އޭޑީކޭއިން ކެންސަރު ބަލި ދެނެގަނަން ހަދާ ޕެޓް ސިޓީ ސްކޭން ތައާރަފް ކުރާތީ ރައީސްގެ ތައުރީފް

އޭޑީކޭގެ "ރަން ފޮރ ޗެރިޓީ" ދުވުން ނިމުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

އޭޑީކޭ ހޮސްޕިޓަލުން ކެންސަރު ބަލި ދެނެގަތުމަށް ހަދާ، ޕޮސިޓްރޯން އެމިޝަން ޓޮމޮގްރަފީ ސްކޭން (ޕެޓް ސްކޭން) ތައާރަފްކުރަން ހަމަޖެހިފައިވާތީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ކަމަށް ތައުރީފް ކުރައްވައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރޭ މުނާސަބަތުގައި ބޭއްވި 35 ގަޑިއިރުގެ "ރަން ފޮރ ޗެރިޓީ، ދުވާހިތުން" ދުވުމުގެ ހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަ ބަޔަކު ދެމުން އަންނަ ސިއްހީ ޚިދުމަތަކަށް، 35 އަހަރު ފުރިގެން ދިޔުމަކީ، އެހާ އާދައިގެ ކަމެއް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"މި ހޮސްޕިޓަލުން ތައްޔާރުވަމުންދަނީ، ކެންސަރު ބަލި ދެނެގަތުމަށްޓަކައި ހަދާ ޕެޓް ސީޓީ ސްކޭންގެ ހިދުމަތް ވަރަށް އަވަހަށް ތައާރުފް ކުރަން. މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއް. އަދި އޭގެއިތުރުން، އެންމެފަހުގެ އެމްއާރްއައިގެ ޚިދުމަތްވެސް މި ހޮސްޕިޓަލުން ވަރަށް އަވަހަށް ފަށާނެ ކަމަށް އަޅުގަނޑަށް ވަނީ އެނގިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން އަދާކޮށްދެމުން އަންނަނީ، ގައުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ހިދުމަތެއް ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ މެނޭޖުމަންޓާއި ސްޓާފުން ކުރައްވަމުން އަންނަ ބުރަ މަސައްކަތުގެ އަގު ވަޒަންކުރެއްވިއެވެ.

"ވަރަށް އާދައިގެ ގޮތަކަށް ކުޑަކުޑަ ކްލިނިކެއް، 1987 ވަނަ އަހަރު މާލޭގައި ހުޅުވި. އެތަނަށް 35 އަހަރުވެގެންދާއިރު، ރާއްޖޭގައި ހުރި އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލަށް ވާނެކަމަށް، މާގިނަ ބަޔަކު އޭރަކު އަޅުގަނޑު ހިތުން ގަބޫލެއްނުކުރާނެ. މިއީ އަޅުގަނޑު ދެކޭގޮތުގައި، ވަރަށްގިނަ ބައެއްގެ ބުރަ، ބޮޑު މަސައްކަތެއް،" ރައީސް ވިދާޅުވިއެވެ.

އޭޑީކޭގެ "ރަން ފޮރ ޗެރިޓީ"ގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ/ ރައީސް އޮފީސް

އޭޑީކޭ ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދުޅަހެޔޮކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ޒަމާނީ ސިއްހީ ހިދުމަތްތައް ދިނުމުގައި، ބޮޑެތި ކާމިޔާބީތައް އެ ހޮސްޕިޓަލުން ހާސިލްކުރަމުން އަންނަ ކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެމްއާރްއައިގެ ހިދުމަތާއި، ސީޓީ ސްކޭންގެ ހިދުމަތް ރާއްޖޭގައި އަލަށް ފެއްޓީ އޭޑީކޭއިން. ފުއްޕާމެޔާއި، ހިތް ފަޅައިގެން ކުރާ އޮޕަރޭޝަންތައް މިހާރު ރާއްޖޭގައި ކުރެވެން ހުރީވެސް ހަމައެކަނި މި ހޮސްޕިޓަލުން. ބޮލާއި ސިކުނޑިއާއި، ނާރުގެ އޮޕަރޭޝަންތައްވެސް ކުރެވެންހުރީ ހަމަ މި އޭޑީކޭގައި،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މީހުން ބިނާ ކުރުމަށް ޓަކައި އޭޑީކޭ ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

comment ކޮމެންޓް