ޚުދުމުޚްތާރު ވެރިއަކު އަތުވެއްޖެނަމަ އެމެރިކާފަދަ ޒަމާންވީ ޑިމޮކްރަސީތައްވެސް ފުނޑުފުނޑު ވެދާނެ: ކާޓަރު

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރު

ވޮޝިންޓަން (9 ޖަނަވަރީ 2022): ހަރުކަށި ވިސްނުމުގެ ޚުދުމުޚްތާރު ވެރިއަކު އަތުވެއްޖެނަމަ އެމެރިކާފަދަ ޒަމާންވީ ޑިމޮކްރަސީތައްވެސް ފުނޑުފުނޑު ވެގެން ހިނގައިދާނެކަމަށާއި އެމެރިކާގެ ޑޮމޮކްރަސީވެސް ޚުދުމުޚްތާރުވެރިއެއްގެ ނުފޫޒާ ކުރިމަތިލާހާ ވަރުގަދަ ނޫންކަން ފެނިގެން ދިޔަކަމަށް އެމެރިކާގެ ކުރީގެ ރައީސެއްކަމަށްވާ ޖިމީ ކާޓާރު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ޖަނަވަރީމަހުގެ ހަ ވަނަ ދުވަހު އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ހަރުކަށި މީހުން އެމެރިކާގެ ކޮންގްރެސްގެ އިމާރާތަށް ވެދެގަނެ އެތަނަށް ގެއްލުންދީ އެތައް ބަޔަކު ޒަޚަމްކޮށްލައި ހިންގި ބޮޑެތި ހަމަނުޖެހުންތަކަށް އަހަރެއް ފުރުމާ ގުޅިގެން "ނިޔުޔޯކް ޓައިމްސް" ގައި ލިޔުއްވި މަޒްމޫނެއްގައި ކާޓަރު ވިދާޅުވެފައިވާގޮތުގައި ހަރުކަށި ވެރިއެއްގެ ނުފޫޒުގައި އެމެރިކާގެ ޑިމޮކްރަސީ އަށްވެސް ލޮޅުންއަރައިގެން ދިޔަތަނާ އަދި އެމެރިކާގެ ވެރިކަން ސުލްހަވެރިކަމާއެކު އިންތިޚާބުތަކުން ބަދަލުވުމުންދާ ނިޒާމަށް ބޮޑެތި ހުރަސްތަކެއް އެޅުނުތަންވެސް ފެނިގެން ދިޔައެވެ.

މީގެ އިތުރުން ބާރާއި ނުފޫޒު ބޭނުންކޮށްގެން އެމެރިކާގެ ރައްޔިތުންނަށް ދޮގުމައުލޫމާތު ދީ އޮޅުވާލައި އިންތިޚާބު ވަގަށް ނަގަން ރޭވިރޭވުންތަކެއް ފެނިގެންދިޔަ ކަމަށާއި އެމެރިކާގެ ޑިމޮކްރަސީ އާއި އިންތިޚާބީ ނިޒާމު މުސްކުޅިވެފައި އޭގެ މޫތައް ކިތަންމެ ފުނަށް ފާބައިފައިވީ ނަމަވެސް ޚުދުމުޚްތާރު ވެރިއެއްގެ ޒަޢާމަތުގައި އެމެރިކާގެ ޑިމޮކްރަސީއަށް ބޮޑެތި ލޮޅުން އަރައިގެން ދިޔަތަން ފެނިގެން ދިޔަކަމަށް ކާޓާރު އޭނާގެ މަޒްމޫނުގައި ވިދާޅުވެފައިވެއެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އަށް އަރައިގަންނަނީ

ކާޓަރު ލިޔުއްވާފައިވާ ގޮތުގައި އެމެރިކާގެ އިންތިޚާބުގެ ނިޒާމު ސައްހަނޫންކަމުގެ ޝިއާރުތަކާއެކު އެނިޒާމާމެދު އެމެރިކާގެ އާންމުންގެ މެދުގައި ޝައްކު އުފެދިގެން ދިޔައެވެ. ނަމަވެސް މިކަންކަން ހިންގެވި އެމެރިކާގެ ޚުދުމުޚްތާރު ވެރިޔާކަމަށް ސިފަކުރެވޭ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ސީދާގޮތެއްގައި ކާޓަރު ވިދާޅުވެފައެއް ނުވެއެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ މިނިވަން މުއައްސަސާތަކަށްވެސްވަނީ އޭނާގެ ހަރުކަށި ވިސްނުމުގެ ނުފޫޒު ފޯރައި މުސްތަގިއްލުކަން ގެއްލިގެން ގޮސްފައެވެ. އަދި ޓްރަމްޕްވަނީ އޭނާގެ ވެރިކަމުގައި ވައިޓް ހައުސްގެ އިސް މަގާމުތަކަށް އޭނާގެ ދަރިކަލުންނާއި ދަނބިދަރިކަލުންފަދަ އާއިލާގެ މެންބަރުން ގެންނަވައި އެމެރިކާގެ ޑިމޮކްރަސީގައި ވަރަށް ބޮޑަށް އާއިލީ ކުލަ ޖައްސަވާފައެވެ.

މީގެއިތުރުން ޓްރަޕްގެ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި 4 އަހަރުވަންދެން ވައިޓް ހައުސް ބޭނުންކުރި ނަމަވެސް އެމެރިކާގެ މިނިވަން މުއައްސަސާތަކަށާ އަދި ކޮންގްރެސް އަށްވެސް އެކަން ހުއްޓުވިފައެއް ނުވެއެވެ. އެކަން ހުއްޓިގެން ދިޔައީ ޓްރަމްޕްގެ ވެރިކަން ނިމުމަކަށް އައުމާ ގުޅިގެންނެވެ.

އެމެރިކާގެ ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ މީހުން ގިނަ ރިޕަބްލިކަން ޕާޓީގެ 40 އިންސައްތަ މެމްބަރުން ދެކޭގޮތުގައި ސަރުކާރާ ދެކޮޅަށް ބާރުގެ ބޭނުންކުރުމަކީ ބައެއް ހާލަތްތަކުގައި ކުރަންޖެހޭ ކަމެކެވެ. މިއާއެކު ޓްރަމްޕްވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމަށް ދެކޮޅު ހައްދަވައި ޓްރަމްޕްގެ ސަޕޯޓަރުން ބޭނުންކުރައްވައިގެން އެމެރިކާގެ އޭރުގެ އިންތިޚާބީ ރައީސް ޖޯ ބައިޑެން ރިޔާސީ ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސްއެޅުމަށްވެސް މަސައްކަތް ކުރައްވާފައެވެ.

ބައިޑެން އިންތިޚާބު ކާމިޔާބުކުރެއްވިކަން ތަސްދީގުކުރުމަށް މިދިޔަ އަހަރުގެ ޖަނަވަރީމަހުގެ ހަ ވަނަ ދުވަހު ކޮންގްރެސް އިން ބޭއްވި ޖަލްސާއަށް ހުރަސްއެޅުމަށް ޓްރަމްޕްގެ ސަޕޯޓަރުންވަނީ ކޮންގްރެސްގެ އިމާރާތަށް ވަދެގަނެ އެތަނަށް ގެއްލުންދީ އެތައް ބަޔަކު ޒަޚަމްކޮށްލައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ގާނޫނާ ޚިލާފުވެ ވަޑައިގަތުމުން އޭނާ މަގާމުން ދުރުކުރުމަށްވެސް އޭނާ ޕާޓީގެ އަޣްލަބިއްޔަތު އޮތް އެމެރިކާގެ ކޮންގްރެސްއިންވަނީ އޭނާގެ ނުފޫޒާއެކު ދެކޮޅު ހަދާފައެވެ. ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ މިނިވަން މުއައްސަސާތަކާއި ކޮންގްރެސްވެސް އޭނާގެ ބާރާއި ނުފޫޒުގެ ދަށަށްދިޔައެވެ. ނަމަވެސް އެމެރިކާގެ ސްޕްރީމް ކޯޓުވަނީ ޓްރަމްޕްގެ ނުފޫޒުން ސަލާމަތްވެ އެއީ މުސްތަގިއްލު މުއައްސަސާއެއްކަން ހާމަކޮށްދީފައެވެ.

އެމެރިކާގެ ޑިމޮކްރަސީ އަލުން އެނބުރި އިއާދަކުރެވުނީ ޓްރަމްޕްގެ ނުފޫޒުން އެމެރިކާގެ ސްޕްރީމް ކޯޓު ސަލާމަތްވެ އިންތިޚާބު ކާމިޔާބުކުރެއްވީ ޖޯ ބައިޑެންކަން އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.

comment ކޮމެންޓް