އިންޑިއާއަށް ދާ މީހުން ހަތް ދުވަހަށް ގޭގައި ކަރަންޓީނު ވާން އަންގައިފި

އަންނަ އަންގާރަ ދުވަހުން ފެށިގެން، ބޭރު ގައުމަކުން އިންޑިއާއަށް ދަތުރުކުރާ ކޮންމެ މީހަކުވެސް ހަތް ދުވަސް ވަންދެން ގޭގައި ކަރަންޓީނުވާން ޖެހޭނެ -- ސަން ފޮޓޯ

އަންނަ އަންގާރަ ދުވަހުން ފެށިގެން، ބޭރު ގައުމަކުން އިންޑިއާއަށް ދަތުރުކުރާ ކޮންމެ މީހަކުވެސް ހަތް ދުވަސް ވަންދެން ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށް އެގައުމުން އަންގައިފިއެވެ.

ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓް ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާއިން އެޅި އެ ފިޔަވަޅާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކި ބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާ ދިވެހިން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އިންޑިއާއަށް ދަތުރުކުރާ މީހުން އަމަލު ކުރަން ޖެހޭ ގޮތުގެ ގައިޑްލައިންގައިވާ ގޮތުން، އެ ގައުމަށް ދަތުރުކުރުމުގެ ކުރިން، 72 ގަޑިއިރުގެ ތެރޭގައި ހައްދާފައިވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ އާއި ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މައުލޫމާތު ހުށަހަޅަން ޖެހޭނެއެވެ. އަދި އެ ހުށަހަޅާ މައުލޫމާތުގެ ސައްހަ ކަމަށާއި، ކޮވިޑާ ގުޅިގެން އިންޑިއާގެ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރަން އިގުރާރުވެ، އެކަމަށް ތައްޔާރުކޮށްފައިވާ "އެއާ ސުވިދާ" ޕޯޓަލަށް ސެލްފް ޑެކްލަރޭޝަން ފޯމެއް ހުށަހަޅަންޖެހޭނެއެވެ.

މީގެ އިތުރުން ހަތް ދުވަހުގެ ކަރަންޓީނަށް ފަހު އަށް ވަނަ ދުވަހު ހައްދާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ގެއިން ނުކުމެވުނު ނަމަވެސް، އިތުރު ހަތް ދުވަސް ވަންދެން އެމީހެއްގެ ސިއްހަތު އަމިއްލައަށް މޮނިޓާ ކުރަން ޖެހޭނެއެވެ.

އެ ޓެސްޓުގެ ނަތީޖާ ވެސް "އެއާ ސުވިދާ" ޕޯޓަލްއަށް އަޕްލޯޑު ކުރަންޖެހޭނެއެވެ. އަދި ޓެސްޓު ޕޮޒިޓިވްވެއްޖެ ނަމަ އެ މީހަކަށް ފަރުވާ ދޭނީ އައިސޮލޭޝަން ފެސިލިޓީއެއްގައެވެ.

އިންޑިއާއިން ވަނީ އެގައުމަށް ދަތުރުކުރާ ކޮންމެ ފްލައިޓެއްގައި ތިބޭ ފަސިންޖަރުންގެ ތެރެއިން ދެ ޕަސެންޓު މީހުން ރެންޑަމްކޮށް އެއާޕޯޓުގައި ޓެސްޓް ކުރަން ވެސް ނިންމައިފައެވެ.

އެ ފިޔަވަޅުތައް އެގޮތަށް ހުރި ނަމަވެސް، އިންޑިއާއަށް ދަތުރުކުރާ ފަސް އަހަރުން ދަށުގެ ކުދިން އޮން އެރައިވަލް އަދި ގޭގެ ކަރަންޓީން މުއްދަތަށް ފަހު ޕީސީއާރު ޓެސްޓު ހައްދާކަށް ނުޖެހޭނެއެވެ.

comment ކޮމެންޓް