ބިދޭސީއަކަށް ދިވެހި ބަހުން ގާނޫނީ އިންޒާރު ދިނުމުން ބޮޑު އަދަބަކުން ސަލާމަތްވެއްޖެ

ކްރިމިނަލް ކޯޓު: ރާއްޖެ: ބިދޭސީއަކަށް ދިވެހި ބަހުން ގާނޫނީ އިންޒާރު ދިނުމުން ބޮޑު މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައަކުން ސަލާމަތްވެއްޖެ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ބަންގުލަދޭޝްއިން ރާއްޖެ އައި ބިދޭސީއެއްގެ ދަބަހުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އާރިފްގެ މައްޗަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ދައުވާ އުފުލާފައިވަނީ, 2018 ވަނަ އަހަރުގެ ޖޫން މަހު އޭނާ ރާއްޖެ އައި އިރު އޭނާ ގެނައި ދަބަހެއްގެ ތެރެއިން 1.7 ކިލޯގެ ކެނަބިސް ފެނިފައިވާތީއެވެ.

މަސްތުވާތަކެތި ފޮރުވާފައި ހުރީ ބެޑްޝީޓެއްގެ ތެރޭގައެވެ.

އެ ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. އެކަން ސާބިތުކުރުމަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފައެވެ.

އެގޮތުން އެއާޕޯޓުން އޭނާއާ އޭރު ސުވާލު ކުރުމުން އެ ދަބަހަކީ އޭނާ ގެނައި ދަބަހެއް ކަމަށް ބުނެފައިވާ ކަމަށް ބުނެ ކަސްޓަމްސްގައި އޭރު މަސައްކަތް ކުރި މީހަކު ވަނީ ހެކިބަސްދީފައެވެ. ނަމަވެސް އެ ދަބަހަކީ އޭނާގެ އަމިއްލަ އެއްޗެއް ނޫން ކަމަށާއި އެއީ އޭނާގެ ތިމާގެ މީހެއް ހަވާލު ކުރި ދަބަހެއް ކަމަށް އާރިފް ވަނީ ބުނެފައެވެ. އެ ދަބަހުން އާރިފްއާ ގުޅުންހުރި އެއްވެސް ޑޮކިއުމަންޓެއް ފެނިފައި ނުވާ ކަމަށް ވެސް ހެކިބަސް ދިން މީހާ ވަނީ ބުނެފައެވެ.

އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި ފުލުހުންގެ ފަރާތުން ގާނޫނީ އިންޒާރު ދީފައިވަނީ ދިވެހި ބަހުން ކަމަށް ފުލުހުންގެ ފަރާތުން ހެކިބަސް ދިން އޮފިސަރު ވިދާޅުވިއެވެ. ނަމަވެސް ދައުވާ ލިބޭ އާރިފްއަށް ދިވެހިބަސް އަދި އިނގިރޭސި ބަސް ވެސް ނޭނގޭ ކަމަށް ފުލުސް އޮފިސަރު ވިދާޅުވިއެވެ. އެހެންކަމުން އިޝާރާތުން ގާނޫނީ އިންޒާރުގައިވާ ކަންކަން ބުނެދޭން މަސައްކަތްކޮށްފައިވާ ކަމަށް ހެކިބަސްދެމުން އޭނާ ވިދާޅުވިއެވެ.

އެކަމަށް ރިއާޔަތްކޮށް ޝަރީއަތުން ބުނެފައިވަނީ, ކޮންމެވެސް ބަހަކުން އަދި ކޮންމެވެސް ގޮތަކަށް ގާނޫނީ އިންޒާރު ދިނުމުން ފުދޭނަމަ ހައްޔަރުކުރާ މީހާއަށް ގާނޫނީ އިންޒާރުގައިވާ އެއްޗެއް ކޮންމެހެން އެނގުން އަދި ފަހުމްވުން މުހިއްމެއް ނުވާނެ ކަމަށެވެ.

"ޝަރީއަތުން ގަބޫލުކުރާ ގޮތުގައި ގާނޫނީ އިންޒާރު ދިންކަމަށް ވާނީ ހައްޔަރުކުރެވޭ މީހާއަށް ދޭހަވާ ފަދަ ބަހަކުން ގާނޫނީ އިންޒާރުގައި ހިމެނޭ ހައްގުތައް އަދި ފުރުސަތުތައް ހައްޔަރުކުރެވޭ ފަރާތަކަށް އެނގޭގޮތަށް ގާނޫނީ އިންޒާރު ދިނުމުންނެވެ," މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވެއެވެ.

އެ މައްސަލައިގައި ފުލުހުން ގާނޫނީ އިންޒާރު ދިނުމުގައި އަމަލުކޮށްފައިވަނީ ސައްހަ އިޖުރާއަތުތަކަށް ކަމެއް ނުބެލެވޭ ކަމަށް ވަނީ ބުނެފައެވެ. އަދި ދައުވާލިބޭ މީހާގެ ފަރާތުން ހޯދާފައިވާ މައުލޫމަތުތައް ސައްހަ ނޫން ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ދައުލަތުން އާރިފްގެ މައްޗަށް އުފުލި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި ގާޒި އާދަމް މުހައްމަދު ވަނީ ހުކުމްކޮށްފައެވެ.

comment ކޮމެންޓް