ސަލްމާން މިސްކިތަށް ކައުންޓާ ޓެރެރިޒަމް ސެންޓަރު ބަދަލު ނުކުރުމަށް ގޮވައިލައިފި

މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ނާއިލް ހުސައިން

ސަލްމާން މިސްކިތުގައި ކީރިތި ގުރުއާނާއިބެހޭ މަރުކަޒަށް ހާއްސަ ކޮށްފައިވާ ޖާގައަށް ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު (އެންސީޓީސީ) ބަދަލު ނުކުރަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ސަލްމާން މިސްކިތުގައި ގުރުއާނާބެހޭ މަޒުކަޒަށް ހާއްސަ ކުރި ފަންގިފާއަށް ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު ބަދަލު ކުރަން އުޅޭ ކަމުގެ ރަސްމީ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ސަލްމާން މިސްކިތް އިމާރާތްކުރި އިރުގައި ވެސް ކީރިތި ގުރުއާނާބެހޭ މަރުކަޒަށް ހާއްސަ ކޮށްފައިވާ ވަރަށް ޖާގަ ތަނަވަސް ފްލޯއެއް އެ ތަނުގައި ހުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކީރިތި ގުރުއާނާބެހޭ މަރުކަޒު ތެރެއަށް ވަދެ، ތަނުގެ ހާލަތު ބެލި މުސްލިމަކު ވިއްޔާ ދެލޮލުން ކަރުނަ އަޅައި ރޯނެ ކަމަށެވެ.

"ގުރުއާނާބެހޭ މަރުކަޒު މިހާރު ހުރީ ވަރަށް ހާލު ދެރަކޮށް. އިމާރާތް ހުރީ ބޮލަށް ވެއްޓޭ ހިސާބުގަ. އެތަނަށް ވަންނަ ކޮންމެ މީހަކު ކަރުނަ އަޅާ ރޯނެ. އެހާ ހާލު ދަށްކޮށް ހުރި ތަނެއް އެއީ،" މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ ގުރުއާނާބެހޭ މަރުކަޒު ބަދަލު ކުރަން އެންމެ އައުލާކަން ބޮޑީ އެ މިސްކިތަށް. އެތަނުގައި އެކަމަށް ވަރަށް ޖާގަ ތަނަވަސް ފްލޯއެއް ވެސް ކަނޑައަޅާފަ އޮންނާނެ،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސަލްމާން މިސްކިތުގެ ތެރެއަށް ކައުންޓާ ޓެރެރިޒަމް ސެންޓަރު ބަދަލު ކުރަން އުޅެނީ ވަރަށް ނުބައި މަގުސަދެއްގައި ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އަދި ވިދާޅުވީ އެއީ ތެދު ހަގީގަތެއް ނަމަ ސަރުކާރުން އެކަން ސާފު ކޮށްދޭން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސަލްމާން މިސްކިތުގެ ތެރެއަށް ކައުންޓާ ޓެރެރިޒަމް ސެންޓަރު، ބަދަލު ކޮށްފި ނަމަ އިސްލާމީ ތައުލީމާއި އަދި އިސްލާމީ ހަލޯރަތާ ނުގުޅޭ އެތައް ކަމެއް އެތަނުގައި ހިންގާނެ ކަމަށެވެ.

"ޓެރެރިޒަމް ސެންޓަރު އެތަނަށް ބަދަލުކުރީމަ އެތަނަށް އަންނާނެ އިސްލާމީ ތައުލީމާ، އިސްލާމީ ހަލޯރަތާ، އިސްލާމް ދީނާ މުޅިން ނުގުޅޭ ކަންތައްތަކެއް. އިސްލާމީ ބިނާއެއްގެ ތެރޭގައި ހިނގަން ނުޖެހޭ އެކި ކަހަލަ މަސައްކަތްތައް އެތަނުގައި ހިނގާނެ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ތުހުމަތާ ބެހޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު، "ސަން"އަށް ވިދާޅުވީ ސަލްމާން މިސްކިތަށް ކައުންޓާ ޓެރެރިޒަމް ސެންޓަރު ބަދަލު ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަލްމާން މިސްކިތް ހުންނާނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެހެންކަމުން މިނިސްޓްރީގެ ހުއްދައެއް ނުލިބި އެތަނަށް އެއްވެސް ބަޔަކު ނުގެންދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މިނިސްޓްރީގެ ވިސްނުމަކީ ސަލްމާން މިސްކިތް ހުޅުވުމަށްފަހު، ގުރުއާނާބެހޭ މަރުކަޒު އެތަނަށް ބަދަލު ކުރުން ކަމަށެވެ.

"އެތަނަށް، ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު ސަލްމާން މިސްކިތަށް ބަދަލު ކުރަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް. ނަމަވެސް އެތަން ހުޅުވިގެންދާއިރު ގުރުއާނާބެހޭ މަރުކަޒު އެތަނަށް ބަދަލު ކުރުމުގެ ވިސްނުމެއް އަޅުގަނޑުމެން އެބަ ގެންގުޅެން،" މިނިސްޓަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިމާރާތްކުރަން ފެށި ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް މި ސަރުކާރުން މަސައްކަތްކުރި ނަމަވެސް އެކި ސަބަބުތަކާ ހެދި މިސްކިތް ހުޅުވޭ ގޮތް ވަނީ ނުވެފައެވެެ.

comment ކޮމެންޓް