ލަމްހާގެ އަމަލާ ގުޅިގެން އައިޖީއެމްއެޗުން ތަންފީޒީ އުސޫލުތައް ހަރުދަނާ ކުރަނީ

ލަމްހާ އާއި އޭނާގެ ލޯބިވެރިޔާ މާވިން-- އެ ދެ މީހުންގެ މައްޗަށް މަރުގެ ދައުވާ ވަނީ އުފުލައިފައި--

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުހަކު މަރާލި މައްސަލައިގައި ހައްޔަރު ކުރި ދިވެހި ނަރުސް ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ ގެ ބަލައި ފާސް ކުރުމުގެ ތެރެއިން ހޮސްޕިޓަލުން ނެރުން މަނާ ބޭހާއި އިންޖެކްޝަންތައް ފެނުނު މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް، ހޮސްޕިޓަލުން ބުނެފިއެވެ.

ނަރުސް މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ އަދި ނަރުހެއް ކަމަށްވާ މާވިން އާއި ލަމްހާ ހައްޔަރުކޮށް، ދެ މީހުންގެ މައްޗަށް ވަނީ މަރުގެ ދައުވާ އުފުލައިފައެވެ. މާވިންގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް އިތުރު ދެ ދައުވާއެއް ވެސް ވަނީ އުފުލައިފައެވެ.

އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

https://sun.mv/160764

އެ ދެ ދައުވާއަކީ އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކަކާއި ބޭސްތަކެއް ފެނިފައިވާތީ ކުރާ ދެ ދައުވާއެވެ. މި ދެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އަންނާނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ހޮސްޕިޓަލުން ނެރުން މަނާތަކެތި ގެއަށް ގެންދިއުމުގެ ފުރުސަތު އޮތުމަކީ ކަންބޮޑުވާން ޖެހޭ، ނުރައްކާތެރި މައްސަލައެކެވެ.

އެކަމާ ގުޅޭގޮތުން "ސަން" އިން ސުވާލު ކުރުމުން އައިޖީއެމްއެޗްއިން ލިޔުމުން ދިން ޖަވާބުގައި ބުނީ މި މައްސަލަ އެ ހޮސްޕިޓަލުން ވަނީ ތަހުގީގުކޮށްފައި ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ބުންޏެވެ.

އަދި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

" ކުރިއަށް އޮތްތަނުގައި މިފަދަ އަމަލެއް މުވައްޒަފަކު ހިންގުމުގެ ފުރުސަތު ވީހާވެސް ކުޑަކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި، ހޮސްޕިޓަލުގައި މިހާރުވެސް އަމަލުކުރުމަށް ކަނޑައެޅިފައިވާ ޕްރޮޓޮކޯލްތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާ ކުރުމާއި އަދި އިތުރު ޕްރޮޓޮކޯލްތައް އެކަށައަޅައި، އެކަންކަން ތަންފީޒު ކުރުން ހިމެނޭ،" ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފައިލް ފޮޓޯ

މި ނޫހުން ކުރި އިތުރު ސުވާލުތަކަށް ޖަވާބު ދެމުން އެ ހޮސްޕިޓަލުން ބުނީ ހޮސްޕިޓަލުގައި ބޭހާއި އިންޖެކްޝަން ފަދަ ތަކެތި ގެންގުޅުމުގައި ހަރުދަނާ އުސޫލުތަކާއި ޕްރޮޓޮކޯލްތައް ކަނޑައެޅިފައި ހުންނަ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ހައި އެލާޓް، ނާކޮޓިސް ބޭހާއި އިންޖެކްޝަންތަކަށް ހާއްސަ ޕްރޮޓޮކޯލްތައް ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ.

"އެހެންނަމަވެސް މި ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ބަޔަކަށް ކޮންމެ ދުވަހަކުވެސް އެތައް ހިދުމަތެއް ދެމުން ގެންދާ ތަނެއްކަމުން، އަސާސީ ބައެއް މަސައްކަތުގައި ކަމާބެހޭ ފަރާތްތަކުން މަޝްހޫލުވެ ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުގެ ސަބަބުން ބައެއް އުސޫލުތަކާއި ޕްރޮޓޮކޯލްތައް އެންމެ ފުރިހަމައަށް ތަންފީޒު ނުކުރެވޭ ހާލަތެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް،" އައިޖީއެމްއެޗްއިން ބުންޏެވެ.

ހޮސްޕިޓަލުން ބުނީ މިފަދަ ބޭހާއި އިންޖެކްޝަނަށް އެކްސެސް އޮންނަ ފަރާތްތަކަކީ ހުވައެއް ކޮށްގެން ތިބޭ، ގިނަ އެތިކަލް ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރަންޖެހޭ، އަދި ހޮސްޕިޓަލާއި ޖުމްލަ ގޮތެއްގައި މުޅި މުޖުތަމައުގެ ފަރާތުންވެސް ނުހަނު ބޮޑު އިތުބާރެއް އެފަރާތްތަކަށް ކޮށް، މިފަދަ ތަކެއްޗަށް އެކްސެސް ދެވޭ ބައެއް ކަމަށެވެ.

"މިފަދަ ބޭހާއި އިންޖެކްޝަނަށް އެކްސެސް އޮންނަ ފަރާތްތަކުން، މިއިން އެއްޗެއް ގެއަށް ގެންދިއުމަކީ ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަކީ ކަށަވަރު ކަމާއެކު ކުރެވޭނެ ކަމެއް ނޫން. ހަރުދަނާ އުސޫލުތަކެއް ކަނޑައެޅި، ތަންފީޒު ކުރަމުން ދިޔަނަމަވެސް މިއީ ޔަގީނުންވެސް ނުކުރެވޭނެ ފަދަ ކަމެކޭ ބުނުމަކީ މުސްތަހީލު ކަމެއް،" އައިޖީއެމްއެޗްއިން ބުންޏެވެ.

މޭރީގެ މަރާއި ގުޅިގެން ލަމްހާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް އޭނާގެ ފޯނާއި ލެޕްޓޮޕެއްގެ އިތުރުން އިންޖިކްސަން އަދި ބޭސްތަކެއް ގެންގޮސްފައިވާކަން ލަމްހާ ވަނީ މީގެ ކުރިން ސަން އަށް ކަށަވަރުކޮށްދީފައެވެ.

ފުލުހުންގެ ގެންދިޔަ ބޭސްތަކާއި އިންޖިކްޝަން ތަކަކީ ޑޮކްޓަރެއްގެ ހުއްދައާ އެކު އޭނާ ބޭނުންކުރި އެއްޗެއް ކަމަށް ލަމްހާ ވަނީ ކިޔައިދީފައެވެ. އަދި އެ އިންޖިކްޝަނަކީ ކޮވިޑާއި ގުޅިގެން މާލެ ލޮކްޑައުންކޮށްފައި އޮތް އިރު ނިދަން އުނދަގޫ ވުމުގެ ސަބަބުން ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން އޭނާ ބޭނުންކުރި އެއްޗެއް ކަމަށް ވެސް ލަމްހާ ކިޔައިދީފަވެއެވެ.

މާވިންގެ ލޯބިވެރިޔާ، ލަމްހާގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ވެސް ކޮށްފައެވެ. ލަމްހާގެ މައްޗަށް މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލައިފައިވަނީ މޭރީ މަރާލުމުގައި އޭނާ މާވިންއަށް އެއްބާރުލުން ދީ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭތީއެވެ. އޭނާގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ މަދުވެގެން ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މާވިންގެ މައްޗަށް އުފުލައިފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ މާވިންގެ މައްޗަށް އެ ދައުވާ ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި، މާވިން ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރާލައިފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

ކުރިން ލަމްހާ ސަން އަށް ބުނީ އޭނާ އާއި މާވިންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށެވެ. މޭރީ ގްރޭސް މަރުވުމުގެ އެއް ދުވަސް ކުރިން އެ ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް ލަމްހާ ކިޔައިދިނެވެ. އަދި މޭރީގެ މަރަށް ފަހު އެ ދެ މީހުން ލޯބީގެ ގޮތުން އަލުން ގުޅެން އޮތީ ނިންމާފައެވެ.

މިދިޔަ އޮކްޓޯބަރު މަހު ދަންޖެހިގެން މަރުވި ކަމަށް ބުނި މޭރީގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން އޭނާގެ ފިރިމީހާ މާވީން ހައްޔަރު ކުރީ އެ މަހު 27ގައެވެ. އަދި ލަމްހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ ވެސް އޭނާގެ ފިރިމީހާ މާވިންއެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.

comment ކޮމެންޓް