"އިންޑިއާ އައުޓް" ހަރަކާތެއް ހިންގައިދިނުމަށް އެދި، ރަށްރަށުން އާދޭސް ކުރޭ: އާދަމް ޝަރީފް

ޕީއެންސީގެ ރައީސް، އާދަމް ޝަރީފް (ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް (ވ) ---

"އިންޑިއާ އައުޓް" ކެމްޕެއިންގެ ހަރަކާތެއް ހިންގައިދިނުމަށް ޓަކައި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަޑައިގެންދެއްވުމަށް އެދި ރަށްރަށުން އެމަނިކުފާނަށް އާދޭސް ދަންނަވަމުން އަންނަ ކަމަށް ޕީއެންސީގެ ނައިބު ރައީސް، އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާ، ގައުމުން ބޭރު ކުރަން ގޮވާލައި، ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ހަރަކާތްތައް ފުޅާކޮށް އިތުރު ހަރުފަކަށް ގެންދިއުމަށް، ރައީސް ޔާމީން ވަނީ ދިވެހި ފަސްގަނޑު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އިރުޝާދު ދެއްވާފައެވެ.

އިންޑިއާ ސިފައިން ބާލަން ގޮވާލައި މިހާރު ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ހަރަކާތްތައް އަތޮޅު ތެރޭގެ ރަށްރަށުގައި ވެސް ބާއްވަމުން އަންނައިރު، އެ މަސައްކަތަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށް ޕީޕީއެމުން ބުންޏެވެ.

މީގެ އިތުރުން އެ ހަރަކާތް އަތޮޅުތެރޭގައި ވެސް އިތުރަށް ފުޅާކޮށްދިނުމަށް އެދި ގިނަ ރައްޔިތުންނެއް އަންނަނީ ޝައުގުވެރިކަން ފާޅު ކުރަމުން ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

އަތޮޅު ތެރޭގައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތެއްގެ ތެރެއިން --

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރޭ ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތު އެއްއަތަކަށް ބުރަވެފައި އޮތް މިފަދަ ދުވަސްވަރެއްގައި އިންޑިއާ ސިފައިން ބާލަން ކުރަމުން އަންނަ މަސައްކަތުގައި ހުރިހާ ރައްޔިތުން ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާން އެބަޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ރާއްޖޭގެ އެކި ހިސާބުތަކަށް ބަލާލާއިރު ރަށްރަށުން ހަމަ އާދޭސް ދަންނަވަމުން އެބަ ގެންދަވާ ރައީސް ޔާމީން، އެ ރަށަށް ވަޑައިގަންނަވާށޭ އިންޑިއާ އައުޓް ކެމްޕެއިން ހިންގެވުމަށް ޓަކައި،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޔާމީން އެ ކުރައްވަނީ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކު، މި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ޓަކައި އިސްވެ، މަސައްކަތް ކުރަންޖެހޭނީ ކޮން ބައެއްކަން އަންގައިދިނުމުގެ ނަމޫނާ މަސައްކަތެއް ކަމަށެވެ.

"އެހެންވީމަ އެމަނިކުފާނުގެ ހަމައެކަނި މޭމައްޗެއް ނޫން އިނގޭތޯ ފުރާލައްވާފަ ހުރީ. ހިތާ، ހަށިގަނޑާ، ފުރާނަޔާ އަދި އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގަ ސިކުނޑީގަ ވެސް އެހެން އެއްޗެއް ނެތް ގޮތަށް ހަމަ ފެންނަނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ގައުމިއްޔަތަށް ނުހަނު ލޯބި ކުރައްވާ އަދި އެހާމެ ގައުމީ ބޭފުޅެއް ކަމަށެވެ. އެހެންކަމުން މި ގައުމަށް ކޮންމެ ގޮތެއްވާން ދޫކޮށްލުމަކީ އެމަނިކުފާނު ކުރައްވާނެ ޒާތުގެ ކަންކަމެއް ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި ސިޔާސީ ފަރާތްތަކަށް ރައްދުވާ ގޮތަށް އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ރައީސް ޔާމީން އެ ކުރައްވާ ގައުމީ މަސައްކަތުގައި ދެން ތިބި ސިޔާސީ ބޭފުޅުން ބައިވެރި ނުވުމުން އެ ފެންނަނީ އެބޭފުޅުންގެ އަސްލު ސޫރަ ކަމަށެވެ.

"އެއާ ހިލާފަށް ދެން ތިއްބެވި ބޭފުޅުން އެކަން ނުކުރައްވާ އެ ތިއްބެވީ، އަޅުގަނޑުމެންގެ މިހާރުގެ ބަހުރުވައިން ދަންނަވަނީ ނަމަ ނަގޫ ފިތިފަ ތިބީމަ. އެހެން އެއްވެސް ސަބަބެއް އެއަކު ނެތް. އެބޭފުންގެ އަސްލު ސޫރަ މިހާރު އެ ފެންނަނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އަތޮޅު ތެރޭގައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތެއްގެ ތެރެއިން --

އާދަމް ޝަރީފް، ސިފަ ކުރެއްވި ގޮތުގައި މިހާލަތަށް ގައުމު ވެއްޓިގެންދާއިރު، އެކަމާ ދެކޮޅަށް އެއްޗެއް ނުބުނެ ތިބި ސިޔާސީ ލީޑަރުން އެ ކުރައްވަނީ ގައުމަށް ގައްދާރުވުން ފަދަ ކަމެކެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން އެ ކުރައްވައި މަސައްކަތަށް، ގައުމިއްޔަތު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތަކު ވެސް ތާއީދުކުރުމުގެ އިތުރުން ހެޔޮހިތުން އެކަން ގަބޫލު ވެސް ކުރާނެ ކަމަށެވެ.

އިންޑިއާ އަސްކަރިޔާއާ ދެކޮޅު ހަރަކާތުގެ ސަބަބުން އިގްތިސޯދު ހަލާކުވެ، ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުންނާއި ކޯލިޝަންގައި ހިމެނޭ ލީޑަރުން ދައްކަމުން އަންނަ ވާހަކަ ތަކަށް ވެސް އާދަމް ޝަރީފް ވަނީ ރައްދެއް ދެއްވާފައެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލި ބޭފުޅުން ވެސް ސަރުކާރު ތެރޭގައި އެބަތިބިކަން ހަނދާނަށް ގެންނަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެ ބޭފުޅުން އެ ކުރެއްވީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ލިބެމުން އައި މަންފާއެއް ހުއްޓުވުމަށް ކުރި މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެން އެއަށްވުރެ މާރަނގަޅު ހަނދާން ކޮށްލަން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލި ބޭފުޅުން މި ގައުމުގަ މިއަދު އެބަ ތިއްބެވި. މި ރާއްޖޭގަ އަސްކަރީ ބަޔަކު ތިބެންޖެހޭ ކަމަށް ވަކާލާތު ކުރެއްވި ބޭފުޅުން އެބަ ތިއްބެވި. އެ ބޭފުޅުން އެއިރު އެ ކުރެއްވި ކަމަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް މަންފާ ހުރި ކަންކަން ހުއްޓުމަށް ކުރި މަސައްކަތްތަކެއް،"

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލުމަކީ އިންޑިއާގެ އަސްކަރިއްޔާ ބޭރު ކުރަން ގޮވާ ގޮވުމަށްވުރެ، ގެއްލުންބޮޑު އަމަލުތަކެއް ކަމަށެވެ.

އިތުރަށް އާދަމް ޝަރީފް ވިދާޅުވީ މުޅި ގައުމުގެ ހާލުގެ ދުލުން އެދި ގޮވަނީ އިންޑިއާގެ އަސްކަރިއްޔާ ދެކޮޅަށް ދިވެހި އެންމެހާ ރައްޔިތުން ނުކުތުމަށް ކަމަށެވެ.

comment ކޮމެންޓް