އަލަށް ރަޖިސްޓްރީ ކުރާ ވިޔަފާރިތައް ގިންތިކުރަން ޖެހޭ ގޮތަށް ހަދައިފި

ފިހާރައަކުން ތަކެތި ގަނެގެން ބަޔަކު ނުކުންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލަފާކުރާ އާމްދަނީގެ މައްޗަށް ބިނާކޮށް އަލަށް ރަޖިސްޓްރީކުރާ ވިޔަފާރިތައް ގިންތިކުރަން ޖެހޭޭ ގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސްއެމްއީ)ތައް ގިންތިކުރަންޖެހޭ ގޮތުގެ ގަވާއިދު އިކޮނޮމިކް މިނިސްޓްރީން މިއަދު އާއްމުކޮށްފިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނު ބުނާ ގޮތުގައި ވިޔަފާރި ބެހިގެންވަނީ ތިން ގިންތިއަކަަށެވެ. އެއީ އެންމެ ކުދި ވިޔަފާރި، ކުދި ވިޔަފާރި އަދި މެދު ފަންތީގެ ވިޔަފާރިއެވެ.

މިއަދު ނެރެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިކުރުމުގެ ގަވާއިދުގައި ވާ ގޮތުން ވަކި ގިންތިއަކަށް ވިޔަފާރިއެއް ކަނޑައެޅުމުގައި ބަލާ ކަންތައްތަކެއް ވެއެވެ. އެ ކަންކަމަކީ އެ ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދާއި އަހަރަކަށް ލިބޭ އާމްދަނީގެ އަދަދާއި އަހަރަކަށް ލިިބޭ ސާފު ފައިދާގެ އަދަދެވެ.

އެންމެ ކުދި ވިޔަފާރި ގިންތިކުރާ މިންގަނޑު

މުވައްޒަފުންގެ އަދަދު - 5-0
ޓޯޓަލް ރެވެނިޔު - 500،000 ރުފިޔާ
ނެޓް ޕްރޮފިޓް - 75،000 ރުފިޔާ

ކުދި ވިޔަފާރި ގިންތިކުރާ މިންގަނޑު

މުވައްޒަފުންގެ އަދަދު - 30-6
ޓޯޓަލް ރެވެނިޔު - 500،000 ރުފިޔާ - 5،000،000 ރުފިޔާ
ނެޓް ޕްރޮފިޓް - 75،000 ރުފިޔާ - 750،000 ރުފިޔާ

މެދު ވިޔަފާރި ގިންތިކުރާ މިންގަނޑު

މުވައްޒަފުންގެ އަދަދު - 100-31
ޓޯޓަލް ރެވެނިޔު - 5،000،000 ރުފިޔާ - 20،000،000 ރުފިޔާ
ނެޓް ޕްރޮފިޓް - 750،000 ރުފިޔާ - 3،000،000 ރުފިޔާ

ވިޔަފާރިތައް ގިންތިކުރަން ބޭނުންކުރާ ތިން މިންގަނޑުން ކުރެ މިންގަނޑަކަށް ނުފެތޭ ވިޔަފާރިތައް ގިންތިކުރަން ބޭނުންކުރަނީ އެސްއެމްއީ ފޯމިއުލާއެވެ.

ވިޔަފާރި ގިންތިކުރުމަށް އެދި ހުށަހަޅަން ބޭނުންނަމަ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހެޅޭނެއެވެ.

ގިންތި ބަދަލުކުރަން ވިޔަފާރިއަކުން އަމިއްލައަށް ހުށަނޭޅި ނަމަވެސް، ދައުލަތުގެ ޓެކްސް އިދާރާ މީރާއާއި، ޕެންޝަން އޮފީހާއި، އިކޮނޮމިކް މިނިސްޓްރީގައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ވިޔަފާރީގެ ގިންތި މުރާޖާކުރަން ގަވާއިދު ތަންދެއެވެ. މި މައުލޫމާތުތަކުގެ އަލީގައި ކޮންމެ އަހަރެއްގެ އޮގަސްޓުގެ ނިޔަލަށް ވިޔަފާރިތަކުގެ ގިންތި އިކޮނޮމިކް މިނިސްޓްރީން މުރާޖާކުރަން ޖެހެއެވެ.

ކޮންމެ ވިޔަފާރިއެއް ވެސް ގިންތިކުރުމާއެކު، މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ދޫކުރާ ޕްރޮފައިލް ޝީޓުގައި، އެ ކުންފުންޏެއްގެ ގިންތި ހިމަނަންވާނެކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ކޮބައިކަން އެނގޭނެ ގޮތަށް، ގިންތިކޮށްފައިވާ ކުންފުނިތަކާއި ގިންތިކޮށްފައި ނުވާ ވިޔަފާރިތަކުގެ މައުލޫމާތު، މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ޝާއިއުކުރަން ވާނެކަމަށް ވެސް ބުނެފައިވެއެވެ.

comment ކޮމެންޓް