ސަސް ބަލިކޮށް މޮޅުވުމުގެ ރޭހުގައި ވެލެންސިއާ ކުރިއަށް

ކްލަބް ވެލެންސިއާގެ ޓީމް --- ފޮޓޯ/ ޕްރެޒިޑެންސް ކަޕް

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކްލަބު ވެލެންސިއާ އިން 4-1 ގެ ނަތީޖާ އަކުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބް ބަލިކޮށްފިއެވެ.

ވެލެންސިއާ އިން މި މުބާރާތުގައި ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅުވެފައެވެ. އެއާ ހިލާފަށް ސަސް މި މުބާރާތުގައި މޮޅެއް ހޯދިފައި ވަނީ ދެ ފަހަރުއެވެ. ވެލެންސިއާއިން އެންމެ ފަހުން ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް ވަނީ 2-1 އިން މޮޅުވެފައެވެ. ސަސް އެންމެ ފަހުން ކުޅުނު މެޗުގައި ގްރީން ސްޓްރިޓް އަތުން ވަނީ 1-2 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މިއަދުގެ މެޗުގައި ވެލެންސިއާއިން މެޗު ފަށައިގެން ސަސްގެ ހާފު ތެރޭގައި ޕޮސެޝަން ހިފަހައްޓައިގެން ވަނީ ކުޅެފައެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. ދެވަނަ ހާފު ފަށައިގެން މާ ގިނައިރު ތަކެއް ނުވަނީސް ވެލެންސީއާއިން މެޗުގެ ފުރަތަމަ ގޯލު ޖެހިއެވެ. މި ގޯލު ޖަހައިދިނީ މެޗުގެ 55 ވަނަ މިނެޓުގައި ވެލެންސިއާގެ ބިދޭސީ ފޯވާޑް މާޓިން ގޮންޒަލޭޒްއެވެ.

މި ލީޑު ވެލެންސިއާއަށް މާ ގިނައިރުތަކެއް ވަންދެން ހިފެހެއްޓޭ ގޮތެއް ނުވެއެވެ. ސަސްއަށް ލިބުނު ޕެނަލްޓީ އަކުން ބެންޖޯ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ވެލެންސިއާގެ އޭރިއާތެެރެއިން އެ ޓީމުގެ ހުސެއިން ފައިސަލް (ފައިޓޯ) ސަސްގެ ބޮބީއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މި ގޯލަށް ފަހު ވެސް ވެލެންސިއާއިން ދިޔައީ ގޯލެއް ޖެހުމަށް ފުރުސަތު ތަނަވަސް ކުރަމުންނެވެ. މެޗުގެ 65 ވަނަ މިނެޓުގައި މި ގޯލު ޖަހައިދިނީ ތަޖުރިބާކާރު މިޑްފީލްޑަރު އަސްއަދު އަލީއެވެ.

މެޗުގެ 90 ވަނަ މިނެޓުގައި ވެލެންސިއާގެ ތިން ވަނަ ގޯލު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތަށް ކުޅެން އެރި އިސްމާއިލް އީސާ (މެސީ)އެވެ.

ވެލެންސިއާގެ ހަތަރުވަނަ ގޯލު ކާމިޔާބު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ)އެވެ. މި ގޯލު ސެންޓޭ ކާމިޔާބުކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދިން އިތުރު ވަގުތުގެ ވެސް އެންމެ ފަހު މިނެޓުގައެވެ.

މި ނަތިޖާއާ އެކު ވެލެންސިއާ ވަނީ ވަގުތީ ގޮތުން ތާވަލްގެ އެއްވަނައަށް އަރައިފައެވެ. އަދި ސަސް އޮތީ ތާވަލްގެ ހަތަރު ވަނައިގައެވެ.

comment ކޮމެންޓް