އަމުރު ނެރުނުތާ މަސް ދުވަސް: ދީނާ ދެކޮޅު ޕޭޖުތައް ނުހުއްޓުވޭ

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ-- ސަން ފައިލް ފޮޓޯ

ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް އިންޓަނެޓްގެ ޒަރިއްޔާއިން ގެންގުޅޭ އެކި އެކި މީޑިއަމްތައް ބްލޮކް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނުތާ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވީ އިރު އަދިވެސް އެކަން ތަންފީޒު ނުކުރެވޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެފަދަ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކުގެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކޮށް އެ ކޯޓަށް ހުށަހެޅުމުންނެވެ.

https://sun.mv/158864

އޭގެ ފަހުން މަސް ދުވަހަށް ވުރެ ގިނަ ދުވަސްވީއިރު އެ ޕޭޖްތަކާއި ވެބްސައިޓްތައް އަދިވެސް އެބަ ހިންގައެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލާ އިއްޔެ ސުވާލު ކުރުމުން ދެއްވީ ފިނި ޖަވާބެކެވެ. ވިދާޅުވީ އެކަމާ ގުޅިގެން ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީން އަދި ސާވިސް ޕްރޮވައިޑާ ބައްދަލުކޮށް އެފަދަ ޕޭޖްތަކާއި ސައިޓްތައް ހުއްޓުވޭނެ ގޮތަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށެވެ.

އިތުރު ތަފްސީލެއް ނުދެއްވައެވެ.

https://sun.mv/159526

ދީނާ ދެކޮޅު ޕޭޖްތައް ފުލުހުން ނުހުއްޓުވިގެން އުޅޭއިރު މީގެ ކުރިން ފުލުހުން ވަނީ ދިވެހިން ހިންގާ ބައެއް ޕޭޖްތައް ބްލޮކް ކޮށްފައެވެ.

ރާއްޖޭގައި އެހެން ދީންތައް ފެތުރުމާ ގުޅޭ އެކިއެކި މައުލޫމާތުތައް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ވެސް އަންނަނީ ފަތުރަމުންނެވެ. އެގޮތުން ޓީވީއެމްއިން ރޯދަ މަހު ދައްކާ މުހައްމަދު ރަސޫލުالله ޕްރޮގްރާމާ އެއްގޮތަށް، ދިވެހި ބަހުން އަޑުއަޅާފައި ހުންނަ ނަސާރާ ދީން ފަތުރާ ވީޑިއޯތަކެއް ވެސް އިންޓަނެޓްގައި ދައުރުކުރަމުންދެއެވެ.

ނަސާރާ ދީން ފެތުރުމަށް ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމްތަކެއްގައި ޕޭޖުތަކާއި ޗެނަލްތައް އަންނަނީ ހިންގަމުންނެވެ. ޝިރުކުގެ ވާހަކަތައް ހިމެނޭ ބައެއް ވީޑިއޯތައް ގިނަ ބަޔަކަށް ދެއްކުމަށް ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތަކުގައި ހުންނަނީ ބޫސްޓްކޮށްފައެވެ. އެހެން ކުރާއިރު ވެސް ޒުވާނުންނާއި ކުޑަކުދިންނަށް ޓާގެޓް ކުރެއެވެ.

comment ކޮމެންޓް