ހޯމްސޯލާ ޕްރޮގްރާމް ފެށުމުން އޭސީ ގަންނަ ގޮތަށް ސޯލާ ގަންނަން ފަށާނެ: ޝައުނާ

ހޯމާ ސޯލާ ޕްރޮގްރާމް ހިންގަން ފެނަކައާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ޝައުނާ ވާހަކަ ދައްކަވަނީ ---- ފޮޓޯ: ފެނަކަަ

ހޯމާ ސޯލާ ޕްރޮގްރާމް ފެށުމުން ގޭބިސީތަކަށް އޭސީ ގަންނަ ގޮތަށް ސޯލާ ޕެނަލްތައް ގަންނަން ފަށާނެ ކަމަށް އެންވައިރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެއެވެ.

ހޯމް ސޯލާ ޕްރޮފްރާމް ހިންގަން ފެނަކަ ކޯޕަރޭޝަނާއި ހަވަލާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޝައުނާ ވިދާޅުވީ, އެކަމަކީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މިކަމަށް ރައްޔިތުންގެ ޝައުގުވެރިކަން އުފެދި ޑިމާންޑް އުފެދެމުން ދެން ހަމަ އޭސީ ގަންނަ ފަދައިން ސޯލާ ޕީވީ ގަންނަން މީހުން ޝައުގުވެރިކަން އުފެދޭނެ. އަދި ކޮންމެ ގެއެއްގައި މިހާރު އޭސީ ހަރުކުރާ ފަދައިން ނުވަތަ ދޮންނަ މެޝިން ގަންނަ ފަދައިން ކޮންމެ ގެއެއްގެ ފުރާޅުގައި ސޯލާ ޕީވީ ހަރުކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުން އެކަމަށް ބޭނުންވާނެ ކަމެއް އަދި ޑިމާންޑްވެސް ކުރާނެ ކަމެއް," ޝައުނާ ވިދާޅުވިއެވެ.

ރާއްޖެ އަކީ މޫސުމަށް ކުރާ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމުކަން ފާހަގަކޮށް މިނިސްޓަރު ޝައުނާ ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެއަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ލިބި ރާއްޖެ ނެތި ހިނގައިދާނެ ކަމުގެ ބިރުވެސް ހީވެފައިވާ ކަމަށެވެ.

ހޯމާ ސޯލާ ޕްރޮގްރާމް ހިންގަން ފެނަކައާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ފެނަކަަ

ސައިންސުވެރިން އިއްތިފާގުވަނީ ދުނިޔޭގެ ހޫނުމިން ކުރިއަށް މިއޮތް ދިހަ އަހަރުގެ ތެރޭގައި 1.5 ޑިގްރީ ސެލްސިއަސްއަށް ނުހިފިއްޓެއްޖެ ނަމަ ރާއްޖެ ފަދަ ގައުމުތަކަށް ވިއްސާރަކުރާ މިންވަރާއި ރަށްގިރާ މިންވަރާއި ފެންބޮޑުވާ މިންވަރު އެތައް ގުނައަކުން އިތުރުވާނެ ކަމަށް ކަމަށާއި މިކަންކަން ވުމަށް ލަފާކޮށްފައިވަނީ ކުރިއަށް އޮތް ވިހި ނުވަތަ ތިރީސް އަހަރުގެ ތެރޭގައި ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ދިވެހިރާއްޖޭގައި ކުރެވޭ ކޮންމެ ކަމަކީ މި ރާއްޖޭގެ ވިލުންވެރިކަން އިތުރުކުރުމަށް ކުރެވޭ ކަމަކަށް ވާންޖެހޭނެ. އަދި މިއީ ގަނޑެއްގައި ލިޔެލާ ރީތި ލަފްޒަކަށް ވުމުގެ ބަދަލުގައި އަޅުގަނޑުމެން ތަންފީޒުކުރާ ކޮންމެ ސިޔާސަތެއްގައި ވެސް ވިލުންވެރިކަން އެބަ އެކުލަވާލަން ޖެހޭ. އެގޮތުން އަޅުގަނޑުމެންގެ ހަކަތައިގެ ސިޔާސަތަށް އިންގިލާބީ ބަދަލެއް ގެންނަން ވެސް އެބަޖެހޭ. އެކަންކަން އަޅުގަނޑުމެން މި އަންނަނީ މި ސަރުކާރުން ކުރަމުން. އެފަދަ ދުވަހެއް މިއަދަކީ ވެސް," ޝައުނާ ވިދާޅުވިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އެކަނި ވެސް ތެޔޮ އެތެރެކުރުމަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކޮށް ޝައުނާ ވިދާޅުވީ, ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއަކީ އިޔާދަކުރެވޭ ހަކަތަ ބޭނުން ކުރެވޭ ގައުމަކަށްވީ ހިނދު ތެލަށް ބަރޯސާވާ މިންވަރު އެތައް ގުނައަކުން ކުޑަކުރެވޭނެ ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ. އަދި އެކަންކަން ފެނަކަ ކޯޕަރޭޝަނުންނާއި މިނިސްޓަރު ވިދާޅުވިއެވެ.

"މިއީ ހަމައެކަނި ތީމާވެއްޓަށް ކުރާ ކަމެއް ވެސް ނޫން. އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްގީއަށާއި އަޅުގަނޑުމި ދެންނެވި ގޮތަށް ރާއްޖޭގައި ވިލުންވެރިކަން އިތުރުކުރުމަށް ވަރަށް މުހިންމު ފިޔަވަޅެއް އަޅުގަނޑުމެން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ," ޝައުނާ ވިދާޅުވިއެވެ.

ހޯމާ ސޯލާ ޕްރޮގްރާމް ހިންގަން ފެނަކައާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ފެނަކަަ

ރާއްޖޭގެ އަމާޒަކީ 2023 ވަނަ އަހަރު ނިމޭއިރު 2018 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތަ ރާއްޖޭގައި ގާއިމްކޮށްފައިވާ އިންސައްތައަށްވުރެން 20 އިންސައްތަ އިތުރަށް އެންމެ މަދުވެގެން އިޔާދަކުރަނިވި ހަކަތަ ރާއްޖޭއިން ކަރަންޓް އުފެއްދުން ކަމަށް ޝައުނާ ވިދާޅުވިއެވެ.

އެ އަމާޒަށް މަސައްކަތްކޮށް 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓް ޒީރޯ ގައުމަކަށް ހެދޭނެ ކަމުގެ އުންމީދު, މިނިސްޓަރުވަނީ ދެއްވާފައެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ރާއްޖޭގެ އެކިއެކި ރަށްރަށުގައި އެކި އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވަނީ ޖުމްލަ 16.5 މެގަވޯޓްގެ ސޯލާ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އިތުރު ވިހި މެގަވޯޓުގެ ސޯލާ އަޅުގަނޑުމެން ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ވަނީ ގާއިމްކޮށްފައި. ޖުމްލަ މިހާރު 36.5 މެގަވޯޓުގެ ސޯލާ ގާއިމްކޮށްފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން," ޝައުނާ ވިދާޅުވިއެވެ.

މިހާރު ވެސް 26 ރަށެއްގައި 11 މެގަވޯޓުގެ ސޯލާ އިންސްޓޯލް ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށް މިނިސްޓަރު ޝައުނާ ވިދާޅުވީ, 32.8 މެގަވޯޓުގެ ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރުމަށް ބީލަން މަރުހަލާގައިވާނެ ކަމަށެވެ. އަދި އިތުރު ނުވަ މެގަވޯޓުގެ ސޯލާ ހަރުކުރުމަށް ޕްރީ ޓެންޑަރިން މަރުހަލާގައިވާކަމަށް ވެސް ވިދާޅުވިއެވެ.

"އެހެން ކަމުން އަޅުގަނޑުމެންގެ މިދައުރު ނިމޭއިރު އިރާދަކުރެއްވިއްޔާ މަދުވެގެން 52.8 މެގަވޯޓުގެ ކަރަންޓް އިރުގެ އަލިން އަޅުގަނޑުމެން އުފައްދާނަން. އަދި އެއީ އަހަރަކު ގާތްގަނޑަކަށް 240 މިލިއަން ރުފިޔާގެ ސޭވިންގ އެއް. މިއީ އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ. އަޅުގަނޑުމެން މިކަމަށް ކުރާ މަސައްކަތްތަކަކީ އަދި ކުރާ ހޭދައަކީ ހަމައެކަނި ތިމާވެށި ރާއްކާތެރިކުރުމަށް ކުރާ ކަންކަމެއް ނޫން. ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށްވެސް އަދި އަޅުގަނޑުމެންގެ ވިލުންވެރިކަން އިތުރުކުރުމަށް ވެސް އެޅޭ މުހިންމު ފިޔަވަޅެއް," ޝައުނާ ވިދާޅުވިއެވެ.

comment ކޮމެންޓް