ގުޅިފަޅުން ހިޔާއަށް ބަދަލުވާން ބޭނުންވި މީހުންގެ ފްލެޓް ކަނޑައަޅަން ގުރު ނަގަނީ

ހިޔާ ފްލެޓް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ގުޅިފަޅުން ފްލެޓް ލިބި، ހިޔާ ފްލެޓަށް ބަދަލުކުރަން އެދިފައިވާ މީހުންނަށް ލިބޭ ފްލެޓު ކަނޑައެޅުމަށް ގުރުނެގުން މިއަދު ބާއްވާނެ ކަމަށް ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މިއަދު ފްލެޓް ގުރު ނަގަނީ ގުޅިފަޅުން ފްލެޓް ލިބި، ހިޔާއަށް ބަދަލުކުރާ ހަތް މީހަކާއި، މީގެ ކުރިން ގުރުއަތުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ތިރީ ފަންގިފިލާއެއް ހަމަޖައްސާ މީހަކަށެވެ.

މީގެ ތެރެއިން ތިރީ ފަންގިފިލާއަށް ބަދަލު ކުރަނީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކެޓަގަރީއަށް ނިސްބަތްވާ މީހެކެވެ.

އެޗްޑީސީން ބުނީ އެ ފްލެޓްގެ ވެރިފަރާތަށް ތިރީ ފަންގިފިލާއެއް ހަމަޖައްސައިދިނުމަށް ހައުސިން މިނިސްޓްރީން އެޗްޑީސީއަށް މައުލޫމާތު ފޮނުވުމަށް ފަހު އަންގާފައިވާ ކަމަށެވެ.

މި އަށް މީހުންގެ ފްލެޓް ގުރު ނެގުން ހަމަޖެހިފައި ވަނީ މިއަދު މެންދުރު 12 ޖަހާއިރުއެވެ.

ގުރުނެގުން ކުރިއަށް ދާނީ އެ އަށް މީހުންގެ އައިޑީކާޑް ނަންބަރު ތަރުތީބުން ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ، ގުރުނަގާ މީހުންގެ އަދަދު މަދުވުމާއެކު، ގުރުނަގާނީ އެމީހުން ހާޒިރު ކޮށްގެން ކަމަށެވެ.

ގުރުނެގުން އެޗްޑީސީގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

comment ކޮމެންޓް