ތިޔަ ލޯބި އެދިގެން... - 34

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

"އައި ލަވްޔޫ މިންހާ!"

ހިތްވަރުކޮށްފައި ޝިޒާން އޭނާގެ ހިތުގެ ޙާލު މިންހާގެ ކުރިމަތީގައި ހާމަކޮށްލިއެވެ. އޭނާ ފުރަތަމަ ފަހަރަށް އެ ހިތުގެ ގޮވުމަށް އިޖާބަދިނެވެ. އެ އަންހެން ކުއްޖާއަށްޓަކައި އޭނާގެ ހިތުގައި އުތުރި އަރަމުންދިޔަ އިޙްސާސްތައް ކެތްނުކުރެވޭ ދަރަޖައަށް ދިޔުމުން ކޮންމެވެސް ކަހަލަ ލުޔެއް އެހިތަށް ދޭން އޭނާ ބޭނުންވީއެވެ. ޝިޒާން އެހެން ބުނެލާފައި މަޑުކޮށްލީ މިންހާގެ ފަރާތުން އެއްވެސް އިޝާރާތެއް ލިބޭތޯއެވެ.

ޝިޒާންގެ ފަރާތުން އިވިގެން ދިޔަ ޖުމްލަތަކުން މިންހާއަށް ހަރަކާތެއްވެސް ގެންނަން ނޭނގިފައި ހުރެވުނެވެ. އެ ވާހަކައަށް ބުނާނެ އެއްވެސް އެއްޗެއް އޭނާއަކަށް ނޭނގުނެވެ. ޝިޒާން އޭނާ ދެކެ ލޯބިވާކަން ހާމަ ކުރީ އަލަށެވެ. މީގެ ކުރިން ދުވަހަކުވެސް އެއް ފަދަ އެއްޗެއް ޝިޒާން ބުނެފައިނުވާއިރު، މިއަދު އެހެން ބުނަން ޖެހުނު ސަބަބެއް ވިސްނާ ވިސްނާވެސް މިންހާއަކަށް ނޭނގުނެވެ. އޭނާއަށް އޭރުވެސް ހުރެވުނީ ޝިޒާންގެ ދެލޮލުގެ ތެރެއަށް ގެއްލިފައެވެ. ޝިޒާންގެ ދެލޮލުން އޭނާއަށް އެތަކެއް ވާހަކަތަކެއް އަންގައިދޭން މަސައްކަތް ކުރަމުންދިޔައެވެ.

"މިންހާ! އައި ރިއަލީ ލަވް ޔޫ އޭ.... އަހަންނަށް އެއްވެސް ޗާންސެއް ނުދޭނަންތަ؟" ޝިޒާންގެ އެ ސުވާލާއެކު މިންހާއަށް ހަމަބިމަށް އާދެވުނެވެ. އޭނާއަށް ޝިޒާންގެ އަތުތެރޭގައި އޮތް އޭނާގެ އަތް ދަމައިގަނެވުނެވެ. މި ފަހަރު އެ އަތް ހިފައްޓަން ޝިޒާންވެސް މަސައްކަތެއް ނުކުރެއެވެ. މިންހާ ދުރު ބަލައިލިއެވެ.

"އަހަންނަށް އެނގޭ މި ވާހަކަ ބުނަން އަވަސްކަންވެސް. އެކަމަކުވެސް، އަހަރެން މިންހާދެކެ ވަރަށް ބޮޑަށް ލޯބިވޭ. އަހަރެން ދުވަހަކުވެސް މިންހާ ވަރިނުކުރަން ބުނި ސަބަބަކީވެސް އެއީ... އެ ނިންމުން އޮތީ އަދިވެސް އެ ގޮތުގައި. އަހަރެން މިންހާ ވަރިއެއް ނުކުރާނަން. ދުވަހަކުވެސް ނުކުރާނަން. އަހަރެން ގަބޫލުކުރަން ބޭނުންވަނީ ކޮންމެވެސް ދުވަހަކުން މިންހާ އަދި އަހަރެންދެކެ ލޯބިވާނެކަމަށް." ޝިޒާން މިފަހަރު ވާހަކަ ދެއްކީ ދުރުބަލައިލުމުންނެވެ. މިންހާ އެއްޗެއް ނުބުނެ ހުންނަން ފެށުމުން އޭނާގެ ހިތުގައި ރިއްސައިލިއެވެ.

"އަހަރެން އެކަމަކު ޝިޒާން ދެކެ ލޯތްބެއްނުވެޔޭ..." މިންހާ އެހެން ހުރެލާފައި ބުނެލިއެވެ. އެ އަޑު އިވި ޝީޒާންގެ ހިތުގެ ހިނގުން ވެސް ކުޑަވަގުތުކޮޅަކަށް މަޑުޖެހުނުހެން ހީވިއެވެ. އެ ހަޤީގަތަކީ އޭނާއަށް އެނގޭ ހަޤީގަތެއް ނަމަވެސް، މިންހާގެ ދުލުން އެހެން ބުނުމުން އޭނާއަށް އިންތިހާ ވޭން ލިބިގެންދިޔައެވެ. ހިތަށް ކެތްނުވާފަދަ ޒަލްޒަލާއެއް މިންހާގެ އެ ޖުމްލައިން އެކަނިވެސް އޭނާގެ ނަފްސަށް ގެނުވައިފިއެވެ. ޝިޒާންއަށް ދެލޯ މަރައިލެވުނެވެ. ލޯބީގައި އޭނާއަކީ ނާކާމިޔާބު މީހެކެވެ. އޭނާގެ ތަޤުދީރުގައި އުފަލާ ހިތްހަމަޖެހުން ނެތީބާއޭ ޝިޒާންގެ ހިތަށް އަރަމުން ދިޔައެވެ.

"އަހަންނަށް އެނގޭ މިންހާއަށް އަހަރެން ދެކެ ލޯބިވާން އުނދަގޫވާނެކަން. އެހެންވީމަ އަހަރެން މިހުރީ އެ ޓައިމް މިންހާއަށް ދޭށޭ..." ޝިޒާން ބުނެލިއެވެ.

"އަހަރެން ލޯބިވާ އެހެން މީހަކު ހުރެޔޭ ބުނެފިއްޔާ..." މިންހާ ޝިޒާންއަށް ބަލައިލިއެވެ. އެވަގުތު އެ ވާހަކަތައް ޝިޒާންގެ ގާތު ބުނަންވީ ކީއްވެކަމެއް މިންހާއަކަށް ނޭނގުނެވެ. އެހެންނަމަވެސް އޭނާ ބޭނުންވީ އެވާހަކަތައް ވެސް ޝިޒާންއަށް އަންގައިދީގެން ޝީޒާންގެ ފަރާތުން ވަރިވާށެވެ. ޝިޒާންއަށްވެސް ސިހުން ލިބި މިންހާއަށް ބަލައިލެވުނެވެ. މިންހާ އެ ގޮތަށް އެހެން ބުނެފާނެކަމަކަށް އޭނާއަށް ފަހަރެއްގައި ވެސް ހީކުރެވިފައެއް ނުވެއެވެ. މިންހާގެ ދުލުން ނުކުތް އެ ބަސްތައް ވިހަ ތީރުތަކެއްފަދައިން ގޮސް ހެރުނީ ޝިޒާންގެ ހިތަށެވެ. އޭނާއަށް މޭގައި އަތް ވެސް ޖައްސައިލެވުނެވެ. ފުންނޭވާއެއް ދޫކޮށްލެވުނެވެ. މޭގައި އުފެދުނު ތޫނު ރިހުން މުޅި ހަށިގަނޑަށް ފެތުރިގެން ދާހެން އޭނާއާށް ހީވާން ފެށިއެވެ. ކެތްކުރަން ދަތިވާން ފެށުމުން ޝިޒާން އަނެއްކާވެސް ދުރު ބަަލައިލިއެވެ. މިންހާގެ ހިތުން ދުވަހަކު އޭނާއަށް ޖާގައެއް ލިބެން ނެތީހެއްޔެވެ؟ އޭނާގެ ހިތުގެ ރިހުން މިންހާއަށް އިޙްސާސް ނުކުރެވޭހެއްޔެވެ؟ އޭނާގެ ހިތަށް އަރާފާނެ އެއްޗަކާ މެދު މިންހާ ކުޑަކޮށް ވެސް ވިސްނައިނުލީހެއްޔެވެ؟ އޭނާ މިންހާ ދެކެ ލޯބިވާކަން އެނގިހުރެ އެހެން މީހަކު ދެކެ ލޯބިވާކަމަށް މިންހާއަށް އެއްބަސްވާން ކެރުނީ ކީއްވެހެއްޔެވެ؟. ޝިޒާންއަށް އެއްކަމެއް ޔަޤީންވެއްޖެއެވެ. އޭނާއަށް މިންހާގެ ހިތުން ޖާގައެއް ހޯދުމަކީ އިންތިހާ އުނދަގޫކަމެއް ކަމެވެ.

"އެހެން މީހަކު ދެކެ ލޯބިވާތީތަ މިންހާ ބޭނުންވަނީ އަހަރެން ގާތުން ވަރިވާން؟" ޝިޒާން ސުވާލުކޮށްލިއެވެ.

"އަހަރެމެން ދެމީހުން ދެމަދަށް ވަތް މީހަކީ ޝިޒާންއޭ. އަހަރެން މި ކައިވެނި ކުރީ ހަމައެކަނި ބައްޕައަށްޓަކާ. އެހެންނޫން ނަމަ އަހަރެން މި ކައިވެންޏެއް ނުކުރާނަން..." މިންހާވެސް ބޭނުންވީ އޭނާގެ ހިތުގެ ޝަކުވާތައް ޝިޒާންގެ ކުރިމަތީގައި ބަންޑުންކޮށްލާށެވެ. އެހިތުގެ އުދާސްތައް ޝިޒާންއަށްވެސް އަންގައިދޭށެވެ. ލޯބިވާ މީހަކާ ދުރުގައި ހުރުމަކީ ހާދަ ވޭނީ ކަމެކެވެ. މިންހާގެ އެ ޖަވާބުން ޝިޒާންއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ.

"އަހަރެން ލޯބިވަނީ އެހެންމީހަކު ދެކެ ކަމަށްވާއިރު، ޝިޒާން އަހަރެން ވަރިނުކޮށް ހިފެއްޓުމުގެ ބޭނުމަކީ ކޮބާ؟ ލޯބީގެ އަނެއް މާނައަކީ ޤުރުބާނީއޭ ބުނާ އަޑޫ އަހަރެން އަހަން. ޝިޒާން އަހަރެން ދެކެ އެހާ ލޯބިވަންޏާ ކީއްވެ އަހަންނަށް އަހަރެންގެ ލޯބި ހޯދައިދޭން އެވަރުކަމެއް ނުކުރެވެންވީ؟" މިންހާގެ ދެވަނަ ސުވާލެއްވެސް ޝިޒާންއާ އަމާޒުކޮށްލިއެވެ. ހީވާ ކަހަލައެވެ. އޭނާ މިއަދު ޝިޒާންގެ ފަރާތުން ޖަވާބެއް ބޭނުމެވެ.

"މިންހާ އެހެން މީހަކު ދެކެ ލޯބިވީނަމަވެސް، އަހަރެން އަދިވެސް މިހުރީ މިންހާ ވަރިކުރާނެ ގޮތަކަށް ނޫން. އަހަރެން މިންހާ ވަރިއެއް ނުކުރާނަން!" ޝިޒާން ބުނެލިއެވެ. މިންހާއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ނަވާ އައިސް އެ ދެމީހުން ކައިރީގައި ހުއްޓުނެވެ.

"ނަވޫ. ތިއައީ؟" ޝިޒާން ސުވާލުކޮށްލިއެވެ.

"އާނ. ދެން އައީ..." ނަވާ ޖަވާބު ދިނެވެ.

"ކޮން އިރަކުން ދާނީ؟..." ނަވާ ސުވާލުކޮށްލިއެވެ.

"ދާންވީތަ؟" ޝިޒާން މިންހާއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. ނަވާ ހުރީތީ އޭނާ ވާހަކަ ދައްކަން މަސައްކަތް ކުރީ ހަމަޖެހިގެން ހުރެއެވެ. އެހެންނަމަވެސް، މިންހާގެ މޫނުމަތީގައިވި ހިތްހަމަ ނުޖެހުމާ ހިތްދަތިކަން އެކުލެވިގެންވީ އަސަރުތައް އޭނާއަކަށް ސިއްރެއް ނުވިއެވެ.

ތިން މީހުން ޕާކުން ނުކުމެގެން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ކާރު ދުއްވަމުން ދިޔައީ ޝިޒާންއެވެ. މިންހާ އިނީ ކުރިގައެވެ. ނަވާ ފަހަތުގައި އޭނާގެ ފޯނާ ކުޅެން އިނެވެ. ގެއަށް ދިޔަ މަގުމަތީގައި މާގިނަ ވާހަކަތަކެއް ނުދެއްކެއެވެ. އެހެންނަމަވެސް، ޝިޒާން އިރުއިރުކޮޅަކާ މިންހާއަށް ބަަލައިލައެވެ. މިންހާވެސް އިރުއިރުކޮޅަކާ ޝިޒާންއަށް ބަލައިލައެވެ.

ނޫރުލް ހުދާއާއި މެހެރީންގެ އިތުުރުން ނުހައިލް ތިބީ ނުހައިލްގެ ކޮޓަރީގައެވެ. އެނދުގައި އިށީނދެގެން އިން ނުހައިލްގެ ކައިރީގައި މެހެރީން އިންއިރު، ނޫރުލް ހުދާވެސް އެއްފަރާތުގައި އިށީނދެލައިގެން އިނެވެ. ފާއިތުވެ ދިޔަ ހަފްތާގެ ތެރޭގައި ނުހައިލްގެ ބަލިހާލަތު ވަރަށް ބޮޑުތަނުން ރަނގަޅުވެފައިވާއިރު، އޭނާއަށް ހިނގާލާ އުޅެވޭވަރެވެ.

"ނަވާ މެން އަދިވެސް ގެއަށް އަންނަން ނޫޅެނީތަ؟" މެހެރީންއަށް ގަޑިއަށް ބަލައިލެވުނެވެ. އޭރު ގަޑިން ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. މެހެރީން ނަވާ ދެކެ އިންތިހާ ލޯބިވެއެވެ. އޭނާގެ ލޯ ކުރިމަތިން ނަވާ ހިނދުކޮޅަކަށްވެސް ގެއްލޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

"ނަވާ އެކަންޏެއް ނޫނެއްނު އެ ދިޔައީ. ޝިޒާން ނަވާއަށް ރަނގަޅަށް ބަލާނެކަން މެހެރްއަށް ވުރެ ބޮޑަށް އެނގޭނީ ކާކަށް. ކުޑައިރުއްސުރެ އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށް ޝިޒާން ނަވާއަށް ބަލާނެ. ދެން ކީއްވެ ޝިޒާންއަށް އިތުބާރު ނުކުރެވެނީ؟" ނުހައިލް މެހެރީންއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.

"އެކަމަކުވެސް، އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ ޝިޒާންއާ އެކީ ނަވާ އަބަދު ތަންތަނަށް ފޮނުވާކަށް." މެހެރީންއަށް ބުނެވުނެވެ.

"ކީއްވެތަ މެހެރް ޝިޒާން ދެކެ ތިހާ ނަފްރަތު ކުރަނީ؟ ޝިޒާން މެހެރްއަށް ދިން ގެއްލުމެއް ބުނެބަލަ! އޭނަ އާއިލާއަށް ވިސްނާލާފަ މިހާރުވެސް ދުރުގަ އެ ހުންނަނީ. ކުޑަމިނުން އަދިވެސް އޭނާއަށް ނޭނގެ މެހެރް އޭނާއަށް އެހާ ނަފްރަތު ކުރާ ސަބަބެއް. އެނގޭތަ؟ ޙަޔާތުގައި ފުރަތަމަ ފަހަރަށް އޭނަ އަހަންނާ ސުވާލުކުރީ. މީގެ ކުރިން ދުވަހަކުވެސް މެހެރް އޭނާއާ ދޭތެރޭ ކަންތައް ކުރާގޮތުން އެފަދަ ސުވާލެއް އޭނަ ނުކުރޭ. ޝިޒާންއަކީވެސް ވިސްނޭ ކުއްޖެއް. އެހެންވީމަ އޭނައަށްވެސް މިހާރު އެނގޭނެ އަހަރެމެން ކޮންމެވެސް ކަމެއް އޭނާއަށް ސިއްރުކުރާކަން. އަބަދު އެ ވާހަކަތައް ޝިޒާންއަށް ސިއްރެއްވެސް ނުކުރެވޭނެ. މާދަމާވެސް ޝިޒާން މިތަނުން ފުރާފާނެ. މިހާރު މަންމަ ބޭނުންވަނީ ޝިޒާންއަށް ހަޤީގަތް އަންގަން. އޭރުންވެސް އެ ހިތަށް ކުޑަވެސް ލުޔޔެއް ލިބިދާނެ ކަންނޭނގެ" ނޫރުލް ހުދާ ފުން ނަޒަރަކުން ނުހައިލްއަށް ބަލައިލިއެވެ.

"އެކަމަކު މަންމާ..." ނުހައިލް ވާހަކަ ދައްކަން އުޅުނު ނަމަވެސް، އެ ވާހަކަ މެދު ކެނޑުނީ ނޫރުލް ހުދާ އަނެއްކާވެސް ވާހަކަ ދެއްކުމުންނެވެ.

"މަންމައަށް އެނގޭ ނުހައިލްއަށް އުނދަގޫވާނެކަން އެކަން ކުރަން. ނުހައިލް ކުރިކަމެއް ކުރީ ޝިޒާންއަށްޓަކާ ކަންވެސް މަންމައަށް އެނގޭ... އެކަމަކު ޝިޒާންއަށްވެސް ހަޤީގަތް އެނގުމުގެ ޙައްޤު އޮންނާނެއެއްނު. ލީވާންވެސް ޝިޒާންދެކެ އިންތިހާ ނަފްރަތުކުރޭ. މެހެރްއަށް ވެސް ލީވާންއަށްވެސް ނޭނގެނީ ހަޤީގަތުގައި ޝިޒާން މިއާއިލާއާ ދޭތެރޭ ވިސްނާވަރު. އެހެންނޫނީ އޭނަ ރާއްޖޭގައި އެކަނިމާއެކަނި ނޫޅޭނެއެއްނު. އުޅޭނެތަ؟" ނޫރުލް ހުދާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އަހަންނަކަށް ޝިޒާންއާ ދޭތެރޭ..." ވަކި ހިސާބަކަށް ބުނެފައި މެހެރީން ހުއްޓައިލިއެވެ.

"ކީއްވެ ހުއްޓައިލީ؟ ތިބުނަން އުޅެނީ އަަހަރެމެން އެދޭ ގޮތަށް މެހެރްއަށް ޝިޒާންއާ ދޭތެރޭ ނުދެކެވޭ ވާހަކަތަ؟ މެހެރް. އަހަރެން އަހަރެންގެ އެއްވެސް ދަރިއެއް ތަފާތެއް ނުކުރަމޭ. ވަކި ލީވާންއާ ނަވާ އާ ޝިޒާންއާ ތަފާތެއް ނުކުރަން އެއްގޮތަަކަށްވެސް އަހަންނެއް. ޝިޒާންއަށް ކަމެއް ކޮށްދެންޏާ އަހަރެން އޮންނާނީ ލީވާންއަށްވެސް، ނަވާއަށްވެސް އެކަމެއް ކޮށްދީފަ. ޝިޒާންއާއިލާ ދުރަށް ފޮނުވައިލީ އަހަރެން. އާނ... އަހަރެންނަށް ކެތް ނުކުރެވުނީ އަބަދު މެހެރީން އޭނާއާ ދިމާލަށް އެއްޗެހި ކިޔާތަން ބަލަން. ކިހިނެއް ކެތްކުރާނީ..." ނުހައިލް ބުނެލިއެވެ.

ގެއަށް ވަންނަން އައި ޝިޒާންއާ މިންހާއާ ނަވާ ގޭތެރެއަށް ނަޒަރު ހުއްޓައިލިއެވެ. ސިޓިން ރޫމު ތެރެއޮތީ ފަޅުކޮށެވެ.

"ބައްޕަ ކައިރިއަށް ގޮސްލާފަ ދޯ ކޮޓަރިއަށް ދާނީ..." މިންހާއަށް ބަލައިލަމުން ޝިޒާން ބުނެލިއެވެ. މިންހާ ބޯ ޖަހައިލިއެވެ. އޭނާ ޝިޒާންގެ ފަހަތުން ހިނގައިގަތްނަމަވެސް، އޭނާއަށް ވިސްނަމުން ދިޔައީ މިރޭ އެ ދެމެދުގައި ދެކެވުނު ވާހަކަތަކެވެ. ސިޑިން އަރައިގެން ގޮސް ތިން މީހުން ނުހައިލްގެ ކޮޓަރިއާ އަރާ ހަމަވީއިރު، ދޮރު ހުރީ ކުޑަކޮށް ހުޅުވިފައިކަމުން އެތެރޭގައި ދައްކަމުންދިޔަ ވާހަކަތައް ބޭރަށް އަޑުއިވެއެވެ. އެތެރެއަށް ވަަންނަން ވެގެން ދޮރު ހުޅުވައިލަން އުޅުނު ޝިޒާން މަޑުޖެހިލީ މެހެރީން ބުނެލި އެއްޗަކުންނެވެ. އޭނާ މިންހާއާ ނަވާއަށް އެއްޗެއް ނުބުނެ ތިބުމަށް އިޝާރާތްކޮށްލިއެވެ.

"ދެން ޝިޒާންއަށް ހަޤީގަތް ކިޔައިދޭންވީނު ނުހައިލް." މެހެރީންގެ އަޑުގައިވަނީ ހިތްހަމަނުޖެހުނެވެ.

"މެހެރީން ޝިޒާންއަށް ނަފްރަތު ކުރަންޖެހޭ ސަބަބެއް އޮބައޮތްތަ؟ ނުހައިލް އޭނާގެ ހުރިހާ ދަރިން ދެކެވެސް ލޯބިވަނީ ހަމަހަމައަށް." ނޫރުލް ހުދާ ވެސް ބުނެލިއެވެ.

"އަހަރެން ބޭނުމެއް ނޫނޭ އޭނާ އަހަރެމެންނާ ދުރުގައި ހުންނަތަން ބަލާކަށް. އަހަންނަށް އެނގޭ އޭނަ އެކަނި ހުރެ އެކަމާ ހިތާމަކުރާނެކަން." ނުހައިލް ބުނެލިއެވެ.

"ދެން ކީއްވެތަ އޭނައަށް ހަޤީގަތް ކިޔައިނުދެވިގެން އެއްވެސް މީހަކަށް ތި އުޅެނީ. ބުނެބަލަ އަހަރެން މީ އޭނަގެ އަސްލު މަންމައެއް ނޫނޭ... ހަޤީގަތް ކިޔައިދީބަލަ." މެހެރީންގެ ޖަވާބާއެކު ޝިޒާންއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު