ޗައިނާގެ ފޮރިން މިނިސްޓަރު ރައީސް ސޯލިހާ ބައްދަލު ކުރައްވައިފި

ޗައިނާގެ ފޮރިން މިނިސްޓަރު، ރައީސް، ސޯލިހާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ‏ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ވަނީ މިއަހަރަކީ ރާއްޖޭއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން ދެބޭފުޅުން ވަނީ މި ގުޅުން އިތުރަށް ‌‏ބަދަހިކުރެއްވުމަށް ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުއްވައިލައްވައި ފުޅާ ދާއިރާއެއްގައި އެކަމާ މަޝްވަރާ ކުރައްވާފައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރައީސް، ސޯލިހުގެ އަރިހަށް ޒިޔާރަތް ކުރެއްވުން --

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ފޮރިން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވަނީ މި އަހަރު މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރު ކަމުގައި ވިޔަސް، ސިލްކް ރޯޑްގެ ސަބަބުން ދެ ގައުމުގެ ގުޅުން 600 އަހަރު ކުރިޔަށް ޖެހޭކަމުގައި ވިދާޅުވެފައެވެ.

އޭނާ ވަނީ އެ ގައުމުގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިތުބާރާއި، އެއްބައިވަންތަކަމާއި، އެހެން ގައުމުތަކުގެ ސިޔާދަތައް ކުރާ އިހްތިރާމްގެ މައްޗަށްކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރާއްޖެ ހިމެނޭހެން ތަރައްގީވަމުން އަންނަ ހުރިހާ ގައުމެއްގެ ކުރިއެރުމުގައި ޗައިނާއިން އެހީތެރިވާން ތައްޔާރަށް އޮތް ކަމުގައި ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ބޭނުންޖެހޭ ވަގުތުތަކުގައްޔާއި، ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވަމުން، ރައީސް ވަނީ އެކަމަށް ޓަކައި ޗައިނާގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އެގޮތުން ރައީސް ވަނީ ރާއްޖޭގެ ކޮވިޑް ދިފާއު ވެކްސިން ކެމްޕެއިނަށް ޗައިނާ ސަރުކާރުން ހަދިޔާ ކޮށްފައިވާ ސައިނޯފާމް ވެކްސިން ޝިޕްމަންޓް ހަދިޔާކުރެއްވިކަން ހާއްސަގޮތެއްގައި ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ޗައިނާގެ ވަފްދާ ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރެއްވުން --

މީގެ އިތުރުން ވެސް ރައީސް، ވަނީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ މިހާރު ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން ބަދަހިވާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވަމުން، މިއަދު ދެގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މިފަދަ އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ.

comment ކޮމެންޓް