ފަހަތުން އަރައި ކުލަބު ވެލެންސިއާ އިން ޓީސީ ބަލިކޮށްފި

ކްލަބު ވެލެންސިއާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ / ޕްރެޒިޑެންޓްސް ކަޕް

ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި ގައުމީ މުބާރާތް، ޕްރެޒިޑެންޓްސް ކަޕުގައި ކުލަބު ވެލެންސިއާ އިން ޓީސީ ސްޕޯޓްސް ކްލަބު 1-2 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް ވެލެންސިއާއަށް ލިބުނު މޮޅާއެކު އެޓީމު އޮތީ 12 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި މާޒިޔާ 12 ޕޮއިންޓުގައި އޮތް އިރު މާޒިޔާ އިން ވަނީ ދަ ގްރާންޑޭ 1-6 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. ދަ ގްރާންޑޭ އެންމެ ފަހުން ކުޅުނު މެޗުގައި ވެލެންސިއާ އާ ބައްދަލުކޮށް ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މިއަދު މެޗު ފަށަައިގެން ވެލެންސިއާ އިން ވަނީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި ޓީސީ ކޮޅަށް އެޓޭކް ކުރެވޭތޯ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ކައުންޓާ އެޓޭކެއްގައި ޓީސީ އިންނެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޒަޔާން ނަސީރު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތެރެއަށެވެ.

ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ އެއް މިނެޓުގައި ވެލެންސިއާ އިން ނަތީޖާ ހަމަހަމަކުރިއެވެ. ވެލެންސިއާއަށް ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ހަނާންއެވެ. ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ވެލެންސިއާއަށް މުހިއްމު ގޯލެއް ޖަހައިދިނީ ބޭރު ކުޅުންތެރިއެއް ކަމަށްވާ ބޮރްހޯސް މާޓިންއެވެ.

ކްލަބު ވެލެންސިއާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ / ޕްރެޒިޑެންޓްސް ކަޕް

މިއަދު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މުބާރާތުގައި ވެލެންސިއާއަށް ތަފާތު ދެއްކި ގައުމީ ޓީމުގެ އިތުބާރު ހިފޭ ކުޅުންތެރިޔާ އަލީ ފާސިރު(ސެންޓޭ)އެވެ. ސެންޓޭ ވަނީ ވެލެެންސިއާ އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

މި މުބާރާތުގައި މިހާރު ކުޅެމުން ދަނީ ކްލަބް ގްރީން ސްޓްރީޓްސްއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރާ މެޗެވެ. މި މުބާރާތުގައި އެންމެ ވާދަވެރި ދެ ޓީމެއްގެ ގޮތުގައި ފާހަގަވެފައިވަނީ ވެލެންސިއާ އާއި މާޒިޔާއެވެ.

comment ކޮމެންޓް