ދީނާމެދު ނަފުރަތު ނޫފެދޭގޮތަށް ދީން ބުނެދޭންޖެހޭ

މާލޭގެ މިސްކިތެއްގައި މީހަކު ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމްދީނަކީ ހުރިހާ ތަނަކަށް ހުރިހާ ޒަމާނަކަށް އެކަށީގެންވާ ގޮތުގައި ބާވައިލައްވާފައިވާ އެންމެ ފުރިހަމަ ދީނެވެ. މިދީނުގެ މައިގަނޑަކީ އަގީދާއާއި އަޅުކަމާއި މުއާމަލާތާއި އަޚުލާގެވެ. އިސްލާމްދީން ބަޔާންކޮށްދިނުމުގައި ވާހަކަދެކެވޭނީ މިއިން ކޮންމެވެސް ބަޔަކާބެހޭގޮތުންނެވެ. އަދި މި ބައިތައް ބުނެދިނުމުގައި ރުޖޫއަވާނީ ގުރުއާނާއި ސުންނަތާއި އިޖުމާއު އަދި ޤިޔާސްފަދަ މަސްދަރުތަކަށެވެ. މި މަސްދަރުތަކުގެ އަލީގައި މީހުންނަށް ދީން ބުނެދޭއިރު ގޯސްހެދޭފަހަރު އާދެއެވެ. މީގެ ބައެއް ސަބަބުތަކަކީ، ވާހަކަދައްކާ މައުލޫއާ ދަލީލުތައް ގުޅުވާލުމުގައި ވިސްނުން ހަނިކުރުމެވެ. ނުވަތަ ކޮންޓެކްސްޓުން ބޭރު ދޭހަތައް ގެނައުމެވެ. ޒަމާނަށް އަންނަ ބަދަލުތަކާ ގުޅޭގޮތަށް ދީނުގައިވާ ފްލެކްސިބިލިޓީއަށް ސަމާލުކަމެއްނުދިނުމެވެ. މީގެ މިސާލަކަށް ބަލައިލަމާ ހިނގާށެވެ.

"މިޒަމާނަށް ބަލާއިރު، ބައެއް މުސްލިމުން ޞަދަޤާތެއް، ނުވަތަ ޢުމުރާއެއް، ނުވަތަ ރޯދައެއް ހިފުންފަދަ ހެޔޮ ޢަމަލެއް ކުރުމަށްފަހު، އެވާހަކަ މީސްމީޑިޔާގައި ފަތުރަމުންދާތަން ފެނެއެވެ. މިއީ އެއްވެސް ޝައްކެއްނެތްގޮތުގައި، ކަންދެއްކުމުގެ ގިއުގަނޑުގެތެރެއަށް ފެތޭ އެކަމާ ދުރުހެލިވާންޖެހޭ ކަމެކެވެ."

މަތީގައި އެވަނީ 31 ޑިސެންބަރު 2021 ވީ ހުކުރުދުވަހުގެ ހުތުބާގައި އޮތް ވާހަކައެކެވެ. ހުކުރުން ފައިބައިގެން އައި މަގުމަތީގައި، ހުތުބާއާބެހޭގޮތުން މަދަރުސާކުއްޖަކާ ދެކެވުނު ވާހަކައިގައި އޭނާގެ ހިޔާލު ހުރީ މިގޮތަށެވެ. "...އިސްލާމްދީން ހީވަނީ ހުރިހާ ކަމެއް މަނާކުރާ ދީނެއްހެންދޯއެވެ؟ .... އެގޮތަށް ހުރީމާ ދެން.. މިޒަމާނުގެ ވަސީލަތްތައް ބޭނުންކުރަން... ވަރަށް އުނދަގޫދޯއެވެ؟" ޒަމާނީ މައްސަލަތަކާމެދު އުފެދޭ މިފަދަ ސުވާލުތަކަށް އެކަށީގެންވާ ޖަވާބު ދޭން ޖެހެއެވެ. ޖަވާބު ނުލިބޭނަމަ ނުވަތަ ނައްސި ވިސްނުން އަތުވެދާނެހެން ދީން ބުނެދެވޭނަމަ ދީނަށް ޝައުގުވެރިވާ ފަރާތްތައް މަދުވާނެއެވެ. އިސްލާމްދީނަކީ ޒަމާނީ ވަސީލަތްތަކާ ބީރައްޓެހި، ޒަމާނަށް ނުފެތޭ ދީނެއްކަމަށް ދެކޭ މީހުން ގިނަވާނެއެވެ.

މީހަކުކުރާ ހެޔޮ އަމަލެއްގެ ވާހަކަ މީސްމީޑިއާއަށް ލުމަކީ ފާފަވެރިވެދާފަދަ އަމަލެއްކަމަށް ސިފަކުރުމަކީ ރަނގަޅު ގޮތެއްނޫނެވެ. އަމަލުތަކަށް ޖަޒާދެއްވުން ބިނާވެގެންވަނީ އެކަން ކުރާ މީހާގެ ނިޔަތުގެ މައްޗަށެވެ. އެގޮތުން މީހަކު ކުރި ހެޔޮ އަމަލަކަށް ލިބެންވާ ސަވާބު ލިބޭގޮތަށާއި އަދި އެސަވާބު ނުލިބޭގޮތަށްވެސް އެކަމެއް ކުރެވިދާނެއެވެ. މިކަން ކަނޑައަޅައިދޭނީ އެ އަމަލެއް ކުރިމީހާގެ ނިޔަތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ. "އަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ."(ބުޚާރީ: 54) އުމުރާއެއް ކުރުމަށް ހަރަމްފުޅުގައި ހުރެ ފޮޓޯ ނަގައި މީސްމީޑިއާއަށް ލުމުން އެކަމުގެ ހުކުން ކަނޑައަޅައިލެވޭނީ އޭނާގެ ނިޔަތުގެ މައްޗަށް ބިނާކޮށެވެ. އޭނާގެ ނިޔަތަކީ އެ ފޮޓޯ ބަލާފައި އެހެންމީހުންވެސް ހަރަމްފުޅަށް ގޮސް އަޅުކަން ކުރުމަށް ހިތްޖެއްސުންކަމަށް ވެދާނެއެވެ. އެއީ ދެއްކުންތެރިމާއި މަޝްހޫރުވުމުގެ އެއްވެސް ނިޔަތެއް ނެތި ކުރިކަމެއްކަމަށްވެދާނެއެވެ. އެހެންވެއްޖެނަމަ އޭނާ އެކުރި ކަންތައް އެއީ ފާފަވެރި އަމަލެއްނޫނެވެ. އަދި ކިއެއްތަ؟ އޭނާ އެކުރި އަމަލަށް އިރާދަކުރެއްވިއްޔާ ސަވާބުވެސް ދެއްވާނެއެވެ. ދީނުގެ އަޅުކަންތަކަށް މީހުން ޝައުގުވެރިކުރުމުގެ މާތް މަގުސަދުގައި އެކަން ކުރީތީއެވެ. އިސްލާމްދީނުގެ ޝިއާރުތައް ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރުމަށްޓަކައި މަސައްކަތް ކުރީތީއެވެ. އެދީނަށް ތަބާވާމީހުން އަޅުކަމުގައި އުޅޭ އުފާވެރިގޮތް ފެނި، ޣައިރު މުސްލިމުންވެސް އެދީނަށް ހިތްޖެހިދާނެފަދަ ކަމެއް ކުރީތީއެވެ. އެއީ ދީނަށް ގޮވާލުމުގެ ޒަމާނީ ގޮތެކެވެ. ދީން ރައްކާތެރިކުރުމަށްޓަކައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމުގެ ގޮތެއްވެސްމެއެވެ. ދީނުގެ ދައުވަތު ދިނުމަށް އައިސްފައިވާ ހުރިހާ ދަލީލުތަކުން މިކަމަށް ތާއީދުކުރާނެއެވެ.

ބުނެވިދިޔަ އަމަލު އެއީ ފާފަވެރި އަމަލަކަށްވާނީ އެކަން ކުރިމީހާގެ ނިޔަތް ގޯސްނަމައެވެ. ފޮޓޯ އާންމުކުރުމުގެ ގަސްތަކީ މީހުންނަށް ކަންދެއްކުމާއި މަޝްހޫރުވުންކަމުގައިވެއްޖެނަމަ އެއީ ގޯސް ކަމެކެވެ. ދެއްކުންތެރިކަމާ ދުރުހެލިވުމަށް އައިސްފައިވާ ހުރިހާ ދަލީލުތަކުން މިކަން މަނާކުރާނެއެވެ. މިދެހާލަތް ތަފާތުކޮށްދިން ހަމައެކަނި ކަމަކީ ކަންކުރިމީހާގެ ނިޔަތެވެ.

ރޯދަ ހިފުމަށްފަހު އެވާހަކަ މީހުން ގާތުގައި ދެއްކުން:

އެހެން މިސާލަކަށް ބަލައިލަމާ ހިނގާށެވެ. ލިޔުންތެރިޔާގެ އޮފީހުގެ ވެރިމީއާއެކު ބައްދަލުވުމެއް ކުރިއަށް ދިޔަ ދުވަހެކެވެ. ވެރިމީހާއާއި އޭނާ ފެންވަރުގެ އެހެންބައެއް ވެރިން ކޮންމެ ހޯމަ ބުރާސްފަތި ދުވަހެއްގައި ރޯދަ ހިފާ ވާހަކަ އޭނާ ބުންޏެވެ. އޭގެފަހުން އޮފީސް ނިންމާފައި ގެއަށް ދިޔައިރުވެސް އިރުއިރުކޮޅާ އެއްކަލަ ވާހަކަ ހަނދާނަށް އާދެއެވެ. އެމީހުން އެކުރާ ހެޔޮ ކަންތައް ނުކޮށް މިހުރެވެނީ ކީއްވެބާއޭ ހިތަށް އަރަމުން ދިޔައެވެ. އެންމެ ފަހުން އެވާހަކައިން ހިތްވަރު ލިބިގެން ރޯދަވެސް ހިފަން ފެށުނެވެ. ﷲ އަށް ޙަމްދު ހުއްޓެވެ. އެވާހަކަ ދެއްކި ފަރާތަށް ހެޔޮ ޖަޒާ ދެއްވާށިއެވެ! ވެރިޔާ އެވާހަކަ ދެއްކުމުގެ ކުރިންވެސް، ސުންނަތް ރޯދަ ހިފަންވާނެކަމާއި އެކަމުގެ ހުރި ސަވާބު ލިޔުންތެރިޔާއަށް ނޭނގެނީއެއްނޫނެވެ. އެނގުނަސް އެކަމާމެދު ފަރުވާލެއްނެތި ހުރެވުނީއެވެ. އެހެން ހުއްޓައި އެކަން ފެށުމުގެ ސަބަބަކަށް މިވީ ވެރިމީހާ ރޯދަ ހިފާ ވާހަކަ ދެއްކުމެވެ. އޭނާ އެކަން އެކުރި ނިޔަތް ދެނެވޮޑިގެންވާނީ ﷲ އެވެ. ފަހަރެއްގައި އޭނާގެ ނިޔަތަކީ ދެއްކުންތެރިކަން ކަމުގައިވެއްޖެނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. އެހެންނަމަވެސް އޭނާގެ ނިޔަތަކީ އެހެންމީހުންވެސް އެކަމަށް ހިތްޖެއްސުންކަމުގައިވީނަމަ އޭނާ އެކުރީ ހާދަހާވާ ރަނގަޅު ކަމެކެވެ. އެކަމުން ހިތްވަރު ލިބިގެން އެހެންމީހަކު ރޯދަ ހިފިނަމަ އޭނާއަށް ލިބުނު ސަވާބާ އެއްވަރުގެ ސަވާބު، އެ ވާހަކަ ދެއްކި ފަރާތަށްވެސް ލިބޭނެކަން ހަދީސުން ސާބިތުވެއެވެ.(މުސްލިމު: 2674)

ކުރާ ހެޔޮ އަމަލެއްގެ ވާހަކަ، ހެޔޮ ނިޔަތުގައި އާންމުކުރުމަކީ ހުއްދަކަމެކެވެ. އެއީ މީސްމީޑިއާގައިކަމަށްވިޔަސްމެއެވެ. އަދި ހެޔޮ ނިޔަތުގައިނަމަ އެއީ ކުރުން ރަނގަޅުވެސް ކަމެކެވެ. ސަބަބު އިސްވެ ބުނެވިއްޖެއެވެ. ﷲ އަށްޓަކައި ސިއްރާއި ފާޅުގައި ހޭދަކޮށް އުޅޭމީހުންނީ މަތިވެރި ނިއުމަތްތައް ލިބޭނެ މީހުންކަމުގައި އެކަލާނގެ އަންގަވާފައިވެއެވެ.(ރަޢުދު: 23،22 / ބަޤަރާ: 274) ވީމާ، ކޮންމެ ކަހަލަ ހެޔޮ އަމަލެއްނަމަވެސް ސިއްރުގައި އަދި ފާޅުގައިވެސް ކުރެވޭނެއެވެ. މިދެގޮތުގައިވެސް ﷲ ގަބޫލުކުރައްވާނީ އިޚުލާސްތެރި ނިޔަތާއެކު ކުރާ އަމަލެވެ.

އަމަލާ ނިޔަތާގުޅޭ އިސްތިސްނާއެއް:

އަމަލާ ނިޔަތާ ގުޅޭގޮތުން ދެކެވުނު ވާހަކައިން އެކަށީގެންނުވާ ވިސްނުމެއް އަތުވެދާނެކަމަށްޓަކައި ބުނަމެވެ. ﷲ ހަރާންކުރައްވާފައިވާ ޖަރީމާތަކަށް "ހެޔޮ ނިޔަތުގައި" އަރައެއްނުގަނެވޭނެއެވެ. މިސާލަކަށް ހެޔޮ ނިޔަތުގައި ޒިނޭފަދަ ބަދު އަޚުލާގީ އަމަލުތަކެއް ނުކުރެވޭނެއެވެ. ހެޔޮ ނިޔަތުގައި މީހަކު މަރައެއްނުލެވޭނެއެވެ. ހެޔޮ ނިޔަތުގައި މަސްތުވާތަކެތި ބޭނުމެއްނުކުރެވޭނެއެވެ.

ހުލާސާ:

އިސްވެ ބުނެވުނުފަދައިން އިސްލާމީ ޝަރީއަތުގެ މައިގަނޑަކީ އަގީދާއާއި އަޅުކަމާއި މުއާމަލާތާއި އަދި އަޚުލާގެވެ. މިކޮންމެ ދާއިރާއަކުންވެސް މީހަކު ކުރާ އަމަލަކަށް ﷲ ގެ ހަޒުރަތުގައި ނިޔާ ކަނޑައެޅިގެންދާނީ އެކަމެއް ކުރި މީހާގެ ނިޔަތުގެ މައްޗަށެވެ. ވުމާއެކު، މީހަކު ކުރާ އަމަލެއް އެއީ ފާފަވެރި އަމަލެއްކަމަށް ކަނޑައެޅުމަށްޓަކައި ޝަރުޢީ ނައްސުތައް ނުބައި ކޮންޓެކްސްޓުގައި ބޭނުންކޮށްގެންނުވާނެއެވެ. ޒަމާނަށް އަންނަ ބަދަލާއެކު، ދީނުގައިވާ ފްލެކްސިބިލިޓީ ދެނެގަންނަންޖެހޭނެއެވެ. ދީނީ މައުލޫމާތެއް ފޯރުކޮށްދެވޭ ގޮތަކުން މީހުންގެ ހިތުގައި ދީނާމެދު އެކަށީގެންނުވާ ވިސްނުމެއް އުފެދެން ޖާގަ ދީގެންނުވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް