އަދަދުތައް މައްޗަށް، މިއަދު ވެސް 454 މީހަކު ޕޮޒިޓިވް

ޕީސީއާރު ހަދަން ސާމްޕަލް ސެންޓަރު ކައިރީގައި ކިޔު ދަމަލައިލައިފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ނެގި 4،197 ސާމްޕަލްގެ ތެރެއިން 454 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި މާލެއިން 192 މީހުން ޕޮޒިޓިވް ވެފައިވާއިރު އަތޮޅުތެރޭގެ ރަށްރަށުން 165 މީހުން ޕޮޒިޓިވްވިއެވެ.

ރިސޯޓުތަކުން މިއަދު އަލަށް ޕޮޒިޓިވްވީ 74 މީހެކެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 98،506އަށް އަރާފައެވެ.

މި ބަލި ޖެހިފައިވާ 3،825 މީހަކު މިވަގުތު ރާއްޖޭގައި ތިބިއިރު، އޭގެ ތެރެއިން 21 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއިން ޓެސްޓްކުރި ސާމްޕަލްގެ އަދަދަކީ 1984އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދާ ހަމައަށް ބަލި މުޅިން ފަސޭހަވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 94،404އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 264 މީހުން ވަނީ މަރުވެފައެވެ.

ފަހަކަށް އައިސް މާލެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. ކޮންމެ ދުވަހަކު ވެސް 100އަށްވުރެ ގިނަ މީހުން މާލެއިން މިފަހަކަށް އައިސް ޕޮޒިޓިވްވެއެވެ.

comment ކޮމެންޓް