ކޮވިޑް ކޭސްތައް އިތުރުވާތީ މިސްކިތަށް ދާއިރު ސަމާލުވާން އެޗްޕީއޭއިން އެދިއްޖެ

ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދެއް -- ސަން ފައިލް ފޮޓޯ

ކޮވިޑުގެ ކޭސްތައް ރާއްޖޭގައި އިތުރުވާތީ، މިސްކިތަށް ދާއިރު ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެދިއްޖެއެވެ.

ކުޑަ މަސައްކަތަކުން ބޮޑު ނަތީޖާއެއް ނެރެވޭނެ ކަމަށް ބުނަމުން، 'ކުޑަބަދަލަކުން' ހޭޝްޓެގާއެކު އާއްމުކުރި ފޮޓޯއެއްގައި އެޗްޕީއޭއިން ވަނީ، މިސްކިތަށް ދާއިރު އެމީހެއްގެ އަމިއްލަ މުސައްލަ ގެންދިއުމަށް ހަނދާން ކޮށްދީފައެވެ.

މިސްކިތަށް ދާއިރު ގެއިން ވުޟޫ ކޮށްގެން ދިއުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ކޮވިޑުން ރައްކާތެރި ވުމަށްޓަކައި، ނަމާދު ކުރުމަށްފަހު ލަސްނުކޮށް މިސްކިތުން ފޭބުމާއި، މިސްކިތުގައި ގިނަ މީހުންނާ ބައްދަލުކޮށް، ސަލާން ނުކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވަނީ، މިސްކިތަށް ދިއުމުގެ ކުރިންވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެހަނދާން ކޮށްދީަފއެވެ.

ކޮވިޑްގެ ކޭސްތައް ގިނަވެ، ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަލާފައެވެ. އަދި އެކަމާ ގުޅިގެން އެކަން ތަންފީޒުކުރަން ފުލުހުން ނުކުންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މުޅި ރާއްޖެއިން އިއްޔެ އަލަށް 304 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

މި ބަލި ޖެހިފައިވާ 2908 މީހަކު މިވަގުތު ރާއްޖޭގައި ތިބިއިރު، ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 264 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑު ކޭސްތައް ދަށްވެފައި ގިނަ ދުވަސްތަކަށް އޮތުމަށް އަނެއްކާވެސް ޕޮޒިޓިވް ރޭޓް މަތިވާން ފެށުމާއެކު ހޮޑުލާ ބޭރަށް ހިންގުމުގެ ރޯގާ ޖެހޭ މީހުންގެ އަދަދުވެސް މިވަނީ އިތުރުވާން ފަށާފައި ވާކަމަށް އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އަފްޒަލް އިބްރާހިމް އިއްޔެ ވިދާޅުވިއެވެ.

comment ކޮމެންޓް