"އިންސާނުންނަށް އިތުބާރު ކުރުމާއި ބަރޯސާ ވުމުގެ ބަދަލުގައި ހަމަ އެކަނި މާތްﷲއަށް އިތުބާރުކޮށް ބަރޯސާވެ އެފަރާތާއި ގާތް ގުޅުމެއް ގާއިމުކުރާށެވެ. "

***

ހަނާގެ ލޯ ކަރުނުން ފުރިފައިވާތަން ފެނުމުން އަލާޔާ ކަންބޮޑުވެ ސުވާލުކުރަންފެށިއެވެ. އެ ސުވާލުގެ ޖަވާބު ލިބުނީ ނިތްކުރި ފެނިފައެވެ. ބޮޑުތަނެއް ދުޅަވެފައިވާތަން ފެނި އަވަހަށް އައިސްޕެކް ޖައްސައިލެވުނެވެ.

"ދަރިފުޅު ކިހިނެއްވީ؟ ތަނަކުން ވެއްޓުނީތަ؟"

"ޖޭމު ގަހުން ވެއްޓުނީ..." ސަމަރު ކޮޓަރިން ބޯދިއްކޮށްލިއެވެ. އަލާޔާ އެވާހަކަ ގަބޫލުކުރަން ބޭނުންނުވެ އެކިގޮތްގޮތަށް ސުވާލުކުރަން ފެށުމުން މިފަހަރު ހަނާ ބުނީ ބިންމައްޗަށް ވެއްޓުނީކަމުގައެވެ. ދޮގުނަހަދަން މަންމަ ކައިރީ ވައުދުވީކަން ހަނދާންކޮށްދިނުމުން އެންމެފަހުން ބުނީ ޑެޑީ ކޮށްޕައިލުމުން ފާރުގައި ބޯ ޖެހުނީކަމުގައެވެ. އަލާޔާގެ ހިތަށް އެވަގުތު ވީގޮތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

ހަނާވެސް ކުއްލިއަކަށް ރުއިން ހުއްޓާލާފައި ބިންމައްޗަށް ވެއްޓިގަނެގެން ދެފައި ތަޅާފައި އުޅެގަތްގޮތުން އެކުއްޖާ މަސަލަސްކުރާކަށްވެސް ފަސޭހައެއްނުވިއެވެ. އަޑުގަދަވެގެންގޮސް އެތަނަށް އައިމަލްއަށް އާދެވުމާއެކު އަލާޔާ ބަލައިލީ އަލިފާނުގެ ނަޒަރަކުންނެވެ. އޭނައަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދިންނަމަވެސް އޭނަ ކެތްކޮށްގެން ހުރެފާނެއެވެ. ނަމަވެސް މަންމައަކަށް ތިމާގެ ދަރީގެ ގައިގާ ކޫރުމެއް އެޅޭތަން ދެކެންވެސް ކެތެއްނުވާނެއެވެ.

"ހަނާ....ފުރޭތަ ހިފާފައިތަ؟" އައިމަލްގެ ބަރު އަޑު އެތަނުގައި ގުގުމައިގަތެވެ.

ހަނާ ދެލޯ ބޮޑުކޮށްލިގޮތަށް ފުންމައިގެން ތެދުވެ އިނގިލި އަނގައިގާ ޖެހިގޮތުން އެކުއްޖާއަށް ފުރޭތައެއް ފެނުނަސް ވާނީ އެހާވަރުކަން އަލާޔާ ދެނެގަތެވެ.

"ފުރޭތަ ފެނުނީމަ ކުޑަކުދިން ބިރުގަންނާނެ..ހަނާ ފުރޭތައާއި ހިފާފައި އައިކަމަށް ވަންޏާ އެ ފުރޭތައަކީ ކޮބާކަން އަމިއްލަ ޟަމީރާއި ސުވާލުކުރަންވީނު. މަގޭދަރިފުޅުގެ ގައިގާ އިނގިލި ކުރި ޖައްސާލި މީހެއްގެ އަތުގެ ކަށިތައް ވަކިވަކިން ބިންދައިލާނަން އަޑު އިވިއްޖެތަ؟" އަލާޔާ ދަތްތައް ދިލުވައިލިއެވެ. އަދި އެވަރުން އަލާޔާގެ ބޮލުތެރޭ ކެކި ކެކި ހުރި އަލިފާންގަނޑު ނިއްވައެއްނުލެވުނެވެ.މޭޒުމަތީގައި ހުރި ބިއްލޫރި ތަށި އުފުލައިލިގޮތަށް އައިމަލްގެ މޫނުމަތީގައި އަޅާ ވިހެލިލެއް ބާރުކަމުން ތަށި ތެޅި ފައިބައިގަތެވެ.މޭމަތީގައި ތަޅައިގަތްގޮތަށް އަތުގައި ދަތް އަޅައި ލޭ އަރުވާލިއިރުވެސް އައިމަލް ހުރީ ދޫކޮށްލައިގެންނެވެ. މޭމަތީގައި މުށްކަވާފައި ހުރި އަތުން ތެޅިއިރު ނިތްކުރިން ފައިބަމުން ދިޔަ ލެއިން އައިމަލްގެ ގަމީސް ލޭކަޅިވެއްޖެއެވެ. ހިތަކަށް ތިމާގެ ނަފުސް ދޫކޮށްގެން ހުރުމުން އަލާޔާއަށް އެވަގުތު ޖިސްމާނީގޮތުން ދެވުނުހާ އަނިޔާއެއް ދެވި އަލާޔާއަށް ދުރަށް ޖެހިލެވި ބަލައިލެވުނީ އައިލަމް ދިފާއުގައި އަތް އުފުލައިނުލުމުން ކުޑަކޮށް ހައިރާންވެފައެވެ. އޭރު ރުޅި ފިނިވާއަތަށް އަޅައިފިއެވެ.

"ވީއިރު މިގެއިން ދޭ. ތިއީ މަގޭ އަންބެއްނޫން. ތިހިރީ ވަރިކޮށްފައި............" އައިމަލްގެ ލޮލުން ފެނުނު ފިނިކަން އަލާޔާގެ ލޭވެސް ގަނޑުކުރުވިއެވެ. މެޔާއި ހަށިގަނޑަށް ނުބައިގޮތްތަކެއްވެ ބިރުގަނެއްޖެއެވެ. ވަރިކުރުމަކީ އައިމަލްއަށް އެހާ ފަސޭހަކަމަކަށް ވާނެކަމަށް އަލާޔާ ހިޔެއްނުކުރެއެވެ. ނަމަވެސް އައިމަލްގެ ހިތުގައި އޭނައަށްޓަކާ އެއްވެސް ކުލުނެއް ގަދަރެއް އަދި އިހުސާސެއްނެތްކަން އެ ފިނި ނަޒަރު ބުނެދީފިއެވެ.

އައިމަލް އޭނައަށް ފުރަގަސްދިނުމަށްފަހު ހިނގައިގަތުމުން އަލާޔާ ހުރީ ޝޮކެއްގައެވެ.

"ނޫން އެހެނެއް ނުވާނެ. މަޖަލަކަށް އެހެން އެބުނީ. އެފަދަ ނިޔަތެއްގައެއްނޫން.."އަލާޔާ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. އެ ވާހަކަތައް ވީޑިއޯކުރަން ހުރި ސަމަރު ކާމިޔާބު ހިނިތުންވުމަކާއެކު އެތަނަށް ދައްކައިލިގޮތަށް ވީޑިއޯ ޖައްސައިލިއެވެ.

"އަލާޔާއަށް އައިމަލްގެ ލައިފް އިން އެއްވެސް ޖާގައެއްނެތް. އެނގޭތަ؟ އަހަރެން ކޮން ދުވަހެއް މި ދުވަހުގެ އިންތިޒާރުގައި ހުންނަތާ. އަވަހަށް މިގެއިން ދޭ. ކޯޓަށް ދާން ތައްޔާރުވާތި. ވަރީގެ މަރުހަލާތައް ފުރިހަމަވާނީ އެތަނަށް ދިޔައީމަ. ކޮބާ ހީވިތަ؟ މަގޭ އެއްޗެއް ފޭރިގަތީމަ ހައްގުވެރިޔާއަށް ލިބުނީ. ބޮލަށް ފަސޭހަވާނެދެން..އެހެންނޫނަސް އެންމެނަށް އެނގޭނެ އަލާޔާގެ ހުރި ނުބައިކަން. ކޯޓުގައިވެސް މި ދައްކާނީ...." ސަމަރުގެ ފޮނި ހީލުމާއި އެ ފޮނި ވާހަކަތަކާއި ދެކޮޅަށް އަލާޔާއަށް ބުނެލާނެ އެއްޗެއް ނޭގުނެވެ.

"އަނެއްކާ އޯކޭތަ؟ ހަވަރު ތުންފުއްސެއްހެން އުޅެންޏާ ވާނެ ހަތަރެތި ތިވީ...ފުރަތަމަ ސަލާރު ދެން ހަނާގެ ބައްޕަ އަދި އައިމަލްއާއި ހެދި މޮޔަވެފައި އެވަރުންވެސް ހިތް ނުފުރިގެން އައިމަލްއާއި އިނދެގެން ހުރެ ސަލާރުގެ ފަހަތުން ދުވަން ފަށައިފި. ސަލާރުގެ ގިފްޓް ހޯދާއިރު ލަދެއްވެސް ނުގަނޭ. މަޝްހޫރުވީމަ އަނެއްކާ އޭނަ ފެނިއްޖެ ދޯ. ސަލާރުއާއި ދުރުން އުޅޭތި..........."ސަމަރު އަލާޔާގެ މޭގައި އަތް އަޅާ ކޮށްޕާލައިފިއެވެ. އަލާޔާ ވިސްނާނުލާ ހުރިކަމުން ފަހަތަށްގޮސް ބޯ ޖެހުނީ ފާރުގައެވެ. ތަންޑާވިފަދަ ގޮތެއްވިއެވެ. އޭނަ ހުރީ ގަބުވެފައެވެ. އެވަރުންވެސް ލޮލަށް އެންމެ ކަރުނަ ތިއްކެއްވެސް ނައެވެ.

ސިކުނޑީގެ ކަނަކުން ހިތްވަރުދޭން ފެށީ އޭނަގެ ކޮން ބަޔެއް ހޭލައިގެން ކަމެއް ނޭގެއެވެ.

"އަލާޔާ ފިނޑިނުވޭ. މާތްﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު. ޓްރަސްޓް ހިމް. އެންމެން ދިޔަސް ހީ އިޒް ދެއާ ފޯ ޔޫ......."

އެވަގުތު އެހެން ބަޔަކުން ބުނެލީ ނިކަން ވައި އަޑަކުންނެވެ.

"އިފް ﷲ އިޒް ދެއާ ފޯ ޔޫ ކީއްވެ މިހާ ދެރަ ކަންތައްތައްވަނީ؟ އަބަދު ނަސީބު ދެރަކޮށްވާންވީ ކީއްވެތަ؟ އެއްވެސް ކަމެއް ކާމިޔާބު ނުވާންވީ ކީއްވެތަ؟ ހިތުގައި ލޯބި ނުއުފެދެނީ ކީއްވެ؟ ލޯބީގެ ފުރިހަމަކަން ދެނެނުގަނެވުނީމަ މިހުރިހާ ދެރަކަމެއްވަނީ.............."

"ފުރަތަމަ ތިމާ ހެއްދެވި ފަރާތްދެކެ ލޯބިވާން ފެށީމަ ދިރިއުޅުން ފުރިހަމަވާނެ..ހިތްވަރުކުރޭ. ހެއްދެވި ފަރާތަށް ދުޢާކުރީމަ ކޮންމެވެސް ދުވަހަކުން ދުޢާ އިޖާބަކުރައްވާނެ. އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާ. އަނިޔާލިބިގެންވާ މީހާ ކުރާ ދުޢާ އިޖާބަވާނެ........."ހިތްވަރުލާދޭ ފަޅިން އަލާޔާގެ ހިތަށް ތަސައްލީ ހޯދަދޭން މަސައްކަތްކުރިއެވެ.

ސިކުނޑީގެ އަޑުތަކުގެ ތެރޭ ގެނބިގެން ހުރެ އޭނަ ކޮޓަރިއާއި ދިމާލަށް ހިނގައިގަތްއިރު ހަނާވެސް އޭނަގެ ހެދުމުގައި ހިފަހައްޓާލައިގެން ހުރެ ފަހަތަށް ބަލަމުން ދިޔައީ ކަރުނުން އެބޮޑު ލޯ ތެންމާލައިގެން ހުރެއެވެ. މަންމަގެ ހާލަތުވެސް ހަނާއަށް އެނގުނުފަދައެވެ.

އަލާޔާ އޭނަގެ އެއްޗެހި ދަބަހަށް އެޅިއިރުވެސް އިތުރު ވާހަކައެއް ނުދައްކައެވެ.

"މަންމާ.ސޭޑްތަ؟"

"އާނ...." އަލާޔާ މަޑުމަޑުން ބުނެލިއެވެ. ދުނިޔެދެކެވެސް އޭނަ ރުޅި އަތުވެއްޖެއެވެ. ދަތްތައް ބިންދައިގެންދާހާ ބާރަށް ދަތްވިކާލައިގެން ހުރެ އޭނަ ދަބަސް ދަމަމުން އެގެއިން ނިކުންނާން ހިނގައިގަތްއިރު ސަމަރު ދޮރުމަތީގައި މަލާމާތުގެ ހިންޏެއް އައިސްފައި ހުއްޓެވެ. ތުނިކޮށް ވެހެމުން ދިޔަ ވާރެއަށް ފަރުވާލެއްނެތި ވާރޭގެ ތެރޭގައި ގޮސް އޭނަ ކާރަށް އަރާ ދޮރު ލައްޕާލުމަށްފަހު އެންމެ ފަހު ފަހަރަށް އެގެއާއި ދިމާލަށް ބަލައިލީ ވަދާއުގެ ނަޒަރަކުންނެވެ.

***

އޯޓަމް ވިއުއަށް ވަދެފައި އަލާޔާ މަހާއަށް ގުޅާފައި ހުރިހާ ވާހަކައެއް ކިޔައިދިނީ ހެމުންނެވެ. ހިތުގައިވާހާ ހިތާމައަކަށް ގަނޑުފެން އަޅާފައި އޭނަ ބޭރުފުށުން ދައްކަންފެށީ އެހެން ކުލައެކެވެ.

"ސަމަރުއާއި އައިމަލްކަހަލަ ދެމީހުން އެންމެ ގުޅެނީ. ޝޯއޮފް ކުރުމުގެ ނުބައިކަން މަށަށް ފެނިއްޖެ. އަހަރެން އުޅުނީ އައިމަލްގެ ސަބަބުން ފަޚުރުވެރިކަމެއް ހޯދަން. ލޯބިވެގެން ކުރެވުނު ކަމެއްނޫން. އެހެންވެ ވަރުގަދަ ބޮނޑިއެއް މި ބޮވުނީ. އަދި ޑިއުޓީއަށް ދިޔައީމަ މަލާމާތްކޮށް ޖެއްސުންކުރާނެ. ސަމަރުގެ ގްރޫޕްގަނޑު އެތާ އޮތީ..ދޭ ވިލް މޭކް މައި ލައިފް އެ ލިވިން ހެލް......."

"މީހުން ދެކޭގޮތަށްވުރެ ތިމާގެ އަމިއްލަ ނަފުސަށް ރަގަޅުގޮތް ހޯދީމަ ލިބޭ އުފާ މާ ބޮޑުވާނެ. ކޮންމެހެން ރީތި މީހަކާއި ނޫނީ ޑޮކްޓަރަކާއި ނޫނީ މުއްސަދި މީހަކާއި އިނަސް ހަގީގީ އުފާވެރިކަމެއް ނުލިބޭނެ. ހަގީގީ އުފާވެރިކަން ސޯޝަލް މީޑިއާގައި އިޝްތިހާރެއް ނުކުރާނެ. އެލޯބި އެހެން މީހުންނާއި ހިއްސާކުރުމުން ހަސަދަވެރިންގެ އެސްފީނާ ޖެހި ލޯބިވެސް ބަރުބާދުވާނީ..."މަހާ ވިސްނައިދިނެވެ.

"ލައިފް ލެސަންއެއް ލިބިއްޖެ..."އަލާޔާ ހީލިއެވެ.

އަލާޔާ ފޯނު ބޭއްވުމަށްފަހު ބެލްކަންޏަށް ނިކުތްއިރު ދުރުން ކުޅި ފެންނާން އޮތެވެ. ހަނދުވަރުގެ އަލި އެޅި ރިހިގަނޑެއްހެން ވިދާއިރު ހާދަ ނަލައެވެ. ކުޅަދުންވަންތަކަމާމެދު ވިސްނައިލިހިނދު އެފެންނާން ހުރި އިމާރާތް އޭނަގެ ހިތަށް ފޫހިކަމެއް ވެރިކުރުވިއެވެ. ނަމަވެސް އޭނަ ވަޒީފާއަށް ނުގޮސް ހުންނަން ބޭނުމެއްނުވިއެވެ. މަހާގެ ފަރާތުން އެނގުނު ކުޑަކުދިން ބަލަހައްޓާ ތަނަކަށް ހަނާ ލާފައި އޭނަ ގަސްތުކުރީ ޑިއުޓީއަށް ކޮންމެހެންވެސް ދިޔުމަށެވެ. ދިރިއުޅުމުގައި ކުރިމަތިވާ އިމްތިހާނުން ފާސްވާނީ އޭނަ ހެއްދެވި ފަރާތަށް އިތުބާރުކުރުމުންނެވެ. ބަރޯސާވުމުންނެވެ. ކޮންމެ ކަމެއް ވާނީ އެންމެ ރަގަޅަށް ކަމަށް ގަބޫލުކޮށް މަލާމާތާއި ޖެއްސުންތަކާއި ކުރިމަތިލާނީއެވެ. އޭނައަކީ އެހާ ބަލިކަށި ކުއްޖެއްކަމަށް އައިމަލް ހީކުރިކަމީ މޮޔަކަމެކެވެ. އޭނަ ފަހަރެއްގައިވެސް އެހާ ފިނޑިވެގެން އާދޭސްކުރާކަށް ނުދާނެއެވެ.

އަމިއްލަ ނަފުސަށްވުރެ އޭނަ ހަނާގެ ދުޅަހެޔޮކަމަށް ވިސްނައެވެ.

***

އަލާޔާ ހީކުރިވަރަށްވުރެ މާ ގަދަޔަށް ހޮސްޕިޓަލުގައި އޭނަގެ ވާހަކަ ދެކެވުނެވެ. އައިމަލް އޭނަ ވަރިކުރި ވާހަކަ ހުއިގަނޑެއްގައި އަލިފާން ހިފިފަދައިން މުޅިތަނުގައި ހިނގައިގެންފިއެވެ. ސަމަރުއަށް ކާމިޔާބުވެއްޖެއެވެ. އައިމަލްއާއި ސަމަރު އެކީގައި ކާރުން ފައިބައިގެންގޮސް ޑިއުޓީއަށް ވަން މަންޒަރު ދެކެން ލޯ މަރަން އަލާޔާއަށް ޖެހުނެވެ. އައިމަލްގެ ނިތްކުރި ބެންޑޭޖްކޮށްފައި ހުރިތަން ފެނުމުން ހިތަށް ކުޑަ ފިނިކަމެއް ލިބުނެވެ. އޭނަގެ ދަރިފުޅަށް ކުރި އަނިޔާގެ ބަދަލު ހިފުނުވަރު އަދިވެސް ކުޑައީއެވެ. އެހެން މީހުން އޭނައާއިމެދު ދެކޭނެގޮތެއް ކޯޓު މީހުން ވިސްނާނެގޮތެއް އަލާޔާއަކަށް މުހިއްމެއް ނުވިއެވެ.

އަލާޔާ ޑޮކްޓަރުގެ އިންތިޒާރުގައި ބަލިމީހުން ބަލާ ކޮޓަރީގައި އިންދާ ރަދްވާ އައިސް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.

"އައިމް ސޮރީ ގާލް....ސީރިޔަސްކޮށް..."

"ތެންކިއު..އެކަމަކު ކޮން ކަމަކާ........."

"އައިމަލް ވަރިކުރި ވާހަކަ މުޅި މިތާ...........އަސްލުކޮށްއަހަރެން ހުރީ އައިމަލްއަކީ އަލާޔާގެ ހަޒްބެންޑްކަން ނޭގޭކަމަށް ހަދައިގެން. އައިމަލްގެ ކަޑަކަން އެނގުމުން މަވެސް ވަރަށް ފޫހިވެއްޖެ. އޭނަ މަށާއިވެސް ރުޅިވެއްޖެ. އަދި މަގޭ ފޯނުގައި ހުރި ހުރިހާ އެއްޗެއް ޑިލީޓްކޮށްލައިފި. ހެކިތައް ނައްތާލަފާނެއޭ މަގޭ ހިތަށްވެސް ނާރާ. އަހަރެންގެ ގަމާރުކަމުން އަލާޔާއަށް އެކަނި އެ ފޮޓޯތައްވެސް ދެއްކުނީ. އައިމަލް ގެއްލިދާނެތީ ބިރުން ފޮރުވައިގެން އުޅެނިކޮށް އޭނަ ބްރޭކްއަޕް ވީ. ވަރަށް ނުބައި ނުލަފާ ފިރިހެނެއް...އަލާޔާ ދެރަވާނެކަމެއް ނެތް އިނގޭ..ސަލާމަތްވެވުނީތީ ޝުކުރުކުރޭ........." ރަދްވާގެ ވާހަކަ ހުރިގޮތުން އަލާޔާއަށް ހިތްވަރު ލިބުނެވެ.

އަލާޔާ ހުރީ ރޯނގާ ވައްތަރުވެ ބޮލުގައާއި ކަރުތެރޭ ރިއްސައިގެންނެވެ. ރަދްވާ ގާތު އެވާހަކަ ބުނުމުން ބުނީ ޕީސީއާރު ޓެސްޓް ހެދުމަށެވެ. ކޮވިޑްގެ ނުރައްކާތެރިކަން ވަށާލާފައި އޮތުމުން އަޅާނުލާ ދޫކޮށްނުލަން އެދުނެވެ.

ޑިއުޓީ ނިންމާލާފައި ފްލޫކްލިނިކަށްގޮސް އަލާޔާ ސާމްޕަލް ދީފައި ހަނާ ގޮވައިގެން ގެއަށް އައިސް އުޅުނީ ބަލައިގެންނެވެ.

***

އަލާޔާ ކޮވިޑަށް ޕޮޒިޓިވްވެގެން އޮތް ދުވަސްކޮޅު ހައިރާންވީ އެންމެ ހީނުކުރި ފަރާތުން އެހީތެރިކަން ލިބުމުންނެވެ. ރަދްވާ ހަނާ ބަލާދިނުމުގެ އިތުރުން ގަވާއިދުން މޭވާކަހަލަ އެއްޗެހި ގެނެސްދިނެވެ. އަދި ރެކިދިޔެމެންވެސް ކުރުނބާ ހިފައިގެން އައިސް އެމީހުންނަށް ވެވުނުވަރަކުން އެހީވިއެވެ. އަލާޔާ ކަރަންޓީނުގައި ހުރި ދުވަސްކޮޅު ޤުރުއާން ދަސްކުރަން ވަގުތު ހޯދިއެވެ. ޤުރުއާނަކީ ޝިފާއެއްކަމަށް ދެކެ ގިނައިން ޤުރުއާން އަޑުއަހާ ކިޔެވިއެވެ. ﷲއަށް ދުޢާކުރިއެވެ. ބެލްކަންޏަށް ނުކުމެ އޭނަ ތާޒާ ވަޔާއި އިރުގެ އަލިކަމުން ވިޓަމިން ޑީވެސް ހޯދިއެވެ.އެކަންތައްތަކުގެ ސަބަބުން އޭނަ ދާދި އަވަހަށް ބަލީގެ އުދަގޫތަކުން ސަލާމަތްވެ ފުރިހަމަ ސިއްހަތު އަނބުރާ ލިބުނެވެ.

އެންމެންހެން މެސެޖްކުރިއިރުވެސް ސަމަރުއާއި އައިމަލްގެ ޚަބަރެއްނުވިއެވެ. އޭނަ ހީކުރީ ބަލިވުމުން އައިމަލް މެސެޖެއްކޮށްލާނެ ކަމަށެވެ. ސަމަރުވެސް ޖެއްސުމަކަށް ނަމަވެސް އެއްޗެއް ބުނެލާނެކަމުގައެވެ. ނަމަވެސް އެމީހުންނަށް އަލާޔާ އެއްވެސް އެއްޗަކަށް ނުވިއެވެ.

އަބްދަލް އެދުވަސްކޮޅު ފާނޫޒެއް ގެނެސްދިނެވެ. އޭނަ ބުނީ އަލާޔާއަށް ފާނޫޒު ރީތިވެގެން އުޅޭތީއާއެކު ސަލާރުގެ އަތުގައި ހުރި ފާނޫޒު ދޭން ބުނެފައިވާކަމަށާއި އޭނަ ހަނދާން ނެތިގެން ލަސްކުރެވުނީކަމުގައެވެ. މާޒީގެ ހަނދާންތައް އަލާޔާގެ ހިތަށް އުދަގޫކުރުވިއެވެ. އޭނަ ކުޑައިރު ސަލާރުމެންގެ ގޭގައި ހުރި ފާނޫޒެއް ހިފައިގެން ވަލުތެރެއަށް ދިޔައިރު ނެގިފައިވާ ފޮޓޯއެއް އަދިވެސް ފޮޓޯ އަލްބަމުގައި ހުރެއެވެ. އެއީ ހަމަ އެ ފާނޫޒެވެ. ހުދުކުލައިގެ ދިގު ހެދުމެއްގައި އޭނަ އިސްތަށިގަނޑު އައްސާލައިގެން ހުރެ ކުދި ފިޔަވަޅުތަކެއްގައި އެ ފާނޫޒު ހިފައިގެން ދިޔައިރު ސަލާރުވެސް ފަހަތުން އައެވެ. ފާނޫޒާއި ހުޅުކޮޅަށް އޭނަ މޮޔަވިއެވެ. ފާނޫޒާއި ސަލާރުއަކީ އެ މާޒީގެ އެންމެ ޚާއްސަ އެއްބަޔެވެ. ދުރަށް އެއްލައިލަން އުޅުނަސް މާޒީ އަނެއްކާ އޭނައާއި އަރާ ހަމަކުރީ ރީތި އެތައް ހަނދާނަކާއެކުގައެވެ.

***

ކަރަންޓީނު ނިމިގެން އަލާޔާ ހަނާގެ އިންތިޒާރުގައި އިންދާ ރަދްވާ އެކަނިމާއެކަނި އައިއިރު ލޮލުން ފެނުނީ ހާސްކަމާއި ކަންބޮޑުވުމުގެ ކުލަވަރެވެ.

"އަލާޔާ. ހަނާ ވީތަނެއް ނޭގިގެން ވަރަށް ހޯދައިފިން. ހެނދުނު ހޭލިއިރު ހަނާ އެނދަކު ނެތް........"

"ވަޓް؟" އަލާޔާއަށް ފުންމައިގެން ތެދުވެވުނެވެ."އަދި ކިރިޔާ ރަދްވާއަށް ތި ވާހަކަ ބުނަން އެނގުނީ........ތިކަހަލަ ނުބައި ސަމާސާ ނުކުރޭ."

"ސަމާސާއެއްނޫން. އަލާޔާ. މެސެޖެއްވެސް އޮތް. ފުލުހުންނަށް ގުޅައިފިއްޔާ ދެން ފެންނާނީ ހަނާގެ ފުރާނަނެތް މަސްގަނޑޭ. އެކުއްޖާ ސަލާމަތުން އެބަހުއްޓޭ. ހޯދަން ނޫޅޭށޭ........................"

އަލާޔާގެ ފައިދަށުން ބިންގަނޑު ދޫވިއެވެ. ރަދްވާއަށް އިތުބާރުކުރެވުނީ ދަރިފުޅުގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އޭނަ ގާތުގައި ހުރުމުން ދަރިފުޅު ބަލިވެދާނެތީއެވެ. އެކަމަކު މިކުރެވުނީ ކީއްހެއްޔެވެ؟ ރަދްވާގެ ލޮލުން ކަރުނަ އޮހިގަތެވެ.

"އައިމް ސޮރީ އަލާޔާ....." ރަދްވާ އެއްޗެކޭ ބުނަން އުޅުނުއިރު އަލާޔާ ބާރުބާރަށް ހިނގާފައިގޮސް ގެއިން ނުކުމެގެން ދުއްވައިގެންފިއެވެ. އަލާޔާ ގެ ބުއްދި ގޯސްވީކަމަށް ހިތާ ރަދްވާ އަލާޔާއަށް ގޮވަމުން ފަހަތުން ދިޔައިރު މަގުން ދިޔަ ކާރެއް ހުއްޓުވާފައި އަލާޔާ ކާރަށް އެރިތަން ފެނުނެވެ.

***

އަލާޔާ ސަމަރުމެންގެ ގެ ގޭގެ ދޮރުގައި ޓަކިދޭން ފެށުމުން ދޮރު ހުޅުވީ ސަމަރުއެވެ. ނޫ ޖިންސަކާއި ފިޔާތޮށިކުލައިގެ ކުރު ޓޮޕްކޮޅެއްލާފައި ހުރިއިރު ގުޅޭގޮތަށް މޭކަޕްކޮށްލާފައި އިސްތަށިގަނޑުވެސް ސްޓައިލްކޮށްލާފައެވެ. ބޭރަށް ދާން ތައްޔާރުވެގެންފަދައެވެ.

"ކޮބާ އައިމަލް؟" އަލާޔާ ހަށަން ބަދެލިއެވެ.

"އޯ.......ހާދަ ވަރުވެފައި..."

"ހަނާ ފޮރުވައިގެން އުޅެނީ ކަލޭމެން ދޯ...."

"ވަޓް؟ ހަމަ މިހާރު ފުލުހުންނަށް މިގުޅަނީ. ކަލޭ ހިތަށް އަރާ އިރަށް އައިއްސަ އަހަރެމެންގެ ބޮލުގައި ފާޑު ފާޑު ތުހުމަތު އަޅުވަނީ ކީކޭ ހިތަށް އަރައިގެން؟ ދަރިން ނުބެލި ގެއްލުމެއްވީމަ އަހަރެމެންނަށް ރޯޅި ބާލަން ތިއައީ؟ ފޯ ގޯޑްސް ސޭކް އަހަރެމެންނަކީ މީހުންގެ ދަރިން ފޮރުވައިގެން އުޅޭ ޒާތުގެ ބަޔެއްނޫން......"

"ގަބޫލެއް ނުކުރަން.." އަލާޔާގެ ހިތަށް ބިރުވެރިކަން ވަނެވެ. "އަބްދަލް.. އަބްދަލް...ކޮބާތަ އައިމަލް. ދެކުނިންތަ؟"

"އޭ.......އައިމަލް ވީތަނެއް އޭނައަކަށް ނޫނޭ އެނގޭނީ. އޭނަ ވީ ޑިއުޓީގައި މިހިރަ ފަޅޯ މާމާ........." ސަމަރު އުކުޅުގައި އަތް ވިއްދައިލިއެވެ."އަދިވެސް އައިމަލްގެ ފަހަތުން ނުފިލައިގެން އެއްޗެކޭ ކިޔާފައި ތި އަންނަނީ؟"

"މިއުޅެނީ ހަނާ ގެއްލިގެން...ފުލުހުންނަށް ގުޅަން މިއުޅެނީ...." އަލާޔާ ތަންކޮޅެއް މައިތިރިވިއެވެ. ސަމަރުގެ މޫނުން ފެނުނު ކުލަވަރުން އެމީހުން އެކަން ކޮށްފާނެހެން ހިޔެއްނުވެއެވެ.

ސަމަރު ވަގުތުން އައިމަލްއަށް ގުޅައިގެން އަލާޔާ އެމީހުން ބޮލުގައި އަޅުވައިގެން އުޅޭ ތުހުމަތު ކިޔައިދިނީ ސްޕީކަރަށް ލައިގެން ހުރެއެވެ. އޭނަ ބޭނުންވީ އަލާޔާއަށް ހުރިހާ އެއްޗެއް އިއްވާށެވެ.

"ހަނީ. މީ ކިހާ ދެރަކަމެއްތަ؟ މި އަލާޔާގާތު ބުނެބަލަ އަހަރެމެންނާއި އަޅައިގެން ނޫޅޭށޭ. އެހެންޏަ ފަހަތުން ފިލާގޮތެއްނުވި. ބޭބީ ގެ ބޮލުގައި ފާޑެއްގެ ތުހުމަތެއްވެސް އަޅުވައިގެން. އަވަހަށް އާދެބަލަ...ވަރަށް މިސްވޭ...."

"ސަމަރު. އަހަރެމެންގެ ގުޅުން މިހިސާބުން ނިމުނީ. ފުރަންވެގެން ޖެޓަށް މި އަރަނީ. ސަމަރުއަށްވެސް އެންމެ ރަގަޅުވާނީ ހަޔާތުގެ ބައިވެރިޔަކު ހޯދައިގެން އެހެން ދިރިއުޅުމެއް ފެށުން. މިއަދުން ފެށިގެން ސަމަރު ތިއީ އަހަރެންގެ އަންބެއްނޫން. ޔޫ އާ ޑިވޯސްޑް......ސަމަރުގެ ހަޔާތުން ބޭކާރުވީ ދުވަސްތަކެއް އަނބުރާ ނުގެނެސްދެވޭނެ. އޭގައި އަހަރެން ކުރާނެކަމެއްނެތް. ދެންވެސް ނުދަންނަ މީހުންނަށް ޓްރަސްޓްކޮށް ވަގުތުން ކައިވެންޏަށް ފުންމުމުގެ ކުރިން ސަތޭކަ ފަހަރު ވިސްނައްޗޭ. ގުޑް ބައި ސަމަރު...." އައިމަލްގެ ފޯނު ކަނޑާލައިފިއެވެ.

ސަމަރުގެ މޫނުގައިވި ފިޔާތޮށިކުލަ ކެނޑި ހުދުވަމުންގޮސް ކަފަކޮޅެއްހާ ވަރުވީއިރު ގަނޑުވެފައި ހުރިގޮތުން އަލާޔާ ހިނި އަންނަން އުޅެފައިވެސް ހިނިގަނޑުވެސް ގަނޑުވީބާވައޭ ހިތަށް އެރިއެވެ.ސަމަރު އަރިއަޅައިލި ވަގުތު އަލާޔާއަށް ހިފެހެއްޓުނީ އިންސާނިއްޔަތު އިސްކުރެވި ބޭ އިޚުތިޔާރުގައެވެ. ދެމީހުން އެއްކޮށް ގުޅައަކަށްގޮސް ޖެހުނީ ސޯފާގެ މައްޗަށެވެ.

"އަބްދަލް.....ފެންކޮޅެއް އަވަހަށް ގެންނަނީ. މެޑަމް ފެއިންޓްވަނީ...."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު