އިންތިހާބާ ދިމާކޮށް ކޮމަންޑޫގެ ފުޓްބޯޅަ ދަނޑު އަޅަން އުޅޭތީ ފާޑު ކިޔުން!

ކޮމަންޑޫ ފުޓްބޯޅަ ދަނޑު އަޅައި ސަރަހައްދަށް ވަޒީރު، ޒިޔާރަތް ކުރެއްވުން ---

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޯމަތިވެފައި އޮއްވައި ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް އަޅަން ނިންމާފައިވާތީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާން ފަށައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އަންނަ ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހުގައެވެ.

މަހްލޫފް ވިދާޅުވީ ކޮމަންޑޫގައި ދަނޑެއް ނެތި، އެ ރަށުގެ ރައްޔިތުން ފުޓްބޯޅަ ކުޅުމުން މަހްރޫމު ވެފައިވާތާ 30 އަހަރު ވެއްޖެކަމަށެވެ.

އެހެންކަމުން އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން ސޮކާ ބޯލް ދަނޑު، ގާއިމުކޮށްދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އަންނަ ހަފްތާގަ މަސައްކަތް ފެށޭނެ،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް އެހެން ވިދާޅުވުމާ ގުޅިގެން ސިޔާސީ ބައެއް ޕާޓީތަކުގެ އިތުރުން އާއްމު ރައްޔިތުން ވެސް އަންނަނީ ފާޑު ކިޔަމުންނެވެ.

އެގޮތުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ޔޫތު މިނިސްޓަރުކަމުގައި ތިން އަހަރު ހުންނެވިއިރު، އެކަން ބަޖެޓު ކުރައްވާފައިނުވާ ކަމަށެވެ.

"ވޯޓެއް ބޯމަތިވުމުން ތިޔަކަން ކުރައްވާނެކަމަށް ވިދާޅުވިނަމަވެސް ކޮމަންޑޫގެ ޒުވާނުން އެކަން ގަބޫލެއްނުކުރާނެ،" ރިޔާޒް ވިދާޅުވެފައިވެއެވެ.

ރިޔާޒުގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ވަނީ އެކަން ކުރަން ސަރުކާރަށް ތިން އަހަރު ލިބުނު ކަމަށާއި އެ ތިން އަހަރުގެ ތެރޭގައި އެކަން ނުކުރީ ކީއްވެތޯ ވިދާޅުވެ، މަހުލޫފާ ސުވާލު ކުރައްވާފައެވެ.

ރިޔާޒާއި ދުންޔާގެ ވާހަކަ ތަކަށް ރައްދެއް ދެއްވުމުގެ ގޮތުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު އަދްހަމް ވެސް ވަނީ ކޮމަންޑޫ ޒުވާނުންނަށް ކަމެއް ކޮށްދޭން ސަރުކާރުން މަސައްކަތް ފެށުމުން ދުންޔާ އާއި ރިޔާޒަށް ކެތް ނުވެގެން އުޅެނީ ހަމަ ދާއިރާގެ ޒުވާނުން ދެކެ ވާ ލޯބި ބޮޑުކަމުންތޯ ސުވާލު ކުރައްވާފައެވެ.

ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ސުޖާއު ވިދާޅުވީ ތިއީ މާ ކުރިންވެސް ނިމިފައި އޮތް ތަނެއް ކަމަށެވެ. އޭނާ ވިދާޅުވީ މި ހުރިހާ ދުވަހަކު، ކޮމަންޑޫ ޒުވާނުންގެ މަތިން ހަނދުމަ ނެތިފައި ހުންނެވުމަށްފަހު، ކުއްލިއަކަށް ކޮމަންޑޫ ޒުވާނުންގެ މަތިން ހަނދުމަ ވެއްޖެ ކަމަށެވެ.

"ތިޔަ ދަނޑު ޒުވާނުންނަށް މި ހޯދައިދިނީ އަޅުގަނޑުމެން،" ސުޖާއު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އެމްޑީޕީ މެންބަރު، ހުސައިން ވަހީދު، މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

comment ކޮމެންޓް