނީ ބަސް ހުއްޓިފައެވެ.

"އޭނަގެ މޮޅުކަމަކީ ކޮބައިތަ؟ ކައިލް އިސްހާގުދެކެ މާ ގަޔާވެގެން އުޅެނީ ކޮން ކަމަކާތަ؟"

"ކެޓް ގޮޓް ޔޯ ޓަންގް؟ ކީއްވެ އަހަންނަށް ޖަވާބެއް ނުދެވުނީ ނޯރާ؟" އައިޒަކްގެ މޫނު ނުރައްކާތެރި ހިސާބަކަށް ގާތްވިއެވެ. ނޯރާ އައިޒަކްގެ އަތް ފޮޅުވާލާފައި އައިޒަކްއަށް ބަލައިލި ރުޅިވެރިކަމުގެ ނަޒަރުން އައިޒަކްގެ ރުޅިވެސް ކޮންމެވެސް ވަރަކަށް ފިލައިފިއެވެ.

"އައި ލަވް ހިމް..."ހޫނު ކަރުނަތައް ކޯތާފަތް މަތިން ދެމެން ދޫކޮށްލާފައި ނޯރާ އިއުތިރާފުވިއެވެ." އައި ލަވްޑް ހިމް ދެން އެންޑް އައި ލަވް ހިމް ނައު. އެއްފަރާތުން ވެވޭ ލޯތްބަކަށްވިޔަސް ހެޔޮ. އޭނަ އަހަރެން ދެކެ ލޯބި ނުވިޔަސް ފަރުވާލެއްނެތް. އަބަދުގެ އަބަދަށްޓަކާ ލޯބިވާނަން. މި އިހުސާސްތައް ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ. ހީޒް އެވްރީތިން އައިވް އެވާ ވޯންޓެޑް އިން އަ މޭން. އެހާ ދީންވެރި އެހާ ސްވީޓް. އޭނަގެ މާމަދެކެ ވީ ލޯބި. އެހާ ދަތި އުދަގޫ ދިރިއުޅުމެއްގައިވެސް ހުރިހާކަމެއް އޭނަ ހެންޑްލް ކުރިގޮތް...އޭނަގެ ހުރިހާކަމެއް ދެކެވެސް ލޯބިވޭ..." އެއް ނޭވާއިން ނޯރާ ހުރިހާ އެއްޗެއް ބަންޑުންކޮށްލިއެވެ." އަށް އަހަރުވީއިރުވެސް ހިތުން އެއްވެސް އެއްޗެއް ބަދަލެއްނުވޭ. ހަމަ އެކަނި އޭނަގެ ކައިރީގައި ހުންނަން ދުނިޔޭގެ ހުރިހާ މުއްސަދިކަމަކާއި ނިއުމަތެއް ދޫކޮށްފާނަން..."

ނޯރާގެ ކަރުނުން ފުރިފައިވާ ލޮލާއި އައިޒަކްގެ ފުސްވެފައިވާ އަޅިކުލައިގެ ކަޅި ބައްދަލުވިއެވެ. އޭނަ ނޯރާގެ ކޮނޑުގައި ބާރަށް ހިފެހެއްޓިއެވެ. އެހިނދުކޮޅު އޭނަގެ ނަފުސަށް ވެރިވެގަތް ބާރެއް އޭނައަކަށްވެސް ނޭގުނެވެ. އެކަމަކު ރުޅިގަނޑު ހައްދުން ނައްޓައިލީ ނިމުމެއްނެތްގޮތަކަށެވެ. ހަސަދަވެރިކަމާއި ޒަޚަމްވި ފަޚުރު މަސްހުނިވެ އެތައް އަހަރެއްވާންދެން މަތިމައްޗަށް އެބައިތައް ބަރާވަމުންގޮސް ވަކި ހިސާބަކުން ކެތްތެރިކަން ކޮޅުން ލާ އަތުން ދޫވީއެވެ.

"އެކަމަކު ތިއީ މަގޭ މިލްކެއް ނޯރާ. ޔޫ ބިލޯންގް ޓު މީ...."ދަތްކުނޑިވިކައިގަތުމާއެކު އައިޒަކް ބާރަށް ބުނެލިއެވެ. އައިޒަކްގެ އަތްދަށުން ފޮޅުވިގަންނަން އުޅުނުއިރު އަތަށް ވީ ތަދުން ނޯރާއަށް ހަޅޭއްލަވައިގަނެވުނެވެ. ކުއްލިއަކަށް އައިޒަކްއާއި ނޯރާ ތިބި ހިސާބުން ދޮރެއް ހުޅުވުނެވެ.

"އައިޒަކް އަހަރެން ހޯދަން ތިއައީ؟" ހުދު ގަމީހުގެ ގޮށް އަޅުވަމުން ކޮޓަރިން ނުކުތީ ކައިލް އެވެ. އޭނަގެ ތެތް އިސްތަށިގަނޑު ވިދައެވެ. ފެންތިކިތައް ކޮންމެވެސް ވަރަކަށް ތިކިތަޅަމުން ގަމީހުގެ ގިރުވާނުގެ ތެރެއަށް ފޭދެމުން ދިޔައެވެ. ލޮލަށް އުދަގޫކުރަމުން ދިޔަ އިސްތަށިތައް އޭނަ ދުރުކޮށްލީ އަންގި ނުލައްވާ ހުރި އަތުންނެވެ. ނޯރާ ބަލައިލީ ލޯބޮޑުކޮށްލަމުންނެވެ. އެވަގުތު އެދެމީހުންނަށް ތިބެވުނީ ކައިލްގެ ކޮޓަރީގެ ކުރިމަތީގައެވެ. އަދި އެހުރިހާ ވަގުތަކުވެސް އޭނަ ގޭގައި އުޅުނެވެ. ނޯރާ ޔަގީން ކުރީ ކައިލް ގޭގައި ނޫޅޭ ކަމުގައެވެ. ކައިލްއަށް އެހުރިހާ ވާހަކައެއް އިވުނުހެއްޔެވެ؟

"އަހަރެން މިއައީ ނޯރާ ބަލައި...." އައިޒަކް ބުނެލިއެވެ.

އާއްމުކޮށް ނާހާ އަޑެއް އިވުމާއެކު ކާކުތޯ ބަލަންވެގެން ސިމްބާ ފުންމައިގަތީ ކައިލްގެ ފަހަތުގައި އޮވެފައެވެ. ވިދުވަރުގެ އަލިފަދައިން ގޮސް އެސޮރު ޖެހިގަތީ ނޯރާއާއި އައިޒަކްގެ ފިޔަވަޅުކައިރީގައެވެ. ނޯރާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. ކުއްލިއަކަށް އެ ބިޔަ ކަޅު ބުޅާ ފުންމައިގަތުމުން ލިބުނު ސިހުމާއި ބިރުވެރިކަމާއެކު ނޯރާ ވެއްޓެން ދިޔައީ މޫނު ވަތަށެވެ. އެވަގުތު ނޯރާގެ އަތުގައި ހިފާ ދަމައިގަތީ އައިޒަކްއެވެ. އައިޒަކް އަޖައިބާއި ސުވާލު އުފެދުނު ނަޒަރަކުން ކައިލްގެ މޫނަށް ބަލައިލިއެވެ. ކައިލް ހުރި ހިސާބުން ނޯރާއާއި މާ ގާތުގައި ހުރެވުމާއެކު ނޯރާ ވެއްޓިޔަނުދީ ހިފެހެއްޓޭނެއިރުވެސް އައިޒަކް ހައިރާންވީ އޭގެ ބަދަލުގައި އޭނަ ޖީބަށް އަތް ޖެހި ގޮތުންނެވެ. އެކަން ފާގަހަކުރީ ހަމައެކަނި އައިޒަކްއެއް ނޫނެވެ. ނޯރާވެސް މެއެވެ. އަދި ކައިލް ކުޑަކޮށް ފަހަތަށް ޖެހިލިގޮތްވެސް މެއެވެ.

"އަހަރެން ހޯދަން ތިއައީ. ނޫންތަ އައިޒަކް؟ ދެން ގެއަށް ދަމާ ހިނގާ.." ނޯރާ ޖަޒުބާތެއްނެތް ގޮތަކަށް އެހެން ބުނެފައި ކައިލްއަށް އިތުރު ނަޒަރެއް ނުދީ ތިރިއަށް ދާން ހިނގައިގަތެވެ.

***

"ޕާޓީއެއް މިތަނަސް ގެނެސްފިން ދޯ އައިޒަކް..." ސިއެނާއާއި އާވާ ސިޑިބަރި ކައިރިން ފެނުމުން ކައިލް ބުނެލިއެވެ.

ނޯރާގެ ހަޅޭކުގެ އަޑު އިވިފައި މަހުމޫދުއަށް އިތުރަށް ކެތްނުކުރެވިގެން ކޮޓަރިން ނުކުތީ ނޯރާއަށް އިންޒާރު ދޭ މީހަކަށް ހަމަލާދިނުމުގެ ނިޔަތުގައެވެ. އައިޒަކްއާއި މަހުމޫދުގެ ނަޒަރު ބައްދަލުވިއެވެ. ވިންޓަރފެލްގެ ޓެކްސީ ދުއްވި މަހުމޫދު އުމުރުން ދުވަސްވެފައި ހުއްޓާ އެގޮތަށް ފެނުމުން ލިބުނު ހައިރާންކަމާއެކު އައިޒަކްއަށް ބަލަން ހުރެވުނެވެ.

"ބްރަދާ މަހުމޫދު؟" އައިޒަކް އަވަސްއަވަހަށް އެސްފިޔަ ޖަހައިލިއެވެ. އޭނަގެ ލޯ މައްޗަށް ސިފަވީގޮތް ހެއްޔެވެ؟ މިއީ ހަމަ ހަގީގަތުގައިވެސް ނޯރާގެ ބައްޕަހެއްޔެވެ؟

"ބައްޕާ......" އެހިސާބަށް އެވަގުތު އާދެވުނު ނާޔަލް އަވަހަށް އޭނަގެ ބައްޕަ ގެންގޮސް ކޮޓަރިއަށް ވައްދައިފިއެވެ.

"އެއީ ނޯރާއާއި ނާޔަލްގެ ބައްޕަ؟އޭނަ ކައިލްގެ ގޭގައި އުޅެނީ ކީއްވެތަ؟" އާވާވެސް ވާނުވާ ނޭގި ހުއްޓާ ސިއެނާ މަޑުމަޑުން ބުނި ބަސްވެސް ތަންކޮޅެއް ހަރުކޮށް އިވުނެވެ.

"އަހަރެން މިދަނީ ބޭރަށް. މަޑުކޮށްގެން ވާހަކަދައްކައިލަން ވަގުތެއް ނެތީތީ ހިތާމަކުރަން. އެހެން ދުވަހަކުން ބައްދަލުކުރެވިދާނެތަ؟" ކައިލް އައިޒަކްގެ ޚިޔާލު މަހުމޫދު ނޫން ދިމާލަށް ގެންދަންވެގެން ބުނެލިއެވެ.

"އާހް......ޔެސް.ދައުވަތު ދިނުމަކާއި ނުލާ މިގޮތަށް ރޫޑްކޮށް އިންޓަރަޕްޓް ކުރެވުނީތީ މާފަށް އެދެން. ނޯރާއާއިމެދު ކަންބޮޑުވެ އޭނަ ހުރިތަނެއް ނޭގިގެން ހޯދުނީ..." އައިޒަކް ބުނެލިއެވެ.

"ޔަގީނުންވެސް އޭނަގެ ބޭބެ ނުރައްކަލެއް ދިމާވެދާނެތަނަކަށް ނުގެންނާނެ....."ކައިލްގެ ޖަވާބުން އައިޒަކްގެ ކަންފަތްވެސް ރަތްވިއެވެ. ކައިލްގެ ލަފުޒުތަކުން ހިތްހަމަނުޖެހުމުގެ ކޮންމެވެސް ވަރެއްގެ ކުލައެއްވިއެވެ. އޭނަ ރުޅިއައުން ހައްގެވެ. އޭނަ މިގެއަށް އައީ ކައިލްގެ ހުއްދައާއި ނުލައެވެ. އަދި އެވެސް އިތުރު ދެމީހުންނާއެކުގައެވެ.

"ނާޔަލް މިގޭގައި؟" އާވާ ނިކަން ޝައުގުވެރިކަމާއެކު ކައިލްއާއި ސުވާލުކުރިއެވެ. އަދި ތަންކޮޅެއް އަޑު މަޑުކޮށްލަމުން ދެވަނަ ސުވާލުކޮށްލިއެވެ." އޭނައަކީ ކައިލްގެ ފްރެންޑެއްތަ؟ ދެމީހުންގެ އޮތީ ކޮން ވިޔަފާރިއެއްތަ؟"

އާވާގެ މޫނުމަތިން ފެނުނީ ލާނެތްކަމެވެ.

"ޔަގީންކޮށް މިހެން ބުނަން އެނގޭ. އޭނަ މިތަނަށް އައީ އާވާގެ ވާހަކަ ދައްކާކަށް ނޫން....."ކައިލް އާވާ ލަދުގަންނަވާލަން ގަސްތުގައި ބުނެލިއެވެ.

" ކޮންމެހެން އެހެންނެކޭ ނޫން....އަހަރެން...." އާވާއަށް ބުނާނެ އެއްޗެއް ނޭގި އަޅަ އަޅައިގެންފާ ވާހަކަދެއްކިއެވެ.

"ހިނގާ ގެއަށް ދާން އާވާ.." އައިޒަކް ހަރުކަށިކަމާއެކު ބުނެލަމުން އެނބުރުނެވެ.

"ކައިލް އަސްލު އަހަންނާއި އިންނާކަށް ނޫން ދޯ އުޅެނީ ؟" އާވާ ޝައްކުން ފުރިގެންވާ ނަޒަރަކުން ބަލައިލީ ލޯ ހަނިކޮށްލުމުންނެވެ. އަދި ހައިރާންވީ ކައިލް ބޯ ޖެހިގޮތުންނެވެ.

"އަހަންނަށް އެނގުނޭ." އާވާ ފޯރިއާއެކު ނަމަވެސް އެހެން މީހުންނަށް ނީއްވަން އަޑު މަޑުކޮށްލިއެވެ. ކައިލްވެސް ހައިރާންކަމާއެކު ބުމަ އަރުވައިލިއެވެ. އާވާ މިހާ ވިސްނުންތޫނު ކުއްޖަކަށް ވެދާނެކަމަށް ކައިލް ހިޔެއްނުކުރެއެވެ.

"ޔޫ ލައިކް ނޯރާ. ނޫންތަ؟ އޭނައަށް ބަލައިލާގޮތުން ދެކެމޭ." އާވާ ހީލީ އަމިއްލަ ލޮލުގެ ތޫނުކަމަށް ފަޚުރުވެރިވަމުންނެވެ.

"އެކަމަކު ނުބައިކޮށްކަން ނޭގޭ ތި ހީކުރެވުނީ...."ކައިލް ދެކޮޅު ހެދިޔަސް އާވާއަށް އެކަން ގަބޫލުކުރެވޭ ވަރަކަށް ނޫނެވެ. އެކަމަކު އިތުރަށް ކައިލް ނުރުހުންވާގޮތެއް ހަދަން ބޭނުމެއްނުވިއެވެ.

"އޯލްރައިޓް. ފައިން. އެންމެ ރަގަޅު މިސާލަކަށް ނޯރާދެކެ ލައިކް ނުވެއޭ."އާވާގެ މޫނު އިތުރަށް ދިއްލުނެވެ." އެކަމަކުވެސް ކޮންމެވެސް ކަމެއް އެބަ ރާވަމެއްނު. އަހަރެންގެ ބައްޕަގެ ބިޒިނަސްއާއި ދެކޮޅަށް؟ އަހަރެމެންގެ ސެންޓު ވިޔަފާރި ކައިލްއާއި ހަވާލުކުރި ވާހަކަ އަޑުއެހިން..."

"ޔޫ ހޭވް މައި ވޯޑް. ކޮންމެގޮތެއް ވިޔަސް އަހަރެން ހުންނާނީ ނާޔަލްއާއި އެކީ.. އައި މީން. ކައިލް އަހަރެންގެ ބައްޕައާއި ދެކޮޅުވިޔަސް އަަހަރެން ހުންނާނީ ކައިލްއާއި އެއްބަޔަށް..." އާވާގެ މޫނުމަތިން ކައިލްއަށް ފެނުނީ ކުޑަކުއްޖެއްގެ މައުސޫމް ޖޯޝާއި ފޯރިއެވެ. އެ ލައުނަތްލެއްވިގެންވާ ވިންޓަރފެލް އާއިލާއަށް ނިސްބަތްވިޔަސް ކައިލް އަށް އޭނައަށް މި ކުއްޖާއާއި ރުހެވެން ފެށިކަން އެނގުނެވެ. މިކުއްޖާ އެއާއިލާއާއި އެހާ ގުޅުމެއް ނެތްކަން އަދި އެމީހުންނާއި އެއްފާޑު ކުއްޖެއް ނޫންކަންވެސް ކައިލް ދެނެގަތެވެ.

އެކަމަކު ކައިލްގެ ދެއްކުންތެރި ކައިވެނީގެ ފަހަތުގައިވަނީ އެެހެން ނިޔަތެއްކަން އާވާއަށް އެނގުނުހިނދު އާވާގެ މާމައާއި ބައްޕައަށް އޮޅުން ނުފިލީ ކީއްވެހެއްޔެވެ؟ އެހާވެސް މުއްސަދިކަމާއި ކާމިޔާބުގެ ސަބަބުން ލޯ އަނދިރިވެފައިވާތީ ބާވައެވެ.

" އާވާ ރުހޭ މީހާ ގާތުގައިވާ އިރު އެހެން މީހަކާއި ކައިވެނި ހަމަޖެއްސީ ކީއްވެތަ؟" ކައިލް އާވާގެ ފަހަތަށް ނަޒަރު ހިންގައިލުމުން އާވާދެލޯ ބޮޑުކޮށްލުމާއެކު ތުންފަތުގައި އިނގިލި ޖައްސަމުން ކައިލް ގާތު އެދުނީ އެ ވާހަކަ ނުދެއްކުމަށެވެ.

"އާވާ. އައިޒަކް ތިރީގައި މަޑުކޮށްލައިގެން އެބަހުރި...."ނާޔަލްގެ އަޑު އިވުމާއެކު އާވާ ހިނިތުންވުމެއް ވެރިކޮށްލަމުން އެނބުރުނެވެ

***

އެންމެން ގޮސް އަވަދިވުމާއެކު ލަވެންޑަރއަށް ބަޔާން ނުކުރެވޭފަދަ ހިމޭންކަމާއި ހުސްކަމެއް ވެރިވިއެވެ. ސިޑިބަރީގެ އެންމެ މަތީގައި ކައިލް އެންމެން އެ ފުޅާ ދޮރުން ނިކުމެގެން ދިޔަތަން ބަލަން ހުރެ ވިސްނައިލިއެވެ. ނާ ވަދެފައި މިވަނީ އޮއި ބާރު ކަނޑަކަށެވެ. ކުރިއަށް އޮތް ދުވަސްތައް ކުރިއެކޭ އެއްގޮތެއްނުވާނެކަން އޭނައަށް އެނގެއެވެ. ކައިލް ފުން ނޭވާއެއް ދޫކޮށްލީ ނޯރާ ކުރިން ދެއްކި ވާހަކަތަކުގެ ކޮންމެ ލަފުޒެއް ހަނދާންކުރަމުންނެވެ. ނޯރާގެ ހިތުގައި އޭނައަށްޓަކާ ވާ ކުލުނާއި ޝުއޫރުތައް އޭނައަށް ނޭގެނީއެއް ނޫނެވެ. އެކުއްޖާގެ އަމަލުތަކާއި ލޮލުން އެކަން ފެނެއެވެ. އޭނައަށް އެހުރިހާކަމެއް އެނގި ހުރުމާއެކުވެސް އެހާ ފައުޅުގައި ޝުއޫރުތައް ހާމަކުރިގޮތުން ޚުދު އޭނަވެސް ހައިރާންވިއެވެ. ނޯރާ އޭނަދެކެ ލޯބިވޭހެއްޔެވެ؟ ކީއްވެބާވައެވެ.އޭނައަށް އެ އިހުސާސްތައް ރައްދުނުކުރެވޭއިރުވެސް މެއެވެ. އޭނައަށް އެއްވެސް މީހަކު ދެކެ ލޯތްބެއް ނުވެވޭނެއެވެ.

"ކައިލް ބަލިވީތަ؟" އިސްހާގު އާއި މިކާލް އެކީގައި ގެއަށް ވަދެފައި ސުވާލުކުރީ އިސްހާގެވެ.

"ކަންފަތް ދެކެބަލަ. މުޅިން ރަތްވެފައި....."މިކާލްވެސް ކަންބޮޑުވިއެވެ. ކައިލް ކަނދުރާގައި އަތް ހިންގައިލިއެވެ.

"މާ ބޮޑަށް ފިނިވީކަމަށް ވާނީ.." ކައިލްގެ ނަޒަރު ހުއްޓިފައިވީ ހުޅުވާފައިވާ ދޮރަށެވެ.

"އެންމެ ރަގަޅު.އެއީ ކޮންހާ ކާރެއްތަ؟ އަހަންނަށް ހީވަނީ ނޯރާއާއި ނާޔަލް ނޫން ބަޔެއްވެސް ފެނުނުހެން..." މިކާލް ފާޑަކަށް އެހިއެވެ.

"އައިޒަކް އައީ. އޭނައަށް މަހުމޫދު ފެނިއްޖެ..."

"ވަޓް؟އެއީ ބޮޑު މައްސަލައަކަށް ނުވާނެތަ؟"

"އައިޒަކްއަކީ މައްސަލައަކަށް ނުވާނެ."ކައިލް ވިސްނުމެއްގެ ތެރޭ ހުރެފައި ބުނެލިއެވެ."އައިޒަކް ގެ ހިތުގައި ނޯރާއަށްޓަކާ ވާ އިހުސާސްތަކުގެ ސަބަބުން ނޯރާއަށް އަނިޔާއެއް ލިބިދާނެފަދަ ކަމެއް އޭނަ ނުކުރާނެ. ނޯރާއަށް އައިޒަކްއަށް ބާރު އެޅިދާނެ އޭނަގެ ބައްޕައާއި ބެހޭގޮތުން ވިންޓަރފެލްގައި ވާހަކަ ނުދައްކަން. އެކަމަކު އައިޒަކް އެކަން ހާމަކޮށްފާނެކަމުގެ ކުޑަ ޕޮސިބިލިޓީއެއް އެބައޮތް...."

"ކައިލް. އަހަރެމެން މިއައީ އާޓް މިއުޒިއަމްއިން . އެތަނުން ކައިލްގެ ސޮއި ބޭނުންވޭ ރެޖިސްޓަރކުރަން އަނާލިއާގެ ނަމުގައި......" އިސްހާގު ކަރުދާސްތަކެއް ކައިލްގެ އަތަށް ދިއްކޮށްލިއެވެ.

"އަނާލިއާ؟" މަހުމޫދުގެ އަޑު ތުރުތުރުލާގޮތްވިއެވެ. ގޭތެރެ ހިމޭންވުމުން މަހުމޫދުވެސް ކޮޓަރިން ނުކުތްއިރު އެމީހުން ދެއްކި ވާހަކަތައް އޭނަގެ ކަންފަތާއި ހަމަޔަށް ފޯރީއެވެ. މަހުމޫދު ކުއްލިއަކަށް ކަކޫމައްޗަށް ތިރިވެ ބޮލުގައި ދެއަތުން ހިފަހައްޓައިލަމުން ބިރުވެރިކަމުން ފުރިގެންވާ ނަޒަރަކުން ކައިލްއަށް ބެލުމުން އެތިން މީހުންގެ ސަމާލުކަން މަހުމޫދަށް ލިބުނެވެ.

"ތިއީ....ތިއީ އަނާލިއާގެ ދަރިފުޅުތަ؟" މަހުމޫދުގެ އަޑު ކެނޑިގެން ދިޔައެވެ. ކައިލްގެ މާމަގެ ނަމަކީ ޒާފިރާކަން ނޯރާގެ ފަރާތުން މަހުމޫދަށް އެނގިފައިވިޔަސް އޭރު އަދި ޔަގީނެއް ނޫނެވެ. އެކަމަކު އަނާލިއާގެ ނަން އިވުމާއެކު އެ އަރަތް ހައްލުވެއްޖެއެވެ. އޭނަގެ ކުރިމަތީގައި މިހިރީ އަނާލިއާގެ ފިރިހެން ދަރިފުޅު ފިޔަވާ ދެވަނަ މީހެއް ނޫނެވެ. ސިއްހަތު ރަގަޅުވެފައި ދިރި ހުރި ޒުވާނެކެވެ.

"އާނ. އަހަންނަކީ އަނާލިއާގެ ދަރިފުޅު..."ކައިލް ލަސްލަހުން ބުނެލިއެވެ.

"މާފުކޮށްދީ. މާފުކޮށްދީ..."މަހުމޫދުގެ ލޮލުން ކަރުނަ އޮހިގަތެވެ." އަހަރެން އަނާލިއާ މަރައިލީ.........."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު