ލާދީނީ ގޮވި މައްސަލައިގައި، ރައްޔިތުންގެ އިއްތިހާދާ މެދު ގާނޫނީ ފިޔަވަޅު އަޅަން އެމްޑީޕީން ގޮވައިލައިފި

އެމްޑީޕީ ކެމްޕެއިން ހަރަކާތެއްގައި ރައީސް ނަޝީދު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޖަމިއްޔާތަކެއް ގުޅިގެން އުފައްދައިފައިވަނީ "ރައްޔިތުންގެ އިއްތިހާދާ"މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ގޮވައިލައިފިއެވެ.

އެމްޑީޕީން މިހެން ގޮވައިލައި ބަޔާނެއް ނެރެފައިމިވަނީ ރައްޔިތުންގެ އިއްތިހާދުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ގުޅޭގޮތުން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ރައްޔިތުންގެ އިއްތިހާދުން ފުލުހުންގެ އިދާރާއަށް ހުށަހެޅި މައްސަލާގައި ވަނީ 2020 ވަނަ އަހަރު ރައީސް ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ފާޅުގައި ދިވެހިންނަށް ފޮނުވާފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު ވެސް އަނެއްކާ ކްރިސްމަސްގެ ތަހުނިޔާ ކިޔުން ތަކުރާރުކޮށް ފޮޓޯ އާންމު ކޮށްފައިވާ އެ މައްސަލާގައިވެއެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ބުނީ ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށްގެން އެ މަނިކުފާނުގެ އިސްތަށިފުޅުގައި ލާދީނީ ލޭބަލް އެޅުވުމަށް ރައްޔިތުންގެ އިއްތިހާދުން މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެމްޑީޕީން އިތުރަށް ބުނީ ރައީސް ނަޝީދުގެ ޖާނުފުޅަށް ދިން ހަމަލާގެ އަޑީގައިވި ފަރާތްތައް އަދިވެސް ހޯދިފައިނުވާއިރު، އެމަނިކުފާނަކީ ކާފަރެއްކަމުގައި ސިފަކުރުމުގެ ފިތުނަވެރި ހަރަކާތެއް އަނެއްކާ އުފައްދައި، އިންތިޒާމުވެ، ހިންގާން ދޫކުރުމަކީ އެ މަނިކުފާނުގެ ފުރާނަފުޅުގެ އިތުރުން، ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޮޅުން އަރުވާފަދަ ނުރައްކާތެރި ކަމެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ.

"ރައީސް މުޙައްމަދު ނަޝީދު ޣައިރު ދީންތައް ޕްރޮމޯޓުކުރާ ކަމަށް ދޮގު ޚަބަރު ފެތުރުމުގެ ވާސިތާއިން، އެ މަނިކުފާނުގެ ހަށިފުރާނައިގެ ރައްކާތެރިކަން ނަގައިލުމަށް ވާގިވެރިވަމުންދާ “ރައްޔިތުންގެ އިއްތިޙާދު”ގެ ނަމުގައި ހިންގާ ޙަރަކާތާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް މި ޕާޓީއިން ސަރުކާރަށް ގޮވައިލަމެވެ." އެމްޑީޕީން ގޮވައިލައިފައިވެއެވެ.

ރައްޔިތުންގެ އިއްތިހާދުން ހުށަހެޅި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަ ކަމެއް ނެތް ކަމަށް ފުލުހުން ވަނީ ރޭ ބުނެފައެވެ.

ފުލުހުން ބުނީ އިސްލާމްދީނާ ހިލާފަށް ރާއްޖޭގައި ބައެއް ފަރާތްތަކުން ހިންގާ ކަންކަމަކީ ފުލުހުން ވަރަށް އިސްކަމެއްދީގެން ތަހުގީގުކުރަމުންދާ އަދި މުސްތަގުބަލުގައިވެސް ތަހުގީގުކުރާނެ މައްސަލަތައް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ އިއްތިހާދުން ފޮނުވި ސިޓީގައި އެފަދަ މައްސަލައެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް