ތިޔަ ލޯބި އެދިގެން... - 33

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

މީގެ ކުރިން ޝިޒާންގެ އެ ސިފަ ދުވަހަކުވެސް އޭނާއަށް ފެނިފައެއް ނުވެއެވެ.

ނޫރުލްހުދާއާއި ޝިޒާންގެ ވާހަކަތަކުން މިންހާއަށް ޔަޤީންވީ ކަމަކީ އެ އާއިލާތެރޭގައި ވެސް މައްސަލަގަނޑެއް އުފެދިގެން އުޅޭ ކަމެވެ.

"ބައެއް ފަހަރު ހީވޭ މާމަމެން އަޅުގަނޑަށް ކަމެއް ސިއްރުކުރަނީއޭވެސް. އެހެންނޫނީ މަންމަ އަޅުގަނޑު ދެކެ އެހާ ރުޅި އަންނަން ޖެހޭ އެއްވެސް ސަބަބެއް އޮވެގެން ނުވާނެއެއްނު." ޝިޒާން އޭނާގެ ހިތުގެ އުދާސްތައް ބޭރުކުރަމުންދިޔައެވެ. ކުޑައިރުއްސުރެވެސް ޝިޒާންއާ ނޫރުލް ހުދާއާ ދެމެދު ވަރުގަދަ ގުޅުމެއް ވެއެވެ. ޝިޒާންއަށް ދިމާވާ ކޮންމެ ކަމެއްގައި ޝިޒާންގެ ދިފާއުގައި ނޫރުލްހުދާ ހުންނަ އިރު މެހެރީންގެ ވިހަ ގަދަ ބަސްތަކުން ޝިޒާން ސަލާމަތް ކޮށްދެމުން ދިޔައީ ނޫރުލް ހުދާއެވެ. ޝިޒާންއަށް ހަޤީޤަތް ކިޔައިދޭންވީ ވަގުތު ޖެހިއްޖެޔޭ ނޫރުލް ހުދާގެ ހިތް ބުނެލިނަމަވެސް އޭނާގެ ނަފްސު އެކަމަކަށް އުޒުރުވެރިވީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. ނުހައިލްއާ އެ ވާހަކަތައް ހިއްސާނުކޮށް އޭނާ ޝިޒާންއަށް ހަޤީޤަތް ކިޔައިދޭކަށް ބޭނުމެއް ނުވިއެވެ.

"ދެން ދެރަނުވޭ. ކިހިނެއް އެނގެނީ ފަހަރެއްގައި މި ދަތުރު ވެދާނެ ދަރިފުޅާ މަންމައާ ދެމެދު އުފެދިފަ އޮތް ބޯ ފާރު ނެތިގެން ދާނެ ދަތުރަކަށްވެސް." ނޫރުލް ހުދާ ބުނެލިއެވެ.

"އެހެން ވެއްޖެނަމަ ކިހާ ރަނގަޅު." ޝިޒާން ބުނެލިއެވެ. އެހުރިހާއިރުވެސް މިންހާއަށް ހުރެވުނީ ޖެހި ބުދެއްހެން ހުއްޓުން އަރާފައެވެ. އޭނާއަށް ހުރެވުނީ އެތަނުން ދާންވެސް ނޭނގިފައެވެ. ސިހުން ގެނުވީ އޭނާގެ ފޯނު ރިންގް ވުމާއެކުގައެވެ. އެއާއެކު ނޫރުލް ހުދާއާއި ޝިޒާންއާ ދެމީހުންވެސް ސިހިފައި ފަހަތް ބަލައިލިއެވެ. މިންހާ ފެނިގެން ޝިޒާންއަށް ހައިރާންކަން ލިބުނުއިރު ދެންމެ ދެއްކި ވާހަކަތައް މިންހާއަށް އަޑު އިވުނުބާއޭ ޝިޒާންގެ ހިތަށް އަރަމުންދިޔައެވެ. ނޫރުލް ހުދާއަށްވެސް ބުނާނެ އެއްޗެއް ނޭނގުނެވެ.

"މިންހާ!" އޭނާއަށް މިންހާއަށް ގޮވައިލެވުނެވެ.

"ދެންމެ މި އެރީ. ނޭނގެ މާމައާ ދެމީހުން ވާހަކަ ދައްކަން ތިބިކަމެއް." މިންހާ އަވަސް އަވަހަށް ބުނެލިއެވެ. އޭނާ ފޯނަށް ނަޒަރު ހުއްޓައިލިއެވެ. މެސެންޖާއިން ގުޅީ ޔޫލިންއެވެ.

"މައްސަލައެއް ނޫނޭ އެއީ. ދެ ކުދިން ވާހަކަ ދައްކައިލާ. މާމަ ގޮސްލާނަން." ނޫރުލް ހުދާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. ޝިޒާންވެސް ހިނިތުންވާން މަސައްކަތް ކުރިއެވެ. ނޫރުލް ހުދާ ދަމުންދިޔައީ މިންހާގެ ކޮނޑުގައި އަތް ޖައްސައިލާފައެވެ.

ނޫރުލް ހުދާ ދިޔުމުން މިންހާ ފޯނަށް ބަލައިލިއެވެ. ކޯލް ކެނޑުމުން އޭނާ އެވަގުތު ޔޫލިންއަށް ގުޅުމުގެ ޚިޔާލު ދޫކޮށްލިއެވެ. އެއަށްފަހު ގޮސް ރެއިލިންގައި އަތް އަޅުވައިލިއެވެ.

"ފިންޏެއް ނުވޭތަ؟" ޝިޒާން ސުވާލުކޮށްލިއެވެ.

"ޝިޒާންއަށް ފިންޏެއް ނުވޭތަ؟" މިންހާ އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޝިޒާންއާ ސުވާލުކޮށްލިއެވެ. އަޑަށް ހަމަޖެހުން ގެންނަން މަސައްކަތް ކުރަމުންދިޔަ ޝިޒާންގެ ހިތުގައި ފޮރުވިފައިވީ ރިހުން މިންހާއަށް އަންދާޒާ ކޮށްލެވުނެވެ. އިސްވެ އެކަމާ ބެހޭގޮތުން ސުވާލުކުރަން އޭނާއަށް ނުކެރި ހުއްޓާ ޝިޒާން ވާހަކަ ދެއްކިއެވެ.

"ދެންމެ މާމައާ އަހަންނާ ދެމީހުން ދެއްކި ވާހަކަ މިންހާއަށް އަޑު އިވުނުތަ؟" ޝިޒާން ސުވާލުކޮށްލިއެވެ.

"ނޫން ނީވޭ...." މިންހާ ޝިޒާންއާ ނަޒަރު ވަކިކޮށްލަމުން އަނެއްކާވެސް ދުރުބަލައިލިއެވެ. ފިނި ހެދުން ލައިގެން ހުރިނަމަވެސް، އޭނާއަށް ފިނިވަމުންދިޔައެވެ. އެހެންކަމުން ދެއަތުން ހަށިގަނޑު ނިވާކޮށްލެވޭތޯ މިންހާ މަސައްކަތް ކުރަމުންދިޔައެވެ.

"ކީއްވެ ދޮގު ހަދަނީ؟ އަހަންނަށް އެނގުނޭ އަޑު އިވުނުކަން." ޝިޒާން ބުނެލާފައި އައިސް މިންހާގެ އެއްފަރާތުގައި މަޑުކޮށްލިއެވެ.

"އޭނ" މިންހާއަށް ބުނެވުނެވެ.

"އަހަރެން ހުރީ މިންހާއަށް ހަޤީގަތް އޮޅުވާލާކަށް ނޫން. ނުކިޔާ ދޭކަށްވެސް ނޫން. އަހަރެންނަކަށް ވެސް ހަޤީގަތެއް ނޭނގެ. އެނގޭހާވެސް އެއްޗަކީ މަންމަ އަހަރެންދެކެ އިންތިހާ ރުޅި އަންނަކަން. ކުޑައިރުއްސުރެ އަހަންނަކަށް މަންމައެއްގެ ލޯތްބެއް ނުލިބޭ. މާމަ ކާފައާ ބައްޕަގެ ފަރާތުން ލޯބި ލިބުނަސް އަހަރެން އަބަދުވެސް މަންމައެއްގެ ލޯތްބަށް ބޭނުންވޭ." ޝިޒާން އެހެން ބުނެފައި ހުއްޓައިލިއެވެ. މިންހާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"ދެން އެވާހަކަ ބާއްވާ. ހިނގާ އެތެރެއަށް ދާން. ތިއޮއް މީހާ ފިނިވެގެން ތުރުތުރު އަޅަނީ" ޝިޒާން ބުނެލިއެވެ. މިންހާ ޝިޒާންގެ ފަހަތުން ހިނގައިގަތެވެ. ޝިޒާން އިސްޖަހާލައިގެން ހުރެ ހިނގަމުންދިޔައިރު މިންހާއަށް ބެލެނީ ޝިޒާންއާ ދިމާލަށެވެ. އެކަން ޝިޒާންއަށް ފާހަގަވީ ކަންނޭނގެއެވެ. ފިޔަވަޅުތައް މަޑުޖައްސައިލަމުން އޭނާ ކުއްލިއަކަށް މިންހާއަށް ބަލައިލިއެވެ. އޭރުވެސް ޝިޒާންއާ ދިމާލަށް ބަލަންހުރި މިންހާއަށް ލިބުނު ސިހުމުގައި ދެލޯ ބޮޑުކޮށްލެވުނެވެ. ޝިޒާން ތުންފަތައް ލުއި ހިނިތުންވުމެއް ވެރިކޮށްލިނަމަވެސް އިތުރު އެއްޗެއް ނުބުނެއެވެ. އެންމެ ފުރަތަމަ ދެމީހުން ދިޔައީ ނުހައިލް ކައިރިއަށެވެ. ޝިޒާންއަށް ފޯނެއް އައުމާއެކު އޭނާ ފޯނު ކަންފަތުގައި ޖަހަމުން ކޮޓަރިން ބޭރަށް ނުކުމެލިއެވެ.

"ބައްޕަ ވަރަށް އުފާވޭ ޝިޒާންއަށް އަބަދުވެސް އެކުގައިވާނެ ޙަޔާތުގެ ބައިވެރިއެއް ލިބުނީތީ." މިންހާއަށް ބަލައިލަމުން ނުހައިލް އެހެން ބުނުމާއެކު މިންހާއަށް ދޮރާ ދިމާލަށް ބަލައިލެވުނެވެ.

"ދެކުދިންވެސް ވަރަށް އުފަލުގައި އުޅުން ބައްޕަގެ އެދުމަކީ. ޝިޒާން ދުވަހަކުވެސް މިންހާއަށް ދެރަގޮތެއް ނުހަދާނެ. އަދި އެއްވާހަކަ، ޝިޒާންއަކީ އެހިތުގައިވާ އެއްޗެހި އެހާ ފަސޭހައިން ފާޅުކުރާ ޒުވާނެއްނޫން. ބައްޕަ ހައިރާންވެސް ވި އެހާ އަވަހަށް މީހަކާ އިންނަ ވާހަކަ ބުނީމަ. ޝިޒާންގެ ވާހަކަތަކުން އެނގުނީ ކައިވެނި ކުރެވުނީ މާގިނަ ދުވަސްތަކަކު ރައްޓެހިވެގެން އުޅެފައި ނޫންކަން." ނުހައިލް ބުނެލިއެވެ. މިންހާ ބޯ ޖަހައިލިއެވެ.

ފޯނު ނިންމާލާފައި ޝިޒާން އެތެރެއަށް ވަދެލިއެވެ. އިރުކޮޅަކު ނުހައިލް ކައިރީގައި ތިބެފައި ދެމީހުންވެސް ގޮސްވަނީ ކޮޓަރިއަށެވެ. ޔޫލިންއަށް ގުޅުމާއެކު ޔޫލިން ފޯނު ނެގިއެވެ. އިރުކޮޅަކު މިންހާ ޔޫލިންއާ ވާހަކަ ދައްކާލާފައި ފޯނު ބޭއްވިއެވެ.

ނިދަންލާ ހެދުން ލައިގެން އައިސް މިންހާ އެނދުގައި އޮށޯވެލިއިރު، ޝިޒާން އޮށޯތީ ސޯފާގައެވެ. މިންހާއަށް ދާދި ފަސޭހައިން ނިދުނުނަމަވެސް، ޝިޒާންއަށް ނިދުނީ އެތައް އިރެއްފަހުންނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ކެނެޑާގައި ހަފްތާއެއް ވެއްޖެއެވެ. މިންހާއާއި އާހިލްގެ ގުޅުން ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ބަރާބަރަށް ކުރިއަށްދިޔައިރު، ޝިޒާންއާ މެދު އޮތް ގުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. މިންހާ އެންމެ ހައިރާންވަނީ ބައެއްފަހަރު އާހިލް ބުނެލާ ބައެއް ބަސްތައް ޝިޒާންވެސް ބުނާތީއެވެ. އެ ދެމީހުންގެ ވާހަކަ ދެއްކުމުގައި އެއްގޮތްކަމެއް ހުރެއެވެ. އެހެންކަމުން ކިތަންމެ ފަހަރަކު ޝިޒާންއަކީ އާހިލްބާއޭ ވެސް މިންހާ ހިތަށް އަރައެވެ.

ކެނެޑާގެ މަޝްހޫރުތަންތައް ބަލައިލަން މިންހާ އާއްމުކޮށް ދަނީ ޝިޒާންއާ ނަވާއާއެކުގައެވެ. ނަވާއާ ޝިޒާންގެ ގުޅުން ރަނގަޅުނަމަވެސް ލީވާންއާ އޮންނަ ގުޅުން ހީނަރުކަން މިންހާއަށް އެނގެއެވެ. އެއީވެސް އެފަދަ ރެއެކެވެ. އެމީހުން ތިން މީހުން ދިޔައީ ގެއާ މާދުރުނޫން ހިސާބެއްގައި އޮންނަ ޕާކަކަށެވެ. ޕާކު ތެރެއަށް ވަދެގެން އެކި ތަންތަން ބަލަމުން ދަނިކޮށް ނަވާގެ އެކުވެރި ދެ ކުއްޖަކާ ދިމާވުމުން އޭނާ އެކުދިންނާއެކު ގޮސްލާފައި އެބަ އަންނަން ކަމުގައި ބުނެ ހިނގައިގަތެވެ.

"ނަވާ! ދޮންބެމެން ތިބޭނަން ފައުންޓެއިން ކައިރީގައި. ލަސްނުވެ އަންނައްޗޭ." ޝިޒާން ބުނެލިއެވެ. އޭނާ މިންހާއަށް ބަލައިލަމުން އޭނާއާ އެކު އައުމަށް އިޝާރާތްކޮށްލިއެވެ. ރޭގަނޑުގެ ވަގުތަށް ވުމާއެކު ޕާކުތެރެ އެކުކުލަކުލައިން ދިއްލާފައިވުމުން ފެންނަނީ ހުވަފެނީ ގޮތަކަށެވެ. ޖެހެމުންދިޔަ ތެތްފިނި ވައިރޯޅިތަކުގެ ސަބަބުން ކެހިރިބޯ ހެދުންތައް ލާފައި ތިބި ނަމަވެސް ދެމީހުންނަށްވެސް ފިނިވަމުންދިޔައެވެ. މާހައުލު ކިތަންމެ ފިނިނަމަމަވެސް، މިންހާއަށް ލިބެނީ ބަޔާން ކުރަން ދަތި އުފާވެރިކަމެކެވެ. އޭނާ އަބަދުވެސް ފިނި ސަރަހައްދުތަކަށް ދާހިތްވެއެވެ. މިހާރު އެންމެ އިންތިޒާރުކުރެވެނީ ސްނޯ ފައިބަން ފަށާނެ އިރަކަށެވެ. ނަވާ ބުނެފައިވަނީ މިހާރު ފިނިމޫސުން އައިސް ޖެހުނީ ކަމުގައެވެ.

މިންހާއާ ޝިޒާންއާ ދެމީހުން އެކުގައި ހިނގާލާފައި ގޮސް ފެންއަރުވާ ވަޑާން ކައިރިއަށް ހުއްޓުނެވެ. ތަނުގައި މާގިނަ މީހުން ހަރަކާތްތެރިވާތަނެއް ނުފެނެއެވެ. މިންހާ ދުރަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު ޝިޒާންއަށް ދިޔައީ މިންހާއަށް ބެލެމުންނެވެ. އެހިތް އޭނާގެ އިޚްތިޔާރުން ވީއްލިގެން ދާން އުޅޭފަދަ އިޙްސާސްއެއް ޝިޒާންއަށް ކުރެވެމުންދިޔައެވެ. މިންހާއަށްޓަކައި އޮތް ލޯބި ވަނީ އިންތިހާ ދަރަޖައަށް ފުންވެފައެވެ. އިތުރަށް އެ ލޯބި ފާޅުނުކޮށް ހުންނާނެހާ ހިތްވަރެއް ޝިޒާންއަކަށް ނުލިބުނެވެ. އެހެންކަމުން އޭނާ ފުރަތަމަ ފަހަރަށް މިންހާއަށް އޭނާގެ ހިތުގައި އޮތް އެއްޗެއް އަންގައިދޭން ބޭނުންވިއެވެ.

"މިންހާ!" ހިތްވަރުކޮށްފައި ޝިޒާން މިންހާއަށް ގޮވައިލިއެވެ. މިންހާއަށް އާއެކޭ ބުނެ ޝިޒާންއަށް ނަޒަރު ހުއްޓައިލިއެވެ. މިންހާގެ އަތަށް ބަލައިލުމަށްފަހު ޝިޒާން މިންހާގެ އަތުގައި މަޑުމަޑުން ހިފައްޓައިލިއެވެ. މިންހާ އެއަތް ދަމައިގަންނަން އުޅުނުނަމަވެސް، ޝިޒާން އެ ފުރުސަތު މިންހާއަކަށް ނުދިނެވެ. ހީވާކަހަލައެވެ. އޭނާގެ ނަފްސަށް އޭނާގެ އެއްވެސް އިޚްތިޔާރެއް ނެތެވެ.

"ޝިޒާން. އަހަރެންގެ އަތް..."

"އަހަރެން ބޭނުން މިންހާގާތު ވާހަކައެއް ބުނަން." ޝިޒާން ބުނެލިއެވެ. އޭނާ ސީދާ މިންހާގެ ދެލޮލަށް ބަލައިލިއެވެ. އެ ފަނޑު އަލިކަމުގެ ތެރެއިންވެސް ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔަވަގުތު މިންހާގެ ހިތް ތެޅިލިއެވެ. ޝިޒާން ބުނަން އެ އުޅޭ ވާހަކައެއް ނޭނގި އޭނާ ހާސްވިނަމަވެސް، އެގޮތަށް އޭނާގެ އަތުގައި ހިފައްޓައިގެން ބުނާނީ ބޮޑު ވާހަކައެއްކަން އޭނާއަށް ފަހުމްވިއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގިފައި ޝިޒާންގެ ދެލޮލުގެ ތެރެއަށް ގެއްލިފައި ހުރެވުނެވެ.

"އައި ލަވްޔޫ މިންހާ!"

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު