"ހޮޅޫމީދޫ" ތަރައްގީކޮށް، ހޮޅުދޫ ރައްޔިތުންނަށް ގޯތި ދޫކުރާނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން --- ފޮޓޯ/ ރައީސް އޮފީސް

ނ. ހޮޅުދޫ ރައްޔިތުންނަށް ދިމާވެފައިވާ ގޯތިގެދޮރުގެ މައްސަލަ ހައްލުކޮށްދެއްވުމަށް، އެ ރަށުގެ އިހްތިސޯސްގެ ތެރޭގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހޮޅުމީދޫން ގޯތި ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހޮޅުދޫ ރައްޔިތުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހޮޅުމީދޫ އަކީ ހޮޅުދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައި، "ހޮޅުމީދޫ"ގެ ގޮތުގައި ތަރައްގީކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ހޮޅުދޫއަށް ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވެފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގެ ގޯތި ދޫނުކުރާތާ ވިއްސަކަށް އަހަރު ވެފައިވާ ކަމަށެވެ.

މިހާރު ވެސް އެ ހޮޅުދޫގައި ގޯތި ބޭނުންވާ 400 އަށް ވުރެ ގިނަ މީހުން ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ޕްލޭނަކީ ހޮޅުމީދޫގައި އަސާސީ ހިދުމަތްތައް ގާއިމްކުރެއްވުމަށްފަހު، އެ ރަށުގައި މީހުން އާބާދުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދަނީ އެކަމަށް ޓަކައި ބޭނުންވާ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

އަށާވީސް ކްޓަރުގެ ބިމެއް އޮންނަ ހޮޅުމީދޫ އަކީ ހޮޅުދޫ ކައިރީގައި އޮންނަ ފަޅު ރަށެކެވެ. މީގެ ކުރިން ހޮޅުދޫގައި ބިން ދަތިވުމުގެ ސަބަބުން މީހުން ދިރިއުޅުމަށްޓަކައި ހޮޅުމީދޫ ކަނޑައަޅައިދޭން އެ ރަށު ރައްޔިތުން އެދުމުން 2002 ވަނަ އަހަރު އޭރުގެ އެޓޯލް މިނިސްޓްރީން އެ ރަށް އެއީ ހޮޅުދޫގެ އިހްތިސާސް ތެރޭގައި ހިމެނޭ ރަށެއްގެ ގޮތުގައި ކަނޑައެޅިއެވެ. އެކަަަމަކު ރަސްމީ އެއްވެސް ލިޔުމަކުން އެކަން އެނގޭކަށް ނެތެވެ.

އެހެން އެކަން އޮއްވައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެ ރަށަކީ ހޮޅުދޫގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅި ނަމަވެސް ރަށެއްގެ ކައުންސިލްގެ އިހްތިސާސަކީ އެ ރަށާއި އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރު ކަމަށް ވުމުން، ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން އެ ރަށަކީ ހޮޅުދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅޭނެ ޖާގައެއްނެތެވެ.

ހޮޅުދޫ އާއި ހޮޅުމީދޫއާ ދެމެދު ހުންނަނީ 750 މީޓަރެވެ.

ކަންމިހެން އޮއްވައި ހޮޅުމީދޫއަކީ ހޮޅުދޫގެ އިހްތިސޯސްގެ ބައެއް ކަމަށް ކަނޑައަޅައިފައިވަނީ، 2020 ވަނަ އަހަރުގެ ތެރޭގައި ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި ހާއްސަ ގަރާރަކުންނެވެ.

comment ކޮމެންޓް