"ހުޅުމާލޭގައި އަޅާ ސްޓޭޑިއަމް ވާނީ ރާއްޖެ އާއި ޗައިނާގެ ގުޅުން ރަމްޒުކޮށްދޭ ނިޝާނަކަށް"

ޗައިނާއާ އެކު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޗައިނާގެ އެހީގައި ހުޅުމާލޭގައި ތަރައްގީކުރާ ބައިނަލްއަގުވާމީ ފެންވަރުގެ ފުޓުބޯޅަ ސްޓޭޑިއަމަކީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ޚާރިޖީ ގުޅުން ރަމްޒުކޮށްދޭނެ ނިޝާނެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ޗައިނާއާ އެކު ފަސް އެއްބަސްވުމެއްގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމެއް އަޅަން ދިވެހި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ 2019 ވަނަ އަހަރުގައެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ހަވާލުކޮށްފައިވަނީ ޗައިނާގެ އިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީިއެމްއީސީ) އާއެވެ.

ޒުވާނުންނާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަކީ ރާއްޖެއަށް މުހިންމު ދާއިރާއެއްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ހުޅުމާލޭގައި ގާއިމުކުރާ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގެ މަސައްކަތާ ގުޅޭ ފަހުގެ މައުލޫމާތު ޗައިނާގެ ފޮރިން މިނިސްޓަރާ ހިއްސާކުރައްވާފައިވާނެ ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ، އާއި ރާއްޖޭ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މީގެއިތުރުން ޝާހިދު ވަނީ، ސިނަމާލެ ބްރިޖާއި، ހުޅުމާލޭގެ ހައުސިން މަޝްރޫއު އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެއްވީތީ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ޝާހިދުގެ ވާހަކަފުޅުގައި ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ޗައިނާގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ސިނޮފާމް ވެކްސިންގެ ދެ ލައްކަ ޑޯޒް ހަދިޔާކުރުމާއި، މެޑިކަލް އެހެނިހެން އާލާތްތައް ފޯރުކޮށްދިނީތީ ޗައިނާއަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު އިއްޔެ ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ސިއްހީ ދާއިރާއިން އެ ގައުމާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި، ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ދިވެހީންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއް ހިމެނެއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މީގެ އިތުރުން ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔުމަށް ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އަދި ފަސް ރަށެއްގައި މައިކްރޯގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރުމުގެ އެއްބަސްވުމެއްގެ ދަށުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރާނެއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، ރާއްޖެއާއި ޗައިނާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރެއްވި ދަތުރުފުޅެކެވެ.

comment ކޮމެންޓް