މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޗައިނާގެ ފޮރިން މިނިސްޓަރަށް މަރުހަބާ ވިދާޅުވީ މިނިސްޓަރު ޝާހިދުގެ ދެކަނބަލުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ ރަސްމީ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ މެންދުރުގެ ވަގުތެއްގައި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ރަސްމީ މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫ ތަކެއްގައި ސޮއިކުރަން ހަމަޖެހިފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ ހައިސިއްޔަތުން މިދިޔަ ނޮވެމްބަރު މަހު ޝާހިދު ޗައިނާއަށް ވަޑައިގެން، މިނިސްޓަރު ވާންގްއާ ބައްދަލުކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުންނާއި އދ.ގެ ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރު ވާންގް ރާއްޖެ ވަޑައިގަންނަވާތީ، މިނިސްޓަރު ޝާހިދު ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝާހިދު އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ގައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިދިޔަ އޮކްޓޯބަރު މަހު ޝާހިދު ރާއްޖެއަށް ހަތަރު ދުވަހުގެ ދަތުރުފުޅެއް ކުރެއްވިއެވެ.

comment ކޮމެންޓް