ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: ރައީސް

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ އެމްޑީޕީ

ށ. ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ ފަޅު ރަށެއް ކަމަށްވާ މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ކޮމަންޑޫ އަކީ އާބާދީ ބޮޑު ރަށެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން ނިމުމާއެކު، އެ ރަށުން މިހާރު ހިއްކާފައި އޮތް ސަރަހައްދުން ރައްޔިތުންނަށް ގޯތި ދޫކުރެވޭނެ ކަމަށެވެ. އަދި ކޮމަންޑޫގައި ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުގެ ހައުސިން ޕްލޭންގައި ހިމަނާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"އެހެން ނަމަވެސް ކައުންސިލްގެ ރައީސް ވިދާޅުވި ފަދައިން މިއީ ރަށުގެ ރައްޔިތުންނަށް އޮތް ހައްލެއް ނޫން. މި ރަށުގަ ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް އޮތް ހައްލަކީ ހަމަ މަތި ކޮމަންޑޫއާއި މި ކޮމަންޑޫއާ ގުޅުވާލުން. މިއީ އަޅުގަނޑުމެން ވީ ވައުދެއް. އިރާދުކުރެއްވިއްޔާ މިކަން ލަސްތަކެއް ނުވެ ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދެ ރަށް ގުޅާލުމުގެ މަސައްކަތް ފަށާކަން އިއުލާން ކުރުމުން، އެއީ ކެމްޕެއިނާ ދިމާކޮށް ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާނެ ކަމަށެވެ. އެގޮތަށް ބަޔަކު ބުނި ނަމަވެސް، މަސައްކަތް ފަށައިގެން ވަރަށް އަވަހަށް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ އެމްޑީޕީ

"މިއަކާ ކެމްޕެއިނަކާ ގުޅުމެއް ނެތް. މިއީ ހަމަ ފުލް ސްޕީޑްގަ އަވަހަށް ނިންމާލަން ޖެހޭ ކަމެއް. އިރާދަކުރެއްވިއްޔާ ޕްލޭން ހަދާ ނިިމިފަ އޮތީ، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިތަނުން އެ މަންޒަރު ތިބޭފުޅުންނަށް ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގައެވެ.

އެ ދާއިރާގެ ގޮނޑި ހުސްވީ ކުރީގެ މެންބަރު ހުސައިން ވަހީދު، ކެންސަރު ބައްޔަށް ފަރުވާ ކުރައްވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ ހުސައިން ވަހީދަކީ ކޮމަންޑޫ ދާއިރާއަށް ތަރައްގީ ގެނައުމުގައި ވަރަށް އިސް ދައުރެއް އަދާ ކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.

"އަޅުގަނޑަށް ގެއްލިގެން ދިޔައީ ވަރަށް ގާތް އެކިވެރިއެއް. ހެޔޮ އެދޭ ތެދުވެރިއެއް. ކުރީ ދުވަހުވެސް އަޅުގަނޑުމެން ދެންނެވި ފަދައިން މިދާއިރަށް ގެއްލިގެން އެ ދިޔައީ ހިދުމަތްތެރި ހާދިމެއް،" ރައީސް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ރާޝިދު ހުންނެވީ ށ. ފޯކައިދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައެވެ. އޭނާ އަކީ ފާއިތުވެދިޔަ ތިން ދައުރުގައި އެ ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅާއެވެ.

ރާޝިދުގެ އިތުރުން އެ އިންތިހާބަށް ކުރިމަތިލާފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީހާއި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީ އާދަމެވެ.

comment ކޮމެންޓް