ރައީސް ސޯލިހު ކަރަންޓާ ގުޅޭގޮތުންވީ ހުރިހާ ވައުދެއް ފުއްދަވައިފި: ސައީދު

ނ. މަގޫދޫ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް ސޯލިހު އަދި ފެނަކައިގެ އެމްޑީ ސައީދު --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަރަންޓާ ގުޅޭގޮތުންވީ ހުރިހާ ވައުދެއް ފުއްދަވައިފި ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ނ. މަގޫދޫ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މުޅި ދުނިޔޭގައި ވެސް ސައްތައިން ސައްތަ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދިން ލީޑަރަކީ ރައީސް ސޯލިހު ކަމަށެވެ.

"މިއަދާ ހަމައަށް މި ހިދުމަތް ދިވެހިރާއްޖެއަށް ފުޅާ ކުމުގައި ހަމައެކަނި މަނިކުފާނު ތި ވަޑައިގެންނެވީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސައްތައިން ސައްތަ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގެ މޭސްތިރިއަކަަށް ނޫން،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ފެނަކައިން ވަކި ފިކުރަކަށް ވަކި ރަށަކަށް ބެލުމެއްނެތި ރައީސްގެ ވައުދު ރަނުން ރަނަށް ފުއްދައިދެމުންދާކަމަށެވެ.

"އިރާދަކުރެއްވީތީ 2021 ވަނަ އަހަރުގެ 30 ޑިސެމްބަރާ ހަމަޔަށް ރައީސް ދިވެހިރާއްޖޭގައި ރައްޔިތަކަށް ކަރަންޓާ ބެހޭގޮތުން ވެފައިވާ ވައުދެއް މިވަގުތު ނުފުއްދިއެއް ނޯންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ސައީދު ވިދާޅުވިއެވެ.

ނ. މަގޫދޫ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދިނުމަކީ ގޮންޖެހުން ބޮޑު ނުތަނަވަސްކަން ހުރި ކަމެއް ކަމަށާއި ރަށެއްގެ ކަރަންޓު ކެނޑިދާނެތީ ހުކުރެއް އީދެެއް ބެލުމެއް ނެތި ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފެނަކައިން ކަރަންޓުގެ ހިދުމަތްދޭ އެއްވެސް ރަށަކުން ކަރަންޓުގެ ކެޕޭސިޓީގެ މައްސަލައެއްގައި ފަރުވާ ކުޑަވެގެން ކަރަންޓު ނުކެޑޭނެކަމަށް ސައީދު ވިދާޅުވިއެވެ.

އެހެންނަމަވެސް ކަރަންޓަކީ ކެނޑިދާނެ އެއްޗެއް ކަމަށާއި، ނިއުޔޯކު ނުވަތަ ސިންގަޕޫރު ފަަދަ ތަރައްގީ ވެފައިވާ ގައުމުތަކުން ވެސް ކަރަންޓު ކެނޑިދާނެކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަރަންޓު ކެނޑިއްޖެ ހާލަތެއްގައި ވެސް ކުރަންޖެހޭނެ ހަމައެކަނި ކަމަކީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް އަވަސް ހައްލެއް ގެނައުން ކަމަށެވެ. މިވަގުތު ފެނަކައިގައި ކަރަންޓު ކެނޑުމުން އަވަސް ހިދުމަތް ދެވޭނެ ގާބިލުކަން އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ސައީދު ވަނީ ފެނަކައިން މި ދައުރުގައި ހޯދއިފައިވާ ކާމިޔާބީގެ ވާހަކަ ދައްކާފައެވެ.

އެގޮތުން 99 ޕަސެޓުގެ ފެނަކައިގެ އިންޖީނުގެ ރައްޔިތުން އުޅޭ ސަރަހައްދުތަކާ ދުރުގައި ގާއިމްކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް