މުޅި ރާއްޖެއިން މިއަދު އަލަށް ޕޮޒިޓިވްވީ 337 މީހުން

މާލޭގެ މަޖީދީމަގު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ނެގި 5361 ސާމްޕަލްގެ ތެރެއިން 337 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި މާލެއިން މިއަދު ޕޮޒިޓިވްވީ 101 މީހުންނެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުން 129 މީހަކު މިއަދު އަލަށް ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން ޕޮޒިޓިވްވީ 99 މީހުންނެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 97،668އަށް އަރާފައެވެ.

މި ބަލި ޖެހިފައިވާ 3300 މީހަކު މިވަގުތު ރާއްޖޭގައި ތިބިއިރު، އޭގެ ތެރެއިން 15 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއިން އެކަނިވެސް ޖުމްލަ 1742 ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދާ ހަމައަށް ބަލިން މުޅިން ފަސޭހަވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 94،091އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 264 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މާސްއެޅުން މިހާރު ވަނީ މަޖުބޫރު ކޮށްފައެވެ.

comment ކޮމެންޓް