އައިޖީއެމްއެޗު އީއާރަށް ގެންދިޔަ މީހަކު ކޮވިޑް ބަލީގައި މަރުވެއްޖެ

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އެމަޖެންސީ ރޫމަށް ގެންދިޔަ މީހަކު، ކޮވިޑް ބަލީގައި މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ރޭ ދަންވަރު 03:12 ހާއިރު، އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ ހާލުބޮޑު މީހަކު މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވެފައިވަނީ ކޮވިޑް ބަލީގައި ކަމަށް އެޗްޕީއޭއިން ވަނީ ނިންމައިފައެވެ.

މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 264 އަށް އަރައިފައެވެ.

ރާއްޖެއިން މި ބަލީގައި އެންމެ ފަހުން މީހަކު މަރުވެފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއީ އައްޑޫ ކޮވިޑް މެނޭޖުމަންޓުގައި ފަރުވާދެމުންދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިިރިހެނެކެވެ.

ކޮވިޑް ޖެހިގެން މިއަދު މާލެއިން މީހަކު މަރުވެފައިވާއިރު، މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އެޗްޕީއޭއިން އެންމެ ފަހުން އާންމު ތަފާސްކުރި ހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުން އެކަނި ވެސް 102 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި ރާއްޖެއިން މުޅި ޖުމްލަ 224 މީހުން ޕޮޒިޓިވްވިއެވެ.

comment ކޮމެންޓް