ހުޅުމީދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ލަސްވަނީ އިދާރީ މައްސަލަތަކެއް ދިމާވެގެން: މޭޔަރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު --- ފޮޓޯ: ސިޓީ ކައުންސިލް

އައްޑޫ ސިޓީ ހުޅުމީދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ލަސްވަނީ އިދާރީ މައްސަލަތަކެއް ދިމާވެގެންކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މޭޔަރު ނިޒާރު "ސަން"އަށް ވިދާޅުވީ ސިޓީ ކައުންސިލުން އެ މަސައްކަތް ގަސްތުގައި ނުކޮށް ނުތިބޭނެކަމަށާއި ދިމާވި ބައެއް ދަތިތައް އެބަހުރި ކަމަށެވެ. އަދި ބައެއް ކަންކަމުގައި ހެލްތު މިނިސްޓްރީއާ މަޝްވަރާކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ކައުންސިލްގެ މި ދައުރު ފެށުނު އިރުވެސް މަސައްކަތް އޮތީ މެދުކަނޑާލާފައި ކަމަށެވެ.

"އަޅުގަނޑުމެން އައި އިރުވެސް މަސައްކަތް މެދު ކަނޑާލާފައި އޮތީ. އޮވެގެން އަޅުގަނޑުމެން އައިސްގެންވެސް އެކަން އިއުލާންކުރަން ހަދައިގެން އިއުލާންކޮށްގެން ބަޔަކާ ހަވާލުކުރެވިގެން އެކަމަށް ހުއްދަ ނުލިބިގެން އެތައް ދުވަހެއް ހޭދަވި،" ނިޒާރު ވިދާޅުވި އެވެ.

މިފަހަރުވެސް އެތަނުގެ މަސައްކަތް ހުއްޓިފައިވަނީ އިދާރީ މައްސަލައަކާ ގުޅިގެންކަން މޭޔަރު ފާހަގަކުރެއްވިއެވެ.

"ފުރަތަމަ ހަވާލުކުރެވުނު ފަރާތާ ހަވާލުކުރެވިފައި ހުއްޓާ މަސައްކަތް ހުއްޓާލަން ޖެހުނީ. މިފަހަރުވެސް އަޅުގަނޑުމެން އިއުލާންކުރުމަށްފަހު އެހެން އިދާރީ މައްސަލައެއް ދިމާވެގެން އަނެއްކާވެސް މެދުކެނޑިފައި އެހެރީ،" ނިޒާރު ވިދާޅުވި އެވެ.

މޭޔަރު ވަނީ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް މި މަހުގެ ތެރޭގައި ކުރިއަށް ގެންދެވޭތޯ ބަލަމުން ގެންދާ ކަމަށެވެ. އެގޮތުން އަލުން އިއުލާންކުރުމުގެ ޕްރޮސެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަނެއްކާވެސް އިއުލާންކުރުމުގެ ޕްރޮސެސް ކުރިއަށް އެބަދޭ. ޖެނުއަރީ މަސްތެރޭ އަނެއްކާވެސް ބަޔަކާ ހަވާލުކުރެވިގެން މަސައްކަތް ކުރިއަށް ގެންދެވޭތޯ މި ބަލަނީ،" ނިޒާރު ވިދާޅުވިއެވެ.

ކޮންމެ ފަހަރަކުވެސް އެތަނުގެ މަސައްކަތް ލަސްވެގެން ދަނީ އިދާރީ މައްސަލަތަކެއް ދިމާވެގެން ކަމަށާއި، މިކަންކަމަކީ އެއް ދުވަހުން ކުރެވޭ ކަންކަމެއް ނޫންކަން ނިޒާރު ވިދާޅުވިއެވެ. އަދި ކެންސަލްކޮށްގެން އަލުން ބިޑަށް ހުޅުވާލައިގެން އެތައް ދުވަހެއް މިކަމަށް ނަގާކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ސިޓީ ކައުންސިލުން ކުރަން ހަމަޖެހިފައިވަނީ 15 މިލިއަން ރުފިޔާއަށް ވުރެ ދަށް އަދަދުގެ މަސައްކަތްތައް ކައުންސިލްތަކަށް ކުރެވޭނެކަމަށް ގާނޫނުގައި އޮތުމުންނެވެ.

އެ ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހިމް ދީދީ ވިދާޅުވީ އެތަނުގެ އެއްވެސް މަސައްކަތެއް ކުރިއަށްނުދާތާ ހަތަރު މަސް ވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އިމާރާތް ނިމުމުން އެތަނުން އެކްސްރޭ އާއި ސްކޭންގެ ޚިދުމަތްވެސް ދެވޭނެއެވެ.

"ކަށީގެ ޑޮކްޓަރެއް ގެނަޔަސް މި ރިފާ ކުރަނީ އެކްސްރޭ ނަގަން. އެކްސްރޭ ނަގަން މި ދާން ޖެހެނީ ކަނޑު ހުރަސްކޮށް ހިތަދުއަށް،" އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އާ އިމާރާތުގެ މަސައްކަތް ލަސްވާތީ އޭނާ ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އެ އިމާރާތުގެ މަސައްކަތް ލަސްވުމަކީ ހުޅުމީދޫގެ ރައްޔިތުން އެތައް ތަކުލީފުތަކެއް އުފުލަންޖެހޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި އެކްސްޓެންޝަން އިމާރާތް ނުނިމި، އެތަނުން ތައާރަފްކުރަން ޖެހޭ ބައެއް ޚިދުމަތްތައް ތައާރަފްނުކުރެވި ގިނަ ދުވަސްވުމުން ވަރަށް ގިނަ ތަކުލީފުތަކާ ކުރިމަތިލާންޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެ މަސައްކަތް ލަސްވާ ސަބަބާ ގުޅޭގޮތުން ސިޓީ ކައުންސިލްގެ ފަރާތުން އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް ވިދާޅުވެ، އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އަޅުގަނޑަށް ހީވަނީ ކައުންސިލުންވެސް ޖެހޭނެހެން ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެހުރި މީހަކަށް އެންމެ ކުޑަމިނުން އަޕްޑޭޓެއް ދޭން. އެކަހަލަ އެއްވެސް ކަމެއް ސިޓީ ކައުންސިލުން ނުކުރޭ،" އޭނާ ވިދާޅުވިއެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒަކީ އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އަވަށުގައި ހުރި ހަމައެކަނި ސިއްހީ މަރުކަޒެވެ. 7000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ހުޅުމީދުއަކީ އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ރަށެކެވެ.

comment ކޮމެންޓް