ދެ އަހަރަށް ފަހު އަންނަ ހަފްތާގައި ކެނެރީފް ރިސޯޓު ހުޅުވަނީ

ކެނެރީފް ރިސޯޓް މޯލްޑިވްސް

މީގެ ދެ އަހަރު ކުރިން ބަންދުކުރި ކެނެރީފް ރިސޯޓު, އަންނަ ހަފްތާގައި ހުޅުވަން ނިންމާފައިވާ ކަމަށް އެ ރިސޯޓުން ބުނެފިއެވެ.

އައްޑޫ ސިޓީ ހެރެތެރޭގައި ހިންގި ކެނެރީފް ރިސޯޓް ބަންދުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ކެނެރީފް ރިސޯޓުގެ ސޭލްސް އެންޑް އޮޕަރޭޝަންސް މެނޭޖަރު ސައިފް ޒަރީރު 'ސަން' އަށް ވިދާޅުވީ އެ ރިސޯޓް އަލުން ހުޅުވަން ނިންމާފައިވަނީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ކަމަށެވެ.

އަންނަ ހަފްތާގައި ހުޅުވަން ނިންމާފައިވަނީ އެ ރިސޯޓުގެ އެއްބައިކަން ފާހަގަކޮށް ސައިފް ވިދާޅުވީ, ޖުމްލަ 271 ކޮޓެރީގެ ތެރެއިން ފުރަތަމަ ހުޅުވާނީ 142 ކޮޓެރި ކަމަށެވެ. އެއީ ރަށުގެ އެއް ފަޅިއެވެ.

"ހޮނިހިރު ދުވަހު ރިސޯޓުގެ އެއްބައި ހުޅުވުމަށްފަހު ވެސް އަނެއް ބައިގެ މަސައްކަތް ކުރިއަށް ދާނެ. ފެބްރުއަރީ މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަސް ނިމުމުގެ ކުރިން މުޅި ރިސޯޓް ހުޅުވާލެވޭނެ ކަމަށް މި އުންމީދު ކުރަނީ," ސައިފް ވިދާޅުވިއެވެ.

އަންނަ ހަފްތާގައި ރިސޯޓު ހުޅުވާއިރު އެތަނުގެ ވަޒީފާގައި 165 މުވައްޒަފުން ތިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި 40 ވަރަކަށް މުވައްޒަފުން އިތުރު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ދެ އަހަރެެއްހާ ދުވަސް ކުރިން ކެނެރީފް ރިސޯޓު ބަންދުކޮށްފައިވަނީ ކޮވިޑާ ގުޅިގެން މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެންނެވެ. ރިސޯޓު ބަންދުކުރިއިރު 21 މިލިއަން ޑޮލަރުގެ ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށް އޭރު އެ ރިސޯޓުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ކެނެރީފް ރިސޯޓު ބަންދުކުރި ނަމަވެސް ކޮވިޑް19އާ ގުޅިގެން އައްޑޫ ސިޓީގެ ކަރަންޓީން ފެސިލިޓީގެ ގޮތުގައި އޭރު އެ ރިސޯޓު ވަނީ ބޭނުންކޮށްފައެވެ.

comment ކޮމެންޓް