ދަރުމަވަންތަ ހޮސްޕިޓަލާއެކު އައިޖީއެމްއެޗް ކިޔޫ ދިގުވުން ނޫން ކަމެއް ނުވާނެ: ރައީސް

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ އެމްޑީޕީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލުގެ ސަބަބުން އައިޖީއެމްއެޗްގެ ކިޔޫ ދިގުވުން ނޫން ކަމެއް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ މިވަގުތު ކޮމަންޑޫ ދާއިރާއަށް ބޭނުންވަނީ އެ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ވަހީދުގެ ފިކުރާއި ވިސްނުން ކަމަށެވެ. އަދި ސަރުކާރުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ފިކުރު ވަރަށް މުހިންމު ކަމަށާއި މި ސަރުކާރުން ބޭނުން ވަނީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ ވާދަ ކުރައްވާ ބޭފުޅުންގެ ފިކުރަކީ މަރުކަޒީ ނިޒާމެއް ގާއިމު ކުރުން. އެއް ތަނަކަށް މީހުން ޖަމާކުރުން. ހިދުމަތްތައް ޖަމާ ކުރުން. މިއީ ރާއްޖެ ތަރައްގީ ކުރެވޭނެ ގޮތެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ސުކޫތެއް ގެނައި -- ފޮޓޯ/ އެމްޑީޕީ

ހަމައެއާއެކު ރާއްޖޭގައި މިހާރު ފަސް ޓާޝަރީ ހޮސްޕިޓަލެއްގެ މަސައްކަތް ކުރިއަށްގެންދާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އެ ފަސް ހޮސްޕިޓަލަށް ހޭދަ ކުރާ ފައިސާ އެއްކޮށްގެން އައިޖީއެމްއެޗް ކައިރީގައި ދަރުމަވަންތަ ހޮސްޕިޓަލާ އެއްގޮތަށް އިތުރު ޓަވަރެއް އިމާރާތް ކުރެވިދާނެ ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން މާލޭގައި ދިރިއުޅޭ މީހުންނަށާއި ވަކިވަކި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ފައިދާއެއް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށްވެސް އައިޖީއެމްއެޗް ކައިރީގައި އިތުރު ޓަވަރެއް ނެގިދާނެ. އެއްވެސް ކަމެއް ނޫން އެއީ އަޅުގަނޑަށް އެ ތަނަށް ޑޮކްޓަރުންވެސް ލެވިދާނެ. ހިދުމަތްތައްވެސް ދެވިދާނެ. ވިސްނާލަންވީ އޭގެއިން މާލޭގައި ތިއްބަވާ ބޭފުޅުންނަށް، ތިބޭފުޅުންނަށް ކުރާނީ ކޮން ފައިދާއެއްތޯ. އޭގެއިން ވާނެ ހަމައެކަނި ކަމަކީ އައިޖީއެމްއެޗްގެ ކިޔޫ ދިގުވުން،" ރައީސް ވިދާޅުވިއެވެ.

އައިޖީއެމްއެޗް ކައިރީގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭން އެފަދަ އިތުރު ޓަވަރެއް އެޅި ނަމަވެސް މާލެ ދިޔުމަށް ކުރާ ދަތުރަށާއި އެކަމަށް ހޭދަވާ ވަގުތަށް ބަދަލެއް ނާންނާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ލާމަރުކަޒުކޮށް، އެކި ސަރަހައްދުތަކުން ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާ -- ފޮޓޯ/ އެމްޑީޕީ

އެ ޖަލްސާގައި ރައީސް ވަނީ ހުސައިން ވަހީދަކީ ކޮމަންޑޫ ދާއިރާއަށް ތަރައްގީ ގެނައުމުގައި ވަރަށް އިސް ދައުރެއް އަދާ ކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.

"އަޅުގަނޑަށް ގެއްލިގެން ދިޔައީ ވަރަށް ގާތް އެކިވެރިއެއް. ހެޔޮ އެދޭ ތެދުވެރިއެއް. ކުރީ ދުވަހުވެސް އަޅުގަނޑުމެން ދެންނެވި ފަދައިން މިދާއިރަށް ގެއްލިގެން އެ ދިޔައީ ހިދުމަތްތެރި ހާދިމެއް،" ރައީސް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު ހުސައިން ވަހީދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ކުރައްވަމުން ގެންދަވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާނެކަން އިއުލާންކޮށްފައެވެ.

އެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ރާޝިދު ހުންނެވީ ށ. ފޯކައިދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައެވެ. އޭނާ އަކީ ފާއިތުވެދިޔަ ތިން ދައުރުގައި އެ ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅާއެވެ.

ރާޝިދުގެ އިތުރުން އެ އިންތިހާބަށް ކުރިމަތިލާފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީހާއި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީ އާދަމެވެ.

comment ކޮމެންޓް