ކޮވިޑް ފިޔަވަޅުތައް ހަރުކަށި ކުރިނަމަވެސް ކޮމަންޑޫ ބައި-އިލެކްޝަން އޮންނާނެ: ފުއާދު

އޭޕްރީލް 19، 2021: އިލެކްޝަން ކިމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަޅައިފައި އޮތް ފިޔަވަޅުތައް ހަރުކަށި ކުރިނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އިލެކްޝަން ރާވައިފައިވާ ގޮތަށް ކުރިއަށް ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ފުއާދު ރޭ ވިދާޅުވީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވަނީ ބައި-އިލެކްޝަނާއި އަންހެނުން ކޮމިޓީގެ އިންތިހާބުތައް ކުރިއަށް ދާނީ އެޗްޕީއޭގެ ގައިޑްލައިންތަކުގައިވާ ގޮތުގައި މަތީން ކަމަށެވެ.

ފުއާދު ވިދާޅުވީ އެޗްޕީއޭއިން ގައިޑްލައިންތަކަށް ގެންނަމުން އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ އެޗްޕީއޭއިން ބަދަލެއް ގެނައި ނަމަވެސް އެ ބަދަލަކާއެކު އިންތިހާބު ބޭއްވޭނެ ގޮތަށް ކަމަށެވެ.

"އަބަދުވެސް މި އަންނަ ބަދަލުތަކާ، ރާއްޖެއަށް ވެސް އަދި އަވައްޓެރި ގައުމުތަކަށް ވެސް އަދި އެހެން ގޮތް ގޮތުން ވެސް އަންނަ ހުރިހާ ބަދަލުތަކާއި އެޗްޕީއޭއިން ނެރުއްވާ ގަވައިދުތަކާ މި ހުރިހާ އެއްޗިއްސަށް ވެސް އަޅުގަނޑުމެން ހަމަ ކަނުލާ އަޑު އަހަމުން މި ގެންދަނީ،" ފުއާދު ވިދާޅުވިއެވެ.

އެހެންކަމުން އެޗްޕީއޭއިން އަޅައިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރިނަމަވެސް އިންތިހާބަށް އަސަރެއް ނުކުރާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

"ބައި އިލެކްޝަންސްތައް އަޅުގަނޑުމެން ކަނޑައަޅައިފައިވާ ގޮތަށް 5 ފެބްރުއަރީގައި އަޅުގަނޑުމެން ކަނޑައަޅައިފައިވާ ގޮތުގެ މަތީން ދާނެ ކުރިއަށް، އަދި އިތުރު ހަރުކަށި ގަވައިދުތަކެއް އަޔަސް ވެސް ހަމަ އެ ގަވައިދު ތަކަކާ އެކީގަ އަޅުގަނޑުމެންނަށް އިރާދަކުރެއްްވިއްޔާ ކުރިއަށް ގެންދެވޭނެ" ފުއާދު ވިދާޅުވިއެވެ.

މީގެ އިތުރުން ފުއާދު ވިދާޅުވީ ވޯޓުލާ މަރުކަޒު ސަރަހައްދުގައި ކަންކަން ކުރިއަށް ދާނީ ވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވާ ގޮތުގެ މަތީން ކަމަށެވެ. އެގޮތުން ކިޔުގައި ތިބެން ޖެހޭނީ ތިން ފޫޓު ދުރުމިނުގައި ކަމަށާއި ވޯޓުލާ މަރުކަޒަށް ވަނުމުގެ ކުރިން ސެނިޓައިޒް ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ހަމައެހެންމެ މަރުކަޒަށް ވަދެވޭނީ ރަނގަޅަށް މާސްކު އަޅައިގެން ކަމަށާއި މާސްކު ނާޅާ ނަމަ އަނބުރާ ފޮނުވާލެވޭނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލުކުރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.

comment ކޮމެންޓް