ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާޅުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން ---

ށ. ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ ފަޅު ރަށެއް ކަމަށްވާ މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އެމްޓީސީސީއާާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް އަންވަރު އަލީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

އެމްޓީސީސީއާއި 730 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 249.9 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއު ނިމޭއިރު 16.7 ހެކްޓަރު ބިން މަތިކޮމަންޑޫގައި ހިއްކައި، 1،520 މީޓަރުގެ ބޮޑު ހިލައިގެ ތޮޓެއްލައި، ޖުމްލަ 353 މީޓަރުގެ ބޮޑު ހިލައިގެ ފައިކަށި ލުމުގެ އިތުރުން 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމްކުރާނެއެވެ.

މި މަޝްރޫގެ ދަށުން މި ދެރަށް ގުޅާލުމަށް 200 މީޓަރުގެ ބްރިޖެއްވެސް ވަނީ އަޅަން ނިންމާފައެވެ. މީގެ އިތުރުން ކޮމަންޑުގައި 1،690 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ބޯމަތި ވެފައިވާ ދަނޑިވަޅުގައި ސަރުކާރުން ކުއްލިއަކަށް މި މަޝްރޫއު އިއުލާން ކުރުމުން އިދިކޮޅު ގިނަ ސިޔާސީ ޕާޓީތަކުން އަންނަނީ ފާޑު ކިޔަމުންނެވެ.

ނަމަވެސް ރައީސް ސޯލިހު ވިދާޅުވީ އެ މަޝްރޫއަކީ ކެމްޕެއިނާ ދިމާކޮށް ކުރާ ކަމެއް ކަމަށް ބުންޏަސް ސަރުކާރުން އެކަން ކުރާނެ ކަމަށެވެ.

comment ކޮމެންޓް