ރައީސް ޔާމީން ކޮމަންޑޫ ދާއިރާއަށް، ޑޯޓުޑޯ ކުރިއަށް ގެންދަވާނެ

ކުރީގެ ރައީސް ޔާމީން އދ. ދަނގެޗަށް ވަޑައިގެން ރައްޔިތުންނާ ސަލަންކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މޫސާ ފަތުހީ އާދަމްގެ ކެމްޕެއިނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ދާއިރާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ޕީޕީއެމް ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް "ސަން"އަށް ވިދާޅުވީ ރައީސް ޔާމީން ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވާނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

ރައީސް ޔާމީންގެ އެ ދަތުރުފުޅުގައި ޑޯޓުޑޯ ކެމްޕެއިން ކުރިއަށްގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީނުގެ މި ދަތުރުގައި ރައްޔިތުން ކައިރިއަށް ގޭގެއަށް ވެސް ވާޑައިގަންނަވާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ފަތުހީގެ ކެމްޕެއިން ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދާކަމަށެވެ.

"މިހާރުވެސް މާލެއާއި ތިން ރަށުގަ ކެމްޕޭން ވަރަށް ބަރާބަރަށް ކުރިއަށް ދަނީ. އަދި މާދާމާ އަޅުގަނޑުމެން ވެސް ކެމްޕޭނަށް ދާއިރާއަށް ދާނަން،" ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ އިތުރުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދެން ވާދަކުރަނީ ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު އާއި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީސްއެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ ކެމްޕޭނަށް ރައީސުލް ޖުމްހޫރިއަޔާާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް މި ހަފްތާ ތެރޭގައި އެ ދާއިރާއަށް ވަޑައިގަންނަވަން ނިންމަވާފައެވެ.

އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހައްނާނު އިދުރީސްގެ ކެމްޕޭނަށް ވެސް އެ ޕާޓީގެ އިސްވެރިން ދާއިރާގެ ރަށްރަށް ވަޑައިގެން ކެމްޕޭން ކުރިއަށް ގެންގޮސްފައިވެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.

comment ކޮމެންޓް