މަގޭ ސައިކަލް، ހުސް ގޮނގުރިޓު

ވެލާނާގެ ސަރަހައްދުގައި ޕާކް ކުރުމަށް ހަދާފައިވާ ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރީތި ގަމީހަކާއި ފަޓުލޫނެއް ލައި، ދަށަށް ޖަހާލައިގެން، ގަމީހާ ގުޅޭ ޓައީއެއް އަޅައިގެން، އެހައިމެ ރީތި ބޫޓެއްގައި ގެއިން ނިކުތީ އޮފީހަށް ދާށެވެ. އޭރު ގަޑިޖެހެން ހުރީ ފަނަރަ ވަރަކަށް މިނެޓެވެ. އެހެންކަމުން ލިފްޓުން ފޭބިގޮތަށް، ހަރުގަންނަވާފައި ސައިކަލާ ދިމާއަށް ހިނގައިގަތެވެ. ގޭދޮށު ޒޯނުން ޖާގައެއް ނުލިބުމުން، ސައިކަލް ބެހެއްޓުނީ ތަންކޮޅެއް ދުރުގައެވެ. އެ ދިމާއަށް ދިޔަ މަގުމަތީގައި، އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ފަނަރަ މިނެޓް ބާރަ މިނެޓަށް ވެއްޖެއެވެ. ހިތަށް އެރިއެވެ. މާ އަވަސްއަރުވާލައިގެން އުޅޭނެކަމެއް ނެތެވެ. މަގުމަތިން އަރާ ތާށިތަކާއި ހުއްޓުންތަކަށް ކެނޑިޔަސް، އަދި ގަޑި ނުޖެހި އޮފީހަށް ދެވޭނެއެވެ.

މި ކަހަލަ ޚިޔާލުތަކެއްގައި ހުރެ، ސައިކަލާ ހަމައަށް ދެވިއްޖެއެވެ. ސައިކަލް ފެނުމާއެކު، ބިމުގައި ދެ ފައި ތަތްވެއްޖެއެވެ. ދެ ލޯ ބޮޑުވެ، ދެ ކަޅި ވިދިއްޖެއެވެ. މަސް ދުވަސް ނުވާ، އާރޯތާނާ ސައިކަލަށް ބަޔަކު ޖައްސާފައި ހުރި ހާލު ފެނިފައެވެ. ދުވާލަކު އެއް ފަހަރު ފުހެ، އޮފުކޮށްގެން، ދެ ލޮލުގެ ނޫރަށް ނުދޭ ސަމާލުކަން ދީގެން ގެންގުޅޭ އެ އޮތް ފަދަ ސައިކަލް ހުރި ނިކަމެތި ހާލު ފެނިފައެވެ. ހީވަނީ ގޮނގުރިޓް މެޝިނެއްގެ ތެރޭގައި، ގޮނގުރިޓާއެކު ހައެއްކަ ބުރު އަނބުރާލައިފައި ނަގައި ބަހައްޓާފައި ހުރިހެންނެވެ. ސައިކަލުގެ އެތައް މިތަނުގައި، ކުދިކުދި ސިމެންތިކޮޅުކޮޅާއި ބޮޑެތި ސިމެންތިގަނޑުގަނޑެވެ. މި ހާލުގައި ހުރީ އެ ސައިކަލަށް އެކަންޏެއް ނޫނެވެ. އަވައްޓެރި އެހެން ސައިކަލްތައް ވެސް ހުރީ ހަމަ އެ ފަދަ ހާލެއްގައެވެ.

މި މަންޒަރު ފެނިފައި ހިތަށް ދަތިވިއެވެ. މެޔަށް ތަދުވިއެވެ. ދެ ލޮލުން ކަރުނަ ނިރާލިއެވެ. ސައިކަލަށް ހުއްޓިފައި ހުރި ނަޒަރު، ސައިކަލުން މިނިވަންކޮށް، ވަށައިގެން އޮތް ތަނަށް ދޫކޮށްލުމާއެކު ވީ ގޮތް ސާފުވެއްޖެއެވެ. ކުރިމަތީގައި ހުރީ ހަމަދަމުން ދާ އިމާރާތެކެވެ. ޔަގީނެވެ. ރޭ އެ އިމާރާތުގައި ގޮނގުރިޓްގެ މަސައްކަތެއް ކުރީއެވެ. އެ މަސައްކަތުގައި ބަޔަކު ފަރުވާކުޑަކުރީއެވެ. ހުރިހައި ވޭނެއް އުފުލާން މި ޖެހުނީ އެހެން މީހުންނަށެވެ. މި ޚިޔާލު ހިތުގައި އެނބުރިގަތުމާއެކު، ދެ ދަތްޕިލަ ޖެހި ބާރުވިއެވެ.

މި ބަޔާންކުރީ އަޅުގަނޑު ކުރި ތަޖުރިބާއެއް ނޫނެވެ. އެކުވެރިއަކަށް އެއް ދުވަހަކު ކަން ދިމާވި ގޮތެކެވެ. އެ ދުވަހު އޭނާއަށް އޮފީހަށް ދާންޖެހުނީ ޓެކްސީއެއް ނަގައިގެންނެވެ. ސައިކަލުގެ މަޑިޔާއެކު ސިމެންތިން ކަޅިވެފައި ހުރުމުންނެވެ. އެހެންކަމުން ގަޑި ނުޖެހި އޮފީހަށް ދިޔުމުގެ އާދަ އަށަގެންފައިވާ އެކުވެރިޔާއަށް، އެ ދުވަހު އޮފީހަށް ދެވުނީ ގަޑި ވެސް ޖެހިގެންނެވެ. ރިހޭ ފައިމައްޗަށް ފޮއިވެއްޓުނު ދުވަހެކެވެ.

މިއީ މި ކާރޫބާރޫ ބޮޑު ތޮއްޖެހިފައިވާ މާލޭގައި އެންމެ މީހަކު، އެންމެ ފަހަރަކު ކުރާނެ ތަޖުރިބާއެއް ނޫނެވެ. ހަދަމުންދާ ބައެއް އިމާރާތްތަކުގެ ކައިރީގައި ހުންނަ އުޅަނދުތައް، ސިމެންތިން ފެންވަރުވާލައިފައި ބެހެއްޓުމަކީ ހިނގާ ކަމެކެވެ. ގޮނގުރިޓުން ކަޅިކޮށްލުމަކީ، އާންމު ނޫނަސް ދިމާވާ ކަމެކެވެ. މިހެން މިކަން ވަނީ ބަލަންވާ ވަރަށް ނުބަލައި، މި ފަދަ މަސައްކަތްތައް ކުރާތީއެވެ. ގޭގައި ނުވަތަ ގޯތީގައި ޖާގަ ނުހުންނަ މީހުންގެ އުޅަނދުފަހަރު ހުންނާނީ ޒޯނުގެ ހިމާޔަތުގައެވެ. އެހެންކަމުން މަސައްކަތްކުރާ ފަރާތްތަކުން، އިމާރާތްކައިރީގައި ހުންނަ އުޅަނދުފަހަރު ރައްކާތެރިނުކޮށް މަސައްކަތް ފަށައިފި ނަމަ، އެ ތަކެއްޗަށް ސިމެންތީގެ އަސަރު ފޯރައި ހަޑިވާނެއެވެ. ބައެއް ފަހަރު ކުޑަކޮށެވެ. ބައެއް ފަހަރު ވަރަށް ބޮޑަށެވެ.

ބައެއް މީހުން މި ފަދަ މަސައްކަތްތައް ކުރާއިރު، މި ކަމަށް ސަމާލުކަން ދެއެވެ. ސިމެންތި ބުރާފާނޭހެން ހީވާ ނަމަ، އުޅަނދުތަކުގެ މަތީގައި ސަތަރި ފަދަ އެއްޗެއް އަޅައި ރަނގަޅަށް ނިވާކުރެއެވެ. އެގޮތަށް ހެދުމުން އުޅަނދުތައް ހުންނަނީ ރައްކާތެރި ހާލަތުގައެވެ. އެހެންނަމަވެސް މި ގޮތަށް އަޅާ އެއްޗެހި ވެސް ބައެއް ފަހަރު އަޅާފައި ހުންނަނީ ނަމަކަށެވެ. މަސައްކަތް ނިންމާފައި ސަތަރި ނަގާއިރު، އުޅަނދުތަކުން ސިމެންތީގެ ލައްގަނޑުގަނޑު ފެނެއެވެ. އެހެންކަމުން މިއީ އިމާރާތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެކެވެ.

އިމާރާތްކުރުމުގެ ބުރަ މަސައްކަތުގެ މުގޫ، ދިވެހިރާއްޖޭގައި އޮންނަނީ ބިދޭސީންގެ އަތްމަތީގައެވެ. މަސައްކަތުގެ ބޮޑު އިންސައްތައެއް އޮންނަނީ އެބައިމީހުންގެ އަތްމައްޗަށް ދޫކޮށްލެވިފައެވެ. އެ މީހުން ކަންކުރާނުކުރާ ގޮތް ބަލައިލާނެ ހަރުދަނާ މީހަކު ބައެއް ކުންފުނިތަކަކު ނުތިބެއެވެ. މި ފަދަ ދެރަ ކަންކަން ދިމާވަނީ އެހެންވީމައެވެ. ހަރުދަނާ ސްޕަވައިޒަރެއްގެ ބެލުމުގެ ދަށުން މަސައްކަތްކުރާ ކުންފުނިތަކުން، މަތިމައްޗަށް ދިހަ ޝީޓް އެޅިޔަސް، މި ކަހަލަ ޝަކުވާއެއް ކުރާނެ ޖާގައެއް މީހަކަށް ނުދެއެވެ. މަސައްކަތް ނިންމާފައި އެނބުރި ދާއިރު، އެ ފަދަ މަސައްކަތެއް ކުރި ތަނެއްހެން ވެސް ހީނުވާނެއެވެ. އެހެންކަމުން އިމާރާތްކުރާ ކުންފުނިތަކުން ހަރުދަނާ ސްޕަވައިޒަރެއްގެ ބެލުމުގެ ދަށުން މަސައްކަތް ކުރުވަން ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިއީ ކުޑަކުޑަ ކަމެކޭ ހީވިޔަސް ކުޑަ ކަމެއް ނޫނެވެ. ކުޑަ ކަމަކަށް ނުވަނީ މި ފަދަ ކަންކަމުގެ ސަބަބުން، އެތައް ބަޔަކަށް އެތައް ތަކުލީފެއް އުފުލާން ޖެހޭތީއެވެ. ނުހަނު ލޯބިން ސާފުކޮށްގެން ގެންގުޅޭ އުޅަނދުފަހަރު ބަލައިލާން ނުކެރޭވަރު ވަނީއެވެ. އޭގެ އޮފުކަމާއި ނަލަކަން، ދާއިމަށް ކެނޑިގެންދަނީއެވެ. އެ ތަކެތި ސާފުކޮށް ރީތިކުރަން، އެތައް ވަގުތެއް ހޭދަކުރަންޖެހެނީއެވެ. އެތައް ޚަރަދެއް ވެސް ކުރާން ޖެހެނީއެވެ. ހައްލަކީ، މި ފަދަ މަސައްކަތް ކުރާއިރު، ކައިރީގައި ހުންނަ އުޅަނދުފަހަރުގެ ރައްކާތެރިކަމަށް ފިޔަވަޅު އެޅުމަށްފަހު މަސައްކަތް ފެށުމެވެ.

comment ކޮމެންޓް