ފައިލުތައް ހިފައިގެން އިރަމް ގޮސް އައިޒަކްގެ ކެބިން ދޮރުގައި ޓަކި ޖަހައިލިއެވެ. އެތެރެއިން އައިޒަކް ދޮރު ހުޅުވައިލީ، އިރަމް ތަޅުގައި ހިފައިލި ތަނާއެވެ. އިރަމްގެ މޫނު ގޮސް ޖެހުނީ، އައިޒަކްގެ މޭގައެވެ. ހަޑި އެއްޗެއްގައި ޖެހުމުން ދުރުވާހެން އިރަމް އައިޒަކާއި ދުރަށްޖެހުނެވެ. އޭރުވެސް ދޮރުމަތިން ދުރަށްވެސް ޖެހިނުލައި އައިޒަކް އޭނާ ހުރިތަނުގައި ހުއްޓެވެ. ޖެހިލުންވެ ހުރެ، އިރަމް ކުޑަކޮށް އިސްއުފުލައި އައިޒަކްގެ މޫނަށް ބަލައިލިއެވެ.

********

އައިޒަކް ހުރީ ފޯނު ކަންފަތުގައި ޖައްސާލައިގެންނެވެ. އިރަމް ބަލައިލުމުން ލޮލުގެ އިޝާރާތުން ދޮރުމަތިން ދުރަށްޖެހިލުމަށް އެދުނެވެ. އައިޒަކްގެ އެ އަމަލުގެ ސަބަބުން، އިރަމް ލަދުގަތެވެ. ހަމަ އެއާއި އެއްވަރަށް ދެރަވެސްވިއެވެ. ކުރީގައިނަމަ، އައިޒަކް އެފަދައިން އޭނާ ދުރުކޮށެއް ނުލީހެވެ. ކޮންމެވެސް ގޯނާއެއް ކޮށްލާފައި މެނުވީ އޭނާ އިރަމްއާއި ދުރަށް ނުޖެހޭނެއެވެ. ތަފާތު ވަސްވާސްތަކުން އިރަމްގެ ސިކުނޑި ކިލަނބުކުރަމުން ދިޔައެވެ. އެއީ ކުރީގެ އައިޒަކެއް ނޫނެވެ. އައިޒަކް ބަދަލުވެއްޖެއެވެ. އިރަމްގެ ހިތަށް އުނދަގޫވެގެން އެތަނުން ދާން ހިނގައިގަތެވެ.

"ވަން މިނެޓް..." އިރަމްގެ ކައިރީގައި މަޑުކޮށްލުމަށް އެދިފައި، ފޯނު ކަންފަތުގައި ޖަހައިގެން ހުރެ، އައިޒަކް ހިނގައިގަތީ އިރަމް އާއި ދުރަށެވެ. އިރުކޮޅެއްފަހުން އެނބުރި އައިއިރުވެސް އޭނާ ހުރީ ފޯނެއްގައެވެ.

"ސްޓާފަކު ފޮނުވާލާނަން... އޯކޭ... މާގިނައިރެއް ނުވާނެ..." އައިޒަކް ފޯނު ކަނޑައިލިއެވެ.

އިރަމްގެ އަތުން ފައިލުތައް އަތުލާފައި އައިޒަކް އޭނާގެ އަތުގައި އޮތް ފައިލު އިރަމް އާއި ދިމާއަށް ދިއްކޮށްލިއެވެ.

"ކުރިއަށް އޮތް ދިހަ މިނެޓުތެރޭ ތީގަ އޮތް އެޑްރެހަށް ގޮސް، ފައިނަލްކުރަންޖެހޭ ކަންކަން ނިންމާލާ!... މާކިން ހުންނާނެ، އޭނަ އިރަމްއަށް ހެލްޕްވާނެ..." އަތުކުރީގައި އޮތް ގަޑިއަށް ނަޒަރު ހިންގައިލަމުން އައިޒަކް ބުންޏެވެ. "އެކަން ނިންމާލާފަ އިރަމް ޗުއްޓީއަށް ދާންވީ..."

"ކޮން... ކޮންތާކަށް؟... ކޮންކަމެއް ކުރަންޖެހެ...." އިރަމްގެ ޖުމްލަ ފުރިހަމަނުވަނީސް އައިޒަކް އޭނާގެ ކެބިންއަށް ވަނެވެ.

ފައިލުގެ ބޭރުގައި ފިހާރައެއްގެ ނަން ލިޔެފައި އޮތެވެ. އެތެރޭގައި އޮތް އެއްޗެއް ބަލަމުން އިރަމް އޮފީހުން ބޭރަށް ނުކުތެވެ. ފައިލުގައި އޮތީ، އޮފީހުގެ މުހިއްމު ހަރަކާތެއް ހިންގުމަށް ރާވާފައިވާ ތަނަކާއި އެތަނުގެ ތައްޔާރީތައް ކުރަންޖެހޭގޮތުގެ ތަފުސީލުތަކެކެވެ. ކާރުގައި އިންއިރު، އިރަމް އެ ހުރިހާ އެއްޗެއް ބަލަމުން ދިއެވެ.

ކާރު ގޮސް ހުއްޓައިލީ މާލޭގެ އެންމެ މަޝްހޫރު މާވިއްކާ ފިހާރައިގެ ކުރިމައްޗަށެވެ. އިރަމް ހައިރާންވެގެން، އާދެވުނީ ރަނގަޅު މަންޒިލަށްތޯ ޑްރައިވަރާއި ދެތިންފަހަރަކު ސުވާލު ކުރިއެވެ. އައިޒަކް ބުނިހެން އިރަމްގެ އިންތިޒާރުގައި މާކިން ހުއްޓެވެ. އިރަމްއަށް ދޮރު ހުޅުވާލަދިނީ ވެސް އޭނާއެވެ.

"ވަޑައިގަންނަވާ..." އަތުން އިޝާރާތްކޮށްލަމުން މާކިން ވާހަކަދެއްކީ އެކުވެރި ހިނިތުންވުމެއް ހަދިޔާކޮށްލަމުންނެވެ.

އިރަމް ރަސްމީގޮތަކަށް ހިނގާލާފައި ގޮސް ފިހާރައިގެ ތެރެއަށް ވަނެވެ. ތަނުގައި ހަރަކާތްތެރިވަމުންދިޔަ މުވައްޒަފުންގެ ތެރެއިން ދެމީހަކު ހަލުވި ފިޔަވަޅުތަކެއްގައި އިރަމްގެ ކައިރިއަށް ދިޔައެވެ. އިރަމް ހުރީ އާޝޯހުވެފައެވެ. އެކި ވައްތަރުގެ މާތަކުން ތަނުގައި ހިފާލާފައިވީ މީރު ވަހެކެވެ. އެއީ އެފަދަ ތަނަކަށް އޭނާ ދިޔަ ފުރަތަމަ ފަހަރެވެ. އިރަމް ދުވަހަކު ނުދެކޭ ވައްތަރުގެ މާތައް އެތަނުގައި ހުއްޓެވެ. އޭގެ ތެރެއިންވެސް އޭނާއަށް އެންމެ ރީތިވީ ނޫކުލައިގެ ފިނިފެންމަލެވެ.

"އެންމެ އުނދަގޫ ޓާސްކްދޯ އިރަމްއަށް ޖެހުނީ..." އިރަމްގެ ކައިރީގައި ހުއްޓިލަމުން މާކިން ވާހަކަ ދެއްކިއެވެ. "އެކަމަކު، މަލެއް ޗޫޒްކޮށްލުމަކީ އަންހެންކުއްޖަކަށް އުނދަގޫ ކަމަކަށް ނުވާނެހެން ހީވަނީ..."

"ވަރަށް ރީތި ހުރިހާ މަލެއްވެސް..." އިރަމްއަށް ބޭއިހުތިޔާރުގައި ބުނެވުނެވެ.

"ކޮން ކުލައެއް ޗޫޒްކުރާނީ؟..." މާކިން އަހައިލިއެވެ.

"ސެލެބްރިޓީންގެ އިވެންޓަކާ ބޮޑަށް ގުޅޭނީ ޕީޗް ކަހަލަ ކުލައެއް ކަންނޭނގެ..." އިރަމް ހުރީ ދެފިކުރެއްގައެވެ. "އެކަމް ބްލޫވެސް ވަރަށް ރީތި..."

"އިރަމްއަށް ރީތި ކުލައެއް ސެލެކްޓްކޮށްލާ..." އިރަމް މާ ގިނައިން ނޫކުލައިގެ ފިނިފެންމަލަށް ބަލާކަން ފާހަގަވުމުން މާކިން ބުންޏެވެ.

އައިޒަކް ހަވާލުކުރި މަސައްކަތް ނިންމާ ގެއަށް ދިޔައިރު، އިރަމް ހުރީ ރަނގަޅަށްވެސް ވަރުބަލިވެފައެވެ. އެއްޗެހިވެސް ބަދަލުނުކޮށް އޭނާ އެނދުގައި އޮށޯތެވެ. އިރަމްގެ ސިކުނޑި ވަނީ ވަރުބަލިވެފައެވެ. ކުރަންއުޅޭ ބޮޑު ކަންތަކުގެ ސަބަބުން އޭނާގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. އެނދުގައި ޖައްސާލުމާއިއެކު އިރަމްގެ ދެލޮލަށް ސަވާރުވީ، ނިންޖެވެ.

********

ހުއްޓާނުލައި ގޭގެ ބެލްއަޅާ އަޑު އިވުމުން އައިޒަކްގެ ބޮލަށް އުނދަގޫވިއެވެ. ދޮރު ނުހުޅުވަން އުޅެފައިވެސް އޭނާ އެންމެފަހުން ގޮސް ދޮރު ހުޅުވީ، އިތުރު ގޮތެއް ނެތުމުންނެވެ.

"އަހަރެން ވަދެފާނެތީ ކޯޑުވެސް ބަދަލުކުރީދޯ..." ގޭތެރެއަށް ވަންނަމުން ވިޝްކާ ބުންޏެވެ. ގޭގެ ވަށައިގެން ނަޒަރު ހިންގައިލުމުން ވިޝްކާގެ ރުޅި އިތުރަށް ގަދަވިއެވެ.

"ވިޝްކާ ކިހިނެއްތަ ތިއުޅެނީ؟..." އައިޒަކް އަހައިލީ ޝަކުވާގެ ރާގަކަށެވެ.

"އަހަރެންތަ ގޮތަކަށް މިއުޅެނީ؟..." ވިޝްކާ ހަށަމް ބަނދެލިއެވެ. "ތި ސުވާލު ކުރަންޖެހޭނީ އަހަރެން ކަންނޭނގެ... ގެއަށް ބަލާލީމަވެސް އެކަން އެބަ ފެނެޔޭ..."

"ވިޝްކާ ބޭނުންވެގެން ތިއުޅޭ ކަންތައް އަހަންނަކަށް ކޮށެއް ނުދެވޭނެ..." އައިޒަކް ބުންޏެވެ.

"ކީއްވެ؟... އޭނަގެ ސަބަބުންތަ؟..." ވިޝްކާ އަހައިލިއެވެ.

"ވިޝްކާ ތީ އަހަރެންގެ ކޮއްކޮއެއް..." އައިޒަކް ބުންޏެވެ.

"އެކަމަކު އަހަރެން ގަބޫލެއް ނުކުރަމޭ ތީ އަހަރެންގެ ބޭބެއެއް ކަމަކަށް... ބުނެބަލަ އެއްވެސް ގޮތެއް، އަހަރެމެން ދެމީހުންގެ ކައިވެނި ސައްހަނުވާނެ..." ވިޝްކާ ހުރީ ދޫކުރާގޮތަކަށް ނޫނެވެ.

"ބުނެފީމެއްނު އަހަންނަށް ވިޝްކާއާ ދޭތެރޭ އެހެންކަހަލަ ނަޒަރަކުން ނުދެކެވޭނެއޭ... ލޭގެ ގުޅުމެއް ނެތަސް، ވިޝްކާ ތި ބޭނުންވާ ކަހަލަ ގުޅުމެއް އަހަރެމެން ދެމީހުންގެ ދެމެދުގަ ނުއުފޭއްދޭނެ..." އަޑަށް ބާރުލަމުން އައިޒަކް ބުންޏެވެ.

"އޯކޭ އެހެންވިއްޔާ... ޒެކް ބަލަން ހުންނާތި ދެން ކަންތައް ވާގޮތް..." ވިޝްކާ ރުޅި އައިސްގެން ނުކުމެގެން ދިޔައީއެވެ.

*********

އިރަމްއަށް ހޭލެވުނުއިރު، ކައިރީގައި ޝާލިން އޮތްތަން ފެނުމުން، ފުންމައިގެން ތެދުވިއެވެ. ޝާލިން އޮތީ ފޯނާއި ކުޅޭށެވެ.

"ކަމަނާ މެރީކުރަންދެން އަޅުގަނޑު މިއައީ ހިދުމަތުގަ ހުންނަން..." ޝާލިން މަޖާ ރާގަކަށް ބުންޏެވެ.

"ކުއްލިއަކަށް ކިހިނެއްވީ؟..." ބާލީހަކުން ޝާލިންގެ ގައިގައި ޖަހަމުން އިރަމް އަހައިލިއެވެ.

"ކަމެއް ވެއްޖެތަ؟..." އިރަމްގެ އަތުން ބާލީސް އަތުލަމުން ޝާލިން ބުންޏެވެ.

"އިއްޔެއާ ޖެހެންދެންވެސް ކައިވެންޏާ ދެކޮޅުހަދާފަ ކުއްލިއަކަށް ހިޔާލު ބަދަލުވީހެން ހީވީމަ..." އިރަމް ބާލީހުގައި އޮށޯވެލިއެވެ.

"އިރޫ ބޭނުންވާ ކަމެއް ކުރަން އަހަރެން އެއްބާރުލުންނުދީ އެބައޮތްތަ؟..." އިރަމްގެ މޫނަށް ބަލައިލަމުން ޝާލިން ބުންޏެވެ. "ކޮންމެ ކަމަކާ ދެކޮޅުހެދިޔަސް، ފަހުގަޑީ އިރޫ ބޭނުންވާ ގޮތަކަށް ކަންތައް ކޮށްދެމެއްނު..."

"މައި ވަން އެންޑް އޮންލީ ބެސްޓީ..." އިރަމް ޝާލިންގެ ގައިގައި ބައްދައިލިއެވެ.

"ހޫމްމް... ދެން ހެވޭ ގޯނި ފުލަށް ނުލިޔަސް..." ޝާލިން އަވަހަށް ތެދުވިއެވެ. "އިރޫ މެރީކުރަންދެން އަހަރެން އިރޫ ބުނާ ކޮންމެ ކަމެއް ކޮށްދޭނަން... އެކަމަކު އޭގެ ކުރިން އަހަރެން ބުނާ ކަމެއް ކުރަންވާނެ..."

"ކޮން ކަމެއް؟..." އިރަމް ޝައުޤުވެރިވެފައި އަހައިލިއެވެ.

"އިރޫގެ ފޮއްޓަށް އެއްޗެހި އަޅާނީ އަހަރެން..." ޝާލިން ބުންޏެވެ.

"ނޫން ނޫން..." އިރަމް ދެކޮޅު ހެދިއެވެ. "ތިއުޅެނީ ލަނޑެއް ދޭން..."

"އޯކޭ އެހެންވިއްޔާ ޑީލް ކެންސަލް... ވިސްނާލާ ބާކީ އޮތް ސައުވީސް ގަޑިއިރުތެރޭ ނޯކަރެއްގެ އެހީ ކެންސަލްވީމަ ވާނެގޮތް..." ޝާލިން ވާހަކަ ދެއްކީ އިރަމްގެ ވިސްނުމާއި ކުޅެލެވޭނެހައި މައުސޫމުކޮށެވެ.

"އޯކޭ އޯކޭ... އެއްބަސް... އެކަމް އަހަރެން ބުނާ ކޮންމެ ކަމެއް ކުރަންޖެހޭނެ..." އިރަމް އެދުނެވެ.

ޝާލިން ބޯ ޖަހައިލިއެވެ. އިރަމްއަށް ނޭނގޭނޭހެން ޝާލިން އޭނާގެ ފޯނު ނަގައި ކޮންމެވެސް މީހަކަށް މެސެޖެއް ފޮނުވައިލިއެވެ.

އައު ދުވަހަކަށް އެރި އިރާއިއެކު އިރަމް އާއި ޝާލިން ތިބީ ފެރީ ގިމަތައިގައެވެ. ވިލިގިއްޔަށް ދަތުރުކުރަމުންދިޔަ ދޯނީގައި މީހުން މަދެވެ. އިރަމް އާއި ޝާލިން އެކި ސަކަރާތުގައި ތިބިއިރު، އެ ދެމީހުންގެ ހަރަކާތްތަކަށް ބަލަން އިން ޒުވާނާގެ ތުންފަތުގައި ވީ ލުއި ހިނިތުންވުމެކެވެ. އިރަމްމެން ފެރީއިން ފައިބައިގެން ހިނގަމުން ދިޔައިރު އެ ޒުވާނާވެސް އިރަމްމެންގެ ފަހަތުން ހިނގަމުން ދިޔައެވެ. ޒުވާނާގެ ފޯނު ރިންގްވާން ފެށުމުން، ވަކި ހިސާބަކުން މިސްރާބު ބަދަލުކޮށްލިއެވެ.

"ލައްބަ ބައްޕާ... ގަޑިއަށް ދާނަން..." ޒުވާނާ ފޯނު ބޭއްވިއެވެ.

********

އިރަމް އާއި ޝާލިންގެ މަޖާ ދުވަސް ޚަރާބުވީ ރަހުމާގެ ފޯނުކޯލުގެ ސަބަބުންނެވެ. ކައިވެނީގެ ދުވަހުގައި އިރަމް ރަށުން ބޭރަށް ދިޔަކަން އެނގުމުން ރަހުމާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ވަގުތުން މާލެ އައުމަށް އެނގިއެވެ.

"ވަރެއްގެ މީހެކޭ..." ފެރީގައި އިންއިރުވެސް ޝާލިން އިނީ ކުދި ކިޔާލަކިޔާލައެވެ. "މީހަކާ އިނަސް އިރޫއަށް ނޯންނާނެ ސަލާމަތެއް..."

އިރަމްވެސް އިނީ ހިމޭންވެފައެވެ. ކައިވެނީގެ ކުރިން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކުރި ދަތުރުވެސް ހަރާބުވުމުންނެވެ. އިރަމް އޭނާގެ މަންމަގެ ގެއަށް ދިޔައީ ޝާލިން ގޮވައިގެންނެވެ. އިރަމް ދިޔައިރު، އެއްޗެހިތަކެއް އުފުލުމުގައި ރަހުމާ އަވަދިނެތި އުޅުނެވެ. ގޭތެރޭގައި ބޭނުންކުރާ ސާމާނުގެ އިތުރުން، ޓީވީ އާއި ކުދިކުދި ފަރުނީޗަރުފަދަ ތަކެތި އެތަނުގައި ހުއްޓެވެ. އިރަމް ފެނުމުން ރަހުމާ އެންގީ ކޮޓަރިއަށް ދިޔުމަށެވެ. އިރަމް ކޮޓަރިއަށް ވަންއިރު، އޭނާގެ ކޮއްކޮ އައިނީ ހުރީ ކައިވެނީގެ ހެދުމެއް ލައިގެންނެވެ. އިރަމް ފެނުމުން އަވަހަށް ބާލާފައި، ހެދުން އިރަމް އާއި ދިމާއަށް ދިއްކޮށްލިއެވެ.

"ޅިޔަންބެ ހުރިހާ އެއްޗެއް ފޮނުވާފަ ހުރީ... ބަލާބަލަ.. މޭކަޕްސެޓްވެސް... ވަރަށް އަގުބޮޑު ބްރޭންޑެއް މީ... ޕާޓީ ނިމުނީމަ މި އެއްޗެހި އިނީއަށް ދޭނަންދޯ... ޕްލީޒް..." އައިނީ ހުރީ އެއްޗެހިތައް ފެނުމުން ދެލޯ ބޮޑުވެފައެވެ.

އިރަމް ބޯޖަހައިލިއެވެ. ކޮއްކޮގެ އުފާވެރިކަމުން އިރަމްގެ ނުތަނަވަސްވެފައިވާ ހިތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ. ޝާލިން އަންގާ ގޮތަކަށް އިރަމް ހުރިހާ ކަމެއް ކުރަމުން ދިޔައެވެ. ކައިވެނީގެ ވަގުތުގެ އެތައް ގަޑިއިރެއް ކުރިން ފެންވަރައިގެން ތައްޔާރުވާން ފެށިއެވެ. ބޭރުގައި އުޅެފައި އައިސް ދޮރު ހުޅުވައިލި އައިނީ، ދުވެލާފައި ކަހަލަ ގޮތަކަށް އިރަމްގެ ކައިރިއަށް ދިޔައެވެ.

"ދޮންތާ... ރީފް ކަލެކްޝަން އައިއްސި..." އައިނީ ފުންމަފުންމާފައި ވާހަކަދެއްކިއެވެ. "އޯމައިގޯޑް އަދި އިނީއަށް އަލަށް އޭނަ މި ފެނުނީ..."

"މިހާރު ފަރުތައްވެސް ދެފައި ދިގުވެގެން ތަންތަނަށް ދުވަން ފެށީތަ؟..." އިރަމް ސަމާސާކޮށްލިއެވެ. "ދުވަސްކޮޅަކުން މިތާ އުޅޭނީ ރީފް ފިޝް ކަންނޭނގެ..."

"ދޮންތާ! ދެން... ރީފް ކަލެކްޝަންވެސް ނޭނގޭތަ؟..." އައިނީ އަހައިލީ އަކުރުތަކަށް ދަމައިލަމުންނެވެ. "ރާއްޖޭގެ އެންމެ މަޝްހޫރު މޭކަޕް އާޓިސްޓްގެ ކޮމްޕެނީއޭ އެއީ... ރިފޫ އޭނައަށް ކިޔާނީ..."

"ކީއްކުރަން އޭނަ އައީ؟..." ވާންއުޅޭގޮތް އެނގުމުން އިރަމް ހާސްވެފައި އަހައިލިއެވެ.

އެ ކައިވެނިން އިރަމްގެ ހިތަށް އުފާވެރިކަމެއް ނުލިބޭއިރު، ބޭރުފުށުގެ ރީތިކަމަކަށް އިސްކަމެއްދިނުމުގެ މާނައެއް އޭނާއަކަށް ނުވިސްނުނެވެ.

"ދޮންތަގެ މޭކަޕްކުރާކަށްނު..." އައިނީ ދެފަރާތަށް ބޯ ހޫރައިލިއެވެ. "އުފާވެބަލަ... މާގިނަ މީހުންނަށް ލިބޭނެ ފުރުސަތެއް ނޫނޭ މީ..."

"ދޮންތަ ބޭނުމެއް ނޫން މޭކަޕް..." އިރަމްގެ ޖުމްލަ ފުރިހަމަނުވަނީސް އައިނީ ނުކުތެވެ. ކުޑައިރުކޮޅެއްފަހުން އޭނާ އައީ އަންހެނަކު ގޮވައިގެންނެވެ.

*******

އިރަމް ތައްޔާރުވެލައިގެން ޝާލިން އާއިއެކު ބްލޫ ލައިޓް ގެއިން ނުކުތެވެ. ހުއްޓުމެއްނެތި އިވެމުންދިޔަ ޝާލިންގެ ތައުރީފުގެ ބަސްތަކުން އޭނާ އުފަލެއް ނުވިއެވެ. އިރަމްގެ އިންތިޒާރުގައި އިކްރާމްގެ އިތުރުން އޭނާގެ އަންހެނުންނާއި ރިޝްވާން، ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިނިތުންވުމެވެ. އިރަމް އާއި ޝާލިން ފިޔަވައެވެ. ރިޝްވާންއަށް އިރަމްގެ ހިތް ފެނުނު ކަހަލައެވެ. އިރަމްގެ ކައިރިއަށް ޖެހިލާފައި ސުވާލުތައް ކުރަން ފެށިއެވެ.

"މަންމަ މަޖުބޫރުކުރީތަ؟..." ރިޝްވާން އަހައިލިއެވެ.

އިރަމް ބޯ ހޫރައިލިއެވެ.

"ޔަގީން؟..." ރިޝްވާން އަނެއްކާވެސް ސުވާލުކުރިއެވެ.

"ކީއްކުރަން ދޮގު ހަދަންވީ؟..." ހިތާމަތައް ފޮރުވަން މަސައްކަތް ކުރަމުން އިރަމް ގަދަކަމުން ހިނިތުންވެލިއެވެ.

ރިޝްވާނަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ. ކާރާއި ހަމައަށް ދެވުމުން އޭނާ އިރަމްއަށް ކާރުގެ ދޮރު ހުޅުވާލަދިނެވެ.

********

ކައިވެނީގެ ހަފްލާ އޮތް ތަނަށް ވަނުމުގެ ކުރިން ޝާލިން އިރަމްގެ ލޯމަތީގައި ފޮތިކޮޅެއް އައްސައިލިއެވެ. އޭނާ އެތެރެއަށް ވަދެގެން ދިޔައީ، އިރަމްގެ އަތުގައި ހިފާލައިގެން ހުރެއެވެ. މަންޒިލަށް ހުއްޓިލުމަށްފަހު، އިރަމްގެ ލޯމަތީގައި އައްސާފައިވާ ފޮތިކޮޅު ނައްޓުވައިލަން އެހީތެރިވީވެސް ޝާލިންއެވެ. ތެޅެމުންދިޔަ ހިތް ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން އިރަމް ދެލޯ ހުޅުވައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު